ހުކުރު ދުވަހަށްޓަކައި ހިނައިގަތުން އަންހެނުންނަށް ސުންނަތްވެގެންވޭ ހެއްޔެވެ؟ އަދި މި ހިނެއުން ހިނައިގަންނާނީ ކޮން ވަގުތަކު ތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
ހުކުރު ދުވަހު، އަންހެނުން ސުންނަތް ހިނެއުމެއް ހިނައިގަތުމާމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
މި މައްސައިގައި އިމާމް ابن باز -رحمه الله – ވިދާޅުވެފައިވެއެވެ. “އަންހެނުންނަށް ހުކުރު ދުވަހު ހިނައިގަތުމެއް ނޯވެއެވެ. ހުކުރު ދުވަހުގައި ހިނައިގަތުންވަނީ ހުކުރު ނަމާދަށް ދިއުމުގައިވާ މީސްތަކުންނަށެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. من راح إلى الجمعة فليغتسل “ހުކުރު ނަމާދަށް ދިއުމުގައިވާ މީހާ ފަހެ، ހިނައިގަތުން ހުއްޓެވެ. ދެންފަހެ އަންހެނުންނަށް ސުންނަތްވެގެންވަނީ ގޭގައި ނަމާދު ޤާއިމް ކުރުމެވެ. އެ ކަނބަލުންނަށް ހުކުރަށް ހިނައިގަތުމެއް ނުވެއެވެ. އެއީ ފިރިހެނުންނަށް އޮތް ކަމެކެވެ”. (ޝެއިޚްގެ ފަތުވާ ނިމުނީ)
އެއަށްފަހު ދެންއޮތީ، އަންހެނުން ހުކުރު ނަމާދަށް ޙާޟިރުވެއްޖެހިނދު އޮތް ޙުކުމަކީ ކޮބައިތޯއެވެ؟
އެހިނދު ޖަވާބުގައި ބުނަން އޮތީ ފިރިހެނުން ފަދައިން ހިނައިގަތުމެވެ. އެއީ ނަބިއްޔާ ﷺ ގެ އަރިހުން ރިވާކުރެވިގެންވާ ޙަދީޘެއްގެ މައްޗަށް ބުރަވެއެވެ. އެ ހަދީޘުން އެ ޙުކުމް ބަޔާން ވެގެންވާތީއެވެ. ޙަދީޘްގައިވެ އެވެ. مَنْ أَتَى الْجُمُعَة مِنْ الرِّجَال وَالنِّسَاء فَلْيَغْتَسِلْ , وَمَنْ لَمْ يَأْتِهَا فَلَيْسَ عَلَيْهِ غُسْل ހުކުރު ނަމާދަށް ޙާޟިރުވާ ފިރިހެނުންނާއި އަދި އަންހެނުން ފަހެ، ހިނައިގަތުން ހުއްޓެވެ. އަދި ހުކުރު ނަމާދަށް ޙާޟިރުނުވާ ފަރާތްތަކަށް ހިނައިގަތުން ނުވެއެވެ”.
މި ޙަދީޘްއަކީ ވަރަށްވެސް ގިނަ ޢިލްމުވެރިން ޞައްޙަ ކުރައްވާފައިވާ ރިވާޔަތެކެވެ. އޭގެ ތެރޭގައި ޙާފިޟް النووي ހިމެނި ވަޑައިގަންނަވައެވެ.
މި މައްސަލައިގައި النووي ވިދާޅުވެފައިވެއެވެ. “ހުކުރު ނަމާދަށް ޙާޟިރުވެއްޖެ ކޮންމެ މީހެއްގެ މައްޗަށް ހިނައިގަތުން ސުންނަތްވެގެންވެއެވެ. އެއީ ފިރިހެނެއް، އަންހެނެއް، ކުޑަކުއްޖެއް، ދަތުރުވެރިއެއް، އަޅެއް އަދި އެނޫން ފަރާތެއް ކަމުގައި ވީނަމަވެސްމެއެވެ…”.
އެހެންވުމުން މިޙުކުމް ބިނާވެގެންވަނީ ހުކުރު ނަމާދަށް ޙާޟިރުވާ ފަރާތްތަކަށެވެ. އެބައެއްގެ މައްޗަށް ހުކުރު ދުވަސް ބައްދަލުކުރާ ފަރާތްތަކަށް ނޫންކަން ވަރަށް ސާފުކޮށް ބަޔާން ވެގެންވެއެވެ.
و الله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.