އިސްޓާކީނަށް އެރުމަށް އުނދަގޫވާ އަންހެނުން، އިސްޓާކީނަށް ނާރާ ނަމާދުކުރުމުން އެ ނަމާދު ސައްޙަވާނެ ތޯއެވެ؟

istaakeenu nulai anhenunnah namaadhu kureveynetho

އިސްޓާކީނަށް އެރުމަށް އުނދަގޫވާ އަންހެނުން، އިސްޓާކީނަށް ނާރާ ނަމާދުކުރުމުން އެ ނަމާދު ސައްޙަވާނެ ތޯއެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ނަމާދުގައި ދެފައިތިލަ ނިވާ ކުރުމާ މެދު ޢިލްމުވެރިން ޚިލާފުވެ ވަޑައިގަންނަވައެވެ. ޖުމްހޫރު ޢިލްމުވެރިން، المالكية އަދި الشافعية އަދި الحنابلة ގެ ބަސްފުޅަކީ ނަމާދުގައި އަންހެންމީހާ އިސްޓާކީނުން ނުވަތަ އެނޫންވެސް ފޭރާމެއް ބޭނުންކޮށްގެން ދެފައިތިލަ ނިވާކުރުން ވާޖިބުވެގެންވާ ކަމެވެ.

އަދި މި މައްސަލައިގައި ދަލީލެއްގެ ގޮތުގައި އިމާމް أبو دواد ސުނަނުގައި ޞަހާބިއްޔާ أم سلمة ـ رضي الله عنها ـ ގެ އަރިހުން ރިވާ ކުރެވިގެންވާ ޙަދީޘް ޛިކުރު ކުރައްވައެވެ.

އެ ޙަދީޘްގައިވަނީ، އެކަމަނާ ނަބިއްޔާ صلى الله عليه وسلم އަރިހުގައި ސުވާލުދެންނެވިއެވެ. ހެދުން ތިރިން އިޒާރެއް (ހަރުވާޅެއްފަދަ) އެއްޗެއް ނެތަސް، ހަށިގަނޑު ނިވާވާނެ ހެދުމެއް ލައިގެން ޚިމާރަކުން ބޯ ނިވާކޮށްގެންހުރެ ނަމާދު ކުރުން ހުއްދަވާނެ ހެއްޔެވެ؟

އެހިނދު رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ހެދުމުން (ދެފައިތިލަ ނިވާވެގެންދާނަމަ) އޭގައި ނަމާދު ކުރެވޭނެއެވެ”. (މި ޙަދީޘްއާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެއެވެ. ވަރަށް ގިނަ ޢިލްމުވެރިންގެ ބަސްފުޅަކީ، أم سلمة ـ رضي الله عنها ހަމައަށް ސަނަދު ހުއްޓިފައިވާ ކަމެވެ. އެބަހީ: އެއީ أم سلمة ـ رضي الله عنها ފަތުވާއެއްކަމެވެ. އެއްވެސް ޙާލެއްގައި ރަސޫލާ صلى الله عليه وسلم މަޤާމާއި ހަމައަށް އުފުލިފައިވާ، ނަބިއްޔާ صلى الله عليه وسلم ވިދާޅުވެފައިވާ ޙަދީޘް ބަސްފުޅެއް ނޫން ކަމެވެ.)

މި މައްސަލައިގައި الحنفية މަޛްހަބުގައި ދެފައިތިލަ ނިވާކުރުމަކީ ވާޖިބުކަމެއް ނޫނެވެ. އަދި މި ޤައުލު ބައެއް މުޙައްޤިގުން ވެސް އިޚްތިޔާރު ކުރައްވާފައިވެއެވެ.

މި މައްސަލައިގައި ސާފު ޞަރީޙަ ދަލީލެއް ވާރިދުވެގެން ނުވުމަކީ ޢިލްމުވެރިން މެދުގައި ޚިލާފު އުފެދިފައިވާ ސަބަބު ކަމުގައިވުމާއެކު، މިކަމުގައި ރައްކާތެރި ގޮތުގައި ހިފުން ހުއްޓެވެ. އެއީ ޚިލާފުން ނުކުތުމަށް ޓަކައި ނަމާދުގައި ދެފައިތިލަ ނިވާ ކުރުމެވެ. އަދި މިއީ އެންމެ ހެޔޮ އަދި ފުރިހަމަ ގޮތް ކަމުގައިވެސް ވެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. “ދެންފަހެ، ދެފައިތިލަގެ މައްޗަށް ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީ ނިވާ ކުރުމެވެ. އެއީ އިސްޓާކީނުން ނުވަތަ ފައިތިލަ ފޮރުވޭނެ ފަދަ ފޭރާމެއް ބޭނުން ކޮށްގެންނެވެ. ހަމަކަށަވަރުން އިމާމް أبو داود- رحمه الله- عن أم سلمة – رضي الله عنها – ގެ އަރިހުން ރިވާކޮށްފައިވެއެވެ. އެ ކަމަނާ ނަބިއްޔާ صلى الله عليه وسلم އަރިހުގައި ސުވާލު ދެންނެވިއެވެ. ހެދުން ތިރިން އިޒާރެއް (ހަރުވާޅެއްފަދަ) އެއްޗެއް ނެތަސް، ހަށިގަނޑު ނިވާވާނެ ހެދުމެއް ލައިގެން ޚިމާރަކުން ބޯ ނިވާކޮށްގެންހުރެ ނަމާދު ކުރުން ހުއްދަވާނެ ހެއްޔެވެ؟ އެހިނދު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ހެދުމުން (ދެފައިތިލަ ނިވާވެގެންދާނަމަ) އޭގައި ނަމާދު ކުރެވޭނެއެވެ”.

މި ރިވާޔަތް އެކަމަނާގެ ބަސްފުޅެއްގެ ގޮތުގައި އަދި ނަބިއްޔާގެ ޙަދީޘްފުޅެއްގެ ގޮތުގައިވެސް ރިވާކުރެވިގެންވެ އެވެ…. ފަހެ، ކޮންމެ ޙާލަތެއްގައި ވެސް ދަލީލުވަނީ ޖުމްހޫރުންގެ ބަސްފުޅުގައެވެ. އެއީ ނަމާދުގައި ދެފައިތިލަ ނިވާކުރުމެވެ. އެއްގޮތަކީ ދިގު ހެދުމެއް ލައިގެން ނުވަތަ އިސްޓާކީން ބޭނުން ކޮށްގެންނެވެ.

ނިންމާލުމުގެ ކުރީގައި ބުނަމެވެ. އަންހެން މީހާއަށް އިސްޓާކީނަށް އެރުމަކީ ދަތި ކަމެއް ކަމުގައިވާނަމަ، ނަމާދުގައި ރުކޫޢު އަދި ސަޖިދަ ކުރާ ވަގުތުގައި ދެފައިތިލަ ހާމަ ނުވާނެ ފަދަ ދިގު ފޭރާމެއްގައި ހުރެ ނަމާދު ކުރުން ހުއްޓެވެ. ދެފައިތިލަ ފެންނަ ގޮތުގައި ނަމާދު ކޮށްގެން ނުވާނެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.