މުސްލިމު ދަޥްލަތަކުން ނިންމާ ނިންމުމަކާއި ހިތްހަމަ ނުޖެހި، ދަޥްލަތާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަކީ ހުއްދަ ކަމެއް ތޯއެވެ؟ އަދި މިއީ ވެރިޔާއަށް އުރެދުން ކަމުގައި ވާނެ ހެއްޔެވެ؟
ޖަވާބު ދެއްވީ – އުސްތާޛް أبو أنس محمد حسن (حفظه الله)
ސުވާލަށް ޖަވާބު ދިނުމުގެ ކުރިން މުހިއްމު ނުކުތާތަކެއް ބަޔާން ކުރަމެވެ. އަޚާއެވެ! އުޚުތާއެވެ! އަންނަނިވި ނުކުތާތައް ހިތުގެ އަޑިން ޤަބޫލުކޮށް އަދި ޔަޤީން ކަށަވަރު ކުރާށެވެ. އެއީ:
- މުސްލިމް ވެރިޔަކާ ދެކޮޅަށް ނުކުތުމަކީ ޝައްކެތްވެސް ނުވާ މިންވަރަށް ދީނުގައި ޙަރާމް ޢަމަލެއް ކަމުގައި ބަޔާން ވެގެންވާ ކަމެކެވެ.
- ވެރިޔާ އަނިޔާ ކުރިއަސް އަދި މުދާ ފޭރުނަސް އޮތީ ކެތްތެރި ވުމެވެ. ޔަޢުނީ؛ އެ ވެރިޔާއަކީ މުސްލިމެއް ކަމުގައި ވުމުން، ދެކޮޅަށް ނުކުތުން ޙަރާމް ވެގެންވުމެވެ.
- ވެރިންނަށް ނަޞޭޙަތްތެރިވުން އޮތީ މީސްތަކުންނާ ވަކިން ސިއްރިޔާތުގައިއެވެ. މާނައަކީ؛ ވެރިންނަށް ނަޞޭހަތްދިނުމޭ ބުނެ، އެކި އެކި ތަންތާގައި ވެރިންގެ ވާހަކަތައް، ވެރިން ކޮށްފައިވާ ކަންތައްތައް، މިފަދައިން ކިޔުމަކީ ޙަރާމް ވެގެންވާ ޢަމަލެކެވެ. ޚަވާރިޖުންގެ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެކެވެ.
- ދަޥްލަތުގެ ފަރާތުން ނިންމާ ކަންކަމުގައި އެކަމާ ހިތްހަމަ ނުޖެހުމުން ދަޥްލަތާއި ދެކޮޅަށް ކޯޓަށް ދިއުން މި މައްސަލައިގައި ބުނެވެ.
(ސުވާލުގެ މި ބަޔަށް ނުކުތާ ތަކެއްގެ މައްޗަށް ޖަވާބު ދެމެވެ.)
ފުރަތަމައީ: އެ މަޤްޞަދުތަކަށް ޓަކައި އިސްލާމް ދީނުގައި، ވެރިންނާ ދެކޮޅަށް ނުކުތުން މަނާ ވެގެންވާ މަޤްޞަދުތަކަކީ، އެކަންތައް ބަޔާންކުރި ޙަދީޘްތަކުގެ ފިޤުހު ފަހުމްވެއްޖެ ކޮންމެ މީހަކަށް ސާފުވާނެ ކަންތައްތަކެކެވެ.
އެއީ، އެކަމުގެ ސަބަބުން މުޖުތަމަޢު ތެރޭގައި ފިތުނަ ފަސާދަ އުފެދުމާއި، މުޖުތަމަޢު ހަލަބޮލި ވުމާއި، މީސްތަކުންގެ މުދަލާއި މީސްތަކުންގެ ލެއަށް ގެއްލުން ލިބުން ލިބުންފަދަ، ފަސާދަތަކަށް މަގުފަހިވިޔަ ނުދިނުމަށް ޓަކައިއެވެ. އަދި ހަމައެފަދައިން ޢާންމު އަފްރާދުންގެ މެދުގައި، ވެރިމީހާއާ މެދުގައި ރުޅިވެރިކަން އުފައްދާ ނަފްރަތު އުފެއްދުމަށް ފުރުޞަތު ނުދީ، މީސްތަކުންގެ ހިތްތަކުގައި ވެރިމީހާގެ ހައިބަތާއި ޤަދަރު ހިފެހެއްޓުންފަދަ މަތިވެރި، ޝަރުޢީ ބޭނުންތަކަށް ޓަކައިއެވެ.
ދެވަނައީ: އެހެންވުމުން އިސްލާމް ދީނުގައި މި ޝަރުޢީ މަޤްޞަދުތައް ފުނޑާލާ ގޮތަށް ޙައްޤު ހޯދުމުގެ ނަމުގައި ވީނަމަވެސް ވެރިންނާ ދެކޮޅަށް ނުކުތުމާއި، މުޒާހަރާ ކުރުންފަދަ ކަންތައްތައް ކުރުން ވަނީ ޙަރާމް ވެގެންނެވެ. އެއީ މިފަދައިން ޙައްޤު ހޯދަން ނުކުންނައިރު، އެކަމުގެ ސަބަބުން ނުކުންނަ ފަސާދައާއި އެހެނިހެން ޢަމަލުތައް ގިނަގުނަވެގެން ވުމުންނެވެ. ޝަރުޢުގައި ކަނޑައެޅިގެންވާ ގިނަގުނަ ޤަވާޢިދުތަކުގެ ތެރޭގައި، މަޞްލަޙާތާއި ފަސާދަތައް ފުށޫއަރާހިނދު، މަޞްލަޙަތު ޙާޞިލް ކުރުމަށްވުރެ، ފަސާދަ ދުރުކުރުން އަޥްލާ ވެގެންވެއެވެ. ވުމާއެކު ނަބިއްޔާ ﷺ އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައި ވަނީ ކެތްތެރިވުމަށެވެ. އަދި އެފަދައިން އުއްމަތަށް ވަޞިއްޔަތްޕުޅު ކުރެއްވިއެވެ.
ތިންވަނައީ: ވެރިމީހާއާ ދެކޮޅަށް ވެރިމީހާގެ ހުއްދައާ އެކު، ޞުލްހަވެރި މުޒާހަރާއެއް ކުޅަ ކަމުގައި ވީނަމަވެސް، އެފަދަ މުޒާހަރާތަކުގެ ސަބަބުން ވެރިންނާ ދޭތެރޭ މީސްތަކުންގެ ހިތުގައި ނަފްރަތު އުފެދި، ވެރިންނާ ދެކޮޅަށް މީސްތަކުންގެ ހިތުގައި ރުޅިވެރިކަން ގަދަވެ، ކެކި އުތުރިއަރާ މުޖްތަމަޢު ތެރޭގައި ފިތުނަ ފަސާދަ ނުއުފެދޭ ހެއްޔެވެ؟ އެހެންވުމުން މިއީ، ޝަރުޢީ ގޮތުން ފަސާދަތަކެއް ނޫން ހެއްޔެވެ؟
ހަތަރުވަނައީ: ވެރިންނާ ދެކޮޅަށް ނުކުތުން މަނާ ވެގެންވާ ޝަރުޢީ މަޤްޞަދުތައް ފަހުމް ވެއްޖެ ކަމުގައި އުއްމީދު ކުރަމެވެ. އެއަށްފަހުގައި ބުނަމެވެ. ﷲ ތަޢާލާ އެކަން ޙަރާމް ކުރައްވާފައިވާ ޝަރުއީ ޙިކްމަތްތަކުގެ ތެރޭގައި ވެރިންނާ ދެކޮޅަށް ބަސްނުބުނުން ހިމެނޭއިރު، ވެރިންގެ ފަރާތުން ރައްޔިތުންނަށް އަނިޔާ ލިބިގެންވާކަމަށް، ޖާހިލު ކަމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ މީހަކު މެނުވީ ނުބުނާނެއެވެ. އެހެނީ ﷲ ތަޢާލާ އެއްވެސް މީހަކަށް އެއްވެސް ގޮތަކަށް އަނިޔާވެރިވެ ވޮޑިނުގަންނަވާނެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.
إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ “ހަމަކަށަވަރުން ﷲ ތަޢާލާ އެއްވެސް ފަރާތަކަށް ޛައްރެއްހާ މިންވަރު ވެސް އަނިޔާވެރިވެ ވޮޑިނުގަންނަވާ ނެތެވެ”. އަދިވެސް އެހެން އާޔަތެއްގައި ވެއެވެ. وَمَا رَبُّكَ بِظَلَّامٍ لِّلْعَبِيدِ “(އެއްވެސް އަޅަކަށް) އިބަ ނަބިއްޔާގެ ވެރި ރައްބު އެއްވެސް ވަރަކަށް އަނިޔާވެރިވޮޑި ނުގަންނަވާނެއެވެ.” އަޚާއެވެ! މި ފަދަ އާޔަތްތަކާއި އަދި ޙަދީޘްތަކުން ބަޔާންވެގެންވަނީ އަނިޔާވެރި ވުމާއި، ބޭއިންސާފަކީ ﷲ އެ އިލާހުގެ ޛާތުފުޅަށް ޙަރާމް ކުރައްވާފައިވާ ކަންތައްތަކެއް ކަމެވެ.
ވީމާ، އެ އިލާހުގެ ޝަރީޢަތުގައި މިފަދައިން އަނިޔާވެރިވުންވާނެ ކަމަށް ދެކޭނީ ކިހިނަކުން ހެއްޔެވެ؟ އެކަން ވުޖޫދުވާނީ ވެސް ކިހިނަކުން ހެއްޔެވެ؟ ފަހެ، ވެރިންނާމެދު މުޢާމަލާތް ކުރުމަށް ކަނޑައަޅުއްވާފައިވާ ޙުކުމްތަކަކީ އެއީ ޢަދުލުވެރި ކަމެވެ. އެއީ އިންސާފެވެ.
ފަހެ، މިއީ އިސްލާމް ދީނުގައި ނިމި ކަނޑައެޅިފައިވާ ގޮތެވެ. ވީމާ، އަނިޔާވެރިކަން “ޙައްޤު ހޯދުމުގެ ނަމުގައި” އަނިޔާވެރިކަން “ފާރަވެރިވުން” ކަމުގެ ރީތި ނަންތައް ނަގައިގެން ހޯދާފައިވާ ވަޟުޢީ ނިޒާމްތަކާއި، ޤާނޫނުތަކުގައިއެވެ. ހިތާމައަކީ، ވެރިންނާ ދެކޮޅަށް ނުކުތުމާއި، މުޒާހަރާ، ހަޅުތާލުހެދުމާއި، ޞުލްޙަވެރި ހިގާލުންތަކަކީ އެއީ ހުއްދަ ވެގެންވާ ޢަމަލުތަކެއްކަން ދައްކައި “ދީނީ ބަޔަކު” ދީން ފާޅުކޮށްގެން ކުރާ ކަމެވެ. ޢަދުލުވެރިކަން ދަންނަ، އިންސާފާއި ޙައްޤަށް ލޯބިކޮށް އެއަށް މަގުދައްކާ ބަޔަކު ކުރާނެ ކަންތައްތަކެއް ކަމުގައި މިއިން އެއްވެސް ކަމެއް ނުވެއެވެ.
ފަސްވަނައީ: އިސްވެދިޔަ ޙުއްޖަތްތަކާއި ދަލީލުތަކާއި، މަޤްޞަދުތައް ފަހުމްވެއްޖެހިނދު، ދަންނައެވެ. މަނާ ވެގެންވަނީ ޝަރުޢީ ވަޞީލަތްތަކުގެ ބޭރުން ޙައްޤު ހޯދުމެވެ. އެއީ، އިސްވެދިޔަ ފަދައިން މުޒާހަރާތަކާއި، އެއްވުންތަކާއި، ޕޯޑިއަމް ތަކުގައި އަދި ޝޯޝަލް މީޑިޔާގައި ނުވަތަ މި ނޫނަސް އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން ވެރިންގެ ޢައިބުތައް ފާޅުކޮށް، ވެރިންނާ ދެކޮޅަށް މީސްތަކުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން ފާޅުކުރާގޮތަށް، ވެރިންގެ ޤަދަރާއި ހައިބަތު ދަށްކޮށްލާ ގޮތަށް، ވެރިންނަށް ޣީބަ ބުނުމާއި ފުރައްސާރަ ކުރުމާއި މިފަދަ ގޮތްތަކަށް ޢަމަލު ކުރުމެވެ.
ވެރިންގެ ކިބައިން ޙައްޤު މަގުތަކުން ޙައްޤުތައް ލިބެން ނެތްނަމަ، ނަބިއްޔާ ﷺ މިފަދައިން ހަދީޘްފުޅު ކުރައްވާނެ ހެއްޔެވެ؟
أفضل الجهاد كلمة الحق عند سلطان جائر “އެންމެ މަތިވެރި ވެގެންވާ ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ އަރިއަހުގައި (އެފަދަ ވެރިޔާގެ ކުރިމަތީގައި، ކައިރީގައި ހުރެ) ޙައްޤު ބަސް ބުނުމެވެ”.
ވެރިމީހާގެ ކުރިމަތީގައި ހުރެގެން ބުނާ ޙައްޤުބަސް ވަނީ، އިސްވެ ދިޔަ ފަސާދަތަކުގެ ތެރެއިން ފަސާދައެއް އޭގެ ތެރެއަށް ނުވަންނަ، ޝަރުޢީ ގޮތުން ހުއްދަ ވެގެންވާ ވަޞީލަތެއް ކަމުގައިއެވެ. ޝަރުޢީ ގޮތުން ހުއްދަ ވެގެންވާ ވަޞީލަތެއް ކަމުގައިވީހިނދު، މަނާކުރާނެ ކަމެއް އެބައޮތް ހެއްޔެވެ؟ އަދި ކިޔެއް ހެއްޔެވެ؟ އެއީ އެންމެ މަތިވެރިވެގެންވާ ޖިހާދު ގޮތުގައި، ސިފަވެ، ބާރު އެޅިގެން ނުވޭ ހެއްޔެވެ؟
އަޚާއެވެ! މިއީ ޝަރުޢީ ދީނީ، ޙުކުމް ކަމުގައިވާހިނދު، ޕޯޑިއަމްތަކުގައި، މުޒާހަރާ ތަކުގައި މީޑިޔާގައި އެތައް ގޮތަތަކަށް ބަސްތައް ބުނުމަށްފަހު، ނަބިއްޔާ ﷺ ގެ މި ޙަދީޘްފުޅު ކިޔައި، އެފަދައިން ޢަމަލު ކުރުމޭ ބުނާ މީހުންގެ ހުރި އަނިޔާވެރި، ބޭއިންސާފު ޢަމަލުގެ މަތިން ހަނދާން ކޮށްލުން ހުއްޓެވެ!
ހަދީޘްގައި ވަނީ ވެރިޔާ ކައިރީގައި ހުރެގެން ބަސްތައް ބުނުން ކަމުގައިވާއިރު، މިބައިމީހުން މި ބަސްތައް ޕޯޑިއަމްގައި ނުވަތަ މުޒާހަރާތަކުގައި ފާޅުކުރުމުން އެއީ، “ވެރިޔާގެ ކުރިމަތީގައި ނުވަތަ ކައިރީގައި” ހުރެގެން ބަސްބުނުން ކަމުގައި ވާނެ ހެއްޔެވެ؟
ފަހެ، އެހިނދު މި ބައިމީހުންނީ އިންސާފުވެރި، އަދުލުވެރި، ހެޔޮލަފާ ބަޔަކަށް ވާނެ ހެއްޔެވެ؟ މިއީ މުޖުތަމަޢު އިސްލާޙު ކުރުން ކަމުގައި ވާނެ ހެއްޔެވެ؟ ފަހެ، މިއީ ކޮންފަދަ ނުބައި އަނިޔާވެރި ބައެއް ހެއްޔެވެ؟
ހަވަނައީ: މިފަދައިން މިކަމުގައި ޝަރުޢީ ވަޞީލަތްތަކާއި އަދި އެނޫން ވަޞީލަތްތައް ތަފާތު ވެގެންވާކަން ބަޔާން ވެއްޖެހިނދު ދަންނާށެވެ! އިސްލާމް ދީނުގައި (ޤަޟާ : ޝަރުޢީ ނިޔާ) އަކީ، ވަރަށްވެސް މަތިވެރި ޝިޢާރެކެވެ. އެކަން ﷲ ޝަރުޢު ކުރައްވާފައިވަނީ، އުއްމަތުގެ އެންމެހައި މީސްތަކުން ދިރިއުޅުމުގައި އަމަން އަމާންކަން ދެމެހެއްޓުމަށާއި، އަނިޔާވެރި މީހުންގެ އަނިޔާތައް ހުއްޓުވައި، އަނިޔާ ލިބިފައިވާ މީސްތަކުންނަށް ނަޞްރު ދިނުމަށާއި، އަދި ހައްޤުތައް އޭގެ އަހުލުވެރިންނަށް އަދާކޮށްދިނުމަށެވެ. އަދި މިފަދައިން ޢަދުލުވެރި ގޮތުގައި، ﷲގެ ޙުކުމަށް ޙުކުމް ކުރުމަކީ، އެކަމަށް އަމުރު ވެވިގެންވާ ކަމެކެވެ.
ﷲ ވަޙީ ކުރެއްވިއެވެ. فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ “ފަހެ، اللَّه ބާވައިލައްވާފައިވާ ޙުކުމުން، އެބައިމީހުންގެ މެދުގައި، އިބަ ނަބިއްޔާ ޙުކުމް ކުރައްވާށެވެ! އަދި ނަބިއްޔާގެ އަރިހަށް އައިސްފައިވާ ޙައްޤު ގޮތާ ޚިލާފަށް އެބައިމީހުންގެ އެދުންތަކަށް އިބަ ނަބިއްޔާ ތަބަޢަވެ ވަޑައިނުގަންނަވާށެވެ!
وَإِنْ حَكَمْتَ فَاحْكُم بَيْنَهُم بِالْقِسْطِ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ “އަދި އިބަ ނަބިއްޔާ ޙުކުމް ކުރައްވާނަމަ، އެބައިމީހުންގެ މެދުގައި ޢަދުލަށް ޙުކުމް ކުރައްވާށެވެ! ހަމަކަށަވަރުން، ޢަދުލަށް އަށް ޙުކުމް ކުރާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެތެވެ”.
ވުމާއެކު، ވެރިކަމުގެ ނިޒާމުގެ ދަށުގައިވާ، ޝަރުޢީ ކޯޓުތަކަށްދިއުން އެއީ ޝަރުޢީ ވަޞީލަތެއް ކަމުގައި ނުވާންވީ ކިހިނެތް ހެއްޔެވެ؟
ހަތްވަނައީ: ގިނަފަހަރަށް މިފަދައިން އުފުލާ މައްސަލަތަކަކީ، ބައެއް މުވައްސަސާ ތަކުގައިވާ ޢަދުލުން އެއްކިބާވެގެންވާ ބަޔަކާ ދެކޮޅަށް އުފުލޭ މައްސަލަތަކެވެ. ވަލިއްޔުލް އަމްރުގެ އެއްވެސް ދަޥްރެއް ނުވެސް އޮންނާނެއެވެ. އެހެންކަމުން އެފަދަ ދަޢުވާތަކުގައި، މިޘާލަކަށް ވެރިން ކަނޑައޅާފައިވާ ނިޒާމުގެ ތެރެއިން އެކަމުގެ ޝަކުވާ އެބައެއްގެ ގާތަށް އުފުލުން ޙައްޤުވެގެންވާ ބައެއްގެ ގާތަށް އުފުލުމެވެ. މިކަމާއި ވެރިންނާ ދެކޮޅަށް ނުކުތުމާއި އެއްވެސް ގުޅުމެއް ނެތެވެ.