މަސްވެރިން މަހަށް ނުކުމެ އުޅޭއިރު ދޯނި މަތީގައި ނަމާދު ޤަޞްރު ކުރެވޭނެ ހެއްޔެވެ؟

dhathuru veriya ge namaadhu

މަސްވެރިން މަހަށް ނުކުމެ އުޅޭއިރު ދޯނި މަތީގައި ނަމާދު ޤަޞްރު ކުރެވޭނެ ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އެއްވެސް ޝައްކެއްނެތް ގޮތުގައި ރާއްޖޭގައި ކަނޑުމަސްވެރިކަން ކުރާ މީހުންނަކީ ދަތުވެރިންނެވެ. ހަމައެޔާއެކު

މިތަނުގައި މުހިންމު ނުކުތާއެއް ވިސްނުމަށް ގެނައުން ހުއްޓެވެ. އެއީ އެކިއެކި ފަރާތްތަކުން މަސްވެރިކަމަށް ނުކުތުން ދަތުރުވެރިން ކަމުގައި ވާނެ ހެއްޔެވެ؟

ދީނުގައި ވަކި މިންގަނޑެއް “މިއީ ދަތުރުވެރިއެއް” ގޮތުގައި ކަނޑައެޅުމުގެ ބަދަލުގައި އެކަންވަނީ، އެ ތަނެއްގައި ދިރިއުޅޭ އަހުލުވެރިންގެ ޙާލަތުގެ މައްޗަށެވެ. ޔަޢުނީ: އެ ޤައުމެއްގައި އުޅޭ އަހުލުވެރިން އެއީ ދަތުރެއް ކަމުގައި ޢާދަކާދައިގައި ދެކޭ ދަތުރަކީ ދަތުރެކެވެ. އެހެނަސް އެއީ ދަތުރެއްކަމުގައި ނުދެކޭ ނަމަ އެއީ ދަތުރެއް ނޫނެވެ.

މި ބަސްފުޅު ޛިކުރުކުރައްވާ شَيخ الإسلام ابن تَيمية -رحمه الله- ވިދާޅުވެފައިވެއެވެ. “އެމީހަކަށް މިކަމުގެ ސުންނަތް ބަޔާންވެ ދިއުމަށްފަހު އަދި ދަތުރުވެރިޔާ މައްޗަށް 2 ރަކުޢަތް ކުރުން މެނުވީ ނަބިއްޔާ ﷺ ޝަރުޢުކުރައްވާފައި ނުވާކަމުގެ ޢިލްމު އެމީހަކަށް ބަޔާންވުމުން، އަދި ހަމަ އެފަދައިން (ޝަރުޢީގޮތުން ދަތުރަކަށްވުމަށްޓަކައި) ވަކި ޒަމާނަކަށް (މުއްދަތަކަށް) އަދި ތަނަކަށް (ދިގުމިނަކަށް) ދަތުރުކުރުން އެނަބިއްޔާ ﷺ ކަނޑަނާޅުއްވާކަމާއި އަދި ދަތުރުކުރުމަށްފަހު މަޑުކުރާތަނެއްގައި ތިން ދުވަސް ނޫނީ ހަތަރު ދުވަސް ނޫނީ 12 ދުވަސް ނޫނީ 13 ދުވަސް ފަދަ ވަކި މުއްދަތަކަށް ޤާއިމްވެ ހުރުން ފަދަ ކަންތައްތައް ޝަރުޢުވެގެން ނުވާކަން އެނގިއްޖެ މީހާ ސަލަފުންގެ ތެރެއިން އެތައްބަޔަކު ޤަޞްރު ކުރެއްވި ފަދައިން ޤަޞްރު ކުރާނެއެވެ.

(އެބަހީ : ދުރުމިނަކަށް ބެލުމެއްނެތި، ދަތުރަކަށްވާ ކޮންމެ ދަތުރެއްގައި، ދަތުރު ނިމެންދެން ވަކި މުއްދަތެއްނެތި ޤަޞްރު ކުރުމެވެ.)…”.

 

ފަހެ، މި ބަސްފުޅުން ބަޔާންވެގެންދަނީ ނަބިއްޔާ ﷺ ދަތުރެއް ގޮތުގައި ބެލުމަށް، ވަކި މިންވަރެއް ކަނޑައަޅުއްވައި ދެއްވާފައި ނުވާކަމެވެ. ވުމާއެކު، އެތަނެއްގައިވާ އަހުލުވެރިން އެބައިމީހުންގެ މެދުގައި ދަތުރެއް ކަމުގައި ބުނާ ކޮންމެ ދަތުރަކީ ޝަރުޢުގައި ދަތުރުވެރިއެއްގެ ޙުކުމުގެ ތެރެއަށް ވަންނާނެ ދަތުރެކެވެ.

މިކަން ތަފްޞީލުކޮށްދިނުމަށް ބުނަމެވެ. މާލެ އިން އޮޑިއެއްގައި ފުރައިގެން މީހަކު ހުޅުމާލެއަށް ދިއުމަކީ ދަތުރެއް ކުރުން ކަމުގައި މިތަނުގެ (މާލެ، ހުޅުމާލޭގައި ދިރިއުޅޭ) އަހުލުވެރިން ނުދެކޭ ނަމަ ނުވަތަ މާލެއިން ފުރައިން 20 ވަރަކަށް މިނިޓް ދަތުރުކޮށްފައި ތިލަފުއްޓަށް ދިއުން އެއީ ދަތުރެއް ކަމުގައި ނުދެކޭ ނަމަ އެއީ ދަތުރެއް ކަމުގައި ނުބެލެވޭނެއެވެ.

ނަމަވެސް އެތަނެއްގައި ދިރިއުޅޭ ބަޔަކު، މަސްވެރިކަމަށް ނުކުމެ ދަތުރުކޮށްދާ ހިސާބަކީ އެއީ އެތަނުގައިވާ އަހުލުވެރިން ދަތުރެއް ކަމުގައި ދެކޭ ހިސާބެއް ކަމުގައިވާ ނަމަ އެއީ ދަތުރެކެވެ. ތިރީގައި މިވަނީ ދަތުރުމަތީގައި ނަމާދުކުރާއިރު ސަމާލުކަންދޭންޖެހޭ ބައެއް ކަންތައްތަކެވެ.

  1. ނަބިއްޔާ ﷺ ސުންނަތުގައި ބަޔާންވެގެންވާ ގޮތުގައި ދަތުރުވެރިންނަށް އެންމެ ހެޔޮކަން ބޮޑުވެގެންވަނީ ނަމާދު ޤަޞްރަށް ކުރުން ގިނަކުރުމެވެ. އަދި ދަތުރުވެރިންނަށް ނަމާދު ޖަމްޢުކުރުން ހުއްދަވާނެއެވެ.
  2. ވީމާ، ފަތިސް ނަމާދު 2 ރަކުޢަތް، މެންދުރު ނަމާދު 2 ރަކުޢަތް، އަޞްރު ނަމާދު 2 ރަކުޢަތް، މަޣްރިބް ނަމާދު 3 ރަކުޢަތް އަދި އިޝާ ނަމާދު 2 ރަކުއަތް، ކުރުން ދަތުރުވެރިޔާއަށް މޮޅުއިތުރުވެގެން ވެއެވެ.
  3. މަސްދޯނިއެއް ވިޔަސް ނަމާދު ކުރަން ފެށުމުގެ ކުރިން ބަންގިގޮވައި ޤަމަތްދޭންވާނެއެވެ.
  4. ދެ ނަމާދު ޤަޞްރުކޮށް އަދި ޖަމްޢުކޮށް ކުރާނަމަ (-މެންދުރު ނަމާދާއި އަޞްރު ނަމާދު- / -މަޣްރިބް އަދި އިޝާ ނަމާދު-) ކޮންމެ ނަމާދަކަށް ވަކިން ޤަމަތްދޭނީއެވެ. އެހެނަސް ޖަމްޢުކުރާ ކޮންމެ ނަމާދަކަށް ބަންގި ގޮވުމެއް ނުވެއެވެ.
  5. ދޯނީގައި އެއް ބަޔަކު ބަންގިގޮވައި އަދި ޤަމަތްދީ، ޖަމާޢަތް ހަދާގެން ނަމާދު ޤަސްރުކޮށް ނިމުނުފަހުން އެޖަމާޢަތުގައި ބައިވެރިނުވާ ދޯނީގައި ދެންބާކީ ތިބި މީހުން ނަމާދު ކުރުމަށްޓަކައި ބަންގިގޮވުމުގެ ބަދަލުގައި އެހާލަތުގައި ޤަމަތް ދޭނީއެވެ. ސަބަބަކީ ދޯނީގައިވަނީ ނަމާދުގެ ވަގުތަށް ބަންގި ގޮވައިފައެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.