ނަމާދުގެ ޖަމާޢަތުގައި ފާތިޙާ ސޫރަތާއި ނުލައި މައުމޫމުންނަށް ރަކުޢަތް ފުރިހަމަވާ ޙާލަތްތަކަކީ ކޮބައިތޯއެވެ؟

maumoomunnah faathiha soorai vetter haalaithah

ނަމާދުގެ ޖަމާޢަތުގައި ފާތިޙާ ސޫރަތާއި ނުލައި މައުމޫމުންނަށް ރަކުޢަތް ފުރިހަމަވާ ޙާލަތްތަކަކީ ކޮބައިތޯއެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސުވާލު ބިނާވެފައިވަނީ، ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔެވުމުގެ ޙުކުމާއި ގުޅޭގޮތުން ނޫންކަމުގައި ވުމުން، އެ މައްސަލައަށް ޖަވާބުގައި ބަލާލައިފައި ނުވާނެއެވެ. އެހެނަސް ބަޔާން މި ކޮށްދެނީ ޢިލްމުވެރިންގެ ބަސްފުޅުތަކުން ނަމާދުގައި ފާތިޙާ ސޫރަތް ކިޔުން މައުމޫމުންނަށް ވެއްޓޭ ޙާލަތަކީ ކޮބައިކަމެވެ.

ޔަޢުނީ: އަންނަނިވި ދެ ދަނޑިވަޅުގައި ސޫރަތުލް-ފާތިޙާ ކިޔުން ނަމާދުގައި މައުމޫންނަށް ވެއްޓޭކަމެކެވެ.

ފުރަތަމަ ދަނޑިވަޅަކީ: މައުމޫމު މީހާ ނަމާދަށް ވަތްއިރު އިމާމް ރުކޫޢުގައި ވުމެވެ. ފަހެ، އެހިނދު މައުމޫމްއަށް އޮތީ ޙަރަމްބަން ތަކުބީރު ކިޔުމާއެކު އަވަސްކޮށް ރުކޫޢަށް ދިއުމެވެ. އަދި އޭނާއަށް ފާތިޙާ ސޫރަތް ކިޔުން މި ޙާލަތުގައި ވެއްޓިގެން ދެއެވެ.

ފަހެ، މިމައްސަލައިގައި އިމާމް البخاري ޞަޙާބީ أبي بكرة رضي الله عنه ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘް ދަލީލުގެ ގޮތުގައިވެއެވެ. ޙަދީޘްގައިވެއެވެ. ޞަޙާބީ މިސްކިތަށް ވަތްހިނދު މާތް ނަބިއްޔާ އޮންނެވީ ރުކޫޢުގައިއެވެ.

ފަހެ، އެހިނދު ޞަޙާބީ (އެ ރަކުޢަތް ހޯދުމުގެ ޤަޞްތުގައި، ރުކޫޢު ހޯދުމަށްޓަކައި) އަވަހަށް ހަރަމްބަން ތަކްބީރު ކިޔައި، ސަފަށްވެސް ނުދެވެނީސް ރުކޫޢު ކުރެއްވިއެވެ. ފަހެ، ނަބިއްޔާ ﷺ ނަމާދުކޮށް އަވައިދިވެ ވަޑައިގެންނެވުމަށްފަހު އެ ޞަޙާބީއަށް ދެންނެވިއެވެ.

( زَادَكَ اللَّهُ حِرْصًا وَلا تَعُدْ ) “ﷲ ތަޢާލާ ތިބާއަށް ބޮޑަށް -ޢަމަލު ކުރުމަށް ޝައުޤުވެރިކަން ދެއްވާށިއެވެ. އަދި އެފަދައިން ދެވަނަ ފަހަރަށް އެ ޢަމަލު ނުކުރާށެވެ”.

ފަހެ، މި ޙަދީޘްއިން ބަޔާންވެގެންވާ ދަލީލަކީ، ސޫރަތުލް ފާތިޙާ ނުކިޔައި ނަމާދު އަދި ރަކުޢަތް ނުލިބޭނެ ކަމުގައިވާނަމަ، ނަބިއްޔާ ﷺ އެ ޞަޙާބީއަށް އެރަކުޢަތް އަނބުރައި ކުރެއްވުމަށް އަމުރުފުޅު ކުރެއްވީހެވެ. ސަބަބަކީ، ޞަޙާބީ ރަކުޢަތް ހޯދުމަށްޓަކައި އަވަސްވެ، އިމާމް ރުކޫޢުގައި އޮއްވައި ރުކޫ ހޯދުމަށްޓަކައި، ފާތިޙާ ސޫރަތް ވިދާޅުނުވެ ރުކޫޢު ކުރެއްވި ކަމެވެ.

ދަންނައެވެ! ޢިލްމުވެރިންގެ ބަސްފުޅުތަކުން އެންމެ ބާރު ލިބޭ ބަސްފުޅަކީ، ޙަރަމް ބަން ތަކުބީރު ކިޔުމަށް ފަހު، ވަޤުތު ތަނަވަސް ވެގެންވާނަމަ، ރުކޫޢަށް ދިއުމަށްޓަކައި ކިޔާ ތަކްބީރު ކިޔައި ރުކޫޢަށް ޙަރަކާތް ކުރުމެވެ.

އަދިވެސް ދަންނައެވެ! ޙަރަމްބަންނަ ތަކުބީރަކީ ކޮޅަށް ހުރެ ނަމާދަށް ވަނުމަށްޓަކައި ކިޔޭ ތަކުބީރެވެ. އެހެންވުމުން، ޙަރަމްބަންނަ ތަކުބީރު ކިޔައި ނަމާދަށް ވަނުމަށް ދާންދެން ރުކޫޢުގެ ޙަރަކާތް ގެނެސްގެން ނުވާނެއެވެ. ގުދުވަމުން އެމީހަކު الله اكبر ކިޔައިފިހިނދު އޭނަ ޙަރަމްބަންނަ ތަކުބީރު ކިޔައިފައި އެވަނީ އެ ކިޔަންޖެހޭ މަޙައްލުގައި ކަމުގައި ނުވާނެއެވެ. އަދި ނަމާދަށް ވަތް ކަމުގައިވެސް ނުވާނެއެވެ.

ދެވަނަ ދަނޑިވަޅަކީ: އިމާމް މީހާގެ ފަހަތަށް ނަމާދަށް ވަތްހިނދު މައުމޫމުއަށް ފާތިޙާ ސޫރަތް ކިޔަވާނެ ވަޤުތުނެތިގެން ދިއުމެވެ. ފަހެ، އެކު އެކީގައި ފާތިޙާ ސޫރަތް ކިޔަވައި ފުރިހަމަ ކުރެވޭނެ ވަޤުތުގެ ތަނަވަސްކަން ލިބިގެން ނުދިއުމެވެ. ފަހެ، މި ޙާލުގައި ސޫރަތުލް ފާތިޙާ ފުރިހަމަ ނުކޮށް އިމާމް އެކުގައި ރުކޫޢަށް ދިއުން ހުއްޓެވެ. އަދި އެ ރަކުޢަތް މައުމޫމާއަށް ލިބޭނެއެވެ. މިމައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الشيخ ابن باز رحمه الله އަރިހުގައި ސުވާލު ކުރެވުނެވެ.

ސުވާލު: ރުކޫޢަށް ދިއުމަށް ވަރަށްވެސް ކުޑަ ވަޤުތުކޮޅެއް ހުއްޓައި އަހަރެންނަށް ނަމާދަށް ވަދެވުނީއެވެ. ފަހެ، އެހިނދު ދުޢާއުލް އިސްތިފްތާޙް ކިޔަން ފަށާނީ ހެއްޔެވެ؟ ނުވަތަ ސޫރަތުލް ފާތިޙާ ކިޔަން ފަށާނީ ހެއްޔެވެ؟ ސޫރަތުލް ފާތިޙާ ފުރިހަމަ ނުވަނީސް އިމާމް ރުކޫޢަށް ގޮސްފިނަމަ ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟

ޖަވާބު: އިސްތިފްތާޙް ކިޔުމަކީ ސުންނަތެވެ. އަދި ފާތިޙާ ސޫރަތް މައުމޫމުން ކިޔެވުމަކީ ޢިލްމުވެރިންގެ ޤައުލުތަކުން އެންމެ ޞައްޙަވެގެންވާ ގޮތުގައި ފަރުޟެކެވެ.

ފާތިޙާ ސޫރަތް ފުރިހަމަ ނުވެވިދާނެ ކަމުގެ މައްޗަށް ބިރުހީވާނަމަ، އެންމެ ފުރަތަމަ ފާތިޙާ ސޫރަތް ކިޔެވުމަށް ފަށާށެވެ. އަދި (ތިބާ ފާތިޙާ ސޫރަތް ކިޔަވަމުން ދަނިކޮށް، ކޮންމެ ހިސާބެއްގައިވަނިކޮށްވެސް) އިމާމް ރުކޫޢަށް ގޮސްފިހިނދު އިމާމް އެކުގައި ރުކޫޢު ކުރާށެވެ. އަދި ތިބާއަށް ފާތިޙާ ސޫރަތުން ނުކިޔެވި އޮތް ބައި ތިބާގެ މަތިން ވެއްޓިގެން ދާނެތެވެ.

އެއީ ނަބިއްޔާ صلى الله عليه وسلم ބަސްފުޅުގައި ބަޔާންވެގެންވާ ފަދައިންނެވެ. ( إنما جعل الإمام ليؤتم به ، فلا تختلفوا عليه ، فإذا كبر فكبروا ، وإذا ركع فاركعوا) “ހަމަކަށަވަރުން އިމާމް ލެވިގެންވަނީ ތަބަޢަވުމަށްވާ ފަރާތެއްގެ ގޮތުގައިއެވެ. ތިޔަބައިމީހުން އިމާމްއާ ޚިލާފް ނުވުން ހުއްޓެވެ. ފަހެ، އިމާމް -ޙަރަމްބަންނަ ތަކްބީރު- ކިޔުމާއި އެކު ތިޔަބައިމީހުން، ޙަރަމްބަންނަ ތަކްބީރު ކިޔުން ހުއްޓެވެ. އަދި އިމާމް ރުކޫޢު ކޮށްފިހިނދު ތިޔަބައިމީހުން ރުކޫޢު ކުރުން ހުއްޓެވެ” فتاوى” (11/243-244) .

ފަހެ، އިމާމް ރުކޫޢަށް ދިޔަ ހިނދު ފާތިޙާ ސޫރަތުގައި ބާކީ އޮތް މިންވަރަކީ އާޔަތެއް ނުވަތަ ކުޑަ ތަންކޮޅެއް ކަމުގައިވެ، އިމާމް ރުކޫޢުގައި ވަނިކޮށް ކިޔެވުން ފުރިހަމަކޮށް ރުކޫޢު ހޯދޭނެ ކަމުގައިވާނަމަ، އެހިނދު ފުރިހަމަކޮށްފައި ދިއުމުގައި އެއްވެސް މައްސަލައެއްނެތެވެ.

އެހެނަސް ބާކީ އޮތް މިންވަރު ކިޔައި އިމާމް ރުކޫޢުގައި އޮއްވައި ރުކޫޢު ނުލިބޭނެކަމުގައި ވާނަމަ، އެމީހެއްގެ ހައްޤުގައި އެ ބައި ވެއްޓިގެން ދާނެއެވެ. އަދި އެ ދަނޑިވަޅުގައި އޮތީ އިމާމްއަށް ތަބަޢަވުމަށް އަވަސްވެގަތުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.