ދަތުރުވެރިޔާއަށް ދަތުރު މަތީގައި ނަމާދު ޤަޞްރުކޮށް، ޖަމްޢުކޮށް ކުރުން ހުއްދަ ވެގެންވަނީ ވަކި މުއްދަތެއް ވަންދެން ތޯއެވެ؟

dhathuruveriya ah dhathuru matheegai gasru koh jamu kureveyne muhdhathu

ދަތުރުވެރިޔާއަށް ދަތުރު މަތީގައި ނަމާދު ޤަޞްރުކޮށް، ޖަމްޢުކޮށް ކުރުން ހުއްދަ ވެގެންވަނީ ވަކި މުއްދަތެއް ވަންދެން ތޯއެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ދަތުރުވެރިޔާ، ދަތުރު މަތީގައި ނަމާދު ޤަޞްރުކޮށް، ޖަމްޢުކޮށް ކުރުން ހުއްދަވެގެންވަނީ ވަކި މުއްދަތެއްވަންދެންތޯ؟ ނުވަތަ އޭގައި ވަކި ޚާއްޞަ މުއްދަތެއްނެތް ގޮތުގައި ދަތުރު ނިމުމަށް ދާންދެން ނަމާދު ޤަޞްރުކޮށް އަދި ޖަމްޢުކޮށް ކުރުން ހުއްދަވެގެންވޭތޯ؟ މި ސުވާލުގެ ޖަވާބުގައި ބުނަމެވެ.

މިކަމުގައި ގިނަ ދަލީލުތަކެއް ވެއެވެ. ޢާންމު ދަލީލުތައް އަދި ޚާއްޞަ ދަލީލުތައް ވެސް މެއެވެ. އޭގެ ތެރޭގައި:

1. ﷲ ވަޙީކުރައްވާފައިވެއެވެ. وإذا ضربتم في الأرض فليس عليكم جناح أن تقصروا من الصلاة “ތިޔަބައިމީހުން ބިން މަތީގައި (ދަތުރުވެރިންގެ ގޮތުގައި) ވެއްޖެހިނދުގައި ނަމާދު ކުރުކޮށް ކުރުން ހުއްދަވެގެންވެއެވެ”.

އާޔަތުގައި ވެސް، މުއްދަތެއް ދަތުރުވެރިޔާއަށް ނަމާދު ކުރުމުގައި ނެތްފަދައިން ސުންނަތުގައި ވެސް އެފަދަ މުއްދަތެއް ކަނޑައެޅިފައި ނުވެއެވެ.

2. ޞަޙާބީ ވިދާޅުވެފައިވެއެވެ. كان النبي صلى الله عليه وسلم إذا خرج ثلاثة أميال أو فراسخ صلى ركعتين. ނަބިއްޔާ صلى الله عليه وسلم (ގާތްގަނޑަކަށް) 6 ކިލޯ މީޓަރަށް ނުކުންނަވާ 2 ރަކުޢަތަށް ނަމާދު ކުރައްވައެވެ. (މާނައީ: ދަތުރުވެރިއެއްގެ ގޮތުގައި ވެއްޖެހިނދު ނަމާދު ލުއިކޮށް ކުރައްވައެވެ.)

3. ޚާއްޞަ ދަލީލުތަކަށް ބަލާހިނދު، ނަބިއްޔާ ޙައްޖަތުލް ވަދާޢުގައި 10 ދުވަސް ނަމާދު ކުރުކޮށް ކުރެއްވިއެވެ. އަދި ތަބޫކުގައި 19 ދުވަސް ވަންދެން ނަމާދު ކުރުކޮށް ކުރެއްވިއެވެ.

4. ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު، އުއްމަތަށް ފާޅުވި މުޖައްދިދެއްފަދަ ބޭކަލެއް ކަމުގައިވާ އިމާމް- شيخ الإسلام ابن تَيمية -رحمه الله- މި މައުޟޫގައި ވަރަށްވެސް ފުރިހަމަ ބަސްފުޅެއް ވިދާޅުވެފައިވެއެވެ. “އެމީހަކަށް މިކަމުގެ ސުންނަތް ބަޔާންވެދިއުމަށްފަހު އަދި ދަތުރުވެރިޔާ މައްޗަށް 2 ރަކުޢަތް ކުރުން މެނުވީ ނަބިއްޔާ ﷺ ޝަރުޢުކުރައްވާފައި ނުވާކަމުގެ ޢިލްމު އެމީހަކަށް ބަޔާންވުމުން، އަދި ހަމަ އެފަދައިން (ޝަރުޢީގޮތުން ދަތުރަކަށްވުމަށްޓަކައި) ވަކި ޒަމާނަކަށް (މުއްދަތަކަށް) އަދި ތަނަކަށް (ދިގުމިނަކަށް) ދަތުރުކުރުން އެނަބިއްޔާ ﷺ ކަނޑަނާޅުއްވާކަމާއި އަދި ދަތުރުކުރުމަށްފަހު މަޑުކުރާތަނެއްގައި ތިން ދުވަސް ނޫނީ ހަތަރު ދުވަސް ނޫނީ 12 ދުވަސް ނޫނީ 13 ދުވަސް ފަދަ ވަކި މުއްދަތަކަށް ޤާއިމްވެ ހުރުން ފަދަ ކަންތައްތައް ޝަރުޢުވެގެން ނުވާކަން އެނގިއްޖެމީހާ ސަލަފުންގެ ތެރެއިން އެތައްބަޔަކު ޤަޞްރު ކުރެއްވި ފަދައިން ޤަޞްރު ކުރާނެއެވެ. (އެބަހީ: ދުރުމިނަކަށް ބެލުމެއްނެތި، ދަތުރަކަށްވާ ކޮންމެ ދަތުރެއްގައި، ދަތުރު ނިމެންދެން ވަކި މުއްދަތެއް ނެތި ޤަޞްރު ކުރުމެވެ.)

އެގޮތުން مَسرُوق އެބޭފުޅާ އެއްގޮތަކަށް ވެސް އިޚްތިޔާރުކުރުމަށް ނޭދޭ ވެރިކަމެއްގެ މައްޗަށް އިސްކުރެވުނުހިނދު އެތަނުގައި ހުންނަވައިގެން އަހަރުތަކެއް ވަންދެން ނަމާދު ޤަޞްރު ކުރެއްވިއެވެ. އެގޮތުން މުސްލިމުން نَهَاوَند މިރަށުގައި 6 މަސް ވަންދެން ޤާއިމްވެ ދެމިތިއްބެވިއެވެ. އަދި އެ މުއްދަތުގައި ނަމާދު ޤަޞްރު ކުރެއްވިއެވެ. އެއީ، އެބައިމީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި 4 ދުވަސް ކީއްކުރަން އެއަށްވުރެ ދިގު މުއްދަތެއް ވެސް ނުފުދޭކަން އެމީހުންނަށް ކަނޑައެޅިގެން އެނގޭ ޙާލު، ޤަޞްރު ކުރެއްވިއެވެ.

ހަމަ އެފަދައިން مَكة ފަޠަޙަ ކުރުމަށްފަހުގައި ވެސް ނަބިއްޔާ ﷺ އަދި ނަބިއްޔާގެ ޞަޙާބީން ގާތްގަނަޑަކަށް 20 ދުވަސް ވަންދެން ނަމާދު ޤަޞްރުކޮށް 10 ދުވަސް ވަންދެން (ދަތުރުވެރިންގެ ގޮތުގައިވެ) ރޯދަތައް ދޫކުރެއްވިއެވެ.

ފަހެ مَكة ފަޠަޙަ ކުރެއްވުމަށްފަހު، 4 ދުވަހަށްވުރެ އިތުރު މުއްދަތަކަށް މައްކާގައި ޤާއިމްވެވަޑައިގެން ހުންނަވަން ޖެހިވަޑައިގަންނަވާނެކަން ނަބިއްޔާ ﷺ އަށް އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ.

ޤަޞްރު ކުރުމަށްޓަކައި ޝަރުޢުގައި މުއްދަތެއް ކަނޑައަޅެފައިވުމުގެ އެއްވެސް އަޞްލެއްނެތް ނެތުމުން، ޝަރުޢުވެގެންވަނީ ދަތުރަކަށްވާ ކޮންމެ ދަތުރެއްގައި ނަމާދު ޤަޞްރު ކުރުމެވެ. އެއީ، އެދަތުރު މަތީގައި މަސްތަކެއްވަންދެން (ދަތުރުކޮށް މަޑުކުރިތަނުގައި) ޤާއިމްވެހުރި ކަމުގައި ވީނަމަވެސް މެއެވެ”.

މިއީ މި މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައި ވުމާއެކު ވެސް، ދަލީލުތަކުން ބަޔާންވެގެންވާ ޢަދި އެންމެ ޞައްޙަ ޤައުލު ކަމުގައިވެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.