ޤަޟާ ކުރަންޖެހޭ ރޯދަތަކެއް ނުހިފައި ހުއްޓައި، އަނެއް ރަމަޟާންމަހާ ބައްދަލު ކުރާ މީހާގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޤަޟާ ކުރަންޖެހޭ ރޯދަތަކެއް ނުހިފައި ހުއްޓައި، އަނެއް ރަމަޟާންމަހާ ބައްދަލު ކުރާ މީހާގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މި ސުވާލުގެ ޖަވާބު ދިނުމަށްޓަކައި، އިސްވެ ދިޔަ އަހަރު ތަކުގައި ގެއްލިފައިވާ ރޯދަތައް ޤަޟާ ނުކޮށްވަނީ މެދުކެނޑުމެއްނެތި ދިމާވެފައިވާ ޢުޛުރެއްގެ ސަބަބުންތޯ ނުވަތަ ނޫންތޯ އެނގުން މުހިއްމެވެ. މިސާލަކަށް މެދުކެނޑުމެއްނެތި ބަލިޙާލަތެއްގައި އުޅޭ މީހަކަށް ރޯދަ ހިފުމުގެ ފުރުޞަތެއް ނުލިބި އަނެއް އަހަރުގެ ރޯދަމަސް ވެސް ބައްދަލު ކުރީއެވެ.

ފަހެ، މިފަދަ މީހާގެ މައްޗަށް އޮތް ޙުކުމަކީ ކޮންމެ ރޯދައަކަށް ރޯދަ އެއް ހިފުމެވެ. ޤަޟާ ކުރުމެވެ. އިތުރު އެހެން އެއްވެސް ޙުކުމެއް ނެތެވެ.

ދެވަނައީ : ޢުޛުރެއް ލިބިފައިނުވެ، އެމީހެއްގެ ފަރުވާ ކުޑަކަމާއި، އިހުމާލުގެ ސަބަބުން ރޯދަތައް ޤަޟާ ނުކޮށް ދޫކޮށްލައިފައި ވުމެވެ. ފަހެ، އެހިނދު އޭނާ ވަނީ ﷲ ގެ ޙައްޤު އަދާ ކުރުމުގެ މައްޗަށް ފަރުވާކުޑަ ކޮށްފައިއެވެ. އޭނާގެ މައްޗަށް 3 ކަމެއް ވެއެވެ.

1. އޭނާގެ ފަރުވާ ކުޑަވުމާއި، އިހުމާލުވުމުގެ މައްޗަށް ﷲގެ ޙަޟުރަތުގައި ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ.

2. ދޫކޮށްފައިވާ ކޮންމެ ރޯދައެއް ޤަޟާ ކުރުމެވެ. (ރޯދައަށް އިތުރު ރޯދައެއް ހިފުމެއް ނެތެވެ. ހަމަ އެ ޢަދަދުގެ މިންވަރަށް ރޯދަ ހިފުމެވެ.)

3. ރޯދަ ހިފުމާއެކު ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ.

މިސާލަކަށް އޭނާ މިފަދައިން ދޫކޮށްފައިވަނީ 5 ރޯދައެވެ. އެހެންވުމުން 5 ރޯދަ ޤަޟާ ކުރުމާއެކު، 5 މިސްކީނުންނަށް ކާން ދިނުމެވެ. އެއީ ޞާޢެއްގެ ދެބައިކުޅަ އެއްބައެވެ. އެއީ ހަނޑުލުން ބަލައިފިނަމަ 1.5 ކިލޯ ޤްރާމެވެ.

ސަބަބަކީ މިފަދައިން ޞަޙާބީ ابن عبَّاس -رضي الله عنهما- ވިދާޅުވެފައި ވުމެވެ. ابن عباس އަރިއަހުގައި ކުރީގެ ރަމަޟާން މަހުގެ ރޯދަ ޤަޟާ ކުރަންޖެހިފައިވާ މީހަކު އެ ރޯދަތައް ޤަޟާ ނުކުރެވެނީސް އަނެއް ރަމަޟާން މަސް ބައްދަލުކޮށްފި މީހާގެ މައްޗަށްއޮތީ ކިހިނެތްތޯ ސުވާލު ކުރެވުނެވެ. އެހިނދު ވިދާޅުވި އެވެ. (يصوم هذا الذي أدركه، ويصوم الذي عليه، ويطعم لكل يوم مسكيناً نصف صاع)

ރަމަޟާން މަސް ބައްދަލު ކުރުމުގެ ކުރިން ލިބޭ ދުވަސްތަކުގައި އެ ރޯދަތައް ޤަޟާކުރާށެވެ. އަދި (ރަމަޟާން މަހުގެ ކުރިން) ޤަޟާ ނުކުރެވުނު ރޯދަތައް ވެސް ހިފަންޖެހޭނެއެވެ. އަދި އެއިން ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭން ޖެހޭނެއެވެ. އެއީ ޞާޢެއްގެ ދެބައިކުޅަ އެއްބައެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.