
ކޮންމެ ނަމާދަކަށްފަހު ކުރިސި އަދި އިޚްލާސް، ފަލަޤް އަދި ނާސި ސޫރަތް ކިޔުމަކީ ސުންނަތުން ސާބިތުވާ ކަމެއްތޯ؟
ޖަވާބު:
ނަމާދަށްފަހުގައި ކިޔާ ޛިކުރު ތަކާއި މެދުގައި ބުނަމެވެ.
ސުވާލުގައި ބަޔާންކޮށްފައިވާ އާޔަތުލް-ކުރްސި އަދި އިޚްލާޞް ޢާއި މުޢައްވިޛާތް ކިޔުމަށް ބަޔާންވެގެންވާ ދަލީލުތައް ބަޔާންކުރަމެވެ.
ފުރަތަމައީ : ކޮންމެ ފަރުޟު ނަމާދެއް ކުރުމަށްފަހު އާޔަތުލް ކުރްސިޔުން ޘާބިތުވެެންވުމުގެ މައްޗަށް ޛިކުރު ކުރާ ނުކުތާ އެވެ.
رسول الله ﷺ
ޙަދީޘް ކުރެއްވި އެވެ.
(مَن قرأَ آيةَ الكرسيِّ في دُبرِ كلِّ صلاةٍ مَكتوبةٍ لم يمنعْهُ مِن دخولِ الجنَّةِ إلَّا أن يموتَ)
”ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި آيةَ الكرسي ކިޔަވާމީހާ، މަރުވުން މެނުވީ އެހެން އެއްޗެއް އޭނާ ސުވަރުގެ ވަނުން މަނާނުކުރެ އެވެ.“
މިއީ މި މަޢުޟޫގައި ވަރަށް ސާފުކަންބޮޑު ޙަދީޘެކެވެ. އޮޅުމެއް ނެތް ގޮތުގައި މާނަ ވަރަށް ޞަރީޙަ ޙަދީޘެކެވެ. ވުމުން އާޔަތުލް ކުރްސީ ކޮންމެ ނަމާދެއްގެ ފަހުގައި ކިޔުން ސުންނަތްވެގެންވެ އެވެ. އެކަމުގައި ޝައްކެތްވެސް ނެތެވެ. އަދި ކިޔެއްތަ! އެއީ އެމީހަކު ސުވަރުގެ ވަންނާބެ ސަބަބެއް ކަމުގައިވުމެވެ. މި މައުޟޫގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އައް-އިމާމް عبد العزيز بن باز -رحمه الله- ވިދާޅުވެފައިވެ އެވެ.
“ފަރުޟު ކޮންމެ ނަމާދެއްގެ ފަހުގައި آية الكرسي ކިޔެވުމަކީ ސުވަރުގެ ވަދެވޭނެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައިވެ އެވެ. ފަހެ، ނަމާދަށް ފަހު ކިޔެވުން މުސްތަޙައްބުވެގެންވެ އެވެ. އަދި ނަމާދަށްފަހު ކިޔެވުމަށްއޮތް ޛިކުރުތަކަށްފަހު آية الكرسي އޭނާގެ ނަފްސަށް (އެއްވެސް މީހަކަށް އަޑު ނީވޭ ގޮތަށް) ކިޔަވާނީ އެވެ. މިއީ މުޞްތަޙައްބުވެގެންވާ ގޮތެވެ. އަދި މިކަމަށް ގިނަގުނަ ޙަދީޘް ވާރިދުވެގެންވެ އެވެ. ގިނަ ރިވާޔަތްތަކުން ވާރިދުވެފައިވާ ޙަދީޘްތައް ޖަމަޢަކުރުމުން ޙަދީޘް ޙަސަން ދަރަޖައިގައިވެ އެވެ.