މުދަލުގެ ޒަކާތް ނެރެންޖެހޭނީ އެމީހެއްގެ އަތުގައި ކިހާވަރަކަށް ފައިސާ ހުރުމުން ތޯ؟ އަދި ޒަކާތްނެރެންޖެހޭ މުއްދަތަކީ ކޮބައިތޯ؟ 

mudhalu zakaai

މުދަލުގެ ޒަކާތް ނެރެންޖެހޭނީ އެމީހެއްގެ އަތުގައި ކިހާވަރަކަށް ފައިސާ ހުރުމުން ތޯ؟ އަދި ޒަކާތްނެރެންޖެހޭ މުއްދަތަކީ ކޮބައިތޯ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޒަކާތާއި ގުޅިގެން ކޮށްފައިވާ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބުނަމެވެ.

ފުރަތަމައީ: (ޒަކާތުގެ ތެރެއަށް ވަންނަ ތަކެތި) އެމީހެއްގެ އަތުގައި ނިޞާބު ހަމަވެ، އެގޮތުގައި އެއްއަހަރުގެ (ހިޖްރީ އެއް އަހަރު) ވޭތުވެއްޖެހިނދު، އެމީހާގެ އަތުގައިވާ ތަކެތިން ޒަކާތް ނެރެންޖެހޭނެއެވެ.

މިޘާލަކަށް ޒަކާތުގެ ނިޞާބަކީ 5 ހާސް ރުފިޔާއެވެ. އެމީހާގެ މުސާރަ ޖަމަޢަކޮށްފައިވެ، އަދި ލިބޭ އެހެނިއެން އާމްދަނީން ލިބިފައިވާ ފައިސާ ރައްކާކޮށްފައި ހުންނަ ހުރުމުގައި މި ޢަދަދަށްވުރެ އިތުރުވާ ނަމަ ހިޖުރީ އެއް އަހަރު ފާއިތުވުމުން އެ ފައިސާ ޒަކާތް ދައްކަންޖެހޭ މުދަލުގެ ތެރެއަށް ވަންނާނެއެވެ.

އަދިވެސް އިތުރަށް ކިޔައިދެމެވެ. މިޘާލަކަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އޭމީހާ ޒަކާތް ނެރެން އަހަރު ހަމަވާ ދުވަހެވެ. ރައްކާކޮށްފައިވާ ފައިސާ 5 ހާސްއަށްވުރެ މަތީގައިވެ ޒަކާތް ދައްކައިފިއެވެ. އަދި އޭގެ ފަހުން ބަލި ޙާލަތެއް ކުރިމަތިވެ, ޛުލް-ޤައިދާ މަހުގައި 2 ހާސް ރުފިޔާ ފިޔަވައި އެހެން ހުރިހައި ފައިސާއެއް ޚަރަދު ކޮށްފިއެވެ. ފަހެ، ޛުލްޤައިދާ މަހާއި، ޙައްޖުމަހާއި، މުޙައްރަމް، ސަފަރު ނިމިގެން ދިޔައިރުވެސް 5 ހާސް ރައްކާކުރެވިފައި ނުވެއެވެ. މާނައީ، ނިޞާބް ހަމަ ނުވެއެވެ. އެހެނަސް، ޝަޢުބާން މަސް އައިހިނދު 12 ހާސް ރުފިޔާ އަތުގައި ހުއްޓެވެ. 5 ހާސް ނުވަތަ އެއަށްވުރެ މައްޗަށް އަރާފައިވަނީ ޝަޢުބާން މަހުގައިއެވެ. ވުމާއެކު، މިހާރު 12 މަސް ގުނަން ފަށާނީ ޝަޢުބާން މަހުން ފެށިގެންނެވެ. ސަބަބަކީ އޭގެ ކުރިން އަތުގައި ނިޞާބް ހަމަވެފައި ނުވުމުގެ ސަބަބުންނެވެ.

ދެވަނައީ : ނިޞާބް ހަމަވެ، އެގޮތުގައި އެއް އަހަރު ވޭތުކޮށްފައިވާ ފައިސާ ނުވަތަ ނަޤުދު ފައިސާއަށް އަގުކުރެވޭ ވިޔަފާރި މުދާ، މިތަކެތިން ޒަކާތް ނެރޭނީ 40 ބައިކުޅަ އެއްބަޔެވެ. 40 އިން ގެއްލުމުން އަންނަ ނަތީއްޖާއަކީ ޒަކާތެވެ. މިޘާލަކަށް އަހަރު ހަމަވިއިރު އަތުގައި ހުރި ފައިސާ އަދި ވިއްކާ މުދާތައް ޙިސާބުކޮށް ބެލިއިރު ޢަދަދަކީ 40 ހާސްއެވެ. އެހިނދު އެއިން ޒަކާތް ނެރޭނެ މިންވަރަކީ 1 ހާސް ރުފިޔާއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.