އައި.ވީ.އެފް (In vitro fertilisation) ހަދައިގެން ދަރިން ހޯދުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

IVF hadhaigen dharin hoadhumuge hukum

އައި.ވީ.އެފް (In vitro fertilisation) ހަދައިގެން ދަރިން ހޯދުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

އައި،ވީ، އެފް ހަދައިގެން ދަރިން ހޯދުމާ ބެހޭގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ދަންނައެވެ! މި މައްސަލައަކީ އުއްމަތުގެ ޢިލްމުވެރިން އިޖްތިހާދުކޮށް އެ މައްސަލައިގެ މައްޗަށް ފަތުވާ ދެއްވާފައިވާ މައްސަލައެކެވެ. ޔަޢުނީ، މައްސަލައަކީ ފަހުގެ ދުވަސްތަކުގައި ލިބިފައިވާ ޞިއްޙީ ކުރިއެރުމާއި ޓެކްނޮލޮޖީގެ ގޮތުން ކުރީ ޒަމާނުގައި ނެތް ޢަމަލެއް ވުޖޫދުވެގެން އައުމުން އޭގެ މައްޗަށް ޢިލްމުވެރިން އިޖުތިހާދުކޮށް ބަސްފުޅު ނެރުއްވާފައިވާ މައްސަލައެކެވެ.

މި ފަދަ މައްސަލައެއްގައި ތިމާ އިޚްތިޔާރު ކުރުން ޙައްޤުވެގެންވަނީ އެންމެ ރައްކާތެރި އަދި އޭގެ ސަބަބުން ތިމާއާ ތިމާގެ ދީން އެންމެ ބޮޑަށް ބާރުއަޅާފައިވާ ގޮތެވެ. އެހެންކަމުން ޖަވާބު އެންމެހައި ޝައްކުތަކުން ސަލާމަތްކޮށްދޭނެ މަގުކަން ބަޔާންކޮށްދެމެވެ.

ފުރަތަމައީ: ކަނޑައެޅިފައިވާ، ވަރަށްވެސް ވަރުގަދަ ޝަރުޠުތަކަކާއެކު މި ޢަމަލު ހުއްދަވެގެންވާ ކަމުގައި ދެކިވަޑައިގަންނަވާ ޢިލްމުވެރިން އަދި މި ޢަމަލު ހުއްދަނުވާނެ ކަމުގައި ވިދާޅުވެފައިވާ ޢިލްމުވެރިންގެ ވެސް މައިގަނޑު ސުރުޚީއެއް ކަމުގައިވަނީ، އެކަން ކުރުމުގައި އޮޅުވާލުމާއި، ހީލަތް ހެދުމާއި، ފައިސާގެ ދަހިވެތި ކަމުގައި ނަސްލު އޮޅިގެން ގޮސްދާނެ ކަމުގެ މައްޗަށް އޮތް ބިރުވެރި ޙާލަތެވެ.

ފަހެ، މި ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ހުއްދަކުރާ ޢިލްމުވެރިން މިކަމުގައި ޝަރުޠުތަކެއް ވަނީ ކަނޑައަޅާފައިއެވެ. އަދި ހުއްދަނުވާނެ ކަމުގައި ވިދާޅުވާ ޢިލްމުވެރިންނަށް ފެނިވަޑައިގަންނަވަނީ މި ޢަމަލުގައި އިތުބާރު ނުކުރެވޭ ގިނަކަންތައްތަކެއް ހިމެނިފައިވާ ކަމާއި އަދި ނުދަންނަ ބައެއްގެ އަތްމައްޗަށް ދޫވެ ދިއުމުން އެކަމުގެ މައްޗަށް ރައްކާތެރި ނުވާނެ ކަމަށްޓަކައި އޮތް ބިރެވެ. މި މައްސަލައިގައި މިއީ ފާހަގަކޮށްލަންޖެހޭ ނުހަނު މުހިންމު ނުކުތާއެކެވެ. އެބަހީ، މިކަން ކުރަން ނުކުންނަ މީހަކަށް، އެކަންކޮށްދޭ ބަޔަކާއި މެދު ޝައްކުކުރެވޭނަމަ، ދީނުގައި އެކަން ހުއްދަކަމުގެ ފަތުވާ އޮތްކަމުގައި ވީނަމަވެސް އޭނާގެ ޙައްޤުގައި އެކަން މަނާ ވެގެންވެއެވެ. އެއީ އޭގެ ސަބަބުން ދީނުގައި އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައިވާ ނަސްލު އޮޅިގެން ދިއުމުން ސަލާމަތްވުމަށްޓަކައިއެވެ.

ދެވަނައީ : ޝަރުޠުތަކާއެކު ހުއްދަކުރާ ޢިލްމުވެރިންގެ ޝަރުޠުތަކަށް ބަލައިލަމެވެ.

މިތަނުގައި ބަޔާން މިކުރާ ޝަރުޠުތަކަކީ އަދި ބަސްފުޅުތަކަކީ މިއަދު ދުނިޔެ މަތީގައި ތިއްބެވި ސުންނަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިއަދު މަދީނާގެ މަސްޖިދުއް ނަބަވީގައި ޢީލްމު އުނގަންނަވައި ދެއްވުމުގައިވާ ޑރ. الشيخ سُلَيمَان الرُّحَيلِي – حفظه الله- ވިދާޅުވެފައިވާ ބަސްފުޅެކެވެ.

ފުރަތަމަ ޝަރުޠު: އަންހެނާއަށް ތަބީޢީ ގޮތުން ދަރިން ލިބޭނެ ކަމުގައިވާ ހުރިހައި ދޮރުތަކެއް ބަންދުވެފައި ވުމެވެ. އެބަހީ, ދެމަފިރިން ރޭކޮށް އެ ގުޅުމުގެ ތެރެއިން ދަރިން ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތުމެވެ. އެގޮތުން ޑޮކްޓަރުން އެކިއެކި ތަޙްލީލުތައް ހަދައި، އަދި ސްކޭންކޮށް އަންހެން މީހާއަށް ޠަބީޢީގޮތުން މާބަނޑުވުމަކީ ނުވާނެ ކަމެއް ކަމުގައި އެނގިގެން ދިއުމެވެ.

އެގޮތުން އަންހެން މީހާގެ ބިސް އުފެދުމުގައި ހުރި މައްސަލަތަކުން ނުވަތަ ދަރިފަނީގައި ހުރި ބަލިކަށި ކަމެއްގެ ސަބަބުން ނުވަތަ މި ނޫންވެސް އެހެނިހެން ސަބަބުތަކުގެ ސަބަބުން ދަރިން ލިބުމުން މަޙްރޫމްވެފައިވުމެވެ. އެގޮތުން ބައެއް މީހުން 3 އަހަރު ނުވަތަ ހަތަރު އަހަރުވުމުން މިކަމަށް އަވަސްވެގަނެއެވެ. ޓެސްޓުތައް ރަނގަޅު އަދި ސްކޭންތައް ވެސް ރަނގަޅެވެ. އެހެނަސް (ދަރިން ނުލިބި ދިގުލައިގެންދާތީވެ) މިކަމަށް އަވަސްވެގަނެއެވެ. މިއީ ހުއްދަވާނެ ގޮތެއް ނޫނެވެ. ކައިވެންނަށް 7 އަހަރުފަހުން އަދި ކިޔެއްތަ 15 އަހަރުފަހުން ވެސް މާބަނޑުވެ ދަރިން ލިބިފައިވާ ފަރާތްތައް އަހަރެމެން ދަންނަމެވެ. ވަރަށް ރަނގަޅަށް އަހަރެމެން މިފަދަ (ޢާއިލާތައް) ދަންނަމެވެ.

ވީމާ، މިކަމަށް އަވަސްވެގަނެގެން ނުވާނެއެވެ. އެންމެހައި ދޮރުތަކެއް ބަންދުވެ އެނޫންގޮތެއް ނެތުމަށް ދާންދެނެވެ.

ދެވަނަ ޝަރުޠަކީ: ދަރިފަންޏަކީ އިނދެގެން ހުރި ފިރިހެންމީހާގެ ދަރިފަނި ކަމުގައިވުމާއި، އަދި އަންހެނާގެ ބިހަކީ އަނބިމީހާގެ ބިސް ކަމުގައި ވުމެވެ. އަދި އަނބިމީހާގެ ބިހުގެ ތެރެއަށް އިނދެގެންހުރި ފިރިމީހާގެ ދަރިފަނި ލައްވައިގެން ކުރުމެވެ. ފަހެ، (ފިރިމީހާގެ ދަރިފަނި ބަލިކަށިވުމުން) އެހެން ފިރިހެނެއްގެ ދަރިފަނި ނަގައި އަނބިމީހާގެ ބިހުގެ ތެރެއަށްލުމަކީ ހުއްދަވެގެންވާނެ ޢަމަލެއް ނޫނެވެ. ފަހެ، މިއީ ޙަރާމްވެގެންވާ ޢަމަލެކެވެ. މިއީ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. މިއީ ނަޞަބު މައްސުނިވެ، އޮޅިގެން ދިއުމެކެވެ. ފަހެ، ނަޞަބު އޮޅުވާލުމަކީ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވާ ފާފަ އެކެވެ. އަދި ހަމައެފަދައިން އަނބިމީހާގެ ފަރާތުން ނޫން އެހެން އަންހެނެއްގެ ކިބައިން ބިސް ނަގައި ފިރިމީހާގެ ފަނި އެއަށް ލުމަށް ވެސް ހުއްދައެއް ނުވާނެއެވެ.

މި ޝަރުޠުގެ މައްޗަށް އިމާމް الشيخ العثيمين -رحمه الله- ޛިކުރު ކޮށްފައިވާ ދަލީލުތަކުގެ ތެރޭގައިވެއެވެ. އެއީ الله تعالى ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. ( وَاللَّهُ جَعَلَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا وَجَعَلَ لَكُمْ مِنْ أَزْوَاجِكُمْ بَنِينَ وَحَفَدَةً وَرَزَقَكُمْ مِنَ الطَّيِّبَاتِ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ اللَّهِ هُمْ يَكْفُرُونَ )

“އަދި اللَّه، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބިންލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ލައްވައި، އަދި ރަނގަޅު ޙަލާލު ތަކެތިން، ތިޔަބައިމީހުންނަށް ރިޒުޤު ދެއްވިއެވެ. ފަހެ، އެބައިމީހުން އީމާން ވަނީ، ބާޠިލަށް ހެއްޔެވެ؟ އަދި އެބައިމީހުން ކާފަރު ވަނީ، اللَّه ގެ ނިޢުމަތަށް ހެއްޔެވެ؟”.

މި އާޔަތުގެ މައްޗަށް ޝެއިޚް ވިދާޅުވެފައިވެއެވެ. “ފަހެ، އެކަން ޚާއްޞަ ކުރައްވާފައިވަނީ އަނބިން އަދި ފިރިންނަށެވެ”. އެބަހީ، އަނބިމީހާގެ ބިހާއި ފިރިމީހާގެ ދަރިފަނި ނޫން އެހެން އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް އޮވެގެން ނުވާނެއެވެ.

ތިންވަނަ ޝަރުޠަކީ: އަނބިމީހާގެ ބިސް ނަގައި އަދި ފިރިހެން މީހާގެ ދަރިފަނި ނަގައި، އެ ކަމުގައި މަސައްކަތްކުރާ ޑޮކްޓަރަކީ އަމާނާތްތެރި އަދި އެންމެ ފުރިހަމައަށް އިތުބާރު ކުރެވޭ ޑޮކްޓަރެއް ކަމުގައި ވުމެވެ. ސަބަބަކީ، އޭނާއަކީ އަމާނާތްތެރިކަމެއް ނެތް އިތުބާރު ނުކުރެވޭ ފަރާތެއް ކަމުގައިވެއްޖެހިނދު، ބަލިކަށި ދަރިފަނިތައް ހުރުމުން، ޞިއްޙަތު ރަނގަޅު ދަރިފަނިތަކެއް އެހެން ފިރިހެނެއްގެ ކިބައިން ނަގައި އަންހެން ބިހުގެ ތެރެއަށް ދޫކޮށްފާނެ ކަމުގެ ބިރު އޮންނާތީއެވެ. އެހެނީ އޭނާގެ ހުރިހައިވެސް ލަނޑުދަޑިއަކީ އެވެނި މިވަނި ޑޮކްޓަރަކީ އައި.ވީ. އެފް. ހަދައި ކާމިޔާބު ކުރާ ޑޮކްޓަރެއް ކަމުގެ ނަން ހޯދުމެވެ. ފަހެ، މިހެންވުމުން، ކޮންމެހެން ވެސް އެ ޑޮކްޓަރަކީ އޭނާގެ މައްޗަށް އަމާނާތްތެރިކަމުގައިވާ އަދި އިތުބާރު ހިފޭ ޙާލުގައިވާ ޑަކްޓަރެއްކަމުގައިވުން ލާޒިމްވެގެންވެއެވެ.

(ޝެއިޚްގެ ބަސްފުޅު ނިމުނީއެވެ.)

ބުނަމެވެ. ތިންވަނަ ޝަރުޠު ކަމުގައިވާ އަމާނާތްތެރިކަމާއި އިތުބާރުގެ މައްޗަށް؛ މި ޒަމާނުގައި އެކަންތައް ކުރާ އަހުލުވެރިންގެ ޙާލަތާއި އޭގެ ނަތީއްޖާގެ މައްޗަށް އިޝާރާތް ކުރައްވާ، މި ޒަމާނުގައި ފާޅުވި ސުންނަތުގެ އެންމެ ވަރުގަދަ އިމާމް الإمام الألبَانِي -رحمه الله- ވިދާޅުވެފައިވެއެވެ.

“މި މައްސަލައިގެ މައްޗަށް ނަޟަރު ހިންގައި ބެލުމަށްފަހު (ބަޔާންވެގެން ދިޔައީ) މި ޢަމަލު ހުއްދަވެގެން ނުވާނެ ކަމެވެ. ހަމައެކަނި (ހުއްދާވާނީ) ދެމަފިރިންގެ ތެރެއިން އެކަކީ އެކަމުގެ ޑޮކްޓަރެއް ކަމުގައި ވެ އެކަން ކުރުމެވެ. ނުވަތަ އެންމެ ކުޑަމިނުން އެތަނުން (ދެމަފިރިންގެ ތެރެއިން) އެކަކު އެކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަން ކުރުމެވެ. ދެންފަހެ، ނުދަންނަ ބީރައްޓެހި އަންހެނުންނާއި ފިރިހެނުންގެ މައްޗަށް އެކަން ކުރުމަށް ދޫކޮށްލުން؛ ފަހެ، އެހިނދު އެކަން ކުރުން ހުއްދައެއް ނުވާނެއެވެ”.

އަޚާއެވެ! އުޚްތާއެވެ! މިއީ އިންސާނާގެ އަތުން ސިކުންތުތަކެއްގެ ތެރޭގައި ކޮށްލާ ކުޑަ ޢަމަލެއްގެ ސަބަބުން އެތައް ނުރައްކަލަކަށް ހުށަހެޅިދާނެ ކަމުގެ ބިރު އޮތް ޢަމަލެކެވެ. އެހެން މީހެއްގެ ދަރިފަނި އަންހެން މީހާގެ ބިހުގެ ތެރެއަށް ލެއްވުމަށް ހޭދަވާނީ ކިހާ އިރެއް ހެއްޔެވެ؟ ފަހެ، އެހިނދު ފިރިމީހާގެ މަނި ނޫން އެހެން ދަރިފަންޏެއް އަޅައި މާބަނޑުވީއެވެ. ނަޞްލު އޮޅުވައިލެވުނީއެވެ. ޢުމުރު ދުވަހަށް ޙަޔާތުގައި އުޅެންޖެހޭނީ މި ޙާލުގައިއެވެ. ފަހެ، އެއްވެސް ޝައްކެތްނެތެވެ. ޝެއިޚް ވިދާޅުވެފައިވާ ފަދައިން ބީރައްޓެހި ނުދަންނަ ބައެއްގެ އަތްމައްޗަށް މިކަން ދޫކޮށްލުން މިއީ ކުޑަކަމެއް ނޫނެވެ.

ހަތަރުވަނަ އަދި ފަސްވަނަ ޝަރުޠެއްގެ ގޮތުގައި އިމާމް الشيخ العثيمين -رحمه الله- ވިދާޅުވެފައިވެއެވެ. ދަރިފަނި ނަގަންވާނީ އެކަމަށް ހުއްދަވެގެންވާ މަގަކުންނެވެ. އެގޮތުން ފިރިމީހާ އޭނާގެ އަނބިމީހާގެ ފަރާތުން އުފާހޯދައި، އަނބިމީހާގެ ޖިންސީ ގުނަވަން ބޭނުން ކޮށްގެން ނުވަތަ އަނބިމީހާގެ އަތް ބޭނުންކޮށްގެން އެގޮތުން މަނި ބޭރު ކުރުމެވެ. އެއަށްފަހު އެ ދަރިފަނިތައް އަންހެން މީހާގެ ބިހުގެ ތެރެއަށް ލެއްވުމެވެ.

ހަވަނަ ޝަރުޠަކީ: ބިހުގެ ތެރެއަށް ދަރިފަނި އެޅުމަށްފަހު، އަނބިމީހާގެ ރަޙިމުގެ ތެރޭގައި އެ ބިސް ބޮޑު ކުރުމެވެ.

އެ ނޫން އެހެން އެއްވެސް އަންހެނެއްގެ ރަޙިމަށް ލެއްވުން އެއްވެސް ޙާލެއްގައި ހުއްދައެއް ނުވާނެއެވެ. އެހެން ނޫން ކަމުގައިވާނަމަ، އެއިން ދަލީލު ކުރެވެނީ، ފިރިހެނެއްގެ ދަރިފަނި އޭނާއަށް ޙަލާލު ނޫން އަންހެނެއްގެ ރަޙިމައްލެއްވުމެވެ. ހަމަކަށަވަރުން ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ( نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُوا لِأَنْفُسِكُمْ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ مُلَاقُوهُ وَبَشِّرِ الْمُؤْمِنِينَ )

“ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: ނަސްލު އުފެދުމުގެ މަގު ޚިޔާރު ކުރާށެވެ.) އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޓަކައި (ހެޔޮކަންތައް) އިސްކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ތަޤްވާ ވެރިވާށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނީ އެކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަން ތިޔަބައިމީހުން ދަންނާށެވެ! އަދި މުއުމިންނަށް އިބަ ނަބިއްޔާ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ”.

ޝެއިޚް ވިދާޅުވެފައިވެއެވެ. “ފަހެ، ފިރިހެނާއަށް ދަނޑުބިން ކަމުގައި ޚާއްޞަ ކުރައްވާފައިވަނީ އޭނާގެ އަނބިމީހާއެވެ. ފަހެ، އެހިނދު ލާޒިމް ކުރަނީ، އަނބިމީހާ ނޫން އެހެން އަންހެނަކީ އޭނާއަށް ގޮވާން ކުރުމަށްއޮތް ދަނޑުބިމެއް ނޫން ކަމެވެ”.

ދެންއޮތީ މި ޢަމަލަކީ އޭގެ ނުރައްކާތެރި މަގުތަކާއި، ކަށަވަރުނުވާ ކަންކަމާއި އެފަދަ ނުސީދާ ކަންތައްތަކުގެ މައްޗަށް ދޮރު ހުޅުވިގެންދާނެ ސަބަބުތަކެއް އޮތުމާއެކު، އެކަން މަނާކުރައްވާފައި ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. އެގޮތުން ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة د. صَالح الفَوزَان -حفظه الله – ވިދާޅުވެފައިވެއެވެ.

“ދަރިން ހޯދުމަށްޓަކައި އައި.ވީ.އެފް. ހެދުން ހުއްދައެއް ނުވާނެއެވެ. މި މަގަކީ ހުއްދަވެގެންވާ ގޮތެއް ނޫނެވެ. ދަރިން ހޯދުން، މާބަނޑުވުންވަނީ ޝަރުޢީ ގޮތްތަކުންނެވެ. އެގޮތުން ދެވަނަ މީހަކާއި ކައިވެނި ކުރުމެވެ. ތިންވަނަ މީހާއާ ކައިވެނި ކުރުމެވެ. އަދި ހަތަރުވަނައަށް ވެސް މެއެވެ. ﷲ ގެ އިރާދަފުޅުން އޭނާއަށް ދަރިއެއް ލިބޭނެއެވެ. އަދި ބަލީގެ ސަބަބުން ދަރިމައި ނުވާނަމަ ޑޮކްޓަރުންގެ ހޯދުންތަކުން އެކަމަށް ބޭސްފަރުވާ ކުރާނީއެވެ. ފަހެ، ދަރިން ހޯދުމުގައި މިއީ ބޭސްފަރުވާ ކުރެވޭނެ ގޮތްތަކެވެ. އެހެނަސް އައި.ވީ.އެފް ހެދުމަށް ބަރޯސާވުން މިއީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ”.

ފަހެ، މި ބަސްފުޅުތަކުގެ މައްޗަށް އެކުއެކީގައި އަލިއަޅުވައި ބުނަމެވެ. މިފަދަ އެއްވެސް ފަތުވާއަކީ އައި.ވީ.އެފް ހެދުމަށް ޚާއްޞަ މީހަކަށް ހުއްދަވާނެ ސަބަބެއް ކަމުގައި ނުވެއެވެ. އެހެނީ، ހުއްދަ ކުރައްވާފައިވާ ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ޝަރުޠުތައް ބަޔާންވެގެންވަނީ، އެ ތަނަކުން އެކަން ކުރާގޮތަށާއި އަދި އެކަން ކުރާ ޑޮކްޓަރުގެ އަމާނާތްތެރިކަމާއި އިތުބާރުގެ މައްޗަށެވެ.

ވީމާ، އެއްވެސް ފަތުވާއަކީ މި ޝަރުޠުތައް ފުރިހަމައަށް ތަންފީޛުވާނެކަން ދައްކައިދޭ އަދި ކަނޑައަޅައިދޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެކަން ކުރާ އަދި ކުރެވޭ ތަނާއި އެކަން ކުރާ ޑޮކްޓަރުންގެ ޙާލަތަށް ރިޢާޔަތްކޮށް އަމާނާތްތެރިކަމުގެ މައްޗަށް ބިނާކޮށް މެނުވީ އެމީހަކަށް އެކަން ހުއްދަ ނުވާނެއެވެ.

އަޚާއެވެ! އުޚްޠާއެވެ! އިސްލާމީ ޝަރީޢަތުގައި ނަޞްލު ރައްކާތެރި ކޮށްފައިވާގޮތާއި އެކަމުގައި ޙިމާޔަތްކޮށް ޙައްދުތައް ހިފަހައްޓާފައިވާ މިންވަރަށް އެއްވެސް އެހެން ދީނެއްގައި ނުވެއެވެ. މީގެ އިތުރަށް ބައެއް ދީންތަކުގައި އެއްވެސް ހަމައެއް، ޙައްދެއް ނެތި، ޤަވާޢިދެއްނެތި، ޝަރުޠެއްނެތި ދަރިން ހޯދަންވީއެވެ. ފިރިހެން މީހާގެ ދަރިފަނި ނުލިބޭނަމަ އެހެން ފިރިހެނެއްގެ ދަރިފަނި ގަނެގެން އަނބިމީހާގެ ރަޙިމަށް ލައްވައިގެން ދަރިން ހޯދަންވީއެވެ. މިފަދައިން ޤަބޫލުކުރާ ޑޮކްޓަރެއްގެ ޢަމަލު ހުންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އޭނާއަށް އޮތް އަމާނާތްތެރި ކަމަކީ ކޮބައިތޯއެވެ؟

ނުހަނު ގާތް، ދަންނަ، ރަޙްމަތްތެރިއެއް މިފަދައިން ޙިއްސާކުރި ބަސްތަކެއް ޢިބުރަތަކަށް ޓަކައި ބަޔާން ކުރަމެވެ. އަންހެނުން ދަރިމައި ނުވާތީ އެތައް މަސައްކަތެއްކޮށް އެންމެފަހުން އިންޑިޔާގެ ނަން މަޝްހޫރުތަނަކުން ބޭސްފަރުވާ ކުރަން ފެށިއެވެ. 6 މަހުން 6 މަހުން ދައްކަމުންގޮސް، އެތަކެއް ފައިސާތަކެއް ހޭދަކުރިއެވެ. އަދި ޑޮކްޓަރުންނަށް ވެސް އެކުރާ ޚަރަދާއި ކުރާ މަސައްކަތް ފެނެއެވެ. ނަތީއްޖާއަކީ ފިރިހެން މީހާގެ ދަރިފަނި މަރުވެފައިވާ މައްސަލައެވެ. ޑޮކްޓަރު ވެސް އެގޮތަށް ބުނެއެވެ. ދަރިފަނި އުފެދުއްދުމާއި މަރުވުމުން ސަލާމަތް ކުރުމަށް އެކިއެކި ބޭސްތަކާއި ފަރުވާ ހޯދިއެވެ. އައިވީއެފް ހަދައިގެން ވެސް ކުރި އެރުމެއް ނުލިބުނެވެ. އެންމެފަހުން ޑޮކްޓަރު ދަރިން ލިބޭނެ އޭ ބުންޏެވެ. އެ އަޚުގެ ސުވާލަކީ “ދަރިފަނި މަރުވެފައިވާހިނދު، ދަރިން ލިބޭނެ ގޮތެއް ހޯދުމަށް އޮތީ ދަރިފަނި ހޯދުމެވެ…”. ފަހެ، އެ ބުނާ އެއްޗަކީ ލެބޯޓަރީގައި ރައްކާކޮށްފައި ހުރި އެހެން މީހެއްގެ ދަރިފަނި ނަގައި އަނބީމީހާގެ ރަޙިމަށް ލެއްވުންކަން އެނގުނެވެ. އެހިނދު އެކަން ހުއްޓާލީމެވެ.

ފަހެ، މިއީ އިސްލާމް ދީނުގައި މިކަމުގެ ނުބައިކަމާއި، ނަޞްލު އޮޅުވާލުމާއި އޭގެ ޙަރާމްކަން ޤަބޫލުނުކުރާ މީހަކަށް ކުޑަ، ވަރަށް ކުޑަކަމެއް ކަމުގައި މެނުވީ ނުވާނެއެވެ. ފައިސާގެ ދަހިވެތިކަން އޮތް ބަޔަކަށް، ދަރިން ހޯދަން ނުހަނު ބޭނުން ޖެހިފައިވާ އަދި ކޮންމެ ފަދަ ޚަރަދެއް ކުރުމަށް ތައްޔާރަށް ތިބި ބަޔަކު ފެނިއްޖެހިނދު، ފައިސާއަށް އޮތް ދަހިވެތި ކަމުގައި ނުކުރާނެ ކަމެއް އޮންނާނެ ހެއްޔެވެ؟

ޝަރީޢަތް ހުއްދަ ނުކުރާ ގިނަގުނަ މަގުތަކެއް މި ޢަމަލުތަކުގައިވާހިނދު، ޝަރީޢަތުގައި ހުއްދަކޮށްފައިވާ ޢަމަލުގައި ޤާއިމްވާނެ ބަޔަކީ ނުހަނު މަދު ބައެއްކަމުގައި މެނުވީ ނުވާނެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.