ހުކުރު ނަމާދުގެ އެއް ރަކުޢަތް ފާއިތުވި މީހާ ޢަމަލުކުރާނީ ކިހިނެއް؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ހުކުރު ނަމާދުގެ އެއް ރަކުޢަތް ފާއިތުވި މީހާ ޢަމަލުކުރާނެ ގޮތް ދެނެގަތުމަށް ޓަކައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ހުކުރު ނަމާދުގެ އެއްރަކުޢަތް ފާއިތުވެއްޖެ މީހާއަކީ ހުކުރު ނަމާދު އިމާމްގެ ފަހަތުގައި ހޯދައިފައިވާ މީހެކެވެ.
ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ރަކުޢަތް ލިބުމުގެ މާނައަކީ ކޮބައިކަން ބަޔާން ކުރަމެވެ.
އެއީ އެ ރަކުޢަތުގެ ރުކޫ ލިބުމެވެ. އެބަހީ: އިމާމް ރުކޫގައިވަނިކޮށް، މައުމޫމަށް ރުކޫޢަށް ދެވިއްޖެހިނދު މައުމޫމު މީހާ އެވަނީ އެ ރަކުޢަތް ހޯދާފައިއެވެ. އެހެންވުމުން، އިމާމްގެ ފަހަތުގައި އިޢުތިދާލް ނުވަތަ ސަޖިދަ ލިބުނު ކަމުގައި ވިނަމަވެސް އެ ރަކުޢަތް ލިބުނު ކަމުގައި ނުވާނެކަން ދަންނަހުއްޓެވެ. މިފަދައިން ހުކުރު ނަމާދުގައި އެއް ރަކުޢަތް ލިބުނު މީހާގެ މައްޗަށް އޮތް ޙުކުމް ބަޔާން ކުރަމެވެ.
ފަހެ، އޭނާގެ މައްޗަށް އޮތް ޙުކުމަކީ، އޭނާއަށް ލިބުނު ރަކުޢަތުގެ މައްޗަށް އިތުރު ރަކުޢަތެއް (އޭނާއަށް ފާއިތުވި ރަކުޢަތް) ބިނާކުރުމެވެ. އެގޮތުން އިމާމް ސަލާމް ދިނުމުން، ތެދުވެ އޭނާ ދެވަނަ ރަކުޢަތް ކުރާނީ އެވެ.
އަދި އެއަށްފަހު އައްތަހިޔާތު ކިޔައި ސަލާމް ދޭނީއެވެ. މި ފަދައިން ޢަމަލުކުރުން ބަޔާންވެގެންވާ މާތް ނަބިއްޔާ صَلَّى اللهُ عليه وسلَّمَ ގެ ޙަދީޘްފުޅެއްވެއެވެ. ޞަޙާބީ أبو هريرة -رضي الله عنه- އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللهُ عليه وسلَّمَ ޙަދީޘްފުޅު ކުރެއްވިއެވެ. من أدرك ركعة من الجمعة، فليضف إليها أخرى وقد تمت صلاته “ހުކުރު ނަމާދުން އެއް ރަކުޢަތް ހޯދައިފިމީހާ، ފަހެ، އެ ރަކުޢަތުގެ މައްޗަށް ދެވަނަ ރަކުޢަތް ބިނާ ކުރާށެވެ. ހަމަކަށަވަރުން އޭނާގެ ނަމާދު ފުރިހަމަވެއްޖެއެވެ”.
މި ޙަދީޘްގެ ޞައްޙަކަމާ މެދު ޢިލްމުވެރިންގެ މެދުގައި ދެބަސްވުން އޮތް ކަމުގައި ވީނަމަވެސް ބުރަވެވެނީ މި ޙަދީޘްގެ ޞައްޙަ ވެގެންވުމެވެ. ސަބަބަކީ މި ޙަދީޘްއަށް صحيح البخاري ގައި އަދި އެހެން ސުންނަތް ފޮތްތަކުގައި ބަޔާންވެގެންވާ ޙަދީޘްއިން ބާރުދެވެއެވެ. رَسولَ اللَّهِ صَلَّى اللهُ عليه وسلَّمَ ޙަދީޘް ކުރެއްވިއެވެ. (مَن أَدْرَكَ رَكْعَةً مِنَ الصَّلَاةِ، فقَدْ أَدْرَكَ الصَّلَاةَ) “ނަމާދުގެ ރަކުޢަތެއް ހޯދައިފި މީހާ، ފަހެ، ހަމަކަށަވަރުން އޭނާ ނަމާދު ހޯދައިފިއެވެ”.
ފަހެ، އޭނާ އެއް ރަކުޢަތް ހޯދައިފައި ވުމުން އޭނާ އެވަނީ ހުކުރު ނަމާދު އިމާމްގެ ފަހަތުގައި ހޯދައިފަ އެވެ. އޭނާއަށް ފާއިތުވި ރަކުޢަތް އޭގެ މައްޗަށް ބިނާކުރުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.