މަޙްރަމަކާއި ނުލައި އުމްރާ އަށް ދިޔުން

ސުވާލު: މީހަކު ހެޔޮ ހިތުން އެހެން މީހަކަށް އުމްރާ ދަތުރެއް ދީފި ކަމުގައި ވާނަމަ މަހުރަމެއް ނުލައި ދަތުރު ކުރެވޭނެ ހެއްޔެވެ ފިރިމީހާގެ ހުއްދަ އޮތް ކަމުގައި ވާނަމަ ؟

ޖަވާބު: ދަންނަ އެވެ! އިސްލާމް ދީން ދުނިޔެމައްޗަށް ފާޅުވީ އަންހެނުންނަށް ނުހަނު ޤަދަރާއި ކަރާމާތް އަދި މަތިވެރިކަން ބަޔާންކޮށް އެކަމަށް ހައްޤު ހޯދައިދޭ ދީނެއްގެ ގޮތުގަ އެވެ. މިކަމަށް ކޮންމެ އަންހެނަކު އިޢުތިރާފްވާންޖެހެ އެވެ.

އިސްލާމް ދީނަށްވުރެ ކުރީގައި އެއިރު އޮތް ދީންތަކުގައި އަންހެނުންނަކީ އެއްވެސް އަގެއްނެތް، އެއްވެސް ކަރާމާތެއްނެތް ބައެކެވެ. އަންހެނުންނަނީ ވާރުވާ މުދާގަނޑެއް ފަދައިން ބޭނުން ކުރާ ފަރާތެކެވެ. އަންހެނެއް ދަރިއަކަށް ލިބުމަށް އެބައިމީހުންގެ ނަފްސުގައި އިންކާރުކޮށް އެކަމަށް ދެކޮޅުވެރިކަން ފާޅު ކޮށްފައިވެ އެވެ. އަންހެން ދަރިންނަކީ ބަދު ނަޞީބުކަމުގައި ދެކެ އެވެ. އަންހެނުންނަކީ ނަޖިސްބައެއް ކަމުގައި ދެކެ އެވެ. މިފަދަ އެތައް ކަމެކެވެ.

އިސްލާމް ދީން ފާޅުވެ އަންހެނުންނަށް ވަނީ އެންމެ މަތީ ދަރަޖައަށް ރައްކާތެރިކަން ހޯދާ ދީފަ އެވެ. އަދި އެއީ އެކަނބަލުންނަށް އެކަނބަލުންގެ ބަލަދުވެރިން ގޮތުގައިވާ ފަރާތްތައް އަދާ ކުރަންޖެހޭ ހައްޤެއް ކަމުގައި ދީނުގައި ކަނޑައަޅާފައިވެ އެވެ. މިފަދައިން ވިސްނާލުމުން ﷲ ގެ ޝަރީޢަތުގެ ފުރިހަމަކަން ބަޔާންވެ ޢަދުލުވެރިކަން ދޭހަވެ އެވެ.

ﷲ ބާވައިލެއްވި ޝަރީޢަތަކީ އެންމެހައި ޒަމާނަކަށް، އެންމެހައި ވަޤުތުތަކަށް ފުދިގެންވާ، ޝާމިލްވެގެންވާ ޝަރީޢަތެކެވެ.

އެއްވެސް ޒަމާނަކަށް އެކަށީގެން ނުވާ ޝަރީޢަތެއްކަމުގައި ޤަބޫލުކޮށްފި މީހާ އެވަނީ ﷲ ގެ ޝަރީޢަތަކީ އުނި އެއްޗެއް ކަމުގައި ބުނެފަ އެވެ. މި ޝަރީޢަތް ބާވައިލެއްވިފައިވަނި އެންމެހައި އިންސާނުންގެ ޙަޔާތް ބާއްޖަވެރި ކުރުމަށާއި، ﷲ ރުއްސަވާ ވޮޑިގެންވާ މަގަށް ވާޞިލްކޮށްދިނުމަށެވެ. އެމަގަށް ވާޞިލް ވުމަށްޓަކައި، ﷲ ލޯބިވެވޮޑިގެންނަވާ، ރުއްސަވާވޮޑިގަންނަވާ އެންމެހައި ކަމެއް ޙަލާލުކުރައްވާ އެކަންތައްތަކަށް އަމުރުފުޅު ކުރެއްވި އެވެ.

އަދި ﷲ ނުރުއްސަވާ، ކޯފާވެވޮޑިގަންނަވާ އެންމެހައި ކަންތައްތަކެއް ޙަރާމް ކުރައްވާ އެކަންތަކެއް ނަހީ ކުރެއްވި އެވެ. މިފަދައިން މުއުމިނު އަޅާ ޤަބޫލުކުރުމަކީ އޭނާގެ އީމާންކަން ދަލީލުކޮށްދޭ ބުރުހާނެކެވެ.

ﷲ ވަޙީ ކުރައްވާފައިވެ އެވެ.

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا

“ނަބިއްޔާގެ ވެރިއިލާހު ޤަންދެއްވައި ވަޙީ ކުރައްވަމެވެ. އެބައިމީހުންގެ ދެމެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ނަބިއްޔާ ޙުކުމްވެރި ކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވެތެވެ. އެހިނދު  ނަބިއްޔާ ނިޔާކުރެއްވި ގޮތާއި މެދު އެބައިމީހުންގެ ހިތްތަކުގައި ދަތިކަމެއްވާ ކަމުގައި އެބައިމީހުން ނުދެކޭނެތެވެ. އަދި އެބައިމީހުން އެ ނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންގަތުމަކުން ކިޔަމަން ވާނެ އެވެ.”

ޝަރީޢަތުގެ ޙުކުމް ބަޔާންވެގެން ދިއުމުން، އެއީ ތިމާއަށް ބުރަ، ދަތި، އުނދަގޫ އަދި ކުރުމަށް ހިތްނޭނދޭ ކަމުގައިވީނަމަވެސް، އެއީ ﷲ ގެ ޙުކުމް ކަމާއި ރަސޫލާ ﷺ  ކަނޑައަޅުއްވާފައިވާ ޙުކުމް ކަމުގައި ބަޔާންވެ ދިއުމުން، އީމާން ކަމުގެ އަހުލުވެރިން އެ ޙުކުމް ފުރިހަމައަށް ޤަބޫލުކޮށް، އެކަމަށް ހިތުގައި އެއްވެސް ބުރައެއް ނޯންނާނެ ގޮތުގައި އީމާންވާނެ އެވެ. އީމާންކަމުގެ އަހުލުވެރިންގެ މިޘާލަކީ މިފަދަ އެވެ.

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ  وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا

 “އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް އެބައިމީހުންނަށް އެކަމުގައި އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ ދަންނާށެވެ. ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ.”

އަޚުންނާއި އުޚްތުންނޭވެ! މިއީ ﷲ ގެ ޙުކުމްތަކާއި މެދު މުސްލިމެއްގެ ހިތުގައި އޮންނަންޖެހޭނެ، އިޚްތިޔާރުކޮށްފައިވާންޖެހޭނެ މަގެވެ. ތިމާގެ ނަފްސު އެ އިލާހުގެ ކުރިފުޅުމައްޗަށް ހުށަހެޅޭނެ ދުވަހުގައި ގެނެވޭނެ އެކައްޗަކީ ޤުރުއާނެވެ. މިފޮތް އެއީ ހެކިވާނެ ހެކިވެރިއެއްގެ ގޮތުގައިވާނެ އެވެ. އޭނާ، މީނާ، އެވެނި މީހެއް، މިވެނި މީހެއް ބުނި ބަސްތަކެއް އެދުވަހުގައި ކޮށްދޭނެ އެއްވެސް މަންފާއެއް ނޯންނާނެކަން ކަށަވަރެވެ.

އަންހެނުންނަށް އެފަދައިން ކަނޑައެޅިފައިވާ ޙުކުމް ތަކުގެ ތެރޭގައި އެއްވެސް ދަތުރެއް މަޙްރަމަކާއި ނުލައި ކުރުމަކީ ދީނުގައި ކަނޑައެޅިފައިވާ ޙުކުމެވެ.  މި ބަޔަށް އެކި ނުކުތާތަކުގެ މައްޗަށް ޖަވާބު ދެމެވެ.

ފުރަތަމައީ އެކަމަށް ވާރިދުވެގެންވާ ދަލީލެވެ. رسول الله   ޙަދީޘް ކުރެއްވި އެވެ. (لَا تُسَاِفر المَرأَةُ إِلاَّ مَعَ ذِيْ qرَم، وَلاَ يَدْخُل عَلَيْهَا رَجُلٌ إِلاَّ وَمَعَهَا مَحْرَمٌ، فَقَالَ رَجُلٌ: يَا رَسُوْلَ اللهِ! إِنِّيْ أُرِيْدُ أَنْ أَخْرُجَ فِيْ جَيْشٍ كَذَا وَكذَا، وَامْرَأَتِيْ تُرِيْدُ الحَجَّ؟ فَقَالَ: اُخْرُجْ مَعَهَا) ” މަޙްރަމަކާ ނުލައި މެނުވީ އަންހެނަކު ދަތުރުކޮށްގެން ނުވާނެއެވެ. އަދި އަންހެންމީހާގެ މަޖްލިސް އަށް މަޙްރަމެއް ނެތި ފިރިހެނަކު ވަދެގެން ނުވާނެއެވެ. ފަހެ އެހިނދު މީހަކު ބުންޏެވެ. ﷲ ގެ ރަސޫލާ އެވެ. އެވެނި މިވެނި ހަނގުރާމައަކަށް ދިއުމަށް ލަޝްކަރާއެކުގައި ނުކުތުމަށް އަހަރެން ބޭނުމެވެ. އަހަރެންގެ އަނބިމީހާވަނީ ޙައްޖު ކުރުމަށް ނުކުމެ އެވެ. ފަހެ، އެހިނދުގައި ޙަދީޘް ކުރެއްވިއެވެ. އަނބިމީހާ އެކުގައި ދާށެވެ.“

މި ޙަދީޘްގައި އެއްވެސް ދެބަސްވުމެއް ނުވާ ގޮތުގައި މިވަނީ ނަބިއްޔާ . އެކަން ނަހީ ކުރައްވާ ﷲ ގެ ޙުކުމް ބަޔާން ކުރައްވާފަ އެވެ. އެއީ މަޙްރަމެއް ނެތި ދަތުރުކޮށްގެން ނުވާނެ ކަމެވެ. އެހެން ޙަދީޘެއްގައިވެ އެވެ. ޙަދީޘްގައިވެ އެވެ. (لا تُسافِرُ المرأةُ إلا مع ذِي مَحْرَمٍ، ولا يَدْخُلُ عليها رجلٌ إلا معها مَحْرَمٌ)

 “މަޙްރަމެއް ނެތި އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ. އަދި އަންހެނެއްގެ ގާތަށް މަޙްރަމަކު ނެތި ފިރިހެނަކު ވަދެގެން ނުވާނެ އެވެ.”

ދެވަނައީ މި މަޢުޟޫގައި ޢިލްމުވެރިން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ. أبو حنيفة ، أحمد ، الشافعي، އަދި الشافعيގެ އަޞްޙާބުން ވިދާޅުވެފައިވެ އެވެ. “ހުއްދަވެގެންވާ ދަތުރުތަކެއް ކަމުގައިވީނަމަވެސް އަދި އެ ދަތުރަކީ ސުންނަތް ޙައްޖެއް ކުރުމަށް ނުކުންނަ ދަތުރެއްކަމުގައިވިޔަސް މަޙްރަމެއްނެތި ދަތުރުކުރުން ޙަރާމްވެގެންވެ އެވެ.

الشافعي މަޛްހަބުގެ މަޝްހޫރު އެއްއިމާމް النووي ވިދާޅުވެފައިވެ އެވެ. “الشافعية ވިދާޅުވެފައިވެ އެވެ. އެ ޙައްޖަކީ ސުންނަތް ޙައްޖެއް ކަމުގައިވެއްޖެ ހިނދު، އަންހެނަކު އެދަތުރެއްގައި ނުކުތުން ހުއްދައެއް ނުވާނެ އެވެ. އަދި ހަމައެފަދައިން ހުއްދަވެގެންވާ އެހެނިހެން ދަތުރުތަކުގައިވެސް އަންހެނުންނަށް މަޙްރަމެއްނެތި ދަތުރުކުރުން ހުއްދައެއްނުވާނެ އެވެ. މިފަދަ އެއްވެސް ދަތުރެއްގައި އަންހެނުން މަޙްރަމެއްނެތި ނުވަތަ ފިރިމީހާނެތި ދަތުރުކުރުން ހުއްދައެއް ނުވާނެ އެވެ.”

الحافظ النووي  ވިދާޅުވެފައިވެ އެވެ. ”ފަހެ، މިތަނުން ޙާޞިލްވާ އެއްޗަކީ، ހަމަކަށަވަރުން ދަތުރެއް ކަމުގައި ބުނެވޭ އެންމެހައި ދަތުރުތަކެއްގައި އަންހެނުން އެބައިމީހުންގެ ފިރިމީހާ ނެތި ނުވަތަ މަޙްރަމެއް ނެތި ދަތުރުކުރުން ނަހީކުރެވިފައިވުމެވެ. އެއީ ތިން ދުވަހުގެ މުއްދަތަށް ނުވަތަ ދެ ދުވަހުގެ މުއްދަތަށް ނުވަތަ އެއް ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދަތުރުކުރި ކަމުގައިވިޔަސް އެވެ. އެއީ مسلم ގެ ރިވާތަޔުގައި މުޠްލަޤުކޮށް އައިސްފައިވުމެވެ. އެއީ ކުރީގައި ގައި ބަޔާންކުރެވުނު ރިވާޔަތެވެ.

 (لا تسافر امرأة إلا مع ذي محرم) މަޙްރަމެއް ނެތި އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ.  ފަހެ، މި ޙުކުމްގެ ތެރެއަށް އެއީ ދަތުރެއް ކަމުގައިބުނެވޭ އެންމެހައި ދަތުރުތަކެއް ވަންނާނެ އެވެ. والله أعلم“

މިފަދަ އެތަކެއް ބަސްފުޅުތަކެއްވެ އެވެ.

ތިންވަނައީ : މިބަސްފުޅުތައް ބަޔާންވެގެންވާ ހިނދުގައިވެސް، ބައެއް މީސްތަކުން ދަލީލުތަކުގެ މައްޗަށް އެބައިމީހުންގެ ކޮށި ވިސްނުމާއި، ނިކަމެތި ބުއްދި ނެރެފައިވުމެވެ. އެބައިމީހުން ބުނެ އެވެ. ކުރީ ޒަމާނުގައި ދަތުރު ފަތުރު ކުރުން ދަތިވެ ބުރަ ވުމުންނެވެ. މިޒަމާނުގައި ފްލައިޓްގައި ނުހަނު ފަސޭހަ އެވެ. މިބަސްތަކުގެ ޙަޤީޤަތް ބަޔާން ކުރައްވާ الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ.

”މިބައިމީހުން (ބާޠިލް ބަސްތައް ބުނާ މީހުން) ބުނެފައިވެ އެވެ. މަޙުރަމު ގޮސް އަންހެންމީހާ ފްލައިޓަށް އަރުވާނީ އެވެ. އަދި އަނެއް މަޙްރަމު އަންހެން މީހާ ދާން ބޭނުންވާ މަންޒިލުން އިސްތިޤްބާލު ކުރާނީ އެވެ. ސަބަބަކީ ފްލައިޓަކީ އަމާންކަމުގައިވާ އެއްޗެކެވެ. އެމީހުންގެ މިކަމުގެ ދަޢުވާއަކީ ފްލައިޓުގައި ގިނަ ފަސެންޖަރުންގެ ގޮތުގައި ފިރިހެނުންނާއި އަންހެނުން ތިބޭތީ އެވެ. އެބައިމީހުންނަށް އަހަރެމެން ބުނަމެވެ. ހަމަހިލާ އެހެނަކުން ނުވާނެ އެވެ. ފްލައިޓަކީ އެހެން ތަކެއްޗަށްވުރެން ނުރައްކާތެރިކަން ބޮޑު އެއްޗެކެވެ. ސަބަބަކީ އޭގައި ފަސެންޖަރުންވަނީ މައްސުނި ވެގެންނެވެ. ފަހަރެއްގައި އަންހެންމީހާ ހިލޭ ފިރިހެނެއްގެ ގާތުގައި އިށީންނަން ޖެހެ އެވެ..“

ހަތަރުވަނައީ : އަންހެނުންގެ ޖަމާޢަތަކާ އެކުގައި ދަތުރު ކުރެވިދާނެ އޭ ބުނާ ބުނުމެވެ. މިފަދައިން ބުނެފައިވާ ބަސްތަކަށް ދެވޭ ރައްދަކީ މި އެވެ. الشَّيخ العَلاَّمَة عَبدُ الله بن إبراهيم القرعاوي ވިދާޅުވެފައިވެ އެވެ.

ސުވާލު :  މަޙްރަމެއް ނެތި އަންހެނަކު ދަތުރު ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު : ”މަޙްރަމެއް ނެތި އަންހެނަކު ދަތުރުކުރުން ޙަރާމްވެގެންވެ އެވެ. އެއީ ގިނަ އަންހެނުންތަކަކާ އެކުގައި ކަމުގައިވީ ނަމަވެސް އެވެ. ސަބަބަކީ ޙަދީޘްފުޅުގައިވެ އެވެ. (لا تُسَافِر المَرأة إلا و مَعَها ذو مَحرم) ”މަޙްރަމަކާ އެކުގައި މެނުވީ އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ.“ ދަންނަ އެވެ. ދަލީލަށްވުރެ މަތީގައި އެކަކުގެވެސް ބަސް އުފުލިގެން ނުވާނެ އެވެ. އަދި ނުއުފުލޭނެ އެވެ.

ފަސްވަނައީ : އެއްވެސް ދަލީލެއްގައި ޙައްޖު އަދި ޢުމުރާގެ ދަތުރު އިސްތިސްނާ ވެފައި ނެތުމެވެ. އެހެނަސް އޭގެ ބަދަލުގައި މަޙްރަމު ނެތި ދަތުރުކޮށްފި މީހާ އެކަމުގައި ފާފަވެރިވާނެ ކަމުގައި ބަޔާންވެގެންވުމެވެ

. الإِمَام العَلاَّمَة ابن باز ވިދާޅުވެފައިވެ އެވެ. ”މަޙްރަމެއް ނެތި އަންހެނަކު ޙައްޖުކޮށްފި ހިނދުގައި ފާފަވެރިވާ ޙާލުގައި ޙައްޖު ޞައްޙަވާނެ އެވެ. ސަބަބަކީ ޙައްޖު އަދި ޢުމުރާ ކަމުގައިވީނަނަވެސް މަޙްރަމަކާ ނުލައި ދަތުރުކުރުން އަންހެނަކަށް ހުއްދައެއް ނުވާނެ އެވެ.“

الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ” ވާޖިބު ޙައްޖު ކުރުމަށްޓަކައި އަންހެނަކަށް، އަންހެނުންގެ ޖަމާޢަތަކާ އެކުގައި ދަތުރު ކުރެވިދާނެ ކަމަށް ދީފައިވާ ފަތުވާއަކީ ސުންނަތާއި ޚިލާފު ވެގެންވާ ފަތުވާ އެކެވެ.“

ހަވަނައީ : ޙައްޖު އަދި ޢުމުރާގެ އަޅުކަން ވާޖިބުވަނީ ޝަރުޠު ތަކެއް ފުރިހަމަވުމުންނެވެ. އެއިން ޝަރުޠެއް ގެއްލިއްޖެ މީހާއަށް އެއަޅުކަން ވާޖިބެއް ނުވާނެ އެވެ. ނުކުރުމަކުން ފާފަވެރިއެއް ނުވާނެ އެވެ. އެގޮތުން އަންހެނަކަށް ޙައްޖު އަދި ޢުމުރާ ވާޖިބުވަނީ މަޙްރަމަކާ އެކުގަ އެވެ. ޔަޢުނީ މަޙްރަމެއް ހުރުމުން މެނުވީ އަޅުކަން ވާޖިބެއް ނުވާނެ އެވެ. އެގޮތުން އޭނާ އެޝަރުޠު ނެތި ކޮށްފިހިނދުގައި ފާފަވެރިވާނެ އެވެ.

ހަތްވަނައީ : ބުއްދިވެރިޔަކު ކަމުގައިވާނަމަ ދަންނަހުއްޓެވެ. ޙައްޖަށް އަދި ޢުމުރާއަށް ދިއުމުގެ ބޭނުމަކީ ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމުގެ ބޭނުމުގަ އެވެ. އެ ނިޔަތާއި ޤަޞްދުގަ އެވެ. ފަހެ، ﷲ ނުރުއްސަވާ ޙާލަތުގައި ހުރެގެން މިކަން ޙާޞިލް ކުރުމަށް ބުއްދިވެރިއަކު ދާނެ ހެއްޔެވެ؟ މަޙުރަމަކު ނެތި ދަތުރުކުރުން ވަނީ ޙަރާމް ކުރައްވާފަ އެވެ. ޙަރާމް ޢަމަލެއްގެ ތެރެއަށް ވެއްޓިހުރެ ﷲ ގެ ޙަޟުރަތުން އެދެނީ ކިހިނަކުން ހެއްޔެވެ؟ ލަދުވެތިވާން ޙައްޤުވެގެންވާ ފަރާތަށް ލަދުވެތިވުން ކޮބައި ހެއްޔެވެ؟ ޔަޤީން ކަށަވަރުވާ ކަމަކީ، މަޙްރަމެއް ނެތުމުން ޙައްޖު އަދި ޢުމުރާ ނުކުރާ މީހާއަށް އެއްވެސް ކުށެއް އަދި ފާފައެއް ނެތް ކަމެވެ. އެކަމަކު މަޙްރަމް ނުލާ ދަތުރު ކުރުމަކީ ފާފަވެރި ވާނެ ޢަމަލެއް ކަމެވެ. ފާފައަށް އަރައިގެން ވާޖިބު ނޫން ކަމެއް ކުރުމަށް ދީން ހައްޤުގޮތުގައި ދަންނަ މީހަކު ނުކުންނާނެ ހެއްޔެވެ؟

ފަހެ، ދީނުގައި ދެމިހުރުމަށް ނަޞޭހަތްތެރިވަމެވެ. އަޅުކަން ﷲ އެންގެވި ގޮތަށް އަދާ ކުރުމަށް ނަޞޭހަތްތެރި ވަމެވެ. މަޙްރަމެއް އެކުގައި ދަތުރު ކުރުމަށް ލިބުމަށް ދާންދެން ދަތުރު ލަސްކުރުން އެއީ އެންމެ ހެޔޮގޮތް ކަމުގައި ބުނަމެވެ. ދަލީލާއި ފުށުއަރާ އެންމެހައި ބަސްތަކެއް ދޫކޮށް ﷲ އަށް ކުއްތަން ވުމުގެ މަގަކީ ދަލީލުގައި ދެމިހުރުން ކަން ހަދާން ކޮށްދެމެވެ.

ޖަވާބު ފުރިހަމައަށް ޙާސިލްވެއްޖެ ކަމުގައި އުއްމީދު ކުރަމެވެ.

ޖަވާބު ދެއްވަވާފައިވަނީ އައްޝެއިޚް މުޙައްމަދު ހަސަން حفظه الله