ޢީދު ދުވަހާއި ހުކުރު ދުވަސް ބައްދަލުވުމުން ޢަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟

ޢީދު ދުވަހާއި ހުކުރު ދުވަސް ބައްދަލުވުމުން ޢަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

ޢީދު ދުވަހާއި ހުކުރު ދުވަސް ބައްދަލުވުމުން ޢަމަލުކުރާނެ ގޮތާ މެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމަވެ.

މި ސުވާލުގެ މުރާދަކީ، ހެނދުނު ޢީދު ނަމާދު ކުރުމާއި އަދި އެއަށްފަހު އެ ދުވަހުގެ މެންދުރު ކުރާ ހުކުރު ނަމާދު، މި ދެ ޖަމާޢަތުގައި ބައިވެރިވުމާ މެދު އޮތް ޙުކުމަކީ ކޮބައިކަމާ މެދު ކޮށްފައިވާ ސުވާލެއް ކަމުގައި ދެކެމެވެ.

ﷲ ގެ ޙަޟުރަތުން ވާތްގަށް އެދޭ ޙާލުގައި ޖަވާބު ބަޔާން ކުރަމެވެ.

ޢީދު އަދި ހުކުރު އެއް ދުވަހަކަށް ދިމާވެއްޖެހިނދު، ޢީދު ނަމާދު ކޮށްފި މީހާގެ މައްޗަށް ހުކުރު ނަމާދަށް ޙާޟިރުވުން (އެބަހީ؛ ހުކުރުނަމާދުގެ ޖަމާޢަތަށް ޙާޟިރުވުން ލުއިކަން ދެވިގެންވުމާ މެދު) ޢިލްމުވެރިންގެ މެދުގައި 2 ޤައުލެއްވެއެވެ.

ފުރަތަމަ ޤައުލު: ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވެ، ޢީދު ނަމާދު ކުރި މީހާއަށް، ހުކުރު ނަމާދުގެ ޖަމާޢަތް ވެއްޓިގެން ނުދާނެއެވެ. މި ޤައުލަކީ ޖުމްހޫރު ޢިލްމުވެރިންގެ މަޛްހަބެވެ. އޭގެ ތެރޭގައި الحَنَفيَّة އިން، المالِكيَّة އިން އަދި الشافعيَّة އިން ހިމެނި ވަޑައިގަންނަވެއެވެ. އަދި މި ޤައުލަކީ ގިނަ ފިޤުހު ޢިލްމުވެރިންގެ ޤައުލު ކަމުގައިވެއެވެ. އޭގެ ތެރޭގައި އިމާމް ابنُ المنذرِ އާ ابنُ حَزمٍ އަދި ابنُ عبدِ البَرِّ މި ޤައުލު އިޚްތިޔާރު ކުރެއްވިއެވެ. އެ ބޭކަލުން ގެންނަވާފައިވާ ދަލީލުތަކުގެ ތެރޭގައި ހިމެނެއެވެ. ﷲ ވަޙީ ކުރެއްވިއެވެ.

1. إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الجُمُعة فَاسْعَوْا إِلَى ذِكْرِ اللَّه ” ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ؛ خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައި ގަންނާށެވެ”.

އެބޭކަލުން މި އާޔަތުގެ މައްޗަށް ވިދާޅުވެފައިވެއެވެ. މި އާޔަތުގައި ޢީދު ދުވަހަށް ޚާއްޞަކަމެއް ދެވިގެން ނުވެއެވެ.

2. އަދިވެސް ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން ހުކުރު ނަމާދަކީ ފަރުޟު ނަމާދެއް ކަމުގައިވެއެވެ.

އަދި ޢީދު ނަމާދަކީ ސުންނަތް ނަމާދެކެވެ. ވުމާއެކު، ސުންނަތް ނަމާދަކީ ފަރުޟު ނަމާދެއް ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.

ދެވަނަ ޤައުލު: ޢީދު ނަމާދަށް ޙާޟިރުވި މީހާއަށް، ހުކުރު ނަމާދަށް ޙާޟިރުވުމުގެ ވާޖިބުކަން ވެއްޓިގެން ދާނެއެވެ.

(އެބަހީ؛ އެމީހާގެ މައްޗަށް ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުމުގެ ވާޖިބުކަން ވެއްޓިގެން ދިއުމުން، އޭނާ ހުކުރު ނަމާދަށް ޙާޟިރު ވުމާއި އަދި ޚާޟިރު ނުވުމުގެ އިޚްތިޔާރު އޮތުމެވެ. އަދި ހުކުރު ޖަމާޢަތަށް ޙާޟިރު ނުވި މީހާގެ މައްޗަށް މެންދުރު ނަމާދު ކުރުން ވާޖިބު ވެގެންވެއެވެ.) އަދި ވެރިޔާއަށް ނުވަތަ (އިމާމްއަށް) ހުކުރު ނަމާދުގެ ޖަމާޢަތް ޤާއިމް ކުރުންވެއެވެ. މިއީ الحَنابلةِ ގެ މަޛްހަބެވެ.

އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ތެރެއިން ބޭކަލުން މިފަދައިން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި މާތް ނަބިއްޔާގެ އަޞްހާބު ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ. އެގޮތުން ޞަޙާބީ عُمر، عُثمَان، ابن مسعود، ابن عبَّاس، ابن الزبير، ހިމެނި ވަޑައިގަންނަވައެވެ. އަދި މިފަދައިން ޞަޙާބީން އިއްތިފާޤުވަޑައިގަންނަވާފައިވާ ކަމުގައި ބުނެވެ އެވެ.

މި ޤައުލު ވިދާޅުވެފައިވާ އިމާމުންގެ ތެރޭގައި އިމާމް ابنُ تيميَّة، އިމާމް ابنُ باز އަދި ابنُ عُثيمين ހިމެނި ވަޑައިގަންނަވައެވެ. މި ޤައުލުގެ މައްޗަށް ވަރަށް ސާފު ޞަރީޙަ ދަލީލުތައް ބަޔާން ވެގެންވެއެވެ. އޭގެ ތެރޭގައި:

1. زيد بن أرقم رضي الله عنه ގެ ޙަދީޘް ވެއެވެ. ޞަޙާބީ معاوية بن أبي سفيان رضي الله عنه ސުވާލު ކުރެއްވިއެވެ. “އެއް ދުވަހެއްގައި ދެ ޢީދު ނަބިއްޔާ صلى الله عليه وسلم ހަޔާތްޕުޅުގައި ޖަމަޢަވި ތަން ތިބާ ދެކުނީމު ހެއްޔެވެ؟ ވިދާޅުވިއެވެ. “އާދޭހެވެ”. އެހިނދު ސުވާލު ކުރެއްވިއެވެ. ޢަމަލުފުޅު ކުރެއްވީ ކިހިނެތް ތޯއެވެ؟ ވިދާޅުވިއެވެ. “ޢީދު ނަމާދު ޤާއިމް ކުރެއްވިއެވެ. އެއަށްފަހު ހުކުރު ނަމާދަށް (ޙާޟިރުވުމަށް) ލުއި ދެއްވެވިއެވެ. އަދި ޙަދީޘްފުޅު ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން ހުކުރު ނަމާދު ކުރުމަށް އެދޭ މީހުން ކުރު ނަމާދު ކުރުން ހުއްޓެވެ”. މި ޙަދީޘް އިމާމް أحمد، أبو داود ، النسائي އަދި ابن ماجه ރިވާކުރެއްވިއެވެ. މި ޙަދީޘް އިމާމް الألباني ޞައްޙަ ކުރައްވައެވެ. صحيح أبي داود 1070

2. أبي هريرة رضي الله عنه ރިވާކޮށްފައިވާ ޙަދީޘްގައި ވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ހަމަކަވަށަރުން ތިޔަބައިމީހުންނަށް މިއަދު މިވަނީ ދެ ޢީދު ޖަމަޢަ ވެގެންނެވެ. (ޢީދުގެ ޖަމާޢަތަށް) ޙާޟިރުވެއްޖެ މީހާއަށް ހުކުރު ޖަމާޢަތަށް ޙާޟިރު ނުވިކަމުގައި ވީނަމަވެސް ފުދޭނެއެވެ. އަދި އަހަރެމެން ހުކުރު ނަމާދުގެ ޖަމާޢަތް (ޤާއިމް ކުރާހުށީމެވެ.)”. މި ޙަދީޘް އިމާމް أبو داود، އަދި ابن ماجه ރިވާކުރެއްވިއެވެ. އިމާމް އިމާމް الألباني ޞައްޙަ ކުރައްވައެވެ. صحيح أبي داود 1073

3. ابن عمر رضي الله عنهما ރިވާކޮށްފައިވާ ޙަދީޘެއްގައިވެއެވެ. رسول الله صلى الله عليه وسلم ގެ ޢަހުދުގައި ދެ ޢީދު އެއް ދުވަހެއްގައި ޖަމަޢަވިއެވެ. މީސްތަކުންނާއިގެން ޢީދު ނަމާދު ކުރައްވަވާ ޙަދީޘްފުޅު ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން ހުކުރު ނަމާދަށް ޙާޟިރުވާން އެދޭ މީހާ ހުކުރު ނަމާދަށް ޙާޟިރުވުން ހުއްޓެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ހުކުރު ނަމާދު ދޫކޮށްލުމަށް ބޭނުންވާ މީހާ ދޫކޮށްލުން ހުއްޓެވެ”. މި ރިވާޔަތް ابن ماجه ރިވާކުރެއްވިއެވެ. އިމާމް އަލް-އަލްބާނީ ވިދާޅުވެފައިވެއެވެ. صحيح لغيره 1091 (صحيح ابن ماجه)

4. ޞަޙާބީ ابن عباس رضي الله عنهما ވިދާޅުވެފައިވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

“ތިޔަބައިމީހުންގެ ދެ ޢީދު މިއަދު ޖަމަޢަވެއްޖެއެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ޢީދު ޖަމާޢަތަށް ޙާޟިރުވެއްޖެ މީހާއަށް ހުކުރު ޖަމާޢަތް (ދޫކޮށްލި ކަމުގައި ވީނަމަވެސް، ޢީދު ނަމާދަށް ޙާޟިރު ވެއްޖެހިނދު ފުދެއެވެ.) އަދި އަހަރެމެން إن شاء الله ހުކުރު ޖަމާޢަތް ޤާއިމް ކުރާނަމެވެ”.

މިފަދަ ރިވާޔަތްތަކުގެ އިތުރަށް ޞަހާބީންގެ ގިނަ ބަސްފުޅުތަކެއް މި މައުޟޫގައި މިފަދައިން ވާރިދު ވެފައިވެއެވެ.

މި ފަދަ ދަލީލުތަކުގެ މައްޗަށް ނަޟަރު ހިންގައި، ދަލީލުތަކުން ނެރެވިގެންވާ ފައިދާތައް ބަޔާންކުރައްވާ ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ދެއްވާފައިވާ ފަތުވާގައި ވިދާޅުވެފައިވެއެވެ.

1. ޢީދު ނަމާދަށް ޙާޟިރު ވެއްޖެމީހާއަށް، އެ ދުވަހުގެ ހުކުރު ނަމާދުގެ ޖަމާޢަތް ދޫކޮށްލުމުގެ ލުއިކަން ލިބިގެންވެއެވެ. އަދި (ހުކުރު ނަމާދަށް ޙާޟިރު ނުވާނަމަ) މެންދުރު ވަޤުތުގައި އޭނާ މެންދުރު ނަމާދު ކުރަން ޖެހޭނެއެވެ. އެހެނަސް އޭނާ ހުކުރު ނަމާދަށް ޙާޟިރުވުން އަޥްލާ ވެގެންވެއެވެ.

 

2. ޢީދު ނަމާދަށް ޙާޟިރު ނުވި މީހާއަށް ހުކުރު ނަމާދުގެ ޖަމާޢަތް ދޫކޮށްލުމުގެ ލުއި ލިބިގެން ނުވެއެވެ. ވުމާއެކު، އޭނާގެ މަތިން ހުކުރު ނަމާދުގެ ވާޖިބުކަން ވެއްޓިގެން ނުދާނެއެވެ. ފަހެ، އޭނާގެ މައްޗަށް ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުން ވާޖިބު ވެގެންވެއެވެ. އަދި ހުކުރު ނަމާދު ކުރެވޭހާ މިންވަރަށް ޖަމާޢަތް ނެތިއްޖެހިނދު މެންދުރު ނަމާދު ކުރާނީއެވެ.

3. މިސްކިތުގައި ހުކުރު ނަމާދު ޤާއިމްކުރުން އިމާމުންނަށް ވާޖިބު ވެގެންވެއެވެ. އެއީ ހުކުރު ކުރުމަށް ޓަކައި ޙާޟިރުވާ މީހުންނަށް ހުކުރު ކުރުމަށް ޓަކައިއެވެ. އަދި ޢީދު ނަމާދަށް ޙާޟިރު ނުވާ މީހުން ހުކުރު ނަމާދު ކުރުމަށް ޓަކައިއެވެ. ހުކުރު ނަމާދު ކުރާ ޢަދަދު ހަމަވެއްޖެހިނދު ހުކުރު ކުރާނީއެވެ. ނޫންނަމަ މެންދުރު ނަމާދު ކުރާނީއެވެ.

4. އެދުވަހުގެ ޢީދު ނަމާދަށް ޙާޟިރުވެ، އަދި ހުކުރު ނަމާދު ޖަމާޢަތަށް ޙާޟިރުވުމުގެ ލުއި ލިބިގަނެ، ހުކުރު ނަމާދުގެ ޖަމާޢަތް ދޫކޮށްލި މީހާ، ހަމަކަށަވަރުން ޢީދުވަހުގައި، މެންދުރު ވަޤުތު ވަނުމަށްފަހު މެންދުރު ނަމާދު ކުރުން ހުއްޓެވެ.

5. ޢީދު ނަމާދަށް ޙާޟިރުވެއްޖެ މީހާއަށް އެ ދުވަހުގެ ހުކުރު ނަމާދު އަދި އެ ދުވަހުގެ މެންދުރު ނަމާދު ވެސް ވެއްޓިގެން ދާނެކަމަށް ބުނެފައިވާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫނެވެ.

އެފަދައިން ބުނެވިފައިވާ ބުނުމަށް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ ކުށް އަދި ސުންނަތާ ޚިލާފު ބަހެއް ކަމަށެވެ. އެފަދައިން (ހުކުރު އަދި މެންދުރު) ވައްޓައިލުމަކީ، ﷲ ފަރުޟު ކުރައްވާފައިވާ ފަރުޟެއް ދަލީލެއް ނެތި ވައްޓާލުމެވެ. އަދި ފަހަރެއްގައި އެބަސް ބުނެފައިވާ މީހާއަށް ސުންނަތުގައި އަދި އަޘަރުތަކުގައި ވާރިދު ވެގެންވާ “ޢީދު ނަމާދަށް ޙާޟިރިވެއްޖެ މީހާއަށް ހުކުރު ނަމާދަށް ޙާޟިރުވުން ލުއި ދެވިގެންވާކަމާއި، ހުކުރު ނަމާދަށް ޙާޟިރު ނުވެއްޖެނަމަ މެންދުރު ނަމާދު ކުރުން ވާޖިބުވެގެންވާކަމުގެ” ބަސްފުޅުތައް އޭނާ ހަމައަށް ފޯރާފައި ނުވުން އެކަށީގެންވެއެވެ.

(އިސްވެ ދިޔަ ނުކުތާ ތަކަކީ، ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރެފައިވާ ފަތުވާގައި އިޝާރަތް ކޮށްފައިވާ ނުކުތާތަކެވެ.)

މި މައްސަލަގެ ޞައްޙަގޮތާއި އަދި ޢީދު ދުވަހާއި، ހުކުރު ދުވަހެއް ދިމާވެއްޖެހިނދު ޢަމަލު ކުރަންޖެހޭ ގޮތް ބަޔާންކުރައްވާ العلامة محمد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ.

ސުވާލު: ޢީދު ދުވަސް ބައްދަލުވީ ހުކުރު ދުވަހާއެވެ. މިސްކިތުގެ އިމާމް މީހާ، މައުމީންނާ އެކުގައި ހަމައެކަނި މެންދުރުނަމާދުކޮށް ނިންމާލީއެވެ. މިފަދައިން ހުކުރުނަމާދު ނުކޮށް ޚުތުބާއެއް ނުކިޔައި ހަމައެކަނި މެންދުރު ނަމާދުކޮށް ނިންމާލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު: ތިޔަ މައްސަލައިގައި ޢިލްމުވެރިންގެ رحمهم الله މެދުގައި ޚިލާފު ވެފައިވެއެވެ.

ސުންނަތުގައި ބަޔާންވެގެންވާ ދަލީލުތަކުގެ އަލީގައި، ތިޔަ މައްސަލައިގެ ރާޖިޙް (ޞައްޙަ) ވެގެންވާ ގޮތަކީ، އެ ދުވަހުގައި މީސްތަކުން ޢީދު ނަމާދުކުރާ، މުސައްލާގައި ޢީދު ނަމާދު ކުރުމެވެ. އަދި އެދުވަހުގައި އިމާމުން (ހުކުރު ވަޤުތުގައި) މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުމެވެ. އަދި އެދުވަހުގެ ޢީދު ނަމާދުގެ ޚުތުބާގައި، އަހަރެމެންނާއި އެކު މި ޖަމާޢަތުގައި ބައިވެރިވި މީހާއަށް، ހުކުރު ނަމާދު ލާޒިމެއް ނުވާނޭ ބުނުމެވެ. އަދި އޭނާ (ބޭނުން ކަމުގައިވާނަމަ) އޭނާގެ ގޭގައި މެންދުރު ނަމާދު ކުރުމެވެ. އެހެނަސް މިސްކިތްތަކުގައި މެންދުރު ވަޤުތު، ހުކުރު ނަމާދު ނޫނީ ކޮށްގެން ނުވާނެއެވެ.

ފަހެ، އެހެންވުމުން އަހަރެމެން ބުނަމެވެ.

ފުރަތަމައީ: ހުކުރު ދުވަހަކާ، ޢީދު ދުވަހެއް ދިމާވުމުން، ކޮންމެހެން ވެސް އެދުވަހުގައި ޢީދު ނަމާދު ކުރަން ޖެހޭނެއެވެ. އަދި އެ ޢީދު ނަމާދަށް ޚާޟިރުވެއްޖެ މީހަކަށް، އެ ދުވަހުގައި މެންދުރު ވަޤުތުގައި އިމާމްއާ އެކުގައި ހުކުރު ނަމާދު ކުރުން ނޫނީ ގޭގައި މެންދުރު ނަމާދު ކުރުމަށް އިޚްތިޔާރު ލިބިގެންވެއެވެ.

 

ދެވަނައީ: ހުކުރު ނަމާދު އެ ތަނުގެ މިސްކިތްތަކުގައި ޤާއިމްކުރުން ވާޖިބު ވެގެންވެއެވެ. އެ ޖަމާޢަތަށް ހާޞިރުވި މީހާއަށް އިމާމްއާ އެކުގައި ހުރުނަމާދު ކުރުން ހުއްޓެވެ. އެ ޖަމާޢަތަށް ޙާޟިރުނުވާ މީހާއަށް އޭނާގެ ގޭގައި މެންދުރު ނަމާދު ކުރުން ހުއްޓެވެ.

ތިންވަނައީ: އެ ދުވަހު މިސްކިތްތަކުގައި މެންދުރު ނަމާދު ކޮށްގެން ނުވާނެއެވެ. ސަބަބަކީ އެ ދުވަހު ވާޖިބު ވެގެންވަނީ މިސްކިތްތަކުގައި ހުކުރުނަމާދު ކުރުމެވެ. މެންދުރު ނަމާދު ކޮށްގެން ނުވާނެއެވެ. މިއީ މިމައްސަލައިގައި ސުންނަތުގައި ދަލީލު ކުރެވިގެންވާ ޞައްޙަ ރާޖިޙު ގޮތެވެ. (ޝެއިޚްގެ ފަތުވާ ނިމުނީއެވެ.)

ފަހެ، މައްސަލައިގެ ޚުލާޞާއަކީ ޙުއްޖަތާއި، ދަލީލުން ފާޅުވެގެންވާ ޤައުލު ކަމުގައިވާ ޢީދު ނަމާދަށް ޙާޟިރުވެއްޖެ މީހާއަށް ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުމަށް ލުއި ދެވިގެންވާކަމެވެ. އޭނާ ހުކުރު ނަމާދަށް ޙާޟިރުވުން ހެޔޮކަން ބޮޑެވެ. އެހެނަސް ހުކުރު ޖަމާޢަތް ދޫކޮށްފިހިނދު އެ ދުވަހުގެ މެންދުރު ވަޤުތުގައި މެންދުރު ނަމާދު ކުރުން ވާޖިބު ވެގެންވެއެވެ. والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.