ނަމާދުގައި ފާތިޙާ ޞޫރަތަށް ފަހު، އާޔަތުލް ކުރުސި އަދި آمَنَ الرَّسُولُ މި އާޔަތް ކިޔެވުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

namaadhugai faathiha soorathah fahu aayathul kurusi kiyevun

ނަމާދުގައި ފާތިޙާ ޞޫރަތަށް ފަހު، އާޔަތުލް ކުރުސި އަދި آمَنَ الرَّسُولُ މި އާޔަތް ކިޔެވުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު ދެއްވީ – އުސްތާޛް أبو أنس محمد حسن (حفظه الله)

ސުވާލު ބިނާ ވެފައިވަނީ ނަމާދުގައި ފާތިޙާ ޞޫރަތަށް ފަހު، އެއް ސޫރަތަށް ވުރެ ގިނަ ޞޫރަތް ކިޔެވުމުގެ ޙުކުމަށެވެ. މި މައްސަލަ ބަޔާން ވެގެންވާ ޙަދީޘްތަކުގެ ތެރޭގައި:

ޙަދީޘްގައި ވެއެވެ. عائشة رضي الله عنها ވިދާޅުވެފައި ވެއެވެ. ނަބިއްޔާ صلّى الله عليه وسلّم ހަނގުރާމަވެރި ލަޝްކަރެއްގެ މައްޗަށް އަމީރެއް ޢައްޔަން ކުރަށްވައި އެލަޝްކަރު ފޮނުއްވިއެވެ. އަދި އެ ލަޝްކަރުގެ އަމީރު އެބައިމީހުންނާ އެކު ނަމާދު ކުރަށްވާ ހިނދުގައި ޤުރުއާން ކިޔެވުން ނިންމަވާލެއްވުމަށް الإخلاص ސޫރަތް ވިދާޅުވެއެވެ. ފަހެ، އެބައިމީހުން އެނބުރި މަދީނާއަށް އައުމަށްފަހު ރަސޫލު الله صلّى الله عليه وسلّم އަރިހުގައި މިކަމާ މެދު ސުވާލު ދެންނެވިއެވެ. އެހިނދު ރަސޫލު الله صلّى الله عليه وسلّم ވިދާޅުވިއެވެ. [އޭނާއާ ސުވާލު ކުރާށެވެ! އޭނާ އެގޮތަށް އަމަލު ކުރެއްވީ ކީއްވެގެން ތޯއެވެ؟] ފަހެ، އެ އަމީރުއާ ސުވާލު ކުރެވުނު ހިނދު ވިދާޅުވިއެވެ. [ސަބަބަކީ އެ ސޫރަތުގައި الرحمن ސިފަ ކުރެވިފައިވުމެވެ. އަހަރެން އެ ސޫރަތް ކިޔުމަށް ނުހަނު ލޯބި ކުރަމެވެ]. ފަހެ، ރަސޫލު الله صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. [الله އޭނާ ދެކެ ލޯބިވެ ވޮޑިގަންނަވާ ކަމުގެ ޚަބަރު އެނާއަށް ދޭށެވެ!] އަދި އެހެން ރިވާޔަތެއްގައި ވެއެވެ. [އެ ސޫރަތް ދެކެ ތިބާވީ ލޯތްބެއްގެ ސަބަބުން ތިބާ ސުވަރުގެ ވަދެއްޖެއެވެ] –( رواه البخاري 774 ). ފަހެ، އެހިނދު ބަޔާން ވެގެންވަނީ، މި ޢަމަލަކީ ހުއްދަވެގެންވާ ޢަމަލެއް ކަމެވެ.

މި މައުޟޫގައި އިތުރު ރިވާޔަތްތައް ވެއެވެ. މިފަދަ ރިވާޔަތްތަކުގެ ތެރޭގައި، ނަބިއްޔާ ﷺ އެއް ރެއެއްގައި ރޭ އަޅުކަމުގައި (البقرة) އާއި (النساء) އަދި (آل عمران) މި 3 ޞޫރަތް އެއް ރަކުޢަތުގައި ވިދާޅުވިކަން ވާރިދު ވެގެންވެއެވެ. ވީމާ، މިއީ ޤުރުއާނުން ތަފާތު އެކި ތަންތަން ކިޔަވައިފައި ވާކަން ބަޔާން ވެގެންވާ ކަމުގެ ދަލީލެކެވެ.

މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް އައް-ސަލަފީ ابن باز رحمه الله އަރިހުގައި ސުވާލު ދެންނެވުނެވެ.

ސުވާލު: އެއް ރަކުޢަތުގައި އެއް ޞޫރަތަށް ވުރެ ގިނަ ޞޫރަތް ކިޔެވުމަކީ ސައްޙަ ވެގެންވާ ޢަމަލެއް ހެއްޔެވެ؟ ފަހެ، އެއީ ހުއްދަ ވެގެންވާ ޢަމަލެއް ކަމުގައި ވެއްޖެހިނދު، އެ ކިޔަވާ ޞޫރަތްތައް ޤުރުއާނުގައިވާ ތަރުތީބުން ކިޔެވުން ވާޖިބުވެގެންވޭ ހެއްޔެވެ؟ ނުވަތަ އެއް ސޫރަތުގެ މައްޗަށް އަނެއް ޞޫރަތް އިސްކުރުން ޞައްޙަ ވެގެންވޭ ހެއްޔެވެ؟

ޖަވާބު: އެކަމުގައި މައްސަލައެއް ނެތެވެ. (އެއީ) ފާޠިޙާއަށް ފަހުގައި އެއް ޞޫރަތް ކިޔެވުން މައްސަލައެއް ނޫނެވެ. ހަމަކަށަވަރުން ނަބިއްޔާ އެއް ރަކުޢަތުގައި (البقرة) (النساء) (آل عمران) ވިދާޅުވިކަން ޘާބިތު ވެގެންވެއެވެ. އަދި ބައެއް ޞަޙާބީން އެފަދައިން ޢަމަލުފުޅު ކުރެއްވުމުން އެކަމަށް ނަބިއްޔާ ﷺ އިޤްރާރު ވެވަޑައިގެންނެވިއެވެ. އެގޮތުން قل هو الله أحد އާ އެކުގައި އެހެން ޞޫރަތެއް ވިދާޅުވިއެވެ. ފަހެ، އެހިނދު ބަޔާންވެ، ޙާޞިލްވަނީ، އެކަމުގައި މައްސަލައެއްނެތް ކަމެވެ. އަދި ތަރުތީބުން ނޫން ގޮތަށް ކިޔެވި ކަމުގައި ވީނަމަވެސް، (ޤުރުއާނުގައިވާ ތަރުތީބާއި ޚިލާފަށް) އެކަމުގައި މަނާކަމެއް ނެތެވެ. އެހެނަސް ސުންނަތަކީ ތަރުތީބާއި ޚިލާފަށް ނުކިޔެވުމެވެ. އަދި ކިޔެއްތަ މުޞްޙަފްގައިވާ ތަރުތީބަށް ކިޔެވުމެވެ. މިއީ އެންމެ ހެޔޮކަން ބޮޑުވެގެންވާ ގޮތެވެ. … ” (فتاوى نور على الدرب ،8/250).

ނިންމާލުމުގެ ކުރިން މުހިއްމު ނުކުތާތަކެއް ފާހަގަ ކޮށްލާނަމެވެ. ޤުރުއާން ކިޔެވުމުގައި ތަރުތީބު ގެއްލުވާލުމުގެ 2 ސިފައެއް ވެއެވެ.

ފުރަތަމައީ: އެއް ސޫރަތުގެ ތަރުތީބު ގެއްލުވާ ލުމެވެ. މާނައަކީ، އެއް ސޫރަތުގައިވާ އާޔަތްތަކުގެ ތަރުތީބު ދޫކޮށް ލުމެވެ. މިޘާލަކަށް ފުރަތަމަ ރަކުޢަތުގައި سُورة النبأ ގެ إِنَّ لِلْمُتَّقِينَ مَفَازًا އާޔަތުން ފަށައިގެން ކިޔެވައި ސޫރަތް ނިންމައި ލުމެވެ.

އަދި ދެވަނަ ރަކުޢަތުގައި سُورة النبأ ގެ عَمَّ يَتَسَاءَلُونَ عَنِ النَّبَإِ الْعَظِيمِ ފައްޓައިގެން ކިޔެވުމެވެ. ފަހެ، މިތަނުގައި މިވަނީ އެއް ސޫރަތް ތަރުތީބު ދޫކޮށް ކިޔަވާފައިއެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު މިއީ ހުއްދަ ވެގެންވާ ޢަމަލެއް ނޫނެވެ. ޔަޢުނީ؛ މިފަދައިން ކިޔެވުން ހުއްދަވެގެން ނުވުމެވެ. ސަބަބަކީ އެއް ސޫރަތުގައިވާ އާޔަތްތައް ތަރުތީބުވުމަކީ، ތަޥްޤީފީ ކަމެކެވެ. އެ ސޫރަތުގެ އާޔަތްތައް ތަރުތީބާއި ޚިލާފަށް ކިޔެވުން ހުއްދަ ނުވާނެއެވެ.

ދެވަނައީ: ސޫރަތުގެ ތަރުތީބާ ޚިލާފްކޮށް ކިޔެވުމެވެ. މިޘާލަކަށް ފުރަތަމަ ރަކުޢަތުގައި وَالتِّينِ وَالزَّيْتُونِ وَطُورِ سِينِينَ އަދި އެއަށްފަހު ދެވަނަ ރަކުޢަތުގައި وَالضُّحَىٰ وَاللَّيْلِ إِذَا سَجَىٰ ކިޔެވުމެވެ.

މިޙާލުގައި ބުނެވެނީ، ސުންނަތްގޮތަކީ ސޫރަތްތައް ތަރުތީބުން ކިޔެވުމެވެ. އެހެނަސް މި ސިފައިގައި ތަރުތީބު ގެއްލުވައި ކިޔެވުން ހުއްދަ ވެގެންވެއެވެ.

 

ވިމާ، އަލް-ބަޤަރާ ސޫރަތުގެ އާޔަތްތައް ކިޔަވާ މީހާ، އާޔަތުލް ކުރްސި اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ މިއީ އެ ސޫރަތުގެ (255) އާޔަތެވެ.

އެއަށްފަހު އަލް-ބަޤަރާ ޞޫރަތުގެ آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ މި އާޔަތަކީ (285) ވަނަ ޢާޔަތެވެ. ވުމުން އިސްފަސް ނުކޮށް މި ތަރުތީބުން ކިޔެވުން ހުއްޓެވެ.