އިސްލާމް ދީނުގައި ފިރިހެނުން ކަންފަތް ތޮރުފުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އިސްލާމް ދީނުގައި ފިރިހެނުންގެ ކަންފަތް ތޮރުފުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
އަންނަނިވި ނުކުތާތަކުގެ މައްޗަށް ސުވާލުގެ ޖަވާބު ބިނާކުރަމެވެ.
ފުރަތަމައީ: ހަށިގަނޑުގައި ގަހަނާއެޅުމަކީ، މިގޮތުން އަތުގައި، ކަރުގައި، ކަންފަތުގައި އަދި ފައިގައިވެސް ގަހަނާ އެޅުމަކީ އަންހެނުންނަށް ޚާއްޞަ ވެގެންވާ ސިފައެކެވެ.
އެއީ ފިރިހެނުންގެ ޢަމަލެއް ނޫނެވެ. ވީމާ، މިފަދަ އެއްވެސް ތަނެއްގައި ގަހަނާ އެޅުން ވެގެންދާނީ އަންހެނުންގެ ސިފަޖެހިގަތުމާއި އަދި އަންހެނުންނާ އެއްވަތްތަރުވުމުގެ ތެރެއިން ހިމެނިގެންވާ ޢަމަލެއް ކަމުގައިއެވެ.
فَعَنِ ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا، قَالَ: لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ مِنَ الرِّجَالِ، وَالْمُتَرَجِّلاَتِ مِنَ النِّسَاءِ،
ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا ރިވާކޮށްފައިވެއެވެ. “ފިރިހެނުންގެ ތެރެއިން އަންހެނުންނާ އެއްވަތްތަރު (ސިފަޖެހިގަންނަ) ފިރިހެނުންނަށް އަދި އަންހެނުންގެ ތެރެއިން ފިރިހެނުންނާ އެއްވަތްތަރުވެގަންނަ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ”.
ފަހެ، ޙަދީޘްގެ ނައްޞުން ބަޔާންވެގެންވަނީ މިއީ ލަޢުނަތް ލެއްވިގެންވާ ޢަމަލެއް ކަމެވެ. ފަހެ، އަންހެނުންނާ އެއްވަތްތަރުވުން އެއީ ﷲ ގެ ކޯފާއަށް ހުށަހެޅިގެންދާ ޢަމަލެއް ކަމުގައިވެއެވެ.
ދެވަނައީ: މުސްލިމް ފިރިހެނުން އެބައިމީހުންގެ ކަންފަތް ތޮރުފުމަކީ، މުސްލިމުންގެ ތެރެއަށް ކާފަރުންގެ ފަރާތުން ވަދެފައިވާ ޢަމަލެއް ކަމުގައި މެނުވީ ނުވެއެވެ.
ބުއްދިއަށް ވިސްނައިފި އަދި ޙައްޤާއި އިންސާފުގެ ލޮލުން ބަލައިފި ކޮންމެ މީހަކަށް އެނގިގެންދާނެ ކަމަކީ، މިއީ މުސްލިމު ފިރިހެނުންގެ ތެރޭގައި އެއްވެސް ޒަމާނެއްގައި ޒީނަތްތެރިވުމުގެ ގޮތުން ކޮށްފައިވާ ޢަމަލެއް ނޫން ކަމެވެ.
އޭގެ ބަދަލުގައި އެކަމަކީ ކާފަރުންގެ ތެރެއިން މުސްލިމުންގެ ތެރެއަށް ވައްދާފައިވާ ޢާދައެކެވެ. އަދި ޚާއްޞަކޮށް މިފަދަ ޢަމަލުތައް ކުރުމުގައިވަނީ މުސްލިމުންގެ ތެރެއިން ދީންވެރިކަން ނެތް އަދި އޭގެ އިތުރަށް ފާފަތަކާއި، މުންކަރާތްތަކާއި އަދި ދީނާ ދުރުވެގެންވާ ފަރާތްތައް ކަމުގައި ބުނުން ކުށަކަށް ނުވާނެއެވެ.
މުސްލިމް ފިރިހެނުން، ދީނުގެ މައްޗަށް ފަރުވާކުޑަވެ، ދީނުގެ މައްޗަށް އިހުމާލުވެ، ދީނުގެ ޙުކުމްތަކުގެ މައްޗަށް ބީރައްޓެހިވުމުގެ ނަތީއްޖާއަކީ، ކާފަރުންގެ ޢާދަތައް އެބައިމީހުން ކޮޕީ ކުރުމާއި، އެއީ ރީތި ސްޓައިލްތަކެއް ގޮތުގައި މުސްލިމުން ދެކެން ފެށުމެވެ.
މިކަންވެސް ނަބިއްޔާ صلى الله عليه وسلم ވަނީ އުއްމަތުގެ ތެރޭގައި ހިނގާނެ ކަމުގައި ބަޔާން ކުރައްވާފައެވެ. އިމާމް البُخَاري ، ނަބިއްޔާ صلى الله عليه وسلم އަރިހުން ރިވާ ކުރައްވާފައިވެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (لتتبعُنَّ سَنَنَ من كان قبلَكم، شبرًا بشبرٍ وذراعًا بذراعٍ، حتى لو دخلوا جُحْرَ ضبٍّ تبعتُمُوهم) قلنا :يا رسولَ اللهِ، اليهودُ والنصارى؟ قال: فمَنْ)
”ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. (އެއީ) ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވުމުންގޮސް، އެބައިމީހުން ޟޮއްބެއް އޮންނަ ހޮރަކަށް ވަތްކަމުގައި ވީނަމަވެސް، ތިޔަބައިމީހުން (އެ މީހުންނަށް ތަބަޢަވުމަށް) އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ. (ތިޔަ ވިދާޅުވަނީ، މުސްލިމުން) ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ (ވާހަކަތޯ އެވެ؟) ޙަދީޘް ކުރެއްވިއެވެ. ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟“.
ފަހެ، ކާފަރުންނަށް މިގޮތުގައި ތަބަޢަވެ، ކާފަރުންގެ ޢާދަ ކާދަތައް ހޯދުމަކީ ޙަރާމްވެގެންވާ ޢަމަލެކެވެ.
ތިންވަނައީ: ފިރިހެނުން އަންހެނުންގެ ފޭރާން ލުމާއި އަދި އަންހެނުން ފިރިހެނުންގެ ފެރާން ލުމަކީ، ﷲ ލަޢުނަތް ލައްވާފައިވާ ޢަމަލެއްގެ ގޮތުގައި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ.
އިމާމް أبو داود ރިވާކޮށްފައިވާ ޙަދީޘްގައިވެއެވެ. ޞަޙާބީ أَبِي هُرَيْرَةَ ވިދާޅުވެފައިވެއެވެ. لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ
“ފިރިހެނަކު އަންހެނުންގެ ފޭރާމުން ފޭރާން އެޅުމާއި އަދި އަންހެނަކު ފިރިހެނުންގެ ފޭރާމުން ފޭރާން އެޅުން ރަސޫލާ صلى الله عليه وسلم ވަނީ ލަޢުނަތް ލައްވާފައިއެވެ”.
ފަހެ، އެފަދައިން ފޭރާން އެޅުމަކީ އަންހެނުންނާ އެއްވަތްތަރުވެ، އަންހެނުންގެ ސިފަ ޖެހިގަންނަ ގޮތުގައިވުމުން، އެހިނދު ވަނީ ލަޢުނަތަށް ހުށަހެޅިގެންނެވެ. ވީމާ ކަންފަތް ތޮރުފުމާއި އަދި ގަހަނާ އެޅުން އެއީ އަންހެނުންނާ އެއްވަތްތަރުވެ އެފަދައިން ސިފަ ޖެހިގަތުން ކަމުގައި ވުމުން، އެއީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ޙަރާމްވެގެންވާ ޢަމަލެއްކަމުގައި ބަޔާންވެއެވެ.
ހަތަރުވަނައީ: ހަމަކަށަވަރުން އިސްލާމީ ޝަރީޢަތް ފިރިހެނުންނަށް ޒީނަތްތެރިވުމަށް ފުއްދައި ދީފައިވެއެވެ.
އެގޮތުން ފިރިހެނުންނަށް ރިހީގެ އަނގޮޓީގެ މިންވަރު އެޅުން ހުއްދަ ކުރައްވާފައިވެއެވެ. البخاري ގައި ޞަޙާބީ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ވާރިދުވެގެންވާ ފަދައިންނެވެ. أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اتَّخَذَ خَاتَمًا مِنْ فِضَّةٍ فَاتَّخَذَ النَّاسُ خَوَاتِيمَ الْفِضَّةِ “ހަމަކަށަވަރުން ﷲ ގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރިހީގެ އަނގޮޓިއެއް ތުރުކުރެއްވިއެވެ. ފަހެ، އެހިނދު މީސްތަކުން ރިހީގެ އަނގޮޓި އެޅުއްވިއެވެ”.
ނިންމާލުމުގެ ކުރިން ބުނަމެވެ. ކަންފަތުގައި، ނޭފަތުގައި އަދި ހަށިގަނޑުގެ އެކި އެކި ގުނަވަންތަކުގައި ގަހަނާތައް މުސްލިމް ފިރިހެނުން އެޅުމަކީ ކާފަރުންނާ އެއްވަތްތަރުވެ ކާފަރުންގެ ސިފައިން ސިފަޖެހުން ކަމުގައި މެނުވީ ނުވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ “އެބަޔަކާއި އެއްވަތްތަރުވެއްޖެ މީހަކު ވަނީ އެބައެއްގެ ތެރެއިންނެވެ”. ވުމާއެކު، މިފަދަ ޢަމަލެއް ކުރެވިއްޖެ މީހާއަށް ވާޖިބުވެގެންވަނީ ﷲ އަށް ތަޥްބާވުން އަވަސްވެގަތުމެވެ. އޭނާގެ އެ ޢަމަލުން ވަކިވެ ދުރުހެލި ވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.