ޢަރަފާތް ދުވަހު ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައި ވޮޑިގެން، އުޑުގެ އަހުލުވެރިންގެ ގާތުގައި ބިމުގެ އަހުލުވެރިންނާއި މެދު ފަޚުރުވެރިވެ ވޮޑިގަންނަވާނެ ކަމުގައި އެއްވެސް ދަލީލެއް ވޭތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
“ޢަރަފާތް ދުވަހު، ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގެން އުޑުގެ އަހުލުވެރިންގެ ގާތުގައި ބިމުގެ އަހުލުވެރިންނާމެދު ފަޚުރުވެ ވޮޑިގެންވުން”، މިއީ ޞައްޙަ ބަސްތަކެއްތޯ؟ މި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބުނަމެވެ.
1. ޢަރަފާތް ދުވަހުގައި ﷲ ތަޢާލާ އަޅުތަކުންނާއި ކުއްތަންވެ ވޮޑިގަންނަވާކަމާއި އަދި މަލާއިކަތް ބޭކަލުންގެ އަރިހުގައި ޢަރަފާތުގައިވާ އަހުލުވެރިންނާމެދު ފަޚުރުވެ ވޮޑިގަންނަވާ ކަމަކީ، މި ކަމާމެދު އެއްވެސް ދެބަސްވުމެއް ނެތި، ޘާބިތުވެގެންވާ ކަމެކެވެ. عَائِشَة -رضي الله عنها- ގެ އަރިއަހުން مُسْلِم ރިވާ ކޮށްފައިވެއެވެ. النَّبِيُّ ﷺ حَدِيثُ ކުރެއްވިއެވެ.
(مَا مِنْ يَوْم أَكْثَر مِنْ أَنْ يَعْتِق الله فِيْهِ عَبْداً مِنَ النَّارِ مِنْ يَوْم عَرَفَة، وَإِنَّهُ لَيَدْنُوْ ثُمَّ يُبَاهِيْ بِهِمْ المَلاَئِكَة، فَيَقُوْل: مَا أَرَادَ هَؤُلاَءِ؟)
” عَرَفة ދުވަހަށް ވުރެ ގިނައިން އެ ދުވަހެއްގައި ﷲ އެ އިލާހުގެ އަޅުތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަހެއް ނުވެއެވެ. ހަމަކަށަވަރުން އެ އިލާހު މީސްތަކުންނާ އެ ދުވަހުގައި ކުއްތަންވެ ވޮޑިގެންނަވާނެއެވެ. އެއަށް ފަހު އެ އިލާހު މަލާއިކަތުންގެ މައްޗަށް ފަޚުރުވެ ވޮޑިގެންނަވާ وَحِي ކުރައްވާނެއެވެ. “އެބައިމީހުން ބޭނުންވަނީ ކޮން ކަމެއްތޯ އެވެ؟” މި ޙަދީޘްގައި ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނާ ކުށްތަންވެ ވޮޑިގަންނަވާކަން ބަޔާން ވެގެންވެއެވެ. އަދި އެ އިލާހު، މަލާއިކަތުންގެ މައްޗަށް ފަޚުރުވެ ވޮޑިގެންވާ ޙާލުގައި ބަސްވަޙީ ކުރައްވާނެއެވެ. (ބައެއް ރިވާޔަތްތަކުގައިވެ އެވެ.)
“ތިމަން އިލާހުގެ އަޅުތަކުން، ވަރުބަލި ކަމާއެކު، ހަށިގަނޑުގައި (ބޮލުގައި) ހިރަފުސްވެގެންވާ ޙާލުގައި ތިމަން އިލާހުގެ ޙަޟުރަތަށް އައިސްތިބެ، އެދެނީ ކޮން ކަމަކަށްތޯއެވެ؟”.
ބުނަމެވެ. މި ޙަދީޘުން ކަށަވަރުވެގެންވާ ގޮތުގައި ދެ ކަމެއް ޘާބިތު ވެގެންވުމެވެ. އެއީ ﷲ ތަޢާލާ އަޅުތަކުންނާއި، لَيَدْنُوْ ނުވަތަ دنو އަޅުތަކުންނާއި ކުށްތަންވެ ވޮޑިގެންނެވުން އަދި يُبَاهِيْ ޢަރަފާތުގައިވާ އަހުލުވެރިންގެ މައްޗަށް ﷲ ފަޚުރުވެރިވެ ވޮޑިގަންނަވާ ކަމެވެ. މި ޙަދީޘްގެ ޞިޔާޣުން މި ދެކަމަކީ ޢަރަފާތުގައިވާ އަހުލުވެރިންނަށް ޚާއްޞަ ވެގެންވާ ކަމެއް ކަމުގައި العلامة نَاصِر البراك -رحمه الله- ވިދާޅުވެފައިވެއެވެ. މިއީ ޢަރަފާތް ދުވަހުގައި ޢަރާފާތުގައިވާ އަހުލުވެރިންނަށް ޚާއްޞަވެގެންވާ ދެކަމެކެވެ.
2- އެ ދުވަހުގައި ﷲ ތަޢާލާ އެންމެ ތިރީ އުޑަށް ފައިބައި ވޮޑިގެންނެވުމާ މެދު ޢިލްމުވެރިންވަނީ ޚިލާފުވެ ވަޑައިގެންފައިއެވެ. އެ ދުވަހު، ﷲ ތަޢާލާ ފައިބައި ވަޑައިގަންނަވާނެ ކަމުގައި 2 ޞަޙާބީއެއްގެ ފަރާތުން ރިވާވެގެންވެއެވެ.
އެއް ރިވާޔަތަކީ ޞަހާބީ جَابِر -رضي الله عنه- ގެ ރިވާޔަތެވެ. އެ ރިވާޔަތުގައިވެއެވެ. إذا كان يومُ عرَفَةَ ، إنَّ اللهَ يَنزِلُ إلى السماءِ الدنيا فيُباهِي بِهِمُ الملائكةُ فيَقولُ : انظُرُوا إلى عِبادِي أتَوْنِي شُعْثًا غُبْرًا ضاحِينَ من كلِّ فجٍّ عميقٍ ، أُشهِدُكُمْ أنِّي قدْ غفَرْتُ لهمْ ، فتَقولُ الملائكةُ : يا ربِّ فُلانٌ كان يَرْهَقُ ، و فلانٌ و فُلانةٌ ، قال : يَقولُ اللهُ عزَّ و جلَّ : قدْ غفرْتُ لهمْ . قال رسولُ اللهِ صلَّى اللهِ عليه وسلَّمَ : فمَا من يومٍ أكثَرَ عَتيقٍ من النارِ من يومِ عرَفَةَ
“ޢަރަފާތް ދުވަހުގައި، ހަމަކަށަވަރުން ﷲ ތަޢާލާ އެންމެ ތިރީ އުޑަށް (ދުނިޔޭގެ އުޑަށް) ފައިބައި ވޮޑިގަންނަވަތެވެ. އަދި ބިމުގެ އަހުލުވެރިންނާ މެދު ފަޚުރުވެރިވެ ވޮޑިގަންނަވައި މަލާއިކަތުންގެ މައްޗަށް ބަސްވަޙީ ކުރައްވައެވެ. “ތިމަން އިލާހުގެ އަޅުތަކުންނަށް ބެލުން ހުއްޓެވެ! ބޮލުގެ އިސްތަށިތައް (ހޭވިގެންވާ، އެބަހީ؛ ވަރުބަލިވެ، ނިކަމެތިވެގެންވާ) ޙާލުގައި ހަށިގަނޑު ހިރަފުސް ވެގެންވާ ގޮތުގައި (އެކިއެކި ބިންތަކުން) އެބައިމީހުން އައިސް ދަންނަވަތެވެ….”.
ފަހެ، މި ޙަދީޘްގައިވާ ލަފްޟު “ތިރީ އުޑަށް ﷲ ފައިބައިވޮޑިގެންނެވުން” ޞައްހަ ނޫން ކަމަށް ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް، ޙަދީޘް ޢިލްމުވެރިޔާ އަލް-އިމާމް الألبانِي -رحمه الله- ވިދާޅުވިއެވެ.
ވީމާ، މި ޙަދީޘްއިން ޘާބިތުވަނީ، ﷲ ތަޢާލާ އަޅުތަކުންނާއި ކުށްތަންވެ ވޮޑިގަންނަވާ ކަމާއި އަދި ޢަރަފާތުގައިވާ އަހުލުވެރިންނާ މެދު އެއިލާހު ފަޚުރުވެރިވެ ވޮޑިގަންނަވާ ކަމުގައިއެވެ.
މި މައްސަލައިގައި ދެންއޮތީ أُم سَلَمَة -رضي الله عنها- ގެ ރިވާޔަތެވެ. އެ ރިވާޔަތުގައިވެއެވެ. أُمِّ سَلَمَةَ، قَالَتْ : ” نِعْمَ الْيَوْمُ يَوْمُ يَنْزِلُ اللَّهُ فِيهِ إِلَى السَّمَاءِ الدُّنْيَا، قَالُوا: يَا أُمَّ الْمُؤْمِنِينَ، وَأَيُّ يَوْمٍ هُوَ؟ قَالَتْ: يَوْمُ عَرَفَةَ ” އެކަމަނާ ވިދާޅުވިއެވެ. “ދުނިޔޭގެ އުޑަށް ﷲ ތަޢާލާ ފައިބައިވޮޑިގަންނަވާ ދުވަސް، އެ ދުވަހަކީ ކޮންފަދަ ހެޔޮކަން ބޮޑުވެގެންވާ ދުވަހެއް ހެއްޔެވެ. އެހިނދު ދެންނެވުނެވެ. أُمَّ الْمُؤْمِنِينَ، އެވެ. އެއީ ކޮން ދުވަހެއް ހެއްޔެވެ؟ ވިދާޅުވިއެވެ. “ޢަރަފާތް ދުވަހެވެ”. ފަހެ، މި ރިވާޔަތް ބައެއް ޢިލްމުވެރިން، މުޙައްޤިޤުން ޙަސަން ކުރައްވައެވެ.
ފަހެ، އެކަމުގެ ޢިލްމު މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އޭގެ ތޭރަގައި މި ޒަމާނުގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި އަދި ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ العلامة الشيخ ضالح الفَوزَان- حفظه الله- އަރިހުގައި ޢަފަރާތް ދުވަހު ﷲ ތަޢާލާ އެންމެ ތިރީ އުޑަށް ފައިބައި ވޮޑިގެންވުމާ މެދު، ސުވާލު ދެންނެވުމުން އެކަމަކީ ޘާބިތުވެގެންވާ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. ފަހެ، މި ޢިލްމު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
3. އަޚާއެވެ! ދަންނައެވެ! ފައިބައި ވޮޑިގެންނެވުން އަދި އެ ނޫންވެސް ﷲ ތަޢާލާގެ ސިފަފުޅުތަކުގެ މައްޗަށް ދަންނަން ޖެހޭ ޤަވާޢިދު ތަކެއްވެއެވެ. އެއީ، އަހުލުއްސުންނަތުގެ ޢަޤީދާއެވެ. ސަލަފީ ޢަޤީދާގައި ކަނޑައެޅިފައިވާ ޤަވާޢިދުތަކެވެ.
އެއީ އެ ސިފަފުޅުތައް ވާރިދުވެގެންވާ ގޮތަށް ގޮތް ކިޔުމަކާއި ނުލައި ޤަބޫލު ކުރުމެވެ. ﷲ ތަޢާލާއަށް ލާއިޤުވެގެންވާ ގޮތުގައި ޤަބޫލު ކުރުމެވެ. އެއްވެސް މަޚްލޫޤަކާއި އެއްވަތްތަރު ވުމެއް ނުވާނެ ކަމާއި، އެއްގޮތް ކަމެއް ވެސް ނުވާނެ ކަމާއި، އެ ސިފަފުޅުތައް ބަދަލުކޮށް އަދި ނަފީކޮށްގެން ނުވާނެ ކަމާއި، އެ ސިފަފުޅުތަކާއި މިޘާލުވާނެ އެހެން އެއްވެސް ފަރާތެއް ނުވާނެ ކަމުގައި އީމާންވާން ޖެހުމެވެ.
އެ އިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ) “އެކަލާނގެއާ މިޘާލުކުރެވޭ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާ ވޮޑިގެންވާ ބައްލަވާ ވޮޑިގެންވާ އިލާހެވެ”. والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.