މޫނު ނިވާ ނުކުރާ އަންހެނާގެ އެއްވެސް ހެޔޮ ޢަމަލެއް الله سبحان و تعالىٰ ޤަބޫލުވެ ވޮޑިނުގަންނަވާނެ ހެއްޔެވެ؟

moonu niva nukura anhena

މޫނު ނިވާ ނުކުރާ އަންހެނާގެ އެއްވެސް ހެޔޮ ޢަމަލެއް الله سبحان و تعالىٰ ޤަބޫލުވެ ވޮޑިނުގަންނަވާނެ ހެއްޔެވެ؟

 

ޖަވާބު ދެއްވީ – އުސްތާޛް أبو أنس محمد حسن (حفظه الله)

މޫނު ނިވާ ނުކުރާ އަންހެނާގެ އެހެނިހެން ޢަމަލުތަކާއި މެދުގައި ބުނަމެވެ. ޤުރުއާނުގެ ދަލީލުތަކާއި، ސުންނަތުގެ ޙަދީޘްތަކުން އަދި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ބަސްފުޅުތަކާއި އެ ބޭކަލުންނަށް ހެޔޮ ގޮތުގައި އެކިއެކި ޒަމާންތަކުގައި ތަބަޢަވެ ވަޑައިގްނނެވި އަހުލުވެރިންގެ ބަސްފުޅުތަކުން ބަޔާން ވެގެންވަނީ، އަންހެނާ މޫނު ނިވާކުރުން، މިއީ ﷲ ގެ ދީނުގައި ވަރަށް ފުރިހަމައަށް ކަނޑައަޅުއްވާފައިވާ ޝަރުޢީ ހުކުމެއް ކަމެވެ. މި ޢަމަލު ދޫކޮށްފި މީހާ ފާފަވެރި ވާނެ ކަމެވެ. އެހެންނަމަވެސް ފާފަވެރި ވުމާއެކު އޭނާގެ އެހެނިހެން ޢަމަލުތައް ޤަބޫލު ނުކުރެވޭނެތޯ؟ މި ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ: އަންހެނާ އޭނާގެ ޒީނަތްތެރިކަން ފާޅުކުރުން، ނުވަތަ އެނޫންވެސް ފާފަވެރި ޢަމަލެއްގެ މަތީގައި ދެމިހުންނަ މީހާގެ ނަމާދު އަދި ރޯދަ ނުވަތަ އެހެނިހެން ޢަމަލުތައް އޭނާގެ ޛިންމަތުގައި އޮންނާއެވެ. މާނައަކީ އެ ޢަމަލު ކުރުމުން އެ ހެޔޮ ޢަމަލު ޞައްހަވާނެ ކަމެވެ.

ފިޤުހީ ބާބުގައި މި މައްސަލައަށް ބަލާއިރު، ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާއަކީ އެމީހާ ބޮޑު ފާފަތަކަށް އަރައިގަނެފައިވާ ޙާލުގައި ވެސް އޭނާ އަޅުކަން ކޮށްފިހިނދު، އޭނާގެ މަތިން އެ ޛިންމަތް ބަރީއަ ވެގެންވާނެ ކަމެވެ. އެފަދަ މީހާގެ ނަމާދުތައް ބާޠިލް ވާނެ ކަމާއި، އަލުން އެ ނަމާދުތައް ކުރަންޖެހޭނެކަން އަދި އެހެނިހެން ޢަމަލުތައް ވެސް ޞައްޙަ ނުވާނެ ކަމަށް އެއްވެސް ޢިލްމުވެރިއަކު ވިދާޅުވެފައި ނުއެވެ. ވީމާ، އޭނާގެ ޢަމަލުތަކަކީ ޞައްޙަވެގެންވާ ޢަމަލުތަކެވެ.

ދެވަނައީ (ފާފަތަކުގެ އަހުލުވެރިންގެ މައްޗަށް އޮތް ޢަޤީދާ ދެނެގަތުމެވެ.):

ބޮޑު ފާފަތަކަށް އަރައިގަނެެފައިވާ މީހާއަކީ ކާފަރުވާނެ މީހެއް ނޫނެވެ. ތަޥްޙީދުގެ އަހުލުވެރިއެއްގެ ފަރާތުން ބޮޑުފާފައެއް ފެނިދާނެ ކަމާއި އަދި ތަޥްޙީދުގެ މަތީގައިހުރެ ފާފައަކަށް އަރައިގަނެފާނެ ކަމީ ސުންނަތުގެ ޢަޤީދާއެވެ.

މި ފަދަ މީސްތަކުން އެފާފަތަކުން ތަޥްބާނުވެ މަރުވެއްޖެނަމަ، ޤިޔާމަތް ދުވަހު ހުށަހެޅިގެން ދާނީ ﷲ ގެ މަޝީއަތް (އިރާދަފުޅުގެ) ދަށަށެވެ. އެކަލާނގެ އިރާދަފުޅު ކުރެއްވީ ފާފަ ފުއްސެވުމަށެވެ. އެހިނދު އެ ނިޔާއެވެ. ނުވަތަ އެކަލާނގެ އިރާދަފުޅު ކުރެއްވީ އެބައިމީހުން ކޮށްފައިވާ ޢަމަލުތަކުގެ މިންވަރުން ނަރައިގެ ވޭންދެނިވި ޢަޛާބު ލިބުމަށެވެ. އެހިނދު އެ ނިޔާގެ ތެރެއަށް ހުށަހެޅިގެން ދެއެވެ. އެހެންކަމުން މި މައްސަލައިގައި ޙައްދު ފަހަނައަޅައިފައިވާ ޚަވާރިޖު ފިކުރުގެ މައްޗަށް ސަމާލުވާން ޖެހޭނެއެވެ. ޚަވާރިޖުންގެ ބަހަކީ، މިފަދަ ފާފަތައް ކުރާ މީހުންނަކީ ކާފަރުން ކަމެކެވެ. ޔަޢުނީ؛ ބޮޑެތި ފާފަތަކުގެ އަހުލުވެރިންނަކީ ކާފަރުންގެ ގޮތުގައި ޚަވާރިޖުން ދެކެވެ. (ޚަވާރިޖުން ބުނަނީ) އެމީހުންގެ ނަމާދެއް އަދި އެހެން އަޅުކަމެއް ޤަބޫލެއް ނުކުރެވޭނެ ކަމެވެ.

ޚަވާރިޖުންގެ ޢަޤީދާ ބަޔާން ކުރައްވާ ޚަވާރިޖުންގެ ޢަޤީދާ ބަޔާންކޮށް الإِمَام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.

”ޚަވާރިޖުން ޤަބޫލުކުރާ ޢަޤީދާގެ ތެރޭގައި، މުސްލިމުންގެ ތެރެއިން ބޮޑެތިފާފަތަކުގެ އަހުލުވެރިންނަކީ ކާފަރުންނެވެ. އަދި އެއީ ނަރަކައިގައި އަބަދުގެ އަބަދަށް ދެމިތިބޭނެ ބައެއްގެ ގޮތުގައި ބުނެއެވެ. ފަހެ، އެގޮތުގެ މަތީގައި ތިބެގެން ޚަވާރިޖުން علي -رضي الله عنه- އަދި އެކަލޭގެފާނާ އެކުގައިވި ޞަޙާބީންނާއި އަދި އެހެނިހެން ޞަޙާބީންނާ ދެކޮޅަށް ހަނގުރާމަ ކުރިއެވެ. އަދި އެހިނދު علي-رضي الله عنه- އެބައިމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވިއެވެ. އަދި ނަހްރަވާނުގައި ޚަވާރިޖުން ޤަތުލު ކުރެއްވިއެވެ“.

ވީމާ، އިސްވެދިޔަ ވާހަކަތަކުގެ އަލީގައި މޫނު ނިވާ ނުކުރާ އަންހެނާ، އޭނާ އެ ދޫކޮށްލި ޢަމަލުގެ ސަބަބުން ފާފަވެރިވި ކަމުގައި ވިޔަސް، އޭނާގެ އެހެނިހެން ހެޔޮ ޢަމަލުތައް الله سبحان و تعالىٰ ޤަބޫލުވެ ވޮޑިގަންނަވާނެއެވެ.