އުފަން ދުވަސް ފާހަގަކުރުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އުފަން ދުވަސް ފާހަގަ ކުރުމުގެ މައްޗަށް ބުނަމެވެ.
1. މާތް ނަބިއްޔާ އިސްލާމް ދީނުގައި، މިސްތަކުންނަށް ޝަރީޢަތް ބަޔާން ކޮށްދެއްވުމުގައި 23 އަހަރު ދުނިޔެމަތީގައި ހޭދަ ކުރެއްވިއެވެ. ގިނަ ކައިވެނިތަކެއް ކުރެއްވިއެވެ. އަދި ދަރިކަލުންނާއި ދަރިކަނބަލުން ލިބިވަޑައިގެންނެވިއެވެ. ކާފަ ދަރިކަލުން ވެސް ލިބިވަޑައިގެންނެވިއެވެ. 23 އަހަރު ހޭދަ ކުރެއްވިހިނދު، އެންމެ ފަހަރަކު ވެސް އަމިއްލަފުޅު އުފަންދުވަސް، އަނބިކަބަލެއްގެ އުފަންދުވަސް، ދަރިކަލެއްގެ އުފަންދުވަސް ނުވަތަ ކާފަ ދަރިކަލެއްގެ އުފަންދުވަސް ފާހަގަ ނުކުރައްވައެވެ.
ފަހެ، އަޚާގެ ހިތައް އަރާފާނެއެވެ. “އެ ޒަމާނުގައި ނެތް ކަމެއް ނުކުރާނެ ނޫން ހެއްޔެވެ”.
ޖަވާބަކީ، އެއީ ހެޔޮ، ޢާއިލާއަށް ރަނގަޅު، ދަރިންނަށް އަދި މުޖުތަމަޢުއަށް ހެޔޮ ރަނގަޅު ކަމެއް ކަމުގައިވާނަމަ އެކަން ދެނެވޮޑިގަންނަވާ ފަރާތުން އެކަން އަންގަވައި އުއްމަތަށް އެންމެ ފަހަރަކުވިޔަސް ކިޔައި ދެއްވާނެތެވެ. ޝަރީޢަތުގައި ކައިވެނީގެ ވަލީމާ “ކައިވެނި ޕާޓީ” ބޭއްވުމަށް ނުހަނު ބާރު އަޅާފައިވެއެވެ. އަދި ނަބިއްޔާ އެފަދައިން އިރުޝާދު ދެއްވިއެވެ. އެހެނަސް ކައިވެންޏަށް އަހަރު ފުރުމުން އެކަން ނުކުރައްވައެވެ. ދަރިން އުފަންވުމުން ނުކުރައްވައެވެ. އެހިނދު އެސުވާލަށް ޖަވާބު ލިބިގެން ދެއެވެ.
2. ދީނުގައި އަދި ޝަރީޢަތުގައި މިފަދަ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުން ނުވުމުގެ އިތުރުން، މިއީ ކުރުން ހުއްދަ ނޫން ޢަމަލުތަކެއް ކަމުގައި ބަޔާންވެގެންވެއެވެ.
ސަބަބު ދެނެގަތުމަށްޓަކައި، މުސްލިމުންގެ ތެރެއަށް މި ކަންތައް ވަނީ ކިހިނަކުން ތޯ؟ މި ސުވާލުގެ ޖަވާބު ދެނެގަންނަށް ޖެހެއެވެ.
އޭގައި ދެބަސްވުމެއް ނުވާގޮތަށް އެނގި ބަޔާންވަނީ، ކާފަރުން ބާތްޑޭ ފާހަގަ ކުރުމުން މުސްލިމުން އެކަން ކުރަން ފެށުމެވެ. ކާފަރުން “އެނިވާސަރީ” ފާހަގަ ކުރާތަން ފެނުމުން އެކަން މުސްލިމުން ކުރުމެވެ. އިސްވެދިޔަ ނުކުތާގައި މިއީ ކޮށްގެން ނުވާނެ ކަމެއް ކަމުގައި ބަޔާންވުމުގެ އިތުރަށް މިއީ ކާފަރުންނަށް އެމީހުން ފާހަގަ ކުރާ ދުވަސްތަކާއި ޢާދަކާދަތަކުގައި މުސްލިމުން ބައިވެރި ނުވުމަށް އަންގަވާފައިވާ އަމުރުފުޅާއި ޚިލާފަށް ކުރެވޭ ކަންތަކެވެ.
ޙަދީޘްގައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
(لتتبعُنَّ سَنَنَ من كان قبلَكم، شبرًا بشبرٍ وذراعًا بذراعٍ، حتى لو دخلوا جُحْرَ ضبٍّ تبعتُمُوهم) قلنا :يا رسولَ اللهِ، اليهودُ والنصارى؟ قال: فمَنْ) البُخَاري 7320
”ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. (އެއީ) ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވުމުންގޮސް، އެބައިމީހުން ޟޮއްބެއް އޮންނަ ހޮރަކަށް ވަތްކަމުގައި ވީނަމަވެސް، ތިޔަބައިމީހުން (އެ މީހުންނަށް ތަބަޢަވުމަށް) އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. ﷲގެ ރަސޫލާއެވެ. (ތިޔަ ވިދާޅުވަނީ، މުސްލިމުން) ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ (ވާހަކަތޯ އެވެ؟) ޙަދީޘް ކުރެއްވިއެވެ. ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟“
އަޚާއެވެ! މިއީ މިފަދައިން ތަބަޢަވުން ނޫން ހެއްޔެވެ؟ އަންގަވާފައިވަނީ ތަބަޢަ ނުވުމަށެވެ. ޢަމަލުތައް މިހުރީ ތަބަޢަވުމަށެވެ. ހިތާމައިގެ ބޮޑު ކަމާއެވެ.
3. މިފަދައިން “އުފަންދުވަސް ފާހަގަކުރުން” ފަދަ ކަންތައްތައް މި ޒަމާނުގައި ފާޅުވުމުން މިއަދު ދުނިޔޭގެ މަތީގައި ތިއްބެވި އެންމެ ބޮޑެތި އިމާމުން، ޢިލްމުވެރިން އެކަމުގެ ޙަޤީޤަތް އަދި ޙުކުމްތައް ބަޔާންކޮށްދެއްވާފައިވެއެވެ. އޭގެ ތެރޭގައި މި ޒަމާނުގައި ފާޅުވި އެންމެ ބޮޑު އިމާމް، ސުންނަތުގެ ފަރުބަދައެއް ފަދަ ޢިލްމުވެރިޔާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަދި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ރައީސް عَبد العَزِيز بن عَبد الله بن بَاز -رحمه الله- ވިދާޅުވެފައިވެއެވެ.
ސުވާލު: ބައެއް ފަރުދުން އެބައިމީހުން އުފަންދުވަސް ފާހަގަކުރެއެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: ތިޔަ ކަންތައްތަކަކީ މުންކަރާތެވެ. އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އޭނާގެ މަންމަ ނުވަތަ އޭނާގެ އަންހެން ދަރިއަށް ނުވަތަ ފިރިހެން ދަރިއަށް (އުފަންދުވަސް) ފާހަގަ ކުރުމަކީ، ޔަހޫދީންނާއި ނަޞާރާއިންނާ އެއްވަތްތަރުވުމުގެ ގޮތުން ކުރެވޭ ކަންތައްތަކެވެ. އެއްވެސް އަޞްލެއްއޮތް ކަމެއް ނޫނެވެ. އެކަންތަކަށް އެއްވެސް އަސާސެއް ނުވެއެވެ.
ބައްޕަގެ އުފަންދުވަސް ނުވަތަ މަންމަގެ އުފަންދުވަސް ނުވަތަ ބޮޑު ބޭބެގެ އުފަންދުވަސް ނުވަތަ އިންސާނާ އޭނާގެ އަމިއްލަ އުފަންދުވަސް ނުވަތަ އޭނާގެ އަންހެން ދަރި ނުވަތަ ފިރިހެން ދަރިފުޅުގެ އުފަންދުވަސް ފާހަގަ ކުރުމަކީ، ފަހެ މިއީ ހައްތަހާވެސް މުންކަރާތްތަކެވެ. މި އެންމެހައި ކަންކަމަކީ ﷲ ގެ ޢަދުއްވުނާ، އެއްވަތްތަރުވެވޭ ކަންކަމެވެ. އެއްވެސް ޙާލެއްގައި މިއިން އެއްވެސް ދުވަހެއް ފާހަގަ ކުރުން ހުއްދައެއް ނުވާނެއެވެ.
ފަހެ، އެމީހެއްގެ މައްޗަށް ބަޔާންވެގެންވަނީ މި ދޮރު ބަންދުކުރުމާއި އަލަށް ގެނެސްފައިވާ މިކަމުގެ މައްޗަށް ސަމާލުވެ އިންޒާރު ލިބިގަތުމެވެ.
އެހެނަސް ބައެއް މީހުންނަށް ނިޢުމަތްތައް ގިނަވެ، އޭނާގެ އަތްމަތީގައި މުދާވެރިކަން ގިނަވުމުން އެތަކެތި ހޭދަކުރަންވީ ގޮތެއް ނޭނގެއެވެ. ﷲ އަށް ކުއްތަންވެވޭ ގޮތުގައި އެތަކެތި ހޭދަކުރުމުގެ ތަޥްފީޤެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިސްކިތް ބިނާކޮށް ބެލެހެއްޓުމާއި، ފަޤީރުންނަށް އެހީތެރިވުން ފަދަ ކަންކަމުގައި ހޭދަކުރުމެއް ނޯވެއެވެ. އަދި އޭނާ މިފަދަ ޢީދުތަކާއި އެފަދަ އެހެނިހެން ކަންކަމުގައި އެ މުދާހޭދަކޮށް ކުޅެހަދައެވެ…”.
4. މާތް ނަބިއްޔާ ﷺ އަހަރުމެންނަށް ނަޞޭހަތްތެރިވެ ވަޑައިގެންފައިވާ، އަދި ޢިބްރަތް ހޯދުމަށް އެންގެވި ގޮތާއި ޚިލާފަށް ކުރެވޭ ކަމެއް ކަމުގައި މެނުވީ މިކަން ނުވެއެވެ. ފަހެ، އެތައް ގިނަގުނަ ޙަދީޘެއް މިކަމުގައި ލިޔެވިދާނެއެވެ. އެފަދަ އެއް ޙަދީޘެކެވެ.
ނަބިއްޔާ ﷺ އެއްދުވަހަކު ޞަޙާބީންނަށް ވަޢުޟެއް ދެއްވެވިއެވެ. އެދުވަހު އިރުއޮއްސެން ގާތްވި ހިނދު، ޙަދީޘްފުޅު ކުރެއްވިއެވެ. (ألَا إنَّه لم يَبْقَ مِن الدُّنيا فيما مَضى منها إلَّا كما بقِيَ مِن يَومِكم هذا فيما مَضى منه) “ފަހެ، ދުނިޔެއިން ފާއިތުވެ ނިމިދިޔަ ދުވަސްތަކުގެ ނިޞްބަތުން ބާކީއޮތް ދުވަސްތަކުގެ މިންވަރަކީ ތިޔަބައިމީހުންގެ މިއަދުގެ މި ދުވަހުން ނިމިދިޔަ މިންވަރުގެ ނިޞްބަތުން ބާކީއޮތް މިންވަރު ކަމުގައި މެނުވީ ނުވެއެވެ.” رواه الترمذي 2191
الإمام ابن القيم رحمه الله ވިދާޅުވެފައިވެއެވެ. “އެމީހެއްގެ އަމިއްލަ ނަފްސަށް ނަޞޭޙަތްތެރިވުމަށް އެދޭ ބުއްދިވެރިޔާ މި ޙަދީޘްގެ މައްޗަށް ނަޟަރުހިންގައި ވިސްނުން ހުއްޓެވެ. އޭނާއަށް ބާކީ މިއޮތް ވަޤުތަށް ފާއިތުވި ދުވަސްތަކުން ޙާޞިލް ކުރެވުނީ ކޮންއެއްޗެއްކަމާއިމެދު ވިސްނާލުން ހުއްޓެވެ.
އަދި އޭނާ ދަންނަހުއްޓެވެ. ދިރިހުރި މި ދުނިޔެއަކީ ކެހިވެރި، ފޮނި ހުވަފެންތަކެއް ދެކޭ އަވާމެންދުރެއްފަދަ ތަނެކެވެ. ފަހެ، އޭނާވަނީ އެއްވެސް އަގެއް، ބުރަދަނެއްނުވާ މި ދުނިޔެއަށްޓަކައި އަބަދުގެ އަބަދަށް އަދި މެދުކެނޑުމެއްނެތް ނިޢުމަތާއި ބާއްޖަވެރިކަން ވިއްކާލާފައެވެ.” الوابل الصيب 59
އަޚާއެވެ! އަހަރުމެން ބާކީ އޮތް ޙަޔާތަކީ، އެދުވަހުގެ އިރު އޮއްސެން އޮތްފަދަ ކުޑަ ވަޤުތުކޮޅެވެ. ފަހެ، އެ ވަޤުތުގެ ތެރޭގައި މަޖަލާއި، އުފަލާއި، ޕާޓީ ބާއްވާނީ ކޮންފަދަ މީހެއް ހެއްޔެވެ؟
އަޚާއެވެ! މި ޢަމަލަކީ މުސްލިމުން ދަންނަ އެއްޗެއް ނޫނެވެ. މި ޢަމަލު މުސްލިމުންގެ ތެރެއަށް ވަދެފައިވަނީ ކާފަރުންގެ ތެރެއިންނެވެ. މުސްލިމުންގެ ތެރޭގައިވާ ބަލިކަށި، ދީނާ ބީރައްޓެހި ބަޔަކު ކާފަރުންގެ މި ޢާދަތައް މުސްލިމުންގެ ތެރެއަށް ވެއްދުން މެނުވީ މި ޢަމަލު މުސްލިމުން ނުދަނެއެވެ. ހިތާމައިގެ ބޮޑު ކަމާއެވެ!
މިއީ މި ޢަމަލުގެ ޙަޤީޤަތެވެ. މުންކަރާތެއް ކަމެވެ. ފާފަވެރި ޢަމަލެއް ކަމެވެ. ﷲ ގެ ޝަރީޢަތާއި އަދި އެއިލާހު އަހަރެމެން މި ޢާމަލުގައި ލައްވާފައިވާ ޙިކުމަތާއި ޚިލާފަށް ކުރެވޭ ޢަމަލެވެ. ކާފަރުންނަށް ތަބަޢަވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.