ހުކުރު ނަމާދުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

hukuru namaadhuge hukumaky koba heyyeve

ހުކުރު ނަމާދުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ހުކުރު ނަމާދުގެ ޙުކުމާ މެދު ބުނަމެވެ.

ހުކުރު ނަމާދަކީ ފަރުޟު ވާޖިބުވެގެންވާ ނަމާދެއް ކަމަށް އުއްމަތް އިޖުމާޢުވެ ވަޑައިގެންފައިވެއެވެ. ހުކުރު ނަމާދަކީ ފަރުޟުވެގެންވާ ނަމާދެއް ކަމުގެ މައްޗަށް އެއްވެސް ޚިލާފެއް ނެތެވެ.

ޢިލްމުވެރިންގެ މި އިޖުމާޢު ޛިކުރުކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި ابنُ المنذرِ ، ابنُ عبدِ البَرِّ އަދި އެހެނިހެން ބޭކަލުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ابنُ المنذرِ ވިދާޅުވެފައިވެއެވެ. ” ޢުޛުރެއް ލިބިފައިނުވާ، އެތަނެއްގައި ޤާއިމްވެތިބި، ބާލިޣުވެފައިވާ އެންމެހައި މިނިވަން (ފިރިހެނުންގެ) މައްޗަށް ހުކުރު ނަމާދު ވާޖިބުވެގެންވާ ކަމުގައި ޢިލްމުވެރިން އިޖްމާޢުވަޑައިގެންފައިވެއެވެ”.

ابنُ عبدِ البَرِّ ވިދާޅުވެފައިވެއެވެ. “ފިރިހެނުންގެ ތެރޭގައިވާ ބާލިޣުވެފައިވާ މިނިވަނުންގެ މައްޗަށް ހުކުރު ނަމާދަކީ ފަރުޟެއް ކަމުގައި އުއްމަތުގެ އެންމެހައި ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގެންފައިވެއެވެ”.

މި ޙުކުމް ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި:

ﷲ ވަޙީކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الجُمُعة فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ހުކުރުދުވަހުގައި ނަމާދަށް ގޮވައިލެވުމުން، ތިޔަބައިމީހުން ﷲ ގެ ޛިކުރަށް (އެބަހީ: ޚުޠުބާ އަޑުއެހުމަށާއި އަދި ނަމާދަށް) އަވަސްވެގަންނަހުއްޓެވެ. އަދި ވިޔަފާރި ކުރުން ދޫކޮށްލުން ހުއްޓެވެ”.

މި ޙުކުމް ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައި، ޞަޙާބީ طارق بن شهاب رَضِيَ اللهُ عنه ނަބިއްޔާ صلَّى اللهُ عليه وسلَّم އަރިހުން ރިވާކޮށްފައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ.

(الجُمُعة حقٌّ واجبٌ على كلِّ مسلمٍ إلَّا أربعةً: عبدٌ مملوكٌ، أو امرأةٌ، أو صبيٌّ، أو مريضٌ) “ހަތަރު މީހެއް: އެއީ އެއަންހެނުންނާއި، އަޅުންނާއި، ކުޑަކުދިން އަދި ބަލި ޙާލުގައިވާ މީހުން ފިޔަވައި އެހެން މީސްތަކުންގެ މައްޗަށް ހުކުރު ނަމާދަކީ ވާޖިބުވެގެންވާ ޙައްޤެއް ކަމުގައިވެއެވެ”.

މި ޙަދީޘް صحيح أبي داود ގައި އިމާމް الألباني ޞައްޙަ ކުރައްވާފައިވެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.