އިމާމް، ލަހުން މިސްކިތަށް ހާޒިރުވުމުގެ ސަބަބުން، އެހެން މިސްކިތްތަކަށްވުރެ ލަސްކޮށް (ފަސް ވަރަކަށް މިނިޓް ފަހުން) ބަންގި ގޮވުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

vaguthu vanumah fahu las kohfai bangi govumunge hukum

އިމާމް، ލަހުން މިސްކިތަށް ހާޒިރުވުމުގެ ސަބަބުން، އެހެން މިސްކިތްތަކަށްވުރެ ލަސްކޮށް (ފަސް ވަރަކަށް މިނިޓް ފަހުން) ބަންގި ގޮވުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ލަސްކޮށްފައި ބަންގި ގޮވުމާމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ބަންގި ގޮވުމުގެ ވަޤުތަށް ފަރުވާތެރި ވުމާއި، އެ މަސްއޫލިއްޔަތުގެ ބޮޑުކަން ބަޔާން ކުރައްވާ العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ.

“ފުރަތަމައީ: ބަންގި ގޮވާ އަހަރެމެންގެ އެންމެހައި އަޚުންނަށް، އިސްލާމީ އެންމެހައި ޤައުމުތަކުގައިވާ އަޚުންނަށް، އަހަރެމެން ނަޞޭޙަތްތެރިވަނީ ވަޤުތަށް ފަރުވާތެރި ވުމަށެވެ. ސަބަބަކީ އެބައިމީހުންނަކީ ﷲ ގެ ކުރިފުޅުމަތީގައި މި އަމާނާތުގެ މައްޗަށް މަސްއޫލުވެރިވާންޖެހޭނެ ބައެކެވެ.

ފަހެ، އެބައިމީހުންނަކީ މިކަން ބެލެހެއްޓުމުގެ މަސްއޫލުވެރިކަމުގައިވާ ފަރާތްތަކެވެ. އެގޮތުން ވަޤުތު ވަނުމުގެ ކުރިން ބަންގި ގޮވައިގެން ނުވާނެއެވެ. އަދި ބަންގި ގޮވުމުގައި ވަޤުތަށްވުރެ ލަސްކޮށްގެން ވެސް ނުވާނެއެވެ. ޔަޢުނީ؛ ވަޤުތު ވަނުމަށްފަހު ލަސްކޮށްގެން ނުވާނެއެވެ. ސަބަބަކީ، ވަޤުތައް ވުރެ ކުރިން ބަންގި ގޮވައިފިހިނދު، އެ ބަންގިއަށް މީސްތަކުންގެ ތެރެއިން ބަޔަކު ތަބަޢަވެ، ނަމާދު ކުރާނެތީއެވެ. އަދި އެބައިމީހުންގެ ނަމާދު އެވަނީ ވަޤުތުގެ ކުރިން ކޮށްފައިއެވެ. ފަހެ، ވަޤުތުގެ ކުރިން ނަމާދު ކުރުމަކީ ނަމާދު ބާޠިލްވާނެ ކަމެކެވެ.

އެއީ ނަމާދަކީ ޤަބޫލުކުރެވިގެންވާނެ ނަމާދެއް ނޫނެވެ. ފަހެ، ސުންނަތް ނަމާދެއް މެނުވީ ޞައްޙަ އެއް ނުވާނެއެވެ. އަދި ވަޤުތަށް ވުރެ ކުރިން ކުރި ނަމާދަކީ އެމީހެއްގެ މައްޗަށް އޮތް ފަރުޟު ނަމާދުގެ ޛިންމާއިން އެމީހަކު ބަރީޢަވާނެ ނަމާދެއް ކަމުގައި ވެސް ނުވާނެއެވެ.

ފަހެ، ނަމާދު ކުރި މީހާ އެ ނަމާދުކޮށްފައިވަނީ ފަރުޟު ނަމާދުގެ ގޮތުގައިއެވެ. އެހެނަސް އެއީ ފަރުޟު ނަމާދުގެ ގޮތުގައި އެމީހެއްގެ ކިބައިން ޤަބޫލު ނުކުރެވޭނެއެވެ. ސަބަބަކީ އެ ނަމާދު ކުރެވިފައިވަނީ ވަޤުތުން ބޭރުގައިއެވެ. އަދި ކިޔެއްތަ! އެ ނަމާދު ވެގެންދާނީ އޭނާއަށް ސުންނަތް ނަމާދެއްގެ ގޮތުގައިއެވެ.

ބަންގި ގޮވާ މީހާ ބަންގި ގޮވުން ލަސްކޮށްފިހިނދު، ނަމާދުގެ ވަޤުތުގެ އެންމެ ކުރީކޮޅުގައި މީސްތަކުން ނަމާދު ނުކޮށް އޭނާއަށް އެވަނީ މީސްތަކުން ނަމާދުން (ނަމާދު ނުކޮށް) ހިފަހައްޓާފައިއެވެ. ސަބަބަކީ، ވަރަށް ގިނަ މީސްތަކުންވަނީ ބަންގިއަށް އިންތިޒާރު ކުރާ ގޮތުގައިއެވެ. އަދި ބައެއްފަހަރު، އެ ގޮވޭ ބަންގިއަކީ ރޯދައަށް ތިބޭ ދުވަސްތަކުގައި ގޮވާ ބަންގިއަކަށް ވެދާނެއެވެ.

ފަހެ، މީސްތަކުން ފަތިސްވަޤުތު ވަދެ (ބަންގި ގޮވުން ލަސްވުމުން) އެހެނަސް ކެއުމާއި ބުއިމުގައި ތިބެދާނެއެވެ.

މުހިންމު ވަނީ، ބަންގިގޮވާ މީހާއަކީ ބޮޑުވެގެންވާ މަސްއޫލިއްޔަތެއް އުފުލުމުގައިވާ މީހެއް ކަމުގައިވުމެވެ. މި މަސްއޫލިއްޔަތް އަދާ ކުރުމުގައި ބަންގިގޮވާ މީހާއަށް އޮތީ ﷲ އަށް ބިރުވެތިވުމެވެ. އޭނާއަށް އޮތީ ވަޤުތު ވަނުމާއެކު ވަޤުތުން ވަޤުތަށް ބަންގި ގޮވުމެވެ. އަދި ވަޤުތު ވަނުމަށް ފަހުގައި މީސްތަކުންނަށް ލަސްކޮށްފައި ބަންގި ނުގޮވުމެވެ. …”.

އެއަށްފަހު، ވަޤުތު ވަނުމަށްފަހު ލަސްކޮށް ބަންގި ގޮވުމާއި މެދުގައި ބުނަމެވެ.

އެތަނެއްގައި އެއް ބަންގިއަށްވުރެ ގިނަ ބަންގި ގޮވާ އަޑު އިވޭތަނެއް ނަމަ ދަންނައެވެ! އެކަކު ބަންގޮ ގޮވުމުން އެ ބަންގީގެ އަޑު އިވުމާއެކު ނަމާދު ކުރާ ފަރާތްތައް ގެތަކުގައި އަދި އެނޫންތަންތަނުގައި ނަމާދު ކުރަން ފަށާނެއެވެ. މިކަމުގައި އެކަކު ވެސް ދެބަސް ނުވާނެއެވެ.

ވީމާ، ވަޤުތު ވަނުމާއެކު ބަންގި ގޮވުމުން ނަމާދު ކުރަން ފެއްޓި ފަރާތްތަކަށް، ލަހުން ބަންގި ގޮވާ ފަރާތުގެ ބަންގީގެ އަޑު އިވުމުން އެކަންތައް ވެގެންދާނި ބޮޑު އޮޅުންގަނޑަކަށެވެ. އެބައިމީހުންނަށް ނަމާދު ކުރެވުނީ ވަޤުތު ވަނުމަށް ފަހުގައިތޯ ނުވަތަ ނޫންތޯ ޝައްކުގެ ތެރެއަށް ދިއުން ނޫން ވިސްނުމެއް ނާންނާނެއެވެ. އެހެންކަމުން މިފަދަ ޙާލަތުގައި އެއް ބަންގިއަށްވުރެ ގިނަ ބަންގީގެ އަޑު އިވޭ ހިސާބެއް ނަމަ، ބަންގިގޮވުން ލަސްވާ ފަރާތަށް އޮތީ އެހިނދު ބޭރަށް އަޑު ދާގޮތަށް ބަންގި ނުގޮވުމެވެ.

އެހެނަސް އެ ބަންގިއެއްގެ އަޑު ނޫން އެހެން އަޑެއް ނީވޭ ހިސާބެއް ކަމުގައިވާ ނަމަ، ކުޑަ އިރުކޮޅެއް ލަސްވުމަކުން އަދި ބަންގި އަޑުހަރުކުރާއިން ގޮވުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ އެހިނދު އެއްވެސް ބަޔަކަށް އެކަމުގައި އޮޅުންއަރައި ދިއުމެއް ނުވުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.