ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ 

ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ، މިފަދައިން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.

މާތް ނަބިއްޔާއަށް ޞަލަވާތް ކިޔުމުގައި އެންމެ މޮޅު އިތުރުވެގެންވާ ޞަލަވާތަކީ އިބްރާހީމީ ޞަލަވާތް ނުވަތަ “ޞަލާތް އިބްރާހީމިއްޔާ” ގެ ގޮތުގައި ނަން ދެވިފައިވާ ޞަލަވާތެވެ.

މަދީނާގައި މިއަދު ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިއަދު އިސްލާމީ އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ގޮތުގައިވާ އެއް ޢިލްމުވެރިޔާ الشيخ عَبد المُحسِن العبَّاد -حفظه الله- ވިދާޅުވެފައިވެއެވެ.

“ނަބިއްޔާ صلى الله عليه وسلم އަށް ކިޔޭ އެންމެ ހެޔޮ ޞަލަވާތަކީ އިބްރާހީމީ ޞަލަވާތެވެ. އެ ޞަލަވާތަކީ އެނަބިއްޔާގެ ޞަޙާބީން ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުން ނަބިއްޔާއަށް ޞަލަވާތް ކިޔެވުންއޮތީ ކިހިނެތްތޯ ސުވާލު ދެންނެވުމުން އެބައިމީހުންނަށް އުގަންނައި ދެއްވި ޞަލަވާތެވެ. މި ޞަލަވާތް އެތަކެއް ލަފްޒުތަކަކުން ޞަޙާބީންގެ ޖަމާޢަތެއްގެ ފަރާތުން ވާރިދުވެގެން އައިސްފައިވެއެވެ. ހުރިހައި ގޮތަކުން އެންމެ ހެޔޮ ޞަލަވާތަކީ އެ ޞަލަވާތުގައި ނަބިއްޔާ صلى الله عليه وسلم އަދި ނަބިއްޔާގެ އާލުން އަދި އިބްރާހީމް عليه السلام އަދި އިބްރާހީމްގެ އާލުން އެ ޞަލަވާތެއްގައި ޖަމަޢަ ކުރެވިފައިވާ ޞަލަވާތެވެ. صحيح البخاري (3370) އައިސްފައިވެއެވެ. عبد الرحمن ابن أبي ليلى ވިދާޅުވެފައިވެއެވެ. އަހަރެންނާއި كعب بن عجرة -رضي الله عنه- ބައްދަލުވިއެވެ. އަދި ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުން އަރެން އަޑުއެހި ހަދިޔާއެއް ދެންތޯއެވެ. އަހަރެން ދެންނެވީމެވެ. އާދޭހެވެ. ހަދިޔާ އަޅުގަނޑަށް ދެއްވާށެވެ. އެހިނދު ވިދާޅުވިއެވެ. އަހަރުމެން ނަބިއްޔާ صلى الله عليه وسلم އަރިއަހުން ސުވާލު ދެންނެވީމެވެ. އޭ الله ގެ ރަސޫލާއެވެ. ތިޔަ އަހުލުބައިތުންނަށް ޞަލަވާތް ކިޔުންއޮތީ ކިހިނަކުންތޯއެވެ. އެހިނދު، الله ގެ ރަސޫލާ صلى الله عليه وسلم އަހަރެމެންނަށް ސަލާމް ގޮވަންވީ ގޮތް އުގަންނަވައި ދެއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ. ތިޔަބައިމީހުން މިފަދައިން ކިޔާށެވެ.

“اللهم صلّ على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم إنك حميد مجيد، اللهم بارك على محمد وعلى آل محمد كما باركت على إبراهيم وعلى آل إبراهيم إنك حميد مجيد”.

الله ވަޙީކުރެއްވިއެވެ. {إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيماً} [الأحزاب:56] “ހަމަކަށަވަރުން الله އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާ ގެ މައްޗަށް ސަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިބައިމީހުން ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާ ކުރާށެވެ.”

ނަބިއްޔާ صلى الله عليه وسلم ޞާޙާބީންނަށް އުގަންނައި ދެއްވާފައިވާ ތަޝައްހުދުން އެބައިމީހުންވަނީ ނަބިއްޔާ صلى الله عليه وسلم އަށް ސަލާމް ދަންނަވާން ވީގޮތް އުނގެނިވަޑައިގެންފައެވެ. އެ ތަޝައްހުދުގައި “السلام عليك أيها النبي ورحمة الله وبركاته” ވެއެވެ. ވުމުން ޞަޙާބީން ޞަލަވާތްކިޔަން އޮތް ގޮތާމެދު ސުވާލު ދެންނެވިއެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم އިބްރާހީމީ ޞަލަވާތް އެބައިމީހުންނަށް އުނގަންނަވައި ދެއްވިއެވެ. މިއާޔަތުގެ ތަފްސީރުގައި ابن كثير ވިދާޅުވެފައިވެއެވެ. އެބައިމީހުން ވިދާޅުވިއެވެ.–އަޅުގަނޑުމެންނަށް އިބަ ނަބިއްޔާއަށް ސަލާމް ދަންނަވާނެ ގޮތް އެނގެއެވެ.– އެއީ އެބައިމީހުންނަށް ނަބިއްޔާ صلى الله عليه وسلم ޤުރުއާންގެ ސޫރަތެއް ފަދައިން އުގަންނައި ދެއްވާފައިވާ ތަޝައްހުދުންނެވެ. الإمام أحمد (17072) އަދި مستدرك الحاكم (1/268) ގައި އަދި ވިދާޅުވެފައިވެއެވެ. أبي مسعود الأنصاري ރިވާކުރައްވާފައިވެއެވެ. އަހަރެމެން ނަބިއްޔާ صلى الله عليه وسلم އަރިހުގައި ތިއްބާ އެތަނަށް މީހަކު އައެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ކުރިމަތިފުޅުގައި އައިސް އިށީނެވެ. އަދި ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. އިބަ ނަބިއްޔާ صلى الله عليه وسلم އަށް ސަލާމް ދަންނަވާންވީ ގޮތް އަޅުގަނޑުމެންނަށް އެނގެއެވެ. ޞަލަވާތް ކިޔަންވީ ކިހިނަކުންތޯއެވެ. އިބަނަބިއްޔާއަށް އަޅުގަނޑުމެން ނަމާދުގައި ދުޢާކުރާ ހިނދުގައި الله އިބަ ނަބިއްޔާއަށް ޞަލަވާތްލައްވަވައެވެ….. الحديث”.

ޝެއިޚް ވިދާޅުވެފައިވާ ބަސްފުޅުގައިވާ ފަދައިން ރިވާޔަތްތަކުގައި ވަނީ މިފަދައިން، ނަބިއްޔާ صلى الله عليه وسلم އަރިހުގައި ސުވާލު ދެންނެވުމުން ޖަވާބުގައި އެބޭކަލުންނަށް ވިދާޅުވެ، ޙަދީޘްފުޅު ކުރައްވާފައިވަނީ އިބްރާހީމީ ޞަލަވާތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.