ޗަންދާ ނަގައިގެން އުޟްޙިއްޔާ ކަތިލުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

chandha nagaigen udhuhiya kathilumuge hukum

ޗަންދާ ނަގައިގެން އުޟްޙިއްޔާ ކަތިލުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު ދެއްވީ – އުސްތާޛް أبو أنس محمد حسن (حفظه الله)

އުޟްޙިއްޔާއާ ބެހޭގޮތުން ކޮށްފައިވާ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ބަޔާން ކުރަމެވެ. އަޚާއެވެ! އުޟްޙިއްޔާ އަކީ ﷲއަށް ކުއްތަން ވުމަށް ކުރެވޭ އަޅުކަމެކެވެ. ވުމާއެކު، މި އަޅުކަން އަދާކުރަން ޖެހޭނީ ﷲ عزوجل އެ އިލާހުގެ ދީނުގައި ޝަރުޢުކޮށްފައިވާ ގޮތުގައިކަން ދަންނަން ޖެހެއެވެ. އެއްވެސް އަޅުކަމެއް ﷲ ޙަޟުރަތުގައި އޭގެ ސިފައިގައި، ބަޔާން ވެގެންވާ ގޮތުގައި ކުރުމުން މެނުވީ އެ އިލާހު ޤަބޫލުވެ ވޮޑިނުގަންނަވާނެއެވެ. ފަހެ، މި ގޮތުގެ މަތީގައި ދަންނައެވެ. އިތުރު ފައިދާ ބަޔާން ކުރުމުގެ ގޮތުން ޖަވާބުގައި ތަފްޞީލުތަކެއް ހިމަނާލަމެވެ.

ފުރަތަމައީ: އުޟްޙިއްޔާގެ ޙުކުމެވެ.

އުޟްޙިއްޔާގެ ޙުކުމާ މެދު އުއްމަތުގެ ޢިލްމުވެރިން 2 ޤައުލެއްގެ މައްޗަށް ޚިލާފު ވެގެންވެއެވެ.

ޤައުލު- 1: އެކަމަށް ތަނަވަސް ވެގެންވާ މީހާގެ މައްޗަށް އެއީ ވާޖިބުކަމެއްގެ ގޮތުގައި ވުމެވެ.

މި ޤައުލު ބަޔާން ކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި ربيعة، الأوزاعي، أبو حنيفة، الليث، الملكية ބައެއް އަހުލުވެރިން ހިމެނެއެވެ. އަދި الإمام أحمد ގެ ދެ ރިވާޔަތުންކުރެ އެއްރިވާޔަތެވެ. ހަމައެހެންމެ މި ޤައުލަކީ شيخ الإسلام ابن تيمية އިޚްތިޔާރު ކުރައްވާފައިވާ ޤައުލެވެ. އަންނަނި ފޮޅުވަތްތަކުގައި މިވަނީ، މި ޤައުލާ މެދު ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.

  • الإمام تقي الدين رحمه الله ވިދާޅުވެފައިވެއެވެ. “އުޟްޙިއްޔާ، ޢަޤީޤާ އަދި ހަދުޔު ކަތިލައި ޤުރުބާން ކުރުމަކީ އޭގެ އަގުން ޞަދަޤާތް ދިނުމަށްވުރެ ހެޔޮވެގެންވާ ކަމެކެވެ. އެގޮތުން ޔަތީމްކުއްޖާއަށް އޭނާގެ މުދަލުން ކަތިލުން ހުއްޓެވެ. އަނބިމީހާއަށް އޭނާގެ ފިރިމީހާގެ މުދަލުން އޭނާއަށާއި ގޭގެ އަހުލުވެރިންނަށް އުޟްޙިއްޔާ ކަތިލުމަށްޓަކައި ފައިސާނެގުން ހުއްދަ ވެގެންވެއެވެ. އެއީ އެކަމަށް ފިރިމީހާ ހުއްދަނުދިން ކަމުގައި ވީނަމަވެސްއެވެ. އަދި ދަރަނި ޙައްޤު ވެގެންވާ ފަރާތުން އެ ދަރަނި އަދާރުކުރުމަށް ނޭދޭނަމަ، ދަރަނިވެރިޔާ އުޟްޙިއްޔާ ކަތިލުން ހުއްޓެވެ”.
  • الإمام ابن تيمية رحمه الله ވިދާޅުވެފައިވެއެވެ. “ދަލީލުތަކުން ބޮޑަށް ފާޅުވެ (ބަޔާން ވެގެންވަނީ) އުޟްޙިއްޔާގެ (ޙުކުމަކީ) ވާޖިބެއް ކަމެވެ. ފަހެ އެއީ އިސްލާމްދީނުގައިވާ އެންމެ ބޮޑެތި ޝިޢާރުތަކުގެ ތެރެއިންވާ ޝިޢާރެކެވެ. އެއީ ދުނިޔެމަތީގައިވާ އެންމެހައި މީސްތަކުންނަށް ބަޔާން ވެގެންވާ ޤުރުބާނެކެވެ. ﴿ قُلْ إِنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّهِ رَبِّ الْعَالَمِينَ. لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَاْ أَوَّلُ الْمُسْلِمِينَ﴾ “ނަބިއްޔާ ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަން ނަބިއްޔާގެ ނަމާދާއި، ތިމަން ނަބިއްޔާގެ ޤުރުބާން ކުރުން އަދި ތިމަން ނަބިއްޔާގެ ދިރިހުންނެވުމާއި އަވަހާރަވުން ވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެ އިލާހުއަށް އެއްވެސް ޝަރީކަކުނުވެ އެވެ. އަދި ތިމަން ނަބިއްޔާއަށް އަމުރުފުޅު ކުރެވިފައިވަނީ އެގޮތަށެވެ. އަދި ތިމަންނަބިއްޔާއަކީ މި އުއްމަތުގެ މުސްލިމުން ކުރެ އެންމެ ފުރަތަމަ މީހާއެވެ”. ﴿فصَلِّ لِرَبِّكَ وَانْحَرْ﴾ “އަދި އިބަ ނަބިއްޔާގެ ވެރި އިލާހަށް ނަމާދު ޤާއިމްކުރާށެވެ. އަދި އުޟްޙިއްޔާ ޤުރުބާން ކުރައްވާށެވެ” (سجود التلاوة : 4/29) . ނަމާދު ކުރުމަށް އަމުރުފުޅު ކުރެއްވި ފަދައިން ޤުރުބާން ކުރެއްވުމަށް الله سبحان و تعالىٰ އަމުރުފުޅު ކުރެއްވިއެވެ.
  • الإمام العثيمين رحمه الله ވިދާޅުވެފައިވެއެވެ. “(އުޟްޙިއްޔާ) ކަތިލުން ވާޖިބު ވެގެންވާކަމަށް ބުނެފައިވާ ޤައުލަކީ، ވާޖިބުވެގެންވާ ކަމެއް ނޫންގޮތުގައި ބުނެފައިވާ ޤައުލަށްވުރެ ދަލީލުތަކުން ފާޅު ވެގެންވާ ގޮތެވެ” (الشرح الممتع : 7/421).

ޤައުލު -2: އުޟްޙިއްޔާއަކީ ސުންނަތެވެ. ވާޖިބު ވެގެންވާ ކަމެއް ނޫނެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. މި ޤައުލު ބަޔާންކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި مالك، الشافعي، أحمد، إسحاق، أبي ثور، المزني، ابن المنذر، داود، ابن حزم އަދި މި ނޫނަސް ޖުމްހޫރު، ފިޤުހު އަހުލުވެރިންގެ ޤައުލަކީ މިއެވެ.

  • الإمام ابن باز رحمه الله ވިދާޅުވެފައިވެއެވެ. އުޟްޙިއްޔާ އަކީ ކިފާޔަތުގެ ސުންނަތެކެވެ. އަދި ބައެއް ޢިލްމުވެރިން އެއީ ފަރުޟު ޢައިނެއް ކަމުގައި ވިދާޅުވެފައިވެއެވެ” (فتاوى اللجنة الدائمة : 11/394).

ދެވަނައީ: އުޟްޙިއްޔާގެ ގޮތުގައި ކަތިލެވޭ ތަކެއްޗެވެ.

އުޟްޙިއްޔާގެ ގޮތުގައި ކަތިލެވޭނީ ނަޢަމްސޫފި އެކަންޏެވެ. އެއީ ޖަމަލު، ގެރި، ޟައަން ބަކަރި އަދި މަޢިޒް ބަކަރިއެވެ. އެއީ ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގައިވާ ފަދައިންނެވެ.

﴿ لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ﴾ “ނަޢަމް ސޫފީގެ ތެރެއިން އެކަލާނގެ އެބައިމީހުންނަށް ދެއްވި ތަކެތީގެ މައްޗަށް (އެތަކެތި ކަތިލެވޭ ހިނދުގައި) ﷲ ގެ އިސްމުފުޅު ނަންގަތުމަށް ޓަކައިއެވެ”.

ނަޢަމްސޫފި ނޫން އެއްވެސް އެއްޗެއް އުޟްޙިއްޔާއަށް ކަތިނުލެވޭނެކަމުގެ މައްޗަށް އުއްމަތް އިޖްމާޢުވެގެންވާކަން ޢިލްމުވެރިންގެ ޖަމާޢަތެއްގެ އަހުލުވެރިން ބަޔާން ކުރައްވާފައިވެއެވެ.

الحافظ النووي (المجموع) (398-8) ގައި އިޖްމާޢު ބަޔާން ކޮށްފައިވެއެވެ. އަދި الإمام ابن عبد البر (التمهيد) (188-23) ގައި އިޖްމާޢު ބަޔާން ކޮށްފައިވެއެވެ.

ވުމާއެކު، ﷲގެ ހަޟުރަތުން މި ޘަވާބާއި ދަރުމައަށްއެދި، މި ޝިޢާރު ޤާއިމްކުރާ މީހާއަށް އުޟްޙިއްޔާގެ ގޮތުގައި މި ނޫން އެއްޗެއް ކަތިލުން ހުއްދައެއް ނުވާނެއެވެ. އަޅުކަން އަދާކުރުމަށް ބަޔާން ކުރައްވާފައިވާ ސިފަތަކުގައި އެ އަޅުކަންތައް އަދާނުކުރާ ހިނދެއްގައި އެ އަޅުކަން ޤަބޫލުވެ ވޮޑިނުގަންނަވާނެއެވެ.

ތިންވަނައީ: އުޟްޙިއްޔާގެ ގޮތުގައި ކަތިލާ ތަކެތީގެ ޢުމުރެވެ.

އުޟްޙިއްޔާ، ހަދުޔު، ފިދިޔަ އަދި ޢަޤީޤާގެ ގޮތުގައި ނަޢަމްސޫފި (ޖަމަލު، ގެރި، ޟައަން ބަކަރި އަދި މަޢިޒް ބަކަރި) ކަތިލުން ޝަރުޢުގައި ހުއްދަ ވެގެންވާއިރު، މި ތަކެތީގައި ވަކި ސިފަތަކެއް ހުންނަން ޖެހެއެވެ. މިފަދަ ސިފަތަކުގެ ތެރޭގައި ނަޢަމްސޫފީގެ ޢުމުރު ހިމެނެއެވެ. އެއީ:

  • ޖަމަލު އޭގެ ޢުމުރުން ފަސްއަހަރުވެ ހަވަނަ އަހަރަށް ވަދެފައިވުން.
  • ގެރި އޭގެ ޢުމުރުން ދެ އަހަރުފުރި ތިންވަނަ އަހަރަށް ވަދެފައިވުން.
  • ބަކަރި އޭގެ ޢުމުރުން އެއް އަހަރު ފުރި ދެވަނަ އަހަރަށް ވަދެފައިވުން.

الإمام ابن باز رحمه الله ވިދާޅުވެފައިވެއެވެ. “މިއަށްވުރެ ޢުމުރުގެ ގޮތުން ހަގު އެއްވެސް އެއްޗެއް ނަޢަމް ސޫފީގެ ގޮތުގައި ހަދުޔެއް، އުޟްޙިއްޔާ އަދި ޢަޤީޤާގެ ގޮތުގައި ކަތިނުލެވޭނެއެވެ” (فتاوى اللجنة الدائمة 378-11).

ހަތަރުވަނައީ: އެއް އުޟްޙިއްޔާއެއްގައި ބައިވެރިވެވޭ މީހުންގެ ޢަދަދެވެ.

އުޟްޙިއްޔާގެ ގޮތުގައި ގެރި އަދި ޖަމަލު ޤުރުބާން ކުރުމުގައި ހަތް މީހުންނަށް ބައިވެރި ވެވިދާނެއެވެ. އެހެނަސް ކަންބަޅި އަދި ބަކަރީގައި އެކަކަށްވުރެ ގިނަ ފަރުދުންނަށް ބައިވެރި ނުވެވޭނެއެވެ. މިފަދައިން ޞަޙާބީންގެ އަރިހުން ބަޔާން ވެގެންވެއެވެ.

  • އިމާމް مسلم ޞަޙާބީ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައި ވެއެވެ. “ޙުދައިބިއްޔާގެ ދުވަހުގައި އަހަރެމެން ﷲގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިއަހުގައި ތިއްބަވައިގެން ހަދްޔު ޤުރުބާން ކުރެއްވީމެވެ. ޖަމަލެއް އަދި ގެރިއެއް ހަތް މީހުންގެ މައްޗަށެވެ”.
  • އިމާމް أبو داود ޞަޙާބީ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެއެވެ. “ގެރި ހަތް މީހުންގެ މައްޗަށެވެ. އަދި ޖަމަލު ހަތް މީހުންގެ މައްޗަށެވެ.”
  • މި މައްސަލައިގެ މައްޗަށް النووي ވިދާޅުވެފައިވެއެވެ. “މި ޙަދީޘްތަކުން ދަލީލު ކުރެވެނީ، ހަދްޔުގައި (ގެރި އަދި ޖަމަލުގައި) އެކަކަށްވުރެ ގިނަ މީހުންނަށް ބައިވެރިވުން ހުއްދަ ވެގެންވާ ކަމެވެ. އަދި ކަންބަޅީގައި (އެކަކަށްވުރެ ގިނަ މީހުން ބައިވެރިވުން) ހުއްދަ ވެގެންނުވާ ކަމުގައި ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގަންނަވައެވެ. ފަހެ، މި ޙަދީޘްތަކުން ބަޔާން ވެގެންވަނީ، ޖަމަލެއް ހަތް މީހުންގެ މައްޗަށް ފުދޭނެ ކަމެވެ. އަދި ގެރި ވެސް އެފަދައެވެ. އަދި (ޖަމަލާއި، ގެރި) ހަތް ކަންބަޅީގެ މަޤާމުގައިވާ ކަމެވެ….”.
  • ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓިގެ 11/401 ގެ ފަތުވާގައިވެއެވެ. “ގެރި އަދި ޖަމަލު ހަތް މީހުންނަށް ފުދިގެންވެއެވެ. އެއީ އެއް ގެއެއްގައި ދިރިއުޅޭ އަހުލުވެރިންގެ (އެއް ގޭގައި ދިރިއުޅޭ 7 ޢާއިލާ) ބައިވެރިވި ކަމުގައި ވީނަމަވެސް ނުވަތަ އެކިއެކި ތަންތަނުގައި އުޅޭ ހަތް (ޢާއިލާ) ބައިވެރި ކަމުގައި ވީނަމަވެސް މެއެވެ. އަދި އެއީ އެފަދައިން ބައިވެރިވާ މީހުންގެ މެދުގައި ޢާޢިލީ ގުޅުން އޮތް ކަމުގައި ވީނަމަވެސް ނުވަތަ އެފަދަ ގުޅުމެއްނެތް ކަމުގައި ވީނަމަވެސް (ހުއްދަ ވެގެންވެއެވެ.). ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ވަނީ ޞަޙާބީންނަށް ޖަމަލުގައި އަދި ގެރީގައި ހަތް މީހުންނަށް ބައިވެރިވުމަށް ހުއްދަ ދެއްވާފަ އެވެ…”.

ފަސްވަނައީ: މިއީ ޝަރުޢުގައި މި ޙުކުމް ބަޔާން ވެގެންވާ ގޮތެވެ.

މި އަޅުކަމަކީ އެކަމަށް ކެރިފޯރުންތެރިކަން ލިބިގެންވާ، އެކަމަށް ކުޅަދާނަ ވެގެންވާ އަހުލުވެރިންނަށް ﷲ އަމުރުފުޅާއި އެއްގޮތަށް ޝަރުޢުގައި ކަނޑައެޅިގެންވާ އަމުރުފުޅެވެ. މިއީ ހަމައެކަނި މުޖައްދަރު ލޭ އޮހޮރުވައިލުމެއް ނޫނެވެ.

ވީމާ، ތިމާގެ ނަފްސުގައި އުޟްޙިއްޔާއެއް ޤުރުބާން ކުރުމުގެ ޤާބިލްކަން ނެތުމުން، ޓީމް ހަދައި، އެންމެންގެ މައްޗަށް އޭގެ އަގު ބަހާލައި، އެއް ކަންބަޅިގައި ނުވަތަ ބަކަރީގައި 10 މީހުން ނުވަތަ 20 މީހުން ބައިވެރި އެ ޙާލުގައި އެ ކަތިލެވުނީ އުޟްޙިއްޔާއެއް ނޫނެވެ. އެވާނީ ބަކަރި އެއް ކަތިލި ކަމުގައިއެވެ.

މިއަދު މިކަމަކީ އެމީހަކު ފެނުނު ގޮތަކަށް، އެމީހަކު ހިތުހުރި ގޮތަކަށް ކުރާ ކަމަކަށް ބަޔަކުވަނީ ހަދާފައިއެވެ.

މި ޒަމާނުގައި ފާޅުވި އެންމެ ބޮޑު ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة ابن العثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ.

ސުވާލު: ފިރިމީހާ އާއި އޭނާގެ އަނބިމީހާއަށް އުޟްޙިއްޔާގައި ބައިވެރިވެވިދާނެ ހެއްޔެވެ؟ އެކަކު ދެބައިކުޅަ އެއްބައި ފައިސާ އަދި އަނެކަކު އަނެއްބައިގެ ފައިސާ ދައްކައެވެ.

ޖަވާބު: އެނާ އަދި އޭނާގެ އަނބިމީހާ އުޟްޙިއްޔާގެ ގޮތުގައި ކަތިލެވޭ (ކަންބަޅި، ބަކަރީގެ) އަގުގައި ބައިވެރިވެއްޖެހިނދު ޞައްޙައެއް ނުވާނެއެވެ. ސަބަބަކީ، އެހިނދު އެކަކަށްވުރެ ގިނަ ފަރާތްތައްވަނީ ބަކަރީގެ މިލްކުވެރި ކަމުގައި ބައިވެރިވެފައިއެވެ. ފަހެ، އެކަކަށްވުރެ ގިނަ މީހުންނަށް ބައިވެރިވެވޭނީ ޖަމަލު އަދި ގެރީގައެވެ. އެގޮތުން ޖަމަލު އަދި ގެރީގައި ހަތް މީހުންނަށް ބައިވެރިވެވޭނެ އެވެ”. ފަތުވާ ނަގާފައިވަނީ: مجموع الفتاوى (25-46).

ގިނަ ބަޔަކު ބައިވެރިވެގެން، ޗަންދާ ނަގައިގެން، އެންމެން އުޟްޙިއްޔާ ޤުރުބާން ކުރުމުގައި، އޭގައި ބައިވެރިވުން ނަމުގައި ބަޔަކު ކުރަމުންގެންދާ ޢަމަލުތަކާ މެދު، މިހާރު މަދީނާގައި ދިރިއުޅުއްވާ ޑރ. الشيخ عَرَفَات المُحمدِي -حفظه الله- އަރިހުގައި ސުވާލު ދެންނެވީމެވެ.

ސުވާލު: އަހަރެމެންގެ ޝެއިޚްއެވެ! ﷲ ތަޢާލާ ޝެއިޚް ރައްކާތެރި ކުރައްވާށިއެވެ. އަހަރެމެންގެ ތެރޭގައި އުޅޭ ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އުޟްޙިއްޔާއަކީ މުޖައްރަދު ލޭ އޮހޮރުވައިލުމެއް ކަމުގައެވެ. އެގޮތުން 10 މީހުން (ރަޙްމަތްތެރިން ނުވަތަ ކުންފުންޏެއްގައި އުޅޭ މުޥައްޒަފުން) އެމީހުންގެ މެދުގައި އުޟްޙިއްޔާގެ އަގު ބަހާލައެވެ. ކޮންމެ މީހަކު ވެސް އޭގޭ އަގު ބަހާލުމުން އޭނާ ދައްކަންޖެހޭވަރު ދައްކައި އޭގައި ބައިވެރިވެއެވެ. އެ ކަތިލުމަށްޓަކައި މި އެންމެން ޗަންދާ ނަގައި އެކަމުގައި ބައިވެރިވެއެވެ. މި ޢަމަލުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ﷲ ޝެއިޚްއަށް ބަރަކާތް ލައްވާށިއެވެ.

ޖަވާބު : “އެމީހުންނަށް (ތިޔަ ޢަމަލުން) އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ތިޔައީ އުޟްޙިއްޔާ ޤުރުބާން ކުރުން ކަމުގައި ނުވާނެއެވެ”.