އިމާމް މީހާ ރުކޫޢުގައި އޮއްވާ މައުމޫމު ނަމާދަށްވަދެ ރުކޫޢު ހޯދައިފިހިނދު މައުމޫމްއަށް އެ ރަކުޢަތް ލިބޭނެ ހެއްޔެވެ؟

އިމާމް މީހާ ރުކޫޢުގައި އޮއްވާ މައުމޫމު ނަމާދަށްވަދެ ރުކޫޢު ހޯދައިފިހިނދު މައުމޫމްއަށް އެ ރަކުޢަތް ލިބޭނެ ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ނަމާދު ފެށުނުފަހުން ނަމާދުގެ ޖަމާޢަތާ ގުޅި އިމާމަށް ތަބަޢަވާ މައުމޫމަށް ރަކުޢަތް ލިބޭނެ ގޮތާއި މެދު ބުނަމެވެ.

ޖުމްހޫރު ފިޤުހުވެރިން ޤައުލަކީ، އިމާމް މީހާ ރުކޫޢުގައި އޮއްވާ މައުމޫމު ނަމާދަށްވަދެ ރުކޫޢު ހޯދައިފިހިނދު މައުމޫމަށް އެހިނދު ވަނީ އެ ރަކުޢަތް ލިބިފައެވެ.

އެއީ އެފަދައިން ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރައްވާފައިވުމުންނެވެ. ޙަދީޘްފުޅުގައިވެއެވެ. (مَن أدرَك الرُّكوعَ فقد أدرَك الركعةَ.) “ރުކޫޢު ލިބިއްޖެ މީހާ ހަމަކަށަވަރުން ރަކުޢަތް ލިބިއްޖެއެވެ”. މި ޙަދީޘް الإمام أبو داود ރިވާކުރައްވާފައިވެއެވެ. އަދި الإمام الألبَانِي -رحمه الله- إرواء ގައި ޞައްޙަ ކުރެއްވިއެވެ.

ޙަދީޘްފުޅުގެ އިތުރަށް މި ބަސްފުޅަށް ބާރުދެވެނީ މާތް ނަބިއްޔާގެ އަޞްޙާބުބޭކަލުން އެފަދައިން ފަތުވާ ދެއްވާފައިވުމެވެ. ޞަޙާބީ عبد الله بن مسعود -رضي الله عنه- ވިދާޅުވެފައިވެއެވެ. “އިމާމް މީހާ ރުކޫޢުގައިވަނިކޮށް އޭނާއަށް ރުކޫޢަށް ނުދެވިއްޖެހިނދު، އޭނާއަށް ރަކުޢަތް ނުލިބެއެވެ”.

ޞަޙާބީ عبد الله بن عمر -رضي الله عنهما – ވިދާޅުވެފައިވެއެވެ. “ތިމާ ޖަމާޢަތުގައި ބައިވެރިވުމަށް އައިހިނދު އިމާމް ވަނީ ރުކޫޢުގައިއެވެ. ފަހެ، އިމާމް ރުކޫޢުއިން ތެދުވުމުގެ ކުރިން ތިބާއަށް ރުކޫޢަށްގޮސް ދެކަކޫ މަތީގައި އަތްބޭއްވިއްޖެނަމަ، ފަހެ، ހަމަކަށަވަރުން ތިބާވަނީ ރަކުޢަތް ހޯދާފައެވެ”.

އެހެން ބަސްފުޅެއްގައިވެއެވެ. ”އިމާމް ރުކޫޢުގައި އޮންނަނިކޮށް ތިބާއަށް އިމާމް ރުކޫޢިން ތެދުވުމުގެ ކުރިން ރުކޫޢަށް ދެވިއްޖެހިނދު ތިބާވަނީ ރަކުޢަތް ހޯދާފައެވެ. ތިބާއަށް ރުކޫޢަށް ދެވުމުގެ ކުރިން އިމާމް ތެދުވެއްޖެހިނދު ތިބާއަށް ރަކުޢަތް ފާއިތުވީއެވެ“. صحيح/عبدالرزاق٣٤٠٠

ޞަޙާބީ زيد بن ثابت -رضي الله عنه- ވިދާޅުވެއެވެ. “އިމާމް މީހާ ރުކޫޢިން ބޯ އުފުލުމުގެ ކުރިން ތިބާއަށް ރުކޫޢަށް ދެވިއްޖެހިނދު، ފަހެ، ތިބާވަނީ ރަކުޢަތް ހޯދާފައެވެ”.

އަޚާއެވެ! ޙަދީޘްފުޅުތަކާއި އަދި މާތް ނަބިއްޔާގެ އަޞްހާބު ބޭކަލުންގެ ފަތުވާތައް ބަޔާންވުމަށްފަހު އަދި ފިޤުހުވެރިންގެ އިއްތިފާޤު ބަޔާންވުމުން، އެއަށްފަހު ރުޖޫޢުވުމަށް އޮތީ ކޮން އެއްޗަކަށް ތޯއެވެ؟ މިކަމަށް ރައްކާތެރިވުން ހުއްޓެވެ. ޚާއްޞަކޮށް އަޞްޙާބު ބޭކަލުންނަށް ރުޖޫޢަވުމަށް އައިސްފައިވާ ބަސްފުޅުތަކަށް ބަލައިލުމުން ވެސް އެބޭކަލުންގެ ފަތުވާތަކާއި ޚިލާފުން ހުއްދަވެގެންނުވާކަން އެނގިގެންދެއެވެ.

މި މައްސަލައިގައި އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް އޮޅުންފިލައިފައި ވުމަށް، ނުހަނު މުހިންމު ބަސްފުޅުތަކެއް الإمام العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ. އެއީ “(ނަމާދަށް ހަރަމްބަންނަ ތަކްބީރު ކިޔައި، ނަމާދަށް ވަނުމަށްފަހު، އިމާމް މީހާ ރުކޫޢުގައި އޮއްވާ ރުކޫޢަށް ދާ މީހާއަށް) ތިން ޙާލަތެއް ވެއެވެ.

ފުރަތަމައި: އިމާމް މީހާ ރުކޫޢުގައި އޮއްވާ އޭނާއަށް ރުކޫޢަށް ދެވުނުކަން ޔަޤީންވުމެވެ. ފަހެ، އެހިނދު އޭނާއަށް ވަނީ އެ ރަކުޢަތް ލިބިފައެވެ. އަދި އޭނާއަށް އެ ރަކުޢަތުގައި ފާތިޙާ ސޫރަތް ކިޔެވުން ވާނީ ވެއްޓިފައިއެވެ.

ދެވަނައީ: އޭނާއަށް ރުކޫޢަށް ދެވުނު ހިނދު އިމާމް މީހާ ރުކޫޢުއިން ތެދުވެއްޖެކަން އޭނާއަށް ޔަޤީން ވުމެވެ. ފަހެ، އެހިނދުގައި އޭނާއަށްވަނީ އެ ރަކުޢަތް ފާއިތުވެގޮސްފައިއެވެ. އަދި އެ ރަކުޢަތް ޤާޟާކުރުން އޭނާއަށް ލާޒިމްވެގެންވެއެވެ.

ތިންވަނައީ: އޭނާއަށް ޝައްކުވުމެވެ.

ރުކޫޢަށް ދެވުނުހިނދު އިމާމް ރުކޫޢުއިން ތެދުވެއްޖެތޯ ނުވަތަ ނޫންތޯއެވެ؟ ފަހެ، މިޙާލުގައި އޭނާގެ މައްޗަށް އޮތީ ބޮޑަށް ބުރަވެވޭ ގޮތުގެ މައްޗަށް ބިނާކުރުމެވެ. (އޭނާއަށް ބޮޑަށް ހީވާ ގޮތަށް ނިންމާނީއެވެ.)

އޭނާއަށް ބޮޑަށް ބުރަވެވެނީ އިމާމް ރުކޫޢުގައި އޮއްވައި ދެވުނު ކަމުގައިވާނަމަ އޭނާއަށްވަނީ ރަކުޢަތް ލިބިފައެވެ.

އަދި އޭނާއަށް ބޮޑަށް ބުރަވެވެނީ ރުކޫޢަށް ދިޔަ ހިނދު އިމާމް ރުކޫޢުގައި އޮއްވާ އޭނާއަށް ނުދެވޭ ކަމުގައިވާނަމަ އޭނާއަށް ވަނީ އެ ރަކުޢަތް ފާއިތުވެފައެވެ. (ފަހެ، އޭނާއަށް މި ޙާލަތުގައި އޮތީ 2 ގޮތެކެވެ.)

އެއްގޮތަކީ އޭނާއަކީ އިމާމްގެ ފަހަތުގައި ފުރަތަމަ ރަކުޢަތް ހޯދި މީހެކެވެ. ނުވަތަ އޭނާއަކީ ކުރިން ރަކުޢަތްތަކެއް ފާއިތުވެދިޔަ މީހެކެވެ.

ކުރިން ރަކުޢަތްތަކެއް އޭނާއަށް އެނަމާދުގައި ފާއިތުވެފައިވަނާމަ އޭނާ އެ ރަކުޢަތްތައް ގެނެސްގަތުމަށްފަހު ކުށު ސަޖިދަ ޖަހަން ޖެހޭނެއެވެ.

(ޝެއިޚް މިތަނުގައި އޭނާ ކުށު ސަޖިދަ ޖެހުމަށް ވިދާޅުވެފައިވަނީ) ނަމާދުން ސަލާމް ދިނުމަށްފަހުގައިއެވެ.

ދެންއޮތީ އޭނާއަށް އެއްވެސް ކޮޅަކަށް ބުރަ ނުވޭ ޙާލަތެވެ.

(އޭނާއަށް ރުކޫޢަށް ދެވުނު ހިނދު އިމާމް އޮތީ ރުކޫޢުގައިތޯ ނުވަތަ ރުކޫޢުއިން ތެދުވެއްތޯއެވެ.) އެއްވެސް ކޮޅަކަށް ބުރައެއް ނުވެއެވެ. މިޙާލުގައި އޭނާ ބިނާކުރާނީ އޭނާގެ ޛިންމަތް ބަރީއަވާނެ ގޮތުގެ މައްޗަށެވެ.

އެއީ ރަކުޢަތް ނުލިބޭ ކަމަށް ޔަޤީން ކުރުމެވެ. (ރަކުޢަތް ނުލިބޭ ކަމުގެ މައްޗަށް ބިނާ ކުރުމުން އެ ރަކުޢަތް އޭނާ ކުރަން ޖެހޭނެއެވެ.) އަދި އޭނާ ކުށުސަޖިދަ ޖަހާނީ ސަލާމް ދިނުމުގެ ކުރީގައިއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.