އަންހެނަކު ޖުނުބެރި ޙާލަތުގައި ހުއްޓައި ޙައިޟުވެއްޖެހިނދު، އެ އަންހެން މީހާ ޢަމަލު ކުރުން އެންމެ އަޥްލާވެގެންވާ ގޮތަކީ ކޮބައި ހެއްޔެވެ؟ ޖުނުބު ހިނެއުން ހިނައި ގަންނާނީ ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
ޖުނުބުވެރި ޙާލަތުގައި ހުއްޓާ އަންހެނަކު ޙައިޟު ވުމުން ޖުނުބުވެރި ޙާލަތުން އަންހެން މީހާ ހިނައިގަތުން އަވަސް ކުރުންހުއްޓެވެ. އެއީ އަންނަނިވި ސަބަބުތަކަށްޓަކަ އެވެ.
ފުރަތަމައީ: އެކުއެކީގައި ޙަދަޘަ އެރި ނުގަތްކަމުގައި ވީނަމަވެސް، ޙަދަޘަ ލުއިކޮށްލައްވާކަން ނަބިއްޔާ ގެ އަރިހުން ޘާބިތުވެއެވެ. އެފަދަ ޙަދީޘްތަކުގެ ތެރޭގައި، ސުނަނުގައި އަދި އެހެނިހެން ފޮތްތަކުގައި ވާރިދު ވެގެންވާ ޙަދީޘެއްގައިވެއެވެ. سألتُ عائِشةَ: كيف كان نَومُ رَسولِ اللهِ صلَّى اللهُ عليه وسلَّمَ في الجَنابةِ؟ أيَغتَسِلُ قَبلَ أنْ يَنامَ؟ فقالت: كُلُّ ذلك قد كان يَفعَلُ، رُبَّما اغتَسَلَ، فنامَ، ورُبَّما توضَّأَ، فنامَ …. މާތް ނަބިއްޔާގެ އަނބިކަނބަލުން عائِشةَ އަރިހުގައި، ޖުނުބުވެރި ޙާލުކޮޅުގައި ނަބިއްޔާ صلَّى اللهُ عليه وسلَّمَ އަވަހާރަފުޅު ލެއްޕެވުމާއި (ގުޅޭގޮތުން) ސުވާލު ކުރެވުނެވެ. “އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ހިނައިވަޑައިގަންނަވާ ހެއްޔެވެ؟”
عائِشةَ -رضي الله عنها- ޖަވާބުގައި ވިދާޅުވިއެވެ. “ނަބިއްޔާ އެންމެހައި ގޮތްތަކަށް ޢަމަލުފުޅު ކުރައްވައެވެ. ބައެއް ފަހަރު، ހިނައި ވަޑައިގަންނަވާ އަވަހާރަފުޅު ލައްޕަވައެވެ. އަދި ބައެއް ފަހަރު، ވުޟޫ ކުރެއްވުމަށް ފަހުގައި (ޖުނުބުވެރި ހިނެހުން ހިނައި ވަޑައިގަތުމެއް ނެތި) އަވަހާރަފުޅު ލައްޕަވައެވެ”. މި ހަދީޘް صحيح الترمذي 2924 ގައި ބަޔާން ވެގެންވެއެވެ.
ފަހެ، ޙަދީޘްއިން ދަލީލު ކުރެވެނީ ޖުނުބުގެ ޙާލަތަކީ ޙަދަޘަވެރި ކަމުގައި ބޮޑުވެގެންވާ ޙާލަތެއް ކަމުގައިވުމުން ނަފްސަށް އެކަން ލުއި ކުރެއްވުމެވެ.
ދެވަނައީ: ޖުނުބުވެރިކަމުގެ ޙަދަޘަ އަކީ ކަންތައްތަކެއް އޭގެ އަހުލުވެރިޔާއަށް މަނާ ކުރާ ކަމެކެވެ. އޭގެ ތެރޭގައި ޤުރުއާން ކިޔެވުން ހިމެނެއެވެ. ފަހެ، ޖުނުބު ވެރިޔާއަށް ޤުރުއާން ކިޔެވުން ހުއްދައެއް ނުވާނެއެވެ. އެހެނަސް ޙައިޟުގައިވާ އަންހެނާ ޙަދަޘަވެރިކަމުގައި ވީނަމަވެސް މުޞްޙަފްގައި އަތްލުމެއްނެތި، ޤުރުއާން ކިޔެވުމާއި އެހެނިހެން ޛިކުރުތައް ކުރުން ހުއްދަ ވެގެންވެއެވެ. ފަހެ، އެހެންވުމުން ބަޔާން ވެގެންވަނީ ޙަދަޘަވެރިކަން ލުއިވެގެންވާ ކަމެވެ. ވީމާ، މި ދެ ޙަދަޘައިގައި ފަރަޤެއް ނުވަތަ ތަފާތެއްވާކަން ބަޔާންވެއެވެ.
ތިންވަނައީ: ޖުނުބުވެފައިވާ އަންހެނަކު، އެ ޙާލުގައިވަނިކޮށް ޙައިޟުވީއެވެ. ފަހެ، އެހެންވުމުން ޙައިޟުގެ ޙާލުގައި ހުއްޓަސް ހިނައިގަތުން ވެއެވެ. ސަބަބަކީ އެހިނދު ޖުނުބުވެރި ޙާލުގައި ހުންނަހިނދު މަނާވެގެންވާ ކަންތައްތައް އަންހެން މީހާއަށް ހުއްދަވާނެ ތީއެވެ. އަދި ޙަދަޘަ ލުއި ކުރެވިގެން ދިއުމަށް ޓަކައިއެވެ. އެއީ ފުރަތަމަ ނުކުތާގައި ބަޔާން ކޮށްފައިވާ ފަދައިން ނަބިއްޔާ އެފަދައިން ޢަމަލުފުޅު ކުރައްވާފައި ވާކަން ޘާބިތު ވާތީއެވެ.
ހަތަރުވަނައީ: ޖުނުބުވެރި ޙާލަތުން ހިނައިގަންނަ ސިފައިގައި ޙަދަޘައެރި ގަތުމެވެ. (ހިނައިގަންނާނެ ސިފަ ތިރީގައި ބަޔާން ކުރަމެވެ.) ހިނައިގަތުމުގެ ދެ ސިފައެއް ވެއެވެ. ހުއްދަ ވެގެންވާގޮތަކާއި އަދި އެންމެ ފުރިހަމަ ސުންނަތުގައި ބަޔާންވެގެންވާ ދަރުމަ އާއި ޘަވާބު ލިބެނިވި ގޮތެވެ.
ހުއްދަވެގެންވާ ހިނައިގަތުމަކީ؛ ބޮޑު ހަދަޘަ އެރިގަތުމުގެ ނިޔަތާއެކު މުޅި ހަށިގަނޑުގައި ފެންޖައްސާލުމެވެ. ފަހެ، އެހިނދު އެވަނީ ހިނައިގަނެވިފައިއެވެ.
ދެވަނަ ގޮތަކީ މާތް ނަބިއްޔާ ﷺ ގެ ސުންނަތުން ޘާބިތު ވެގެންވާ ސިފައިގައި އެ ތަފްސީލުގެ މައްޗަށް ހިނައިގަތުމެވެ. އޭގެ ސިފަތައް ތިރީގައި ބަޔާން ކުރަމެވެ. އެއީ:
- ނިޔަތް ގަތުން (ބޮޑު ޙަދަޘަވެރިކަމުން) ޠާހިރުވުމުގެ ނިޔަތް އޮތުމެވެ.
- ނަޖިސް ނުކުންނަ ދެ ދޮރު ދޮވެ ސާފު ކުރުމެވެ.
- ނަމާދަށް ވުޟޫ ކުރާ ފަދައިން ފުރިހަމަ ވުޟޫއެއް ކުރުމެވެ.
- ބޮލަށްވާ ގޮތަށް ތިން ފަހަރަށް ފެން އޮއްސާލުމެވެ.
- ހަށިގަނޑުގެ ކަނައަތްފަރާތަށް 3 ފަހަރަށް ފެން އޮއްސާލުމެވެ.
- ހަށިގަނޑުގެ ވައަތްފަރާތަށް ފެން އޮއްސާލުމެވެ. މި ބަޔާން ކުރެވުނު ސިފަތަކަކީ الامام مسلم ޞަޙީޙުގައި 1190 ގައި ބަޔާންކޮށްފައިވާ ސިފަތަކެވެ.
(ހަށިގަނަޑަށް ފެން އޮއްސާ ލުމުގައި ކަނައަތްފަރާތް އިސްކޮށްފައިވާ ސަބަބަކީ ނަބިއްޔާ ﷺ ޢާންމުކޮށް ޠަހާރަތުގައި ކަނައަތްފަރާތް އިސްކުރައްވާތީއެވެ.)
ދަންނައެވެ! މި ހިނައިގަތުމުގައި ކުރި ވުޟޫ އަކީ، އެ ވުޟޫ ގެއްލޭ ކަމެއް ދިމާނުވާނަމަ، އެ ވުޟޫއިން އެމީހަކަށް އެހެނިހެން އަޅުކަން ކުރުން ހުއްދަވެގެންވާ ވުޟޫ އެކެވެ. ނަމާދު ކުރުމާއި މުޞްޙަފް އުފުލައި ޤުރުއާން ކިޔެވުމާއި އެންމެހައި ޢަމަލުތަކެއް ކުރުމަށް މި ވުޟޫ ފުދޭނެއެވެ. މި މައުޟޫގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް ޛިކުރު ކުރަމެވެ.
- އިމާމް ابن قدامة رحمه الله ވިދާޅުވެފައިވެއެވެ. “ޙައިޟުގެ މުއްދަތުގައި އަންހެނަކު ޖުނުބު ހިނެއުން ހިނައިގަނެފިހިނދު، އަންހެން މީހާގެ (ޖުނުބު ހިނައިގަތުން) ޞައްޙަ ވާނެއެވެ. އަދި ޖުނުބުގެ ޙުކުމް އަންހެން މީހާގެ ކިބައިން އުފުލިގެން ދާނެތެވެ” (المغني ،1/134)
- ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن بَاز- رحمه الله- ވިދާޅުވެފައިވެއެވެ. “އަންހެން މީހާ ބޭނުން ކަމުގައިވާނަމަ، ޖުނުބުވެރި ހިނައިގަތުން އަވަސް ކުރެވިދާނެއެވެ. މިއީ އެންމެ ހެޔޮ އަދި އަޥްލާވެގެންވާ ގޮތެވެ. އަދި ޙައިޟުގެ މަތީގައި (އެއަށްފަހު) ދެމި ހުންނާނީއެވެ. އެއީ ޙަދަޘަވެރިކަން ލުއިކޮށްލުމަށް ޓަކައިއެވެ. އަދި ޙައިޟުގެ ލޭ ހުއްޓުމުން ޙައިޟުން ހިނައި ގަންނާނީއެވެ. މިއީ އަޥްލާ ވެގެންވާ ގޮތެވެ”.
ފަސްވަނަ ނުކުތާއީ: ޖުނުބުވެރިކަމާއި ޙައިޟުން ހިނަގަތުން ލަސްކޮށްލީއެވެ. (މިއީ އެންމެ ހެޔޮވެގެންވާ ގޮތާއި، އަޥްލާގޮތާއި ޚިލާފްވެގެންވާ ގޮތެވެ.) އެހިނދު ދެ ޙަދަޘަ އެރިގަތުމަށް އެއް ނިޔަތް ގެނައި ކަމުގައި ވީނަމަވެސް، ދެ ޙަދަޘަ އެރިގަނެވޭނެއެވެ. ދެ ކަމަށް ނިޔަތްގަތް ކަމުގައި ވީނަމަވެސް ނުވަތަ ދެ ކަމުންކުރެ އެއް ކަމަށް ނިޔަތްގަނެ ހިނައިގަތް ކަމުގައި ވީނަމަވެސް އަންހެން މީހާ އެވަނީ ދެ ޙަދަޘަ އެރިގަނެފައިއެވެ. އެ ހިނައިގަތުން ޞައްޙަ ވާނެއެވެ.