ފަތިސްނަމާދުގައި މެދުކެނޑުމެއްނެތި ޤުނޫތު ކިޔުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

fathis namaadhugai medhu kendumeh nethi gunooth kiyumuge hukum

ފަތިސްނަމާދުގައި މެދުކެނޑުމެއްނެތި ޤުނޫތު ކިޔުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފަތިސް ނަމާދުގައި ޤުނޫތު ކިޔުމާ މެދު ބުނަމެވެ. ފަތިސްނަމާދުގައި މެދުކެނޑުމެއްނެތި ޤުނޫތު ކިޔުމާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފްވެފައިވެއެވެ.

ފުރަތަމަ ޤައުލަކީ : ނާޒިލާއެއް ދިމާވެގެން ނޫން ގޮތަކަށް ޤުނޫތު ކިޔުމެއް ނުވެއެވެ.

މި ބަސްފުޅު އިމާމް أبو حنيفة، އަދި އިމާމް أحمد ވިދާޅުވެފައިވެއެވެ. އަދި މިއީ ގިނަ ޢިލްމުވެރިންގެ ޤައުލެވެ. އަދި ޞަޙާބީންގެ ތެރެއިން ވެސް ގިނަ ބޭކަލުން މިފަދައިން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ابن عباس، ابن عمر، ابن مسعود، أبي الدرداء – رضي الله عنهم- ހިމެނި ވަޑައިގަންނަވައެވެ.

މި ޤައުލުގެ އަހުލުވެރިން ގެންނަވާފައިވާ ދަލީލުތައް ވެސް ގިނަވެގެންވެއެވެ. އޭގެ ތެރޭގައި އިމާމް الترمذي (402) النسائي (164) ابن ماجه (1241) އަދި އެނޫންވެސް ސުންނަތުގެ ފޮތްތަކުގައި أبي مالك سعد بن طارق الأشجعي ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތް ހިމެނެއެވެ. ރިވާޔަތުގައިވެއެވެ. ތިމަންގެ ބައްޕާފުޅުގެ އަރިހުގައި ދެންނެވީމެވެ. “އޭ ބައްޕާފުޅާއެވެ! ހަމަކަށަވަރުން ބައްޕާފުޅު رسول الله صلى الله عليه وسلم ގެ ފަހަތްޕުޅުގައި ހުންނަވައި ނަމާދު ކުރެއްވީމުއެވެ. އަދި أبي بكر އާ عمر އާ عُثمان އަދި علي رضي الله عنهم ގެ ފަހަތްޕުޅުގައި ހުންނަވައި ނަމާދު ކުރެއްވީ ނޫންތޯއެވެ؟

ފަތިސް ނަމާދުގައި ޤުނޫތު އެބޭކަލުން ވިދާޅުވޭތޯއެވެ؟

ފަހެ، އެހިނދުގައި ޖަވާބުގައި ވިދާޅުވިއެވެ.

އޭ ލޯބިވާ ދަރިފުޅާއެވެ! އެއީ އިސްލާމް ދީނަށް އަލަށް ވައްދާފައިވާ ކަމެކެވެ. (ބައެއް ރިވާޔަތްތަކުގައިވެއެވެ.) އޭ ލޯބިވާ ދަރިފުޅާއެވެ. ހަމަކަށަވަރުން އެއީ ބިދުޢައެކެވެ”.

މި ޙަދީޘް الشيخ الألباني رحمه الله – إرواء الغليل- ގައި ޞައްޙަ ކުރައްވާފައިވެއެވެ.

މީގެ އިތުރަށް ވެސް ފަތިސް ނަމާދުގައި މެދުކެނޑުމެއްނެތި ޤުނޫތު ކިޔުމެއް ނުވާކަން އިމާމް البُخاري ގެ ޞަޙީޙުގައި ބަޔާންވެގެންވާ أنس رضي الله عنه ގެ ހަދީޘްވެއެވެ. އަދި އިމާމް أبو داود ގައިވާ ابن عباس رضي الله عنه ޙަދީޘްއިން ވެސް އެފަދައިން ދަލީލު ކުރެވެއެވެ.

ދެވަނަ ޤައުލަކީ: މެދު ކެނޑުމެއްނެތި ފަތސްނަމާދުގައި ޤުނޫތު ކިޔުން ސުންނަތްވެގެންވާ ކަމަށް ބުނެފައިވާ ޤައުލެވެ. މިފަދައިން އިމާމް مالك އަދި އިމާމް الشافعي ވިދާޅުވެފައިވެއެވެ.

 

މި ޤައުލުގެ އަހުލުވެރިން ގެންނަވާފައިވާ ދަލީލުތަކުގެ ތެރޭގައިވެއެވެ. ޞަޙާބީ أنس بن مالك رضي الله عنه ވިދާޅުވެފައިވެއެވެ. (ما زال رسول الله صلى الله عليه وسلم يقنت في صلاة الغداة حتى فارق الدنيا) “ﷲ ގެ ރަސޫލާ صلى الله عليه وسلم ، މިދުނިޔެ ދޫކުރެއްވުމަށް ދާންދެން މެދުކެނޑުމެއްނުވާ ގޮތުގައި ފަތިސް ނަމާދުގައި ޤުނޫތު ވިދާޅުވިއެވެ”.

މި ރިވާޔަތަކީ އިމާމް البيهقي އިމާމް الدارقطني އަދި އިމާމް أحمد ރިވާކޮށްފައިވާ ރިވާޔަތެކެވެ. އެހެނަސް މި ރިވާޔަތަކީ ބަލިކަށި ޘާބިތުނުވާ ރިވާޔަތެކެވެ. މި ޙަދީޘްއަކީ މުންކަރު ރިވާޔަތެއްގެ ގޮތުގައި އިމާމް الألباني، السلسلة الضعيفة ވިދާޅުވެފައިވެއެވެ. އަދި ޙަދީޘްގެ އިމާމުން ދެކެވަޑައިގަންނަވާ ގޮތުގައި މި ޙަދީޘްއަކީ ބަލިކަށި ޙަދީޘެކެއެވެ. ޙަދީޘްއަކީ ޞައްޙަ ނޫން އެއްޗެއް ކަމުގައިވެއްޖެހިނދު، އެ ދަލީލެއްގެ މައްޗަށް ޢަމަލު ކުރުމެއް ނުވެއެވެ.

ތިންވަނަ ޤައުލު: އެއްވެސް ޙާލެއްގައި ޤުނޫތު ކިޔުމެއް ނުވާކަމެވެ.

ފަހެ، މައްސަލައިގެ ޙައްޤު ބަސްފުޅަކީ، ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. އެއީ ނާޒިލާއެއް ކުރިމަތިވެގެންވާ ޙާލުގައި އެ ނާޒިލާއާ ގުޅިގެން މެނުވީ ޤުނޫތު ކިޔުމެއް ނުވެއެވެ. ފަހެ، ނާޒިލާގެ ޤުނޫތުއަކީ ވަކި ޚާއްޞަކޮށް ފަތިސް ނަމާދުގައި ކިޔާ ދުޢާއެއްގެ ގޮތުގައި ވެސް ނުވެއެވެ. އެހެނަސް އެއީ އެންމެހައި ފަރުޟު ނަމާދެއްގައި ކިޔާ ޤުނޫތުގެ ގޮތުގައިވުމެވެ. މި ޤައުލަކީ شيخ الإسلام ابن تيمية، އަދި ابن القيم، އިޚްތިޔާރު ކުރައްވާފައިވާ ޤައުލެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން الشيخ ابن باز، އަދި الشيخ ابن عثيمين މިފަދައިން ވިދާޅުވެފައިވެއެވެ.

އެންމެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް ابن قدامة رحمه الله ވިދާޅުވެފައިވެއެވެ. “ވިތުރި ނަމާދު ފިޔަވައި އެއްވެސް ފަރުޟު ނަމާދެއްގައި އަދި ފަތިސް ނަމާދުގައި ވެސް ޤުނޫތު ކިޔުން ސުންނަތްވެގެން ނުވެއެވެ. މިފަދައިން، الثوري، أبو حنيفة، އަދި މިފަދައިން (ޞަޙާބީން) ابن عباس، ابن عمر، ابن مسعود، أبي الدرداء އަރިހުން ވާރިދުވެގެންވެއެވެ”.

شيخ الإسلام ابن تيمية – رحمه الله- ވިދާޅުވެފައިވެއެވެ. “ނަބިއްޔާ صلى الله عليه وسلم ދިމާވަޑައިގެންނެވި ނާޒިލާއާ ގުޅިގެން ޤުނޫތު ވިދާޅުވިއެވެ. އެއަށްފަހު، އެ ސަބަބު ނެތިވެގެން ދިއުމުން ޤުނޫތު ވިދާޅުވުން ދޫކޮށްލެއްވިއެވެ. ފަހެ، އެހެންވުމުން ޤުނޫތު ކިޔުން ސުންނަތްވެގެންވަނީ ނާޒިލާއެއް މެދުވެރި ވުމުންނެވެ. ފަހެ، މި ޤައުލަކީ ޙަދީޘް އަހުލުވެރިންގެ ފުޤަހާއިންގެ ޤައުލެވެ. އަދި މިބަސްފުޅަކީ ނަބިއްޔާގެ 4 ޚަލީފާވެރި ބޭކަލުންގެ ކިބައިން ނަޤުލު ކުރެވިގެންވާ ބަސްފުޅެވެ…”.

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން، އަލް-އިމާމް الشيخ عبدالعزيز بن باز -رحمه الله- ގެ ރިޔާސަތުގައި ނެރުއްވާފައިވާ ފަތުވާގައިވެއެވެ. “ނާޒިލާއެއް ދިމާވެ، އެ ހާލަތުގައި ޤުނޫތު ކިޔުން ނޫން ގޮތަކަށް ފަތިސް ނަމާދުގައި ޤުނޫތު ކިޔުން ޝަރުޢުވެގެން ނުވެއެވެ. މިޘާލަކަށް ވާބާއެއް ފާޅުވީއެވެ. ނުވަތަ ޢަދުއްވުން މުސްލިމުންގެ ބިން ޙިޞާރު ކުރީއެވެ. ނުވަތަ މުސްލިމުންގެ މައްޗަށް އަރައިގަތީއެވެ. ފަހެ، މިފަދަ ޙާލަތެއް ދިމާވުމުން ފަތިސް ނާމާދުގައި އަދި އެހެނިހެން ނާމާދުގައި ވެސް ޤުނޫތު ކިޔުން ޝަރުޢުވެގެންވެއެވެ. އެއީ އެފަދައިން ނަބިއްޔާ صلى الله عليه وسلم ޢަމަލުފުޅު ކުރައްވާފައި ވުމުންނެވެ”.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.