ހުކުރު ދުވަހު، އިމާމް މިންބަރަށް އެރުމާއެކު ބަންގިގޮވާ ދަނޑިވަޅާއި ދިމާވެ، މިސްކިތައް ވަންނަ މީހާ ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟

hukuru namaadhuge hukum thah

ހުކުރު ދުވަހު، އިމާމް މިންބަރަށް އެރުމާއެކު ބަންގިގޮވާ ދަނޑިވަޅާއި ދިމާވެ، މިސްކިތައް ވަންނަ މީހާ ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ހުކުރު ދުވަހު، އިމާމް މިންބަރަށް އެރުމާއެކު ބަންގިގޮވާ ދަނޑިވަޅާއި ދިމާވެ، މިސްކިތައް ވަންނަ މީހާ ޢަމަލު ކުރާނީ ކޮން ގޮތަކަށް ކަމާއިމެދު ޢިލްމުވެރިން 2 ރައުޔެއް ފާޅުކުރައްވާފައިވެއެވެ.

ފުރަތަމައީ: ބަންގިއަށް އިޖާބަ ދިނުމަށް މަޑު ކުރުމެވެ. އަދި ބަންގިއަށް އިޖާބަ ދިނުމަށްފަހު، ސުންނަތް ދެ ރަކުޢަތް ނަމާދު ކުރުމަށްފަހު ޚުޠުބާ އަޑުއެހުމަށް އިށީނުމެވެ. ފަހެ، އެހިނދު އެމީހަކު ދެ ސުންނަތް އަދާކުރުމުގެ އަޖުރު ލިބިގެންދާނެއެވެ. އެއީ، ބަންގިއަށް އިޖާބަ ދިނުމާއި އަދި މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދު ސުންނަތް ކުރުމެއެވެ.

ދެވަނައީ: ބަންގި ގޮވަމުން ދިޔަ ކަމުގައި ވީނަމަވެސް އެމީހާ މިސްކިތަށް ވަނުމާއެކު، ސުންނަތް ކުރުމަށް އަވަސްވެގަތުމެވެ. ސަބަބަކީ ހުކުރު ޚުޠުބާ އަޑު އެހުމަކީ ވާޖިބު ކަމެއް ކަމުގައިވުމުން އެ ވާޖިބު ހޯދުމަށްޓަކައި އަވަސްވެގަތުމެވެ. ދެންފަހެ، ބަންގިއަށް އިޖާބަ ދިނުމަކީ ސުންނަތެއް ކަމުގައިވެއެވެ.

އެހިނދު އަޥްލާވެގެންވަނީ ސުންނަތަށްވުރެ ވާޖިބު ޢަމަލު ކުރުމަށްޓަކައި (ޚުޠުބާ އަޑުއެހުމަށްޓަކައި) އެމީހަކު ހުސްވެގަތުމަށް އަވަސްކޮށް މަސްޖިދު ސުންނަތް ކުރުމެވެ. ބަންގިއަށް އިޖާބަ ދިނުމަށް ހުރުމެއް ނުވެއެވެ. އެހެނީ ޚުޠުބާ އަޑުއެހުން އަވަސް ކުރުވޭނީ މަސްޖިދު ސުންނަތް ކުރުމަށް އަވަސްވެގަތުމުންނެވެ.

ދެ ރައުޔުގެ ތެރެއިން ބޮޑަށް ދަލީލުތަކާއި އަދި ދީނުގެ ޤަވާޢިދުގެ މައްޗަށް ބަލައިފިހިނދު ބާރުގަދަ ބުނުމަކީ ދެވަނައަށް ބުނެވުނު ބުނުން ކަމުގައި އުއްމީދު ކުރެވެއެވެ. އެއީ ވާޖިބު ޢަމަލެއް ކުރުމަށްޓަކައި ސުންނަތް ޢަމަލަކަށް، އޭނާ ނުހުއްޓުވޭނެތީއެވެ.

މި ރައުޔު، މި ޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން الشيخ ابن العثَيمِين -رحمه الله- އިޚްތިޔާރު ކުރައްވާފައިވެއެވެ.

ފިޤުހީ ޤަވާއިދުގައިވެއެވެ. “މަސްލަޙަތުތައް ފުށޫއަރާ ޙާލުގައި، ޖަމަޢަކުރެވެން އޮތްނަމަ، އެހިނދު އޮތީ ހުރިހައި މަޞްލަޙަތެއް ޖަމަޢަކުރުމެވެ. އަދި ޖަމަޢަކުރެވެން ނެތްނަމަ، ދެ މަޞްލަޙަތުގެ ތެރެއިން އަޥްލާވެގެންވާ މަޞްލަޙަތު އިސް ކުރުމެވެ”.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.