ހުކުރު ޚުޠުބާ އިމާމް ކިޔަމުންދާހިނދު، ހުކުރު ޖަމާޢަތަށް ޙާޟިރުވެ އިންނަ އެހެން މީހަކު ފޯނުން ބަލައިގެން، އަޑުހަރުކޮށް ނުވަތަ ސިއްރުން އިމާމާއި އެއްވަރަކަށް ޚުޠުބާ ކިޔުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

hukuru huthuba imaam kiyamuna dhaairu jamaathuga thibey meehun ehenihen kankan kurun

ހުކުރު ޚުޠުބާ އިމާމް ކިޔަމުންދާހިނދު، ހުކުރު ޖަމާޢަތަށް ޙާޟިރުވެ އިންނަ އެހެން މީހަކު ފޯނުން ބަލައިގެން، އަޑުހަރުކޮށް ނުވަތަ ސިއްރުން އިމާމާއި އެއްވަރަކަށް ޚުޠުބާ ކިޔުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ހުކުރު ޚުޠުބާ އިމާމް ކިޔަމުންދާހިނދު، ހުކުރު ޖަމާޢަތަށް ޙާޟިރުވެ އިންނަ މީހަކު ފޯނުން ބަލައިގެން ޚުޠުބާ ކިޔަމުން ދިއުމާއި މެދުގައި ކޮށްފައިވާ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބުނަމެވެ.

ދަންނައެވެ! ސުވާލުގައި ބަޔާންކޮށްފައިވަނީ މިއަދު ނުހަނު ގިނައިން ފެންނަ ޢަމަލެކެވެ. މި ޢަމަލުގެ އިތުރަށް ބައެއް މީހުން ތަސްބީޙަފަތިން ގުނައި ހެދުމާއި، ދެއަތުގެ ތެރެއަށް ތަސްބީޙަފަތިލައި އެގޮތް މިގޮތަށް އަނބުރައި ހެދުމާއި، ފޯނާ ކުޅެހެދުމާއި، ހުކުރު ޖަމާޢަތަށް ޙާޟިރުވެ ވާހަކަ ދެއްކުންފަދަ ކަންކަމަކީ، އިމާމް ހުކުރު ޚުޠުބާ ދޭހިނދު ކުރަމުން ގެންދާ ކަންތައްތަކެވެ.

މިޢަމަލުތަކާއި އަދި މިފަދަ އެނޫން ޢަމަލުތަކުގެ މައްޗަށް އޮތީ އެއް ޙުކުމެވެ.

ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، އޭގެ ތެރޭގައި الحَنَفيَّة، المالِكيَّة، الحَنابِلَة، އަދި މިފަދައިން އިމާމް الشافعي ގެ ރިވާޔަތެއްގައިވެއެވެ. އެއީ ޚުޠުބާދޭހިނދު ކަނުލައި އަޑުއެހުމަށްޓަކައި ހަނު ހުރުން ވާޖިބުވެގެންވުމާއި އަދި ވާހަކަ ދެއްކުން ޙަރާމްވެގެންވުމެވެ. ޖުމްހޫރު ޢިލްމުވެރިން ގެނެސްފައިވާ ދަލީލުތަކުގެ ތެރޭގައި ހިމެނެއެވެ.

އިމާމް البخاري އަދި مسلم ޞަހާބީ أبي هريرة -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ( إذا قلت لصاحبك والإمام يخطب يوم الجمعة أنصت فقد لغوت ) “ހުކުރުނަމާދަށް ޙާޟިރުވެ އިންނަ މީހަކު، އޭނާގެ ޞާޙިބާ ގާތުގައި “ތިބާ ހަނުހުންނަ ހުއްޓެވެ”. މިފަދައިން ބުނެފިހިނދު، އެހިނދު އޭނާވަނީ ހުކުރު ނަމާދުގެ އަޖުރުން މަޙްރޫމު ކުރުވާ ބޭކާރު ޙަރަކާތެއް ކޮށްފައިއެވެ”.

ފަހެ، މީހަކު ވާހަކަ ދައްކާނަމަ، އިޝާރާތުން ވާހަކަ ނުދެއްކުމަށް ބުނެވިދާނެއެވެ. އިމާމް مسلم ރިވާކޮށްފައިވާ އެހެން ރިވާޔަތެއްގައިވެއެވެ. ومَن مَسَّ الحَصَى فقَدْ لَغا “(ހުކުރު ދުވަހުގައި އިމާމް މީހާ ޚުޠުބާދޭހިނދު) މިސްކިތުގެ ބިންމަތީގައިވާ ކުދި ގާކޮޅުތައް ނަގައި އެ ގާތަކާއި ކުޅުމަކީ، ހުކުރު ނަމާދުގެ އަޖުރުން މަޙްރޫމު ކުރުވާ ބޭކާރު ޙަރަކާތެކެވެ”.

އަދިވެސް އެހެން ރިވާޔަތެއްގައިވެއެވެ. (إذا تكلَّمتَ يَومَ الجمُعةِ فقَد لغَوتَ ، و ألغيْتَ . يَعني و الإمامُ يخطُبُ ) “އިމާމް މީހާ ޚުޠުބާދޭހިނދު، ތިބާ (ނަމާދަށް ޙާޟިރުވެއިނދެ) ވާހަކަ ދައްކައިފިހިނދު، އެހިނދު ތިބާވަނީ ހުކުރު ނަމާދުގެ އަޖުރުން މަޙްރޫމު ކުރުވާ ބޭކާރު ޙަރަކާތެއް ކޮށްފައިއެވެ”.

މި އެންމެހައި ޙަދީޘްތަކުން އަދި އެހެނިހެން ރިވާޔަތްތަކުން ބަޔާންވެގެންވާ ދަލީލަލީ، އިމާމް މީހާ ޚުޠުބާ ކިޔަން ފެއްޓުމާއެކު މިސްކިތަށް ޙާޟިރުވެއިންނަ އެކަކުވެސް އެއްވެސް ޢަމަލެއްގައި މަޝްޣޫލުވެގެން ނުވާނެ ކަމެވެ. އޭނާގެ މައްޗަށް އެއްވެސް ޝައްކެތް ނެތި ވާޖިބުވެގެންވަނީ ހަނު ހުރުމާއެކު އިމާމްގެ ޚުޠުބާ އަޑުއެހުމަށްޓަކައި ކަނުލައި އިނުމެވެ. އެންމެހައި ފިޤުހުވެރިން މިކަމުގެ މައްޗަށް އިއްތިފާޤުވަޑައިގަންނަވައެވެ.

އިމާމް ابن عبد البر -رحمه الله- ވިދާޅުވެފައިވެއެވެ. “ޚުޠުބާ އަޑުއިވޭ އެންމެހައި މީސްތަކުން ކަނުލައި، ހަނުތިބޭ ޙާލުގައި ޚުޠުބާ އަޑުއެހުން ވާޖިބުވެގެންވާ ކަމަށް އެންމެހައި ފިޤުހު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއްނުވެއެވެ”.

ދަންނައެވެ! ހަމައެކަނި މި ޢަމަލުން އިސްތިޘްނާވަނީ، އިމާމް މީހާ އެ މީހަކާ ވާހަކަ ދެއްކުމުން އިމާމް މީހާއަށް އެކަމުގައި ޖަވާބު ދިނުމެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ޙަޔާތްޕުޅުގައި އެފަދައިން ޢަމަލު ހިނގައިފައި ވުމުންނެވެ. އަދިވެސް ޚާޟިރުވެފައިވާ ފަރާތެއް ޙާޖަތެއް މެދުވެރިވެގެންން ޚުޠުބާދޭ ފަރާތައް މުޚާޠަބު ކުރުން ހުއްދަވެގެންވެއެވެ.

އަޚާއެވެ! ދީނުގައި ސަލާމް ގޮވުމުން ސަލާމް ރައްދު ކުރުން ވާޖިބުވެގެންވާހިނދުގައި ވެސް، އިމާމް މީހާ ޚުޠުބާދޭހިނދު އެފަދައިން ސަލާމް ވެސް ރައްދުކޮށްގެން ނުވާނެ ކަމުގެ މައްޗަށް ޢިލްމުވެރިން ވިދާޅުވެފައިވާ ޤައުލަކީ އެކަމުގެ ޞައްޙަ ޤައުލެވެ. ވުމާއެކު އެނޫން ޢަމަލެއްގައި ދެމިހުރުން ވާނީ ކޮންފަދަ ނުބައިވެގެންވާ ޢަމަލެއްތޯ އެވެ؟

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމިޓީގެ ފަތުވާގައިވެއެވެ. “އިމާމް ހުކުރު ދުވަހު ޚުޠުބާދޭހިނދު ކިނބިހި އެޅި މީހާއަށް ތަޝްމީތު ކުރުމާއި، ސަލާމް ރައްދު ކުރުން ޢިލްމުވެރިން ބަސްފުޅުތަކުން ޞައްޙަ ބަސްފުޅަކީ ހުއްދައެއް ނުވާނެ ކަމެވެ. ސަބަބަކީ، އެ ޢަމަލަކީ ވެސް އިމާމް މީހާ ޚުޠުބާ ދޭހިނދު ބަސް ބުނުން ޢާންމުކޮށް ނަހީ ވެގެންވާ ޙަދީޘްތަކުގެ ތެރެއަށް ވަންނާނެ ބަސް ބުނުން ކަމުގައިވުމެވެ”.

އިމާމް الشيخ ابن عثيمين -رحمه الله- ވިދާޅުވެފައިވެއެވެ. “އިމާމް ޚުޠުބާ ދޭހިނދު ސަލާމް ގޮވުން ޙަރާމް ވެގެންވެ އެވެ. ފަހެ، ހުކުރު ނަމާދަށް ޙާޟިރުވާ މީހާ (މިސްކިތައް ވަންނަހިނދު) އިމާމް ޚުޠުބާ ދޭހިނދުގައި ސަލާމް ގޮވުން ޙަރާމްވެގެންވެއެވެ. އަދި ސަލާމް ރައްދު ކުރުން ވެސް ޙަރާމްވެގެންވެއެވެ”.

ވީމާ، ފޯނާ ކުޅުމާއި، ފޯނުން ބަލައިގެން ކިޔުމާއި، ވާހަކަ ދެއްކުމާއި މި އެންމެހައި ޢަމަލުތަކަކީ ޙަރާމްވެގެންވާ ޢަމަލު ތަކެވެ. އަދި އެއީ އެމީހަކަށް ޙުކުރު ނަމާދުން ލިބޭ އަޖުރުން މަޙްރޫމު ކުރާނެ ޢަމަލެއް ކަމުގައިވެއެވެ.

މިއަދު މަދީނާގައި، މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނަވައި ދެއްވުމުގައި الشَّيخ العَلاَّمَة عَبد المُحسن العَبَّاد حفظه لله ވިދާޅުވެފައިވެއެވެ.

”ހުކުރު ދުވަހުގައި އިމާމް މީހާ ޚުޠުބާ ދޭހިނދު، ފެން ބުއިމަކީ (ޙަދީޘްގައި ނަހީ ވެގެންވާ) މިސްކިތުގެ ބިންމަތި އެ ގާތަކުން އެއްވަރު ކުރެވިފައިވާ ކުދި ގާކޮޅުތައް ނަގައި އެގާތަކާއި ކުޅުމާއި އެއްވަތްތަރު އެ ޖިންސުގެ ތެރެއިން ހިމެނޭ ޢަމަލެކެވެ. އެކަންވަނީ އަޖުރުން މަޙްރޫމު ކުރުވާ ބޭކާރު ޙަރަކާތެއް ކަމުގައިއެވެ“.

މި އެންމެހައި ޢަމަލުތަކަށްވުރެ ނުބައިކަން ބޮޑުވެގެންވަނީ، ހުކުރު ޖަމާޢަތަށް ޙާޟިރުވެ، މިސްކިތުގައި ކެމެރާތައް ބަހައްޓައި އިމާމް ޚުޠުބާދޭ ވަގުތުގައި ޚުޠުބާ އަޑު އެހުމަށް އިށީނދެ ކަނުލައި އިނުމުގެ ބަދަލުގައި، އިމާމްގެ ޚުޠުބާ ޓީވީން ދެއްކުމަށް ކެމެރާއާ ކުޅެ ކުޅެ ތިބޭ މީހުންނެވެ. ކެމެރާ އިމާމް އާ ދިމާލަށް އަނބުރައެވެ. ޙާޟިރުވެ ތިބޭ މީހުންނާ ދިމާލަށް އެނބުރުމުގައިވެއެވެ. އަދި އެކަމާ ގުޅޭ ގޮތުން ސްޓޭޝަންގައިވާ މީހުންނާ އެހިނދުގައި އޭނާގެ އަތުގައިވާ ހެޑްސެޓުން ވާހަކަ ދެއްކުމުގައިވެއެވެ. ފަހެ، މިއީ އެންމެ ބޮޑު ނަހީކުރެވިގެންވާ ޢަމަލެކެވެ. ޙަރާމް ވެގެންވާ ޢަމަލެވެ. އަދި އޭނާ ވަނީ އެ ޢަމަލުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ގޯނާ ފޯރުވައި އުނދަގޫ ކޮށްފައިއެވެ. ފަހެ، އެތައް ބައެއްގެ ނަޟަރު އޭނާއަށް ހުއްޓެއެވެ. އޭނާގެ އެކި އެކި ޙަރާތްތަކުގެ ސަބަބުން ސުންނަތުގައިވާ ހިދާޔަތުން މީސްތަކުން އެއްފަރާތް ވެގެންވެ ދެއެވެ.

مطيع بن الحكم -رضي الله عنه- ވިދާޅުވިއެވެ. (أن النبي صلى الله عليه وسلم كان إذا صعد المنبر أقبلنا بوجوهنا إليه) ”ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم މިންބަރަށް އަރާވަޑައިގެންނެވުމުން، އަހަރެމެން ނަބިއްޔާއާ ދިމާލަށް އަހަރެމެންގެ މޫނުތައް އަނބުރާލަމެވެ“ (الصحيحة، 2080).

الإِماَم الأَلْبَانِي -رحمه الله- ވިދާޅުވެފައިވެއެވެ. ”މިއީ މީސްތަކުން ޢަމަލުކުރުން ދޫކޮށްލާފައިއޮތް ސުންނަތެކެވެ. ފަހެ، ސުންނަތަށް ލޯބިކުރާ ފަރާތްތަކަށް އޮތީ މި ސުންނަތް ދިރުވުމެވެ“.

ފަހެ، މި އެންމެހައި ޢަމަލުތަކުގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ. މި ބޮޑުވެގެންވާ ފާފަވެރި ޢަމަލުން އެއްކިބާވެ ސަމާލުވުން ހުއްޓެވެ. މިއީ އެތައް ބަޔަކު އަޅާލުން ކުޑަވެފައިވާ އެހެނަސް ނުހަނު ބޮޑަށް ނަހީ ކުރެވިގެންވާ ޢަމަލެއް ކަމުގައިވެއެވެ. ފަހެ، އެބައިމީހުންވަނީ އެ ޢަމަލުގެ ސަބަބުން ހުކުރު ނަމާދުގެ އަޖުރުން މަޙްރޫމް ކުރެވިގެންނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.