ފާއިތުވެފައިވާ ނަމާދުތަކެއް ހުރި މީހާ އެ ނަމާދުތައް ޤަޟާ ކުރާނީ ކޮން ތަރުތީބަކުން ހެއްޔެވެ؟

faaithu vefaiva namaadhu thah kuraane tharutheebu

ފާއިތުވެފައިވާ ނަމާދުތަކެއް ހުރި މީހާ އެ ނަމާދުތައް ޤަޟާ ކުރާނީ ކޮން ތަރުތީބަކުން ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފާއިތުވެފައިވާ ނަމާދުތަކެއް ހުރި މީހާ އެ ނަމާދުތައް ޤަޟާ ކުރުމާއިމެދުގައި ބުނަމެވެ. އެ ނަމާދުތައް ކުރަންޖެހޭނީ ތަރުތީބުންނެވެ. މިކަން ބަޔާން ކުރައްވާ ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރުއްވާފައިވާ ފަތުވާގައިވެއެވެ.

ސުވާލު: ނަމާދުތަކެއް ކުރުމަށް ހަނދާންނެތިފައިވާ މީހާއަށް، ގެއްލިފައިވާ ނަމާދުތައް، ފަތިސް، މެންދުރު، ޢަޞްރު ނަމާދު އޭނާ ހަނދާންވުމުން ކުރާނީ ކިހިނެއް ތޯއެވެ؟

ޖަވާބު: ޤަޟާ ކުރަންޖެހިފައިވާ ނަމާދުތައް ލަސްނުކޮށް (ހަނދާންވުމާއެކު) ވަޤުތުން ކުރުން ވާޖިބުވެގެންވެއެވެ. އަދި އެ ނަމާދު ކުރަންޖެހޭނީ ނަމާދުތައް ﷲ سبحانه وتعالى ފަރުޟުކުރައްވާފައިވާ ތަރުތީބުންނެވެ. އެގޮތުން ފުރަތަމަ ފަތިސް ނަމާދު، އެއަށްފަހު މެންދުރު ނަމާދު އަދި އެއަށްފަހު އަޞްރު ނަމާދެވެ. وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم” (فتاوى اللجنة الدائمة : 581).

އިސްވެ ބަޔާންވެގެން ދިޔައީ ނަމާދުތައް ޤަޟާ ކުރަން ޖެހިފައިވާ މީހާ އެ ނަމާދުތައް ޤަޟާކުރުމުގައި ޢަމަލު ކުރާނެ ސިފައެވެ. މިޘާލަކަށް އެފަދައިން ޢުޒުދުވެރި ޙާލަތެއް ދިމާވެ މެންދުރު، ޢަޞްރު އަދި މަޣްރިބް ނަމާދު ފާއިތުވީއެވެ. ފަހެ އޭނާ އެކަން ހަނދާން ވުމާއެކު އެ ނަމާދުތައް ކުރުން ހުއްޓެވެ. ލަސްކުރުމެއް ނުވެއެވެ.

އެގޮތުން ހަނދާންވީ އެރޭގެ ޢިޝާވަގުތުގައިއެވެ. ވީމާ ފާއިތުވެދިޔަ ނަމާދުތައް ތަރުތީބުން ކުރުން ހުއްޓެވެ. އެެގޮތުން ފުރަތަމަ މެންދުރު ނަމާދު އެއަށްފަހު ޢަޞްރު ނަމާދު އަދި އެއަށްފަހު މަޣްރިން ނަމާދު ކުރާނީއެވެ.

الامام ابن باز -رحمه الله- ވިދާޅުވެފައިވެއެވެ. “ނަމާދު ކުރާނީ ތަރުތީބުންނެވެ. އެގޮތުން ފަތިސް، މެންދުރު، އަސްރު، މަޣްރިބް އަދި ޢިޝާ ތަރުތީބުން ކުރުމެވެ. އެއް ވަގުތުގައި ހުރިހައި ނަމާދެއް (ނަމާދަކަށް ފަހު ނަމާދެއް ޤަޟާކުރުން) ފަހެ، އެ ގޮތް ހެޔޮވެގެންވެއެވެ. ފަހެ، މިކަމުގައި ވާޖިބު ވެގެންވަނީ، އަވަސް ކުރުމެވެ. ޤަޟާ ކުރުމަށް އަވަސްވެގަތުމެވެ”.

ފާއިތުވި މެންދުރު ނަމާދު އަނެއް ދުވަހު މެންދުރު ވަގުތައް ލަސްކުރުން ނުވަތަ އަޞްރު ނަމާދު އަނެއް ދުވަހު ޢަޞްރަށް ލަސްކުރުން ހުއްދައެއް ނުވާނެއެވެ. މިފަދައިން ލަސްކުރުން އޭނާއަށް ނަމާދު ކުރުމަށް ކުޅަދާނަވެގެންވާ ޙާލުގައި ހުއްދައެއް ނުވާނެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.