އަންހެނުން ފަޑިޔާރުންނަށް ޢައްޔަނު ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

Anhenun fadiyaaru kamah iskurun

އަންހެނުން ފަޑިޔާރުންނަށް ޢައްޔަނު ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު ދެއްވީ – އުސްތާޛް أبو أنس محمد حسن (حفظه الله)

އަންހެނުން ޤާޟީ ކަމަށް ޢައްޔަނު ކުރުމާމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

އަޚާއެވެ! ސުވާލަށް ޖަވާބު ދިނުމުގެ ކުރިން މުއުމިނު އަޅުތަކުން ޤަބޫލު ކުރަން ލާޒިމް ވެގެންވާ ޤަވާޢިދެއް ވެއެވެ. އެއީ ﷲގެ މި ޢަދުލުވެރި އަދި އިންސާފާއި ޙައްޤު ޤާއިމްވެގެންވާ ޝަރީޢަތުގައި ބައެއް ކަންތައްތަކަކީ، ފިރިހެނުންނަށް އެކަން ޚާއްޞަ ވުމާއެކު އަންހެނުންނަށް އެއީ މަނާ ވެގެންވާ ކަމެއް ކަމުގައިވުމެވެ. އޭގެ ތެރޭގައި ޤައުމުގެ ވެރިންނަށް (ޤައުމުގެ ރައީސް، ރަސްކަލުން…) މިފަދަ މަޤާމުތަކަށް އަންހެނުން އިސްވުން މަނާ ވެގެންވުމެވެ.

އަޚާއެވެ! މިއީ އިންސާފުވެރި ޙުކުމެވެ. ޢަދުލުވެރި ޙުކުމެވެ. އަދި ކިޔެއްތަ! ޝަރުޢީ ގޮތުން ހަމަހަމަ ކަމަކީ ވެސް މިއީއެވެ.

މިއަދު ދީން ޤަބޫލު ނުކުރާ އަދި އިސްލާމް ދީނަށް ކުޑައިމީސް ބަސްތައް ބުނާ، މުޑުދާރު ވެގެންވާ ލާދީނީ ފަރާތެއް މެނުވީ ނުވަތަ އިސްލާމް ދީނުގެ ޙަޤީޤަތް އެމީހަކަށް ރަނގަޅަށް ފަހުމްވެފައިނުވާ ޖާހިލަކު ނޫނީ މިފަދަ ބަސްތައް ނުބުނާނެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ މެމްބަރު އަދި ސަޢުދީ ހައިއަތު ކިބާރު ޢިލްމުވެރިޔާ الإِمَام الشَّيخ د. صالح بن فَوزَان الفَوزَان حفظه الله ވިދާޅުވެފައިވެއެވެ.

“އެންމެހައި ކަންތައްތަކެއް ޙަލާލުކޮށްފައިވާ އުއްމަތްތަކާއި އަދި ކުފުރުގެ އުއްމަތްތަކާ ޚިލާފަށް އިސްލާމް ދީނުގައި އަންހެނުންނަށް ޤަވާޢިދުތަކެއް ކަނޑައެޅިފައިވުމުން، އިސްލާމް ދީނަށް ދަޢުވާކުރާ ވަރަށް ގިނަ ބަޔަކު އަންހެނުންނާ ގުޅިފައިވާ ޝަރުޢީ ޙުކުމްތަކަށް ނަފްރަތު ކުރެއެވެ. އޭގެ މިޘާލަކީ އަންހެނުންނާއި ފިރިހެނުން ވާރުތަ މުދަލުގައި ހަމަހަމަ ވެގެންވާކަމަށް ގޮވުމާއި އަދި ފިރިހެނުންނަށް ޚާއްޞަ ވެގެންވާ ޢަމަލުތަކުގައި އަންހެނުން ހަމަހަމަކަށް ގޮވުމެވެ.

އެއްވެސް ޙާލެއްގައި ފިރިހެނާއި އަންހެނާ ދެމެދު އެއްވެސް ފަރަޤެއް އޮވެގެންވާނެކަމަށް މިބައިމީހުން ޤަބޫލެއް ނުކުރެއެވެ. އަދި މި ދެ ޖިންސުގެ ދެމެދު ތަފާތެއް ބޭއްވުމަށް ވެސް އެބައިމީހުން ނުރުހުންވެއެވެ. ސަބަބަކީ ހުޅަނގުގެ އަހުލުވެރިންވަނީ އަންހެނުން، ފިރިހެނުންނާ ހަމަހަމަ ކޮށްފައިއެވެ. ނުވަތަ އަންހެނުން، ފިރިހެނުންގެ މައްޗަށް އިސްކޮށްފައިއެވެ.

ފަހެ، އެބައިމީހުން ބޭނުންވަނީ ހުޅަނގުގެ ކާފަރުންނާއި އެއްސަފެއްގައި (ހަމަހަމަ) ކުރުމަށެވެ. (ދީނުގައި) އަންހެނުންނަށް ޚާއްޞަ ވެގެންވާ ކަންކަމުގައި އަންހެނުންނާއި ފިރިހެނުން ތަފާތު ވެގެންވާކަމަށް ޤަބޫލުކުރުމަށް އެބައިމީހުން ބޭނުމެއް ނުވެއެވެ. ފިރިހެނުންނަށް ވާރުތަ މުދަލުގެ ގޮތުގައި ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ލިބުމަށް އެބައިމީހުން ނޭނދެއެވެ. ފިރިހެނުންނަށް މަރުގެ ދިޔައިގެ ގޮތުގައި ދޭންޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ލިބުމަށް އެބައިމީހުން ނޭނދެ އެވެ. މި މާތް މަތިވެރި ޠާހިރު ޝަރީޢަތުގައި ކަނޑައެޅިފައިވާ އަންހެނުންގެ ހެކި ބަހަކީ ފިރިހެނުންގެ ހެކިބަކުގެ ދެބައިކުޅަ އެއްބައި ގޮތުގައި ވުމަށް އެބައިމީހުން ބޭނުން ނުވެއެވެ.

މިބައިމީހުންގެ މި ޖުމްލަތަކުގެ ތެރޭގައި ހިމެނިގެންވާ ނުބައިކަން ބޮޑު އެކައްޗަކީ ޙިޖާބު ވުމުގެ މައްޗަށް ޢައިބު ބަސް ފާޅުކޮށް، ޙިޖާބް ބަޔާންވެގެންވާ ޝަރުޢީ ދަލީލުތަކަށް ކުޑައިމީސް ބަސް ބުނުމުގައިވުމެވެ. އަންހެނުންނާއި އަދި ފިރިހެނުން ޚަލްޤު ކުރެއްވީ ﷲ އެވެ. އަންހެނުންނާއި ފިރިހެނުންނަށް އެކަށީގެންވާ ކަންތައްތައް އެ އިލާހު عزوجل މޮޅަށް ދެނެވޮޑިގަންނަވައެވެ. ފަހެ އެ އިލާހުއީ މޮޅަށް ދެނެވޮޑިގެންވާ العليم އެވެ.

އެ ދަލީލުތައް ބަލިކަށި ދަލީލުތަކެއްގެ ގޮތުގައި ހެދުމަށް އެމީހުންނަށް ކުޅަދާނަ ވެގެންވާނަމަ، އެކަން ކުރުމަށް ކުރެވުނުހައި މަސައްކަތެއްކޮށް ބާރުއެޅީހެވެ. އެމީހުންނަށް އެކަން ކުރުމަށް ކުޅަދާނަ ނުވުމުން ޢަމަލުކޮށްފައިވަނީ އޭގެ މުރާދު ބަދަލުކޮށް އޭގެ ޙަޤީޤީ ތަފްސީރު ނޫން ތަފްސީރަށް ގެންދިއުމެވެ. ﷲ ގެ މުރާދުފުޅާއި އަދި އެއިލާހުގެ ރަސޫލާ ﷺ ގެ މުރާދުފުޅާ ޚިލާފަށް ގެނައުމެވެ. މިއީ ﷲ އެ އިލާހުގެ ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެތީގެ މައްޗަށް ނަފްރަތު ކުރުން ނޫން ހެއްޔެވެ؟ މިއީ މިއަދު މުޖުތަމަޢުގައި އަލަށް ފާޅުވެފައިވާ ކަންތަކެވެ.

އެމީހުންގެ ބަސްތައް، ޖަދަލު ކުރުންތައް އަދި ބަޙުޘްތައް ބޭއްވުމެވެ. ﷲ ، ވަކިކޮށް ތަފާތު ކޮށްފައިވާ ތަކެތި، އެފަދައިން ވަކިކޮށް ތަފާތު ކުރުމަށް ބޭނުމެއް ނުވެއެވެ. ﷲ ވަނީ މުއުމިނުންނާއި ކާފަރުން ވަކިކޮށް ތަފާތުކޮށްފައިއެވެ. އަދި މުއުމިނުންނާއި ޔަހޫދީންނާއި ނަޞާރާއިން ވަކިކުރައްވާފައިއެވެ. މިބައިމީހުން ބުނަނީ “މުއުމިނުންނާއި ޔަހޫދީންނާއި އަދި ނަޞާރާއިންގެ މެދުގައި ފަރަޤެއް ނެތެވެ. އެންމެންނަކީ މުއުމިނުންނެވެ” (دروس في شرح نواقض الإسلام ، ص 116).

މިފަދަ އެއް ޙުކުމަކީ އަންހެނުންނަށް ޤާޟީ ކަމަށް އައްޔަނު ކުރެވުމެވެ. މިއީ އުއްމަތުގައި ޞަޙާބީން، ތާބިޢީން އަދި އެންމެހައި ޤަރުނުތަކުގައި ފާޅުވި ޙައްޤު ސުންނަތާއި ސަލަފީ މަންހަޖުގެ އަހުލުވެރިންގެ މެދުގައި ދެބަސްވުމެއް ނެތް ކަމެކެވެ. ފަހެ، އެހިނދު ޚިލާފްވާ މީހާގެ ޚިލާފް ބަސްތަކުގައި އެއްވެސް އަގެއް އޮށްޓަރެއް ނެތެވެ.

ދެން އޮތީ “އަންހެނުން ފަޑިޔާރު ކަން ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟” މި ސުވާލު ޖަވާބު ބަޔާންކޮށް ދިނުމެވެ. ޖަވާބު ދިނުމުގައި ފުރަތަމަ އަހުލުއް ސުންނަތް، ސަލަފީ އިމާމުންނާއި ޢިލްމުވެރިން މި މައުޟޫގައި ބަޔާން ކުރައްވާފައިވާ ބަސްފުޅުތައް ބަޔާން ކުރަމެވެ.

1. الإمام البَغَوي -رحمه الله- ވިދާޅުވެފައިވެ އެވެ.

”އެންމެހައި ޢިލްމުވެރިން އިއްތިފާޤު ވެވަޑައިގެންފައިވަނީ އަންހެނަކު އިމާމެއް (ވެރިއެއްގެ) ގޮތުގައި އަދި ޤާޟީއެއްގެ ގޮތުގައި އައްޔަން ކުރުން ހުއްދައެއް ނުވާނެ ކަމުގައިއެވެ. ސަބަބަކީ މުސްލިމުން ޖިހާދު ޤާއިމް ކުރުމަށްޓަކައި ނުކުންނަންޖެހޭ ފަރާތެއް ކަމުގައި ވެރިމީހާ ވާތީއެވެ. އަދި މުސްލިމުންގެ އެކިއެކި ކަންތައްތައް ބެލެހެއްޓުމަށް ނުކުންނަން ޖެހޭތީއެވެ. އަދި ޤާޟީއަކީ (މީސްތަކުންގެ މެދުގައި އުފެދޭ) ދެބަސްވުންތައް ފަޞްލު ކުރުމަށްޓަކައި (އެމީހުންގެ ތެރެއަށް) ނުކުންނަން ޖެހޭ ފަރާތެކެވެ. އަންހެނާގެ (ހަށިގަނޑަކީ) ޢައުރައެވެ. (ޢައުރައެއް ކަމުގައި ވުމުން މީސްތަކުންގެ ތެރެއަށް) ފާޅުވެ ނުކުތުން ހުއްދަ ވެގެންނުވެއެވެ“ (شرح السنة 10-77).

މިއީ ހިޖުރައިން 516 ވަނަ އަހަރު، ދުނިޔެ ދޫކުރެއްވި އިމާމެއްގެ ބަސްފުޅެވެ. މިއީ ދިވެހިރާއްޖެއަށް އިސްލާމް ދީން ނާންނަނީސް، އިސްލާމް ދީނުގައި ފާޅުވެފައިވާ ބަސްފުޅު ތަކެވެ. ފަހެ، އެހިނދު ޙައްޤު އޮތީ ކޮންތާކުން ކަން، ކޮން ބަސްތަކެއްގައިކަން ދެނެގަތުން ހުއްޓެވެ.

މި މައްސަލައިގެ ޙުކުމް ޝައްކެއް ނެތް މިންވަރަށް ސާފު ވެގެންވެއެވެ. ސުންނަތުގެ އަހުލުވެރިން، އެ މަޛްހަބުގައި މިއީ ނުހަނު ސާފު ފާޅުވެގެންވާ މައްސަލައެކެވެ. އެހެންނަމަވެސް ހަވާނަފްސަށް ޠަބަޢަވެ ދީން ލުއިކޮށްފައިވާ، ޙައްޤު މަގުގައި ޘާބިތުކަމެއް ނުވާ މީހުންގެ ބަސްތައް ޚިލާފު ވެދިޔައެވެ. އަންހެނުންނަކީ ނިވާކަމާއި، ލަދުވެތިކަމާއި، ޢިއްފަތާއި ޣީރަތްތެރި ބައެއްގެ ގޮތުގައި ދެމިތިބެންޖެހޭ ބައެއްކަން ދަންނަ މީހަކު އަންހެނުން ޤާޟީންނަށް ނެރެން ހުއްދައެއް ނުކުރާނެކަން ޔަޤީނެވެ.

2. الإمام ابن قدَامة -رحمه الله- ވިދާޅުވެފައިވެއެވެ. ”އެންމެހައި މީސްތަކުންގެ މައްޗަށް (އެބަހީ މުސްލިމުންގެ ޚަލީފާއެއްގެ ގޮތުގައި) އަދި ވަކި ޤައުމެއްގެ ވެރިއެއްގެ ގޮތުގައި ވެސް އަންހެނަކު ކަނޑައެޅުން ހުއްދައެއް ނުވާނެއެވެ. މިހެންވުމުން ނަބިއްޔާ ﷺ އަދި އެނަބިއްޔާގެ އެއްވެސް ޚަލީފާވެރި ބޭފުޅެއް އަދި އޭގެ ފަހުން ވަޑައިގެންނެވި އެއްވެސް ބޭފުޅަކު އަންހެނަކު ޤާޟީއަކަށް އަދި ޤައުމެއްގެ ވެރިއެއްގެ ގޮތުގައި ކަނޑައެޅުއްވިކަން އަހަރެމެންނަށް ފޯރާފައެއް ނުވެއެވެ. މިއީ، ހުއްދަ ވެގެންވާކަމެއް ކަމުގައިވީނަމަ މި އެންމެހައި ޒަމާންތަކެއް (އަންހެނަކު) މިފަދަ ކަމަކަށް އިސްނުވެ ނުދާނެއެވެ“.

މި އިމާމް އަކީ ހިޖުރައިން 620 ގައި ދުނިޔެ ދޫކުރެއްވި އިމާމެކެވެ. ވިސްނާލުން ހުއްޓެވެ. އިސްލާމީ ތާރީޚުގައި 600 އަހަރު ފާއިތުވެ ދިޔައިރު އަންހެނަކު ޤާޟީއަކަށް އިސްވެފަ އެއް ނެތެވެ. ވީމާ، މިކަން ކުރީ ދީނުގައި ޤާއިމްވި ފަރާތްތަކުން ތޯއެވެ؟ ނުވަތަ ދީން އެކިގޮތްގޮތަށް ބަދަލުކޮށް ދީނުގައި ނުވާކަންތައްތައް ދީނަށް ވެއްދި މީހުން ތޯއެވެ؟ ނުވަތަ މި ޢަމަލު ހިންގާފައިވަނީ، ތަޤްވާވެރި ކަމުގައި ކުރިއަރައިދިޔަ ފަރާތްތަކުން ތޯއެވެ؟

ނުވަތަ ދީން ލުއިކޮށް ދީނުގެ ތެރެއަށް އާ ކަންތައްތައް ވެއްދި މީހުން ތޯއެވެ؟

ޝައްކެތްވެސް ނެތެވެ. މިފަދައިން އުއްމަތަށް އިޖުމާޢު ބަޔާން ވެގެންވާ ކަމުގައި އެނގި ފަހުމްވުމުން އެއަށްފަހު ޚިލާފަށް ބަޔަކު އެކަން ކުރި ކަމުގައި ވީނަމަވެސް އެއީ ދަލީލެއް ޙުއްޖަތެއް އަދި ބާރެއް އޮތް ބަހެއް ކަމުގައި ނުވާނެއެވެ.

މިފަދަ އެހެން ބަސްފުޅެކެވެ.

3. الإمام القَرَافي -رحمه الله- ވިދާޅުވެފައިވެއެވެ.

”ޒަމާންތަކުގެ ތެރެއިން އެއްވެސް ޒަމާނެއްގައި އަންހެނަކު ޤާޟީކަން ކުރިކަން އަޑު އިވިފައި ނުވެއެވެ. ފަހެ، އެހިނދު އެއީ (ޢިލްމުވެރިން މެދުގައި) އިޖްމާޢު ވެގެންވާ ކަމެއްގެ ގޮތުގައިވެއެވެ. ސަބަބަކީ އެއީ (ޞަޙާބީން، ތާބިޢީން) އަދި އެބޭކަލުންނަށް ތަބަޢަވެ ވަޑައިގެންނެވި މުއުމިނުންގެ މަގެއް ނޫނެވެ. އަދި އެކަން ޤިޔާސް ކުރެވިފައިވަނީ އެންމެހައި މުސްލިމުންގެ މައްޗަށް ޢާންމުކޮށް ޢައްޔަނުކުރެވޭ އިމާމް (ޚަލީފާގެ) މައްޗަށެވެ“ (الذخيرة١٠/ ٢٢).

ސުންނަތުގެ އަހުލުވެރިންނަށް މިވަރުން ފުދެއެވެ. ހަވާނަފްސުގެ އަހުލުވެރިން އެބައިމީހުން ދަލީލެއްނެތި، ދީނުގައި އެބައިމީހުން ބޭނުންވާ ގޮތެއްގައި ކަންތައްތައް ކުރުމަށް މަގު ހޯދައި އުއްމަތުގެ ޞަޙާބީންނާއި ތާބިޢިންނާއި އެބޭކަލުންނަށް ތަބަޢަވި އަހުލުވެރިންގެ މަގު ދޫކުރާހިނދު ބުނާނީ ކީކޭ ތޯއެވެ؟ މުސްލިމުން އެބައިމީހުންގެ ދީން ނަގަންޖެހެނީ ކޮންތަނަކުން ތޯއެވެ؟ މި އިމާމް އަކީ 684 ގައި ދުނިޔެ ދޫކުރެއްވި އިމާމެކެވެ. ވިދާޅުވެފައިވާ ބަސްފުޅަށް ނަޟަރު ހިންގާލުން ހުއްޓެވެ! ޒަމާންތަކުގެ ތެރެއިން އެއްވެސް ޒަމާނެއްގައި މިއީ ހިނގާފައި އޮތް ކަމެއް ނޫނެވެ. ވީމާ، މިއީ ހެޔޮ ލަފާ، މުޞްލިޙުން، ޞަހާބިން، ތާބިޢީން، އެބޭކަލުންނަށް ޙައްޤުތޮތުގައި ތަބަޢަ ވެވަޑައިގެންނެވި އަހުލުވެރިންގެ ޢަމަލެއް ނޫންކަން ދުވާލުގެ އިރު ފަދައިން ހާމަވެ ބަޔާންވެއެވެ.

މިއަދު ދުނިޔޭގައި ތިއްބެވި ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަދި މަދީނާގެ ރަސޫލާ صلى الله عليه وسلم ގެ މިސްކިތްކޮޅުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ޢިލްމު ފޯރުކޮށް ދެއްވުމުގައި މިއަދު ވެސް ޤާއިމްވެ ހުންނެވި ޢިލްމުވެރިއެއްގެ ބަސްފުޅު މިތަނުގައި ޛިކުރު ކުރަމެވެ. އާދެ! މަދީނާގެ މުޙައްދިޘް العلامة الشَّيخ عَبدُ المُحسِن العَبَّاد حفظه الله ވިދާޅުވެފައިވެއެވެ. ”އަންހެނަކު ޤާޟީ ކަމަށް އަދި ބައެއްގެ މައްޗަށް ވެރިއެއްގެ ގޮތުގައި އަންހެނަކު އިސްކުރެއްވިކަން ނަބިއްޔާ ﷺ އަދި އެ ނަބިއްޔާގެ ޚުލަފާއުއް ރާޝިދޫންގެ ކިބައިން ޘާބިތުވެފައި ނުވެއެވެ. العِربَاض بن سَارية (ރިވާކޮށްފައިވާ) ނަބިއްޔާ ﷺ ގެ ޙަދީޘްގައި ވެއެވެ. (فَإِنَّهُ مَنْ يَعِش مِنْكُمْ فَسَيَرى إِخْتِلافًا كَثِيْرًا فعلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّين)

“ފަހެ، ތިމަން ނަބިއްޔާއަށް ފަހުގައި ދުނިޔޭގައި ދިރިއުޅޭ މީހަކަށް އެތަކެއް ގިނަ ޚިލާފްތަކެއް ފެންނާނެއެވެ. ތިޔަބައިމީހުންގެ މައްޗަށް ވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ހިދާޔަތް ލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ” (الدفاع عن الصحابي أبي بكرة و مروياته …. ، ص 40).

މިއީ ޙައްޤު ފެންނަން އޮތް ގޮތެވެ. ސާފުގެންވާ ގޮތެވެ. ފަހެ، މި ތަންތަނުން ކިޔަވައި ދަރިވަރުވެ، މި ޙައްޤު ބަސްތައް އެއްލާލި މީހެއްގެ ފާރަތުން އުއްމަތް އެދޭ ހެވަކީ ކޮބައި ހެއްޔެވެ؟ މައްސަލައަކީ ނުހަނު ސާފު މައްސަލައެކެވެ.

 

ފަހު ބަހެއްގެ ގޮތުގައި މި މައްސަލައިގައި އޮޅުވައިލައިފައިވާ ބޮޑު ޝުބުހާތެއް ބަޔާން ކުރަމެވެ. މި މައްސަލައިގައިވާ އިޖުމާޢު، ނަފީ ކުރުމަށްޓަކައި، ޙަނަފީންގެ ފަރާތުން އަންހެނުން ޤާޒީން ކަމަށް ގެނައުން ހުއްދަ ވެގެންވާކަމުގައި ބުނެވެއެވެ. ޙަނަފީ މަޛްހަބުގައި، އަޞްލުތައް ކަމުގައިވާ އެ މަޛްހަބުގެ ބޮޑެތި މަޞްދަރުތަކުން ރަނގަޅަށް މައްސަލަ ތަޙްޤީޤުކޮށްފިނަމަ، ހާމަވާނީ އެ މަޛްހަބުގައި ހުއްދަ ކޮށްފައިވަނީ، އިޠްލާޤުކޮށް އަންހެނުން ޤާޟީކަމަށް ގެނައުން ނޫން ކަމުގައި ހާމަވެގެންދާނެއެވެ.

އެހެނަސް އެފަދައިން އައިސްފައިވާ ބަސްތަކުގެ މުރާދަކީ، ފާފައާ އެކުވެސް ޤާޟީކަމަށް އައުމަށް ފަހު، ކުރާ ޙުކުމްތައް ތަންފީޛު ކުރެވޭނެތޯ ނުވަތަ ނޫންތޯ، މިކަމުގެ މައްޗަށެވެ. އެމީހުން ވެސް ގެނައުމަށް ހުއްދަ ކުރަނީއެއް ނޫނެވެ. އެމީހުން 2 ޝަރުޠަކާ ލައިގެން ޤަޟާ ޞައްޙަވާނެ ކަމުގައި ދެކެއެވެ.

ފުރަތަމައީ: ޙައްޤާއި އެއްގޮތް ވެގެންވާ ޤަޟާއެއް ކަމުގައިވުން.

ދެވަނައީ: އެކަމެއްގައި އަންހެނާގެ ހެކިބަސް ޤަބޫލު ކުރެވޭ ކަމެއްގައި، ކުރެވޭ ޤަޟާއެއް ކަމުގައި ވުމެވެ. އެއީ، ޙުދޫދުތަކާއި ޤިޞާޞްގެ މައްސަލަ ނޫން، އެހެނިހެން ކަންތައްތަކެވެ.

ފަހެ، މި މައްސަލަ މިވަނީ ވަރަށް ޞަރީޙަކޮށް ވަރަށް ފާޅުގައި ބަޔާން ވެގެންއެވެ. ހަވާނަފުސަށް ތަބާވެ، ދީނުގެ ކަންކަމުގައި އެމީހަކު ބޭނުން ގޮތަކަށް ބަސްބުނެ، ފިތުނަވެރި ޙާލުގައިވާ ފަރާތެއް މެނުވީ އުއްމަތުގެ އިޖުމާއުއާ ޚިލާފެއް ނުވާނެއެވެ. ޝަރީޢަތުގެ މަޞްދަރުތަކާއި، އުއްމަތުގެ ސަލަފުއް ޞާލިޙުންނަށް ޙައްޤު ގޮތުގައި ތަބަޢަވުމުގައިވާ ފަރާތްތައް މި މައްސަލައިގައި ބަޔާން ވެގެންވާ އުއްމަތުގެ އިޖުމާއަށް ތަބާވެ މެނުވީ ޙުކުމެއް ނުކުރާނެއެވެ.