ހައިޟުގެ ދުވަސްވަރުގައި ޤުރުއާން ކިޔެވުން

ސުވާލު: ހައިޟުގެ ދުވަސްވަރުގައި ކީރިތި ޤުރުއާން ކިޔެވޭނެތަ؟

ޖަވާބު: ޙައިޟުގައިވާ އަންހެނާއަށް ޤުރުއާން ނުކިޔެވޭނެ ބުނާ ބަސްތަކަށްވުރެ ޤުރުއާން ކިޔެވޭނެ ކަމަށް ބުނެފައިވާ ބުނުމަކީ ބާރުގަދަ އަދި ދަލީލުތަކުން ފާޅުވާންއޮތް ގޮތެވެ.

ޤުރުއާން ކިޔެވޭނެ ކަމަށް ވިދާޅުވެފައިވާ ޢިލްމުވެރިންގެ ތެރޭގައި އިމާމް مالك އަދި މިއީ އިމާމް أحمد މިފަދައިން ވިދާޅުވެފައިވެ އެވެ. އަދި މި މައްސަލައިގައި އިމާމް شيخ الإسلام ابن تيمية އިޚްތިޔާރު ކޮށްފައިވާ ޤައުލަކީވެސް މި އެވެ.

މިފަދައިން ވިދާޅުވެފައިވާ ޢިލްމުވެރިން މިފަދައިން ބަސްފުޅު ބިނާކޮށްފައިވާ ދަލީލުތަކުގެ ތެރޭގައި އަންނަނިވި ދަލީލުތައް ހިމެނެ އެވެ.

  1. މަނާ ކުރާނެ ދަލީލެއް އައުމަށް ދާންދެން ޙުކުމް އޭގެ އަޞްލުގެ މަތީގައި ދެމިއޮތުމެވެ.މާނައަކީ ޤުރުއާން ކިޔެވުން ހުއްދަވެފައި ވުމަކީ އަޞްލު ޙުކުމެވެ. ޤުރުއާން ނުކިޔެވޭނެކަމަށް ބުނާ ބުނުމަށް ދަލީލެއް ލިބުމަށް ދާންދެނެވެ. ފަހެ، ޙައިޟުވެރިޔާ ޤުރުއާން ނުކިޔެވޭނެކަމަށް ބުނާނެ އެއްވެސް ދަލީލެއް ނުވެ އެވެ. شيخ الإسلام ابن تيمية ވިދާޅުވެފައިވެ އެވެ. “ޙައިޟުވެރިޔާއަށް ޤުރުއާން ކިޔެވުން މަނާކުރާނެ ޞައްޙަ ޞަރީޚަ އެއްވެސް ދަލީލެއް ނުވެ އެވެ.” އަދި މި ކަމުގައި މުހިންމު ނުކުތާއެއްވެ އެވެ. އެނގި ބަޔާންވާ އެއްޗަކީ ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި އަންހެނުން ޙައިޟުވާނެ ކަމެވެ. އެހެނަސް އެކަނބަލުންނަށް ޤުރުއާން ކިޔެވުން އެއްވެސް ގޮތަކަށް މާނާ ކުރައްވާފައިނުވުމެވެ. އަދި ހަމައެފަދައިން ޛިކުރު ކުރުމާއި ދުޢާ ކުރުންވެސް މަނާ ނުކުރައްވަ އެވެ.
  1. ޖުނުބު ވެރިޔާ އާއި ޙައިޟުވެރިޔާ އެއް ޙުކުމެއްގެ މައްޗަށް ގެނެސްފައިވާ ގިޔާސް އަކީ ދަލީލެއްގެ މައްޗަށް ކުރެވިފައިވާ ޤިޔާސެއް ނޫނެވެ. ސަބަބަކީ ޖުނުބަކީ އިންސާނާ އޭނާގެ އަމިއްލަ އިޚްތިޔާރުން ގެނެސްގަންނަ އެއްޗެކެވެ. ޙައިޟު އެއާ ޚިލާފެވެ. ޖުނުބުވެރިޔާ ބޭނުން ވަޤުތެއްގައި ޙަދަޘަ އެރިގަތުމުގެ އިޚްތިޔާރު އޮންނަހިނދު އެފަދައިން ޙައިޟުވެރިޔާއަށް ނޯވެ އެވެ. މިފަދަ އެތައް ދަލީލުތަކެއް ޤުރުއާން ކިޔެވުން ހުއްދަކަމުގެ މައްޗަށް ދަލީލު ކުރެވެ އެވެ.

ދަންނަންޖެހެ އެވެ! ޤުރުއާން ކިޔެވުން ހުއްދަވެގެންވުމުގެ މާނައަކީ ޤުރުއާނުގައި ނުބީހި ޤުރުއާން ކިޔެވުމެވެ. އެއްގޮތަކީ ހިތުދަސްވެފައިވާ ބައިން ކިޔެވުމެވެ. ނުވަތަ މުޞްޙަފް ނޫން އެއްޗަކުން ކިޔެވުމެވެ. ސަބަބަކީ ނަބިއްޔާ . ޙަދީޘް ކުރައްވާފައިވެ އެވެ. ޠާހިރު (ޙާލަތުގައިވާ މީހަކު) މެނުވީ ޤުރުއާނުގައި ނުބީހުން ހުއްޓެވެ.” މި ޙަދީޘަކީ ނުހަނު ގިނަ އިމާމުންތަކެއް ޞައްޙަކުރައްވާފައިވާ ޙަދީޘެކެވެ. ވުމުން، ޤުރުއާނުގައި ނުބީހި ކިޔެވޭ ކޮންމެ ވަޞީލަތެއްވެސް ހުއްދަވާނެ އެވެ. މިޘާލަކަށް ފޯނުން ކިޔެވުން ހުއްދަވާނެ އެވެ. މުޞްޙަފުން ކިޔަވާނަމަ ޤުރުއާނުގައި ނުބީހޭނެފަދަ ގޮތަކަށް އެއްޗެއް ބޭނުން ކޮށްގެން ކިޔެވުން ހުއްޓެވެ.

ޖަވާބު ދެއްވަވާފައިވަނީ އައްޝެއިޚް މުޙައްމަދު ހަސަން حفظه الله