ތަވީދު އެޅުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ އަދި ތަވީދު އަޅާފައިވާ މީހަކު ތަޥްބާވުމަށް ޢަމަލުކުރާނީ ކިހިނެއް ތޯއެވެ؟

thaveedhu elhumuge hukum

ތަވީދު އެޅުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ އަދި ތަވީދު އަޅާފައިވާ މީހަކު ތަޥްބާވުމަށް ޢަމަލުކުރާނީ ކިހިނެއް ތޯއެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ތަވީދު އެޅުމުގެ ޙުކުމް އަދި އެއިން ތަޥްބާވާނޭ ގޮތް އޮޅުފިލުވުމަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ: ތަވީދު އެޅުމަކީ ޙަރާމްވެގެންވާ އަދި ޝިރުކީ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. އެ ގޮތުން ގަނޑު ކޮޅެއްގައި ނުވަތަ ހަންގަނޑެއްގައި، ގޮތް ނޭނގޭ ގޮތަށް އޭގެ މާނަ ނޭގޭ ފަދަ ކަލިމަތަކެއް ލިޔެފައިހުރެއެވެ. ބައެއްފަހަރު ޝައިޠާނުންގެ ނަންތައް ލިޔެފައިވެސް ހުރެދާނެއެވެ. އަދި ބައެއް ފަހަރު ބައެއް ދުޢާތައް ނުވަތަ އާޔަތްތައް ވެސް ލިޔެފައިހުރެއެވެ. އެއަށްފަހު އެ ތަވީދު، ކުޑަކުދިން ނުވަތަ ބަލި ޙާލުގައިވާ ބޮޑެތިމީހުންގެ ގައިގައި އަޅުވައެވެ. އެބައިމީހުންގެ ދަޢުވާއަކީ އެ ތަވީދަކީ ޖިންނި ޝައިޠާނުންގެ ކިބައިން އެބައިމީހުން ރައްކާތެރި ކޮށްދޭ އެއްޗެއް ކަމެވެ. އަދި ބައެއް މީހުން އެސްފީނާއިން ސަލާމަތްވުމަށް ޤަޞްދުކޮށް ވެސް އަޅައެވެ. އަދި މި ޢަމަލަކީ އިސްލާމް ދީން އައުމުގެ ކުރިން ޖާހިލިއްޔަތުގައި ވެސް އެބައިމީހުންގެ ގެންގުޅޭ ޖަނަވާރުތަކުގައި، އެތަކެތި ބަލިތަކުންނާއި ބަލާތަކުން ރައްކާތެރި ކޮށްދޭނެ ކަމުގައި ދެކިގެން އަޅަމުން ގެންދިޔަ އެއްޗެކެވެ.

ދެވަނައީ : މިތަކެތި އެޅުމުގެ ޙުކުމެވެ.

މިފަދަ އެއްވެސް އެއްޗެއް ހަށިގަނޑުގައި އެޅުމުގެ މައްޗަށް ނަބިއްޔާ އިންޒާރު ދެއްވާފައިވެއެވެ. އެ ތަކެތިން ދުރުވުމަށް އިރުޝާދު ދެއްވާފައިވެއެވެ.

ނަބިއްޔާ عليه الصلاة والسلام ޙަދީޘް ކުރެއްވިއެވެ. من تعلق تميمة فلا أتم الله له، ومن تعلق ودعة فلا ودع الله له، ومن تعلق تميمة فقد أشرك “ތަވީދެއް އަޅައިފި މީހާއަށް، އެކަމެއް ﷲ އޭނާއަށް ފުއްދައި ނުދެއްވާނެތެވެ. އަދި ވަދަޢައެއް (ވަދަޢަ އަކީ: ކަނޑުން އެބައިމީހުން ނަގާ އެއްޗެކެވެ.) އަޅައިފި މީހާއަށް ، ފަހެ، ހިތްހަމަ ޖެހުމާއި މަޑުމޮޅިކަމުގެ މަތީގައި ﷲ އެމީހަކު ދޫ ނުކުރައްވާނދޭވެ! (އެބަހީ: ނުތަނަވަސްކަމުގެ މަތީގައި އެމީހަކު ލަހައްޓަވާނދޭވެ.) އަދި ތަވީދެއް އަޅައިފި މީހާ ހަމަކަށަވަރުން ﷲ އަށް ޝަރީކު ކޮށްފިއެވެ”.

ރަސޫލާ عليه الصلاة والسلام ޙަދީޘް ކުރެއްވިއެވެ. (من تعلق تميمة فقد أشرك)

“އެމީހެއްގެ ހަށިގަނޑުގައި ތަމީމަ އެއް (ތަވީދެއް ފަދަ އެއްޗެއް) އަޅައިފި މީހާ ﷲ އަށް ޝަރީކު ކޮށްފިއެވެ.”

މި ޙަދީޘްތަކުން އަދި މި ނޫން މި މާނައިގައިވާ ގިނަ ޙަދީޘްތަކުން ބަޔާންވެގެންވަނީ މި ޢަމަލަކީ ޝިރުކުގެ ޢަމަލެއް ކަމެވެ. އަދި މި ޢަމަލަކީ އިސްލާމް ދީނުގެ ކުރިން ޖާހިލިއްޔަތުގައި އެބައިމީހުން ކުރަމުންގެންދިޔަ ޢަމަލެއްގެ ގޮތުގައި ވުމުން، އިސްލާމް ދީން އައުމަށްފަހު އޭގެ ޙަޤީޤަތް ބަޔާން ކުރައްވާ އެކަން ބާޠިލް ކުރެއްވިއެވެ.

ތިންވަނައީ: ތަވީދު އަޅާ މީހާގެ ޙުކުމެވެ.

އެ ތަވީދު އެޅި މީހާ ޤަބޫލު ކުރާ ގޮތުގައި ބަލިތަކުން އަދި މުޞީބާތްތަކުން ސަލާމަތް ކޮށްދެއްވާ ފަރާތަކީ ﷲ ކަން ޤަބޫލުކުރާ ޙާލުގައި، ތަވީދު އެޅުމަކީ އެއީ އެކަމަކަށް ލެވިގެންވާ ސަބަބެއް ކަމުގައި ޤަބޫލުކޮށްގެން އަޅައިފިހިނދު އެއީ ކުޑަ ޝިރުކުގެ ތެރެއިން ހިމެނިގެންވާ ޢަމަލެއް ކަމުގައިވެއެވެ.

ތަވީދު އެޅި މީހާގެ ޤަޞްދު ކަމުގައިވަނީ، ޤަބޫލު ކުރަނީ، ތަވީދަކީ އޭގެ ޛާތުގައި ބަލިތަކުން ދިފާޢުކޮށް ރައްކާތެރި ކޮށްދޭނެ އެއްޗެއްގެ ގޮތުގައެވެ. ފަހެ، އެހިނދު އެއީ ބޮޑު ޝިރުކެކެވެ. ވުމުން މި ޢަމަލުގެ ނުރައްކާ ބޮޑުކަން ބަޔާންވެގެންވެއެވެ.

ހަތަރުވަނައީ: މި ނުބައިވެގެންވާ ޝިރުކުގެ ޢަމަލުގެ ޙަޤީޤަތް އެނގި އެއިން ދުރުވެ ތަޥްބާވާ މީހާއަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟

ދަންނައެވެ! ދުނިޔެ މަތީގައި އިންސާނަކު ދިރި ހުރިހާ ހިނދެއްގައި ތަޥްބާގެ ދޮރު ބަންދު ނުވާނެއެވެ.

ﷲ ވަޙީ ކުރެއްވިއެވެ. قُلْ يَاعِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ މާނައީ : ނަބިއްޔާ ވިދާޅުވާށެވެ! އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ އިލާހެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ”.

މި އާޔަތުގެ ތަފްސީރުގައި އަލް-ޙާފިޟް ابن كثير ވިދާޅުވެފައިވެއެވެ. “އެންމެހައި ފާފަތަކަށް މި އާޔަތަކީ ޢާންމުވެގެންވާ އާޔަތެކެވެ. ކުފުރާއި ޝިރުކެވެ. ޝައްކު އަދި ނިފާޤެވެ. ނުހައްޤުން މީހުން މެރުމާއި އަދި ފާސިޤު ޢަމަލުތަކާއި މި ނޫންވެސް ޢަމަލުތަކެވެ. މިއިން ކޮންމެ ފާފައަކުން އަޅަކު ތަޥްބާވެއްޖެހިނދު ﷲ އޭނާއަށް ތަޥްބާ ލައްވަވައެވެ”.

ވީމާ އަޚާއެވެ! ތަވީދު އެޅުމުގެ ނުރައްކާތެރިކަން އެނގުމާއެކު:

ފުރަތަމައީ: އޭނާއަށް ކުށް ކުރެވިއްޖެކަމުގައި ﷲ ގެ ޙަޟުރަތުގައި އިޢުތިރާފު ވުމެވެ.

ދެވަނައީ: ދުވަހަކުވެސް އެ ޢަމަލަށް އަރައި ނުގަންނާނެ ކަމުގެ މައްޗަށް ޢަޒުމް ކަނަޑައެޅުމެވެ. ފަހެ، އެފަދަ އެއްޗެއް ހަށިގަނޑުގައި ވެއްޖެހިނދު ހަށިގަނޑާއި އެ އެއްޗެއް ވަކި ކުރުމާއެކު އެއީ ޙަރާމްވެގެންވާ ޝިރުކީ މުޑުދާރު ޢަމަލެއްކަން ޤަބޫލު ކުރުން ހުއްޓެވެ.

ތިންވަނައީ: އޭނާއަށް އަރައިގަނެފައިވާ ޢަމަލުގެ މައްޗަށް ދެރަވެ ހިތާމަ ކުރާ ހާލުގައި ވުމެވެ.

ހަތަރުވަނައީ : ﷲ ގެ ޙަޟުރަތުން ތަޥްބާ ލެއްވުމަށް، ފާފަފުއްސެވުމަށް އެދުމެވެ.

ފަސްވަނައީ : އޭނާގެ ފުރާނަ ހިއްޕެވުމުގެ ވަޤުތު އައުމުގެ ކުރިން ތަޥްބާވުމެވެ.

ޝިރުކުގެ ޢަމަލާއި، ޝިރުކުގެ ވަޞީލަތްތަކުން ރައްކާތެރިވުމަށް ނަބިއްޔާ عليه الصلاة والسلام އަހަރެމެންނަށް އަންނަނިވި ޛިކުރު ކިޔުމަށް އިރުޝާދު ދެއްވާފައިވެއެވެ.

اللَّهُمَّ إنِّي أعوذُ بك أنْ أُشْرِكَ بك وأنا أعلَمُ، وأسْتغفِرُك لِمَا لا أعلَمُ ފަހެ، މި ޛިކުރު ގިނަ ކުރުމަށް ވެސް ސަމާލުކަން ދިނުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.