އަންހެނުން އަޑުހަރުކޮށް ވާހަކަ ދެއްކުމާއި އަޑުހަރުކޮށް ހީނ ހެދުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އަންހެނުން އަޑު އުފުލައި ބަސްބުނުމާއި ހަރު އަޑުން ބަސް މުޚާޠަބުކޮށް ހީނ ހެދުމާމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ: ޝަރީޢަތުގައި އަންހެނުންނަކީ ޢިއްފަތްތެރި ކަމާއި ލަދުވެތި ކަމާއި އަދި ގޭގައި ޤަރާރުވެ ދެމިތިބޭ ބައެއް ކަމާމެދު ބަޔާން ވެގެންވެއެވެ.
އެގޮތުން ޝަރީޢަތުގައި ހުއްދަކޮށްފައިވާ ޙާޖަތެއް މެދުވެރިވެ އެފަދައިން ނޫން ޙާލަތެއްގައި ގެއިން ބޭރަށް ނުދިއުމަށް ބާރު އެޅިފައިވެއެވެ. އަދި އެ ޙާލުގައި ނުކުތުން ވަނީ ވެސް ޙިޖާބުން ނިވާވެ، ފިތުނައަށް މަގުފައިވާ އެންމެހައި ދޮރުތަކުން ދުރުވެގެންވާ ޙާލުގައެވެ.
މިފަދަ ބަސްފުޅުތަކުގެ ތެރޭގައި ﷲ ވަޙީކުރެއްވިއެވެ.
(وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا )
މާނައީ: އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު ޤާއިމް ކުރާށެވެ! އަދި ތިޔަކަނބަލުން ޒަކާތް ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ ރަސޫލާ އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ އަހުލު ބައިތުންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ ޠާހިރު ކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށެވެ”.
މި އާޔަތުގައި ބަޔާންވެގެންވަނީ، ތަޤްވާވެރި ކަމާއި ޢިއްފަތް ތެރިކަމާއި އަދި ޞާލިޙް ކަމުގައި އެންމެ ހެޔޮވެގެންވާ ނަބިއްޔާގެ އަނބިއަނބިކަނބަލުން ކަމުގައިވުމުން، އެ ނޫން އަންހެނުންނަށް މިކަމުގައި ކޮންފަދައިން އަމުރުވެވިގެންވާނެ ހެއްޔެވެ؟ މި އަމުރަކީ އެ ނޫން އަންހެނުންނަށް ކޮންފަދައިން އަމުކުރެވުމާއެކު ޢަމަލު ކުރުމަށް ބާރުއެޅިގެންވާނެ އަމުރެއް ކަމުގައިވާނެ ހެއްޔެވެ؟
ދެވަނައީ: އަންހެނުން އަޑުލައި ، އަޑު އުފުލައި އަދި ބާރުއަޑުން ވާހަކަ ދެއްކުމަކީ އިސްވެ ދިޔަ ނުކުތާގައިވާ ޢަމަލާއި އަދި ޙިކުމަތާއި ފުށޫއަރާ ކަމެއް ކަމުގައި މެނުވީ ނުވާނެކަން ބުއްދިހުރި ހަމަވިސްނޭ ކޮންމެ މީހަކު ދަންނާނެއެވެ.
ލަދުވެތި ކަމާއި، ޢިއްފަތާއި، ޒީނަތްތެރިކަން ފޮރުވައި ނިވާވުމުގެ ސަބަބަކީ، ހިލޭ ފިރިހެނުންގެ މައްޗަށް ނިވާވެ ތިބުމެވެ. ނަފްސާއި އަޑާއި ސޫރަ ވެސް ނިވާ ކުރުމެވެ. ނޫން ހެއްޔެވެ؟ ވީމާ އަޑު އުފުލައި ބަސް ބުނުމާއި އަދި ހަރުއަޑުން ވާހަކަ ދެއްކުން، ފިރިހެނުންނަށް އަޑު އިވޭ ފަދަ ބީދައިން ބަސްތައް ބުނުން، އަދި އޭގެ އިތުރަށް ލޫޅާފަތި ކަމާއި، ފިރިހެނުންނަށް އެ އަޑުގެ މައްޗަށް ލެނބިގެންދާނެ ފަދަ އަޑުން ވާހަކަ ދެއްކުން، ބަސް މުޚާޠަބު ކުރުން ކޮންފަދަ ނުބައިވެގެންވާ ޢަމަލެއްގެ ގޮތުގައިވާނެ ހެއްޔެވެ؟
މި އުއްމަތަށް ފާޅުވި އެންމެ ހެޔޮ ޞާލިޙް، ތަޤުވާވެރި އަދި އަންހެނުންނަށް ނަމޫނާ ފަރާތްތަކެއްގެ ގޮތުގައިވި މާތް ނަބިއްޔާގެ އަނބިކަނބަލުންނަށް އިޝާރަތް ކުރައްވާ ﷲ ވަޙީކުރެއްވިއެވެ.
(يا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاءِ ۚ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا)
“އޭ ނަބިއްޔާގެ އަނބިއަނބި ކަނބަލުންނޭވެ! ތިޔަކަނބަލުން (އެހެން) އަންހެނުންގެ ތެރެއިން އެކަކާ ވެސް އެއްފަދަ ބަޔަކު ކަމުގައި ނުވަމުއެވެ. ތިޔަކަނބަލުން (اللَّه އަށް) ތަޤްވާވެރި ވެއްޖެނަމައެވެ. ފަހެ، ތިޔަކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެތެރޭގައި (ނިފާޤު ގެ) ބަލިމަޑުކަމެއްހުރި މީހަކު ދަހިވެތިވެދާނެތީއެވެ. އަދި ތިޔަކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ!”.
މުސްލިމް އަޚާއެވެ! އުޚްތާ އެވެ! މިއީ އެކަނބަލުންގެ ތަޤްވާވެރިކަމާއި އަދި ރައްކާތެރިކަމުގައި ޢިއްފަތާއި ލަދުވެތި ކަމުގައި ނުބައި ޢަމަލުންތަކުން ޠާހިރުވެގެންވާ މުއުމިނުންގެ މަންމައިން ކަމުގައިވެ، ﷲ އަދަބުވެރި ކޮށްފައިވާ ސިފަ ކަމުގައި ބަޔާންވުމުން، ފިތުނަވެރި، ފަސާދުގެ މަގުތައް، ރިވެތިކަމާއި އަދި އެ ނަފްސުތައް ލެނބިގެންދިއުމުގެ ފުރުސަތު އޮތް ބައެއްގެ މައްޗަށް ބުނާނީ ކީކޭ ހެއްޔެވެ؟
ޝައްކެތްވެސްނެތެވެ! ދީން ރައްކާތެރިކޮށް، އޭނާގެ ވެރި ރައްބުގެ ރުއްސެވުމާއި ފުއްސެވުމަށް އެދޭ ކޮންމެ ނަފްސެއް މި ދޮރުތައް ބަންދު ކުރާނެއެވެ. މިފަދަ އެއްވެސް ދޮރެއް ހުޅުވާކަށް ފުރުސަތެއް އަދި ކިޔެއްތަ! އެމީހަކު މިފަދަ މަޤާމެއްގައިވާ ތަނެއްގައި ނުފެންނާނެކަން ކަށަވަރެވެ.
ހެޔޮ ބަސްތައް ބުނުމަށް އަމުރުވެވިގެންވަނީ ލޫޅާފަތި އަޑުން ބަސް މުޚާތަބު ނުކުރުމަށް ބަޔާންވެގެންވުމާއި އެކުގައިއެވެ.
އެކަމުގައި ފިތުނަވެރިވެދާނެ ފަދަ ގޮތްތަކާއި ދޮރުތަކުން އަދި އޭގެ އިތުރުން ދުނިޔޭވީ އެދުންތަކުގެ ބޭނުމުގައި އަޑު އުފުލުމާއި، ހިލޭ ފިރިހެރނުންނަށް އަޑު އިވޭފަދައިން ބަސްތައް ބުނުން ހެޔޮވާނެ ހެއްޔެވެ؟
އެންމެ ތަޤްވާވެރި އަންހެނުން ކަމުގައިވި ފަރާތްތަކަށް އެކަން މަނާވެގެންވުމުން އެނޫން ފަރާތްތަކަށް އެއީ ހުއްދަވާނެ ޢަމަލެއް ކަމުގައި އެއްވެސް މީހަކު ބުނާނެ ހެއްޔެވެ؟
މި އާޔަތުގެ ތަފްސީރުގައި ابن كَثِير -رحمه الله- ވިދާޅުވެފައިވެއެވެ.
“މިއީ ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބި ކަނބަލުންނަށް ﷲ އަމުރުފުޅު ކުރައްވާފައިވާ އަދަބެކެވެ. އަދި އުއްމަތުގެ އަންހެނުން ވަނީ މި ކަމުގައި އެކަނބަލުންނަށް ތަބަޢަވާ ބައެއްގެ ގޮތުގައިއެވެ”.
ތިންވަނައީ: އަންހެނުން އަޑު އުފުލައި ބަސް ބުނުމަށް އޮތް ދަނޑިވަޅުތަކުގައި ވެސް ޝަރީޢަތުގައި އަންގަވާފައިވަނީ އަޑު އުފުލައި ބުނުމުގެ ބަދަލުގައި އެހެން ސިފައަކުން ޢަމަލު ކުރުމެވެ.
އޭގެ ތެރޭގައި ނަމާދުގައި އިމާމްއަށް ކުށެއް ކުރެވުމުން ފިރިހެނުން އަޑު އުފުލައި سبحان الله ބުނާހިނދު އަންހެނުންނަށް އޮތީ އެއް އަތްތިލައިގެ މަތީގައި އަނެއް އަތްތިލައިން ޖެހުމެވެ. ކުށް ކުރެވިއްޖެކަން އިމާމް އަށް އަންގައިދިނުމުގައި މަޞްލަޙަތު އޮތް ހިނދުގައި ވެސް ދީނުގައި ބާރު އެޅިފައިވަނީ އަޑު އުފުލުމުގެ ބަދަލުގައި އެހެން ގޮތަކުން އެކަން އަންގައި ދިނުމެވެ. ފަހެ، ނަފްސަށް ސުވާލު ކޮށްލުން ހުއްޓެވެ. ސަބަބަކީ ކޮބައިތޯއެވެ؟ އޭގެ ޙިކްމަތަކީ ކޮބައިތޯއެވެ؟
އަންހެނުންގެ ޢިއްފަތާއި މަޤާމާއި ލަދުވެތިކަން ރައްކާތެރިކޮށް ހިލޭ ފިރިހެނުންގެ މައްޗަށް ނިވާވުން ނޫން ހެއްޔެވެ؟
އެހެންކަމުން، މި މަޤްޞަދާއި ޚިލާފަށް ކުރެވޭ ޢަމަލުތަކަކީ އަންހެނުންނަށް އެކަށީގެންވާ ޢަމަލެއް ކަމުގައި ނުވާނެކަން ދަންނަހުއްޓެވެ.
މި ނޫންނަސް ދީނުގައި އަންހެނުން އަޑު ވަންހަނާ ކުރުމަށް ބަޔާންވެގެންވާ ބައެއް ދަނޑިވަޅުތައްވެއެވެ.
الإِمَام العَلاَّمَة العُثَيْمِيْن-رحمه الله- ވިދާޅުވެފައިވެ އެވެ. ”(ޢީދު ތަކްބީރު) ކިޔުމުގައި އަންހެނުންނަށް އަމުރު ކުރެވިގެންވަނީ ވަންހަނާކޮށް ކިޔުމެވެ. އެ ގޮތުން އެކަނބަލުން އަޑު މަޑުކޮށް ކިޔާނީއެވެ“.
ހަތަރުވަނައީ: އިސްވެ ދިޔަ ނުކުތާތަކާއި އަދި ޢަމަލުތަކާއި ޚިލާފްވެ މިއަދު މީސްތަކުން ކުރާ އެންމެ ބޮޑު އެއް ޢަމަލު ކަމުގައިވާ އަޑުހަރުކުރާ ބަހައްޓައިގެން ފިރިހެނުންނަށް އަޑުއިވޭގޮތަށް އަންހެނުން ޤުރުއާން ކިޔެވުމެވެ.
މި ފަހުގެ ދުވަސްތަކުގައި ދުނިޔެ މައްޗަށް ފާޅުވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާ، الإِمَام العَلاَّمَة العُثَيْمِيْن -رحمه الله- ވިދާޅުވެފައިވެއެވެ.
ސުވާލު: އަޑުހަރުކުރާ ބަހައްޓައިގެން ފިރިހެނުންނަށް އަޑުއިވޭގޮތަށް އަންހެނުން ޤުރުއާން ކިޔެވުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
ޖަވާބު: ”މިއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ އަންހެނުންނަށް އަމުރުކުރެވިގެންވަނީ ފަރުދާވެގެން ހުރުމެވެ. އަދި ފިރިހިހެނުންގެ ކިބައިން ދުރުވެ ހުރުމެވެ. ފަހެ އަންހެނާ މައިކްރޮފޯނުން ބާރުއަޑުން ކިޔެވުމަކީ އެކަން ނަފީކުރެވޭ ކަމެކެވެ“.
ސަޢުދީ ޢަރަބިއްޔާގައި މިއަދު ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلاَّمَة الشيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެއެވެ.
ސުވާލު: ރޭޑިޔޯ ޕްރޮޤްރާމްގައި އަންހެނުން ފޯނުން ގުޅައިގެން އެ ބައިވެރިންގެ މެދުގައި ޤުރުއާން މުބާރާތް ބާއްވައެވެ. މިކަމުގައި މައްސަލައެއް އެބައޮތްތޯއެވެ؟
ޖަވާބު: ”ޔަޢުނީ ރޭޑިޔޯ ޕްރޮޤްރާމް ހެއްޔެވެ؟
ސުވާލު ކުރާމީހާ: ސުވާލުން ދޭހަވަނީ އެފަދައިންނެވެ.
ޖަވާބު: ތިޔައީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަންހެނުން ކިޔަވާއަޑު ފިރިހެނުންނަށް އިއްވުން ހުއްދައެއް ނުވާނެއެވެ. ރޭޑިޔޯ މެދުވެރިކޮށް މީސްތަކުންނަށް އަޑުއިއްވުން ހުއްދައެއް ނުވާނެއެވެ. ތިޔައީ އަލަށް ދީނަށް ގެނެސްފައިވާ ކަމެކެވެ. … އަހަރެމެންގެ ތެރޭގައި ތިކަން ކޮށްފައިވަނީ ޖާހިލުންނެވެ…. ތިޔަ ކަންތައް އަމުރުމަޢުރޫފު ހިންގާ ފަރާތަށް އަންގަންޖެހެއެވެ. އަދި ހުއްދަވެގެންނުވާ ކަމެއްކަން ބަޔާންކުރަން ޖެހެއެވެ. އޭ އަޚާއެވެ. ޢަރަބައި ޤައުމުތަކުގެ އެއްވެސް ރޭޑިޔޯ ޗެނެލެއްގައި އަންހެނުން ޤުރުއާން ކިޔަވާއަޑެއް ނީވޭނެއެވެ. އަދި މި ރޭޑިޔޯ ޗެނެލަކީ ސުންނަތައް ޢަމަލު ކުރުމަށް އެންމެ އެދެވިގެންވާ (އެންމެ ހެޔޮ) ރޭޑިޔޯ ޗެނެލްއެވެ. އިސްވެ ޝަރީޢަތުގައި ބަޔާންކޮށްފައިނުވާ ކަމެއް އަލަށް ގެނެސް ނުގަތުމަށް އެންމެ އައުލާވެގެންވާ ޗެނެލްއެވެ“.
الإِمَام العَلاَّمَة الأَلبَاني -رحمه الله- ވިދާޅުވެފައިވެއެވެ.
”ފިރިހެނުންނަށް އަންހެނުންގެ އަޑު އިވުން ހުއްދަވެގެންވަނީ އަންހެނާގެ ތަބީޢީ އަޑެވެ. އެހެނަސް އަންހެންމީހާ ޤުރުއާން ޣުންނަކޮށް، އިޤްލާބްކޮށް، އިޟްޙާރުކޮށް އަދި އެނޫންވެސް ތަޖްވީދުގެ (ޙުކުމްތަކުން) ކިޔަވާ ހިނދު، އޭގެތެރޭގައި މައްދު މުއްތަޞިލް އަދި މުންފަޞިކޮށް ކިޔަވައި، މިއީ ތަޖްވީދުކޮށް ކިޔެވުމެވެ. …. ފަހެ، މިފަދައިން ފިރިހެނުންގެ ކުރިމަތީގައި އެއްވެސް ޙާލެއްގައި ކިޔަވައިގެން ނުވާނެއެވެ. އެއީ ރޭޑިއޯ ޗެނެލެއް މެދުވެރިކޮށް ކަމުގައިވީނަމަވެސް ނުވަތަ ފޯނު މެދުވެރިކޮށް ވީނަމަވެސްއެވެ“.
އަޚާއެވެ! އުޚްތާއެވެ! މި ބަސްތައް ކިޔައި، މަޢުރިފާވުމަށްފަހު، ބަޔާންވެގެންވަނީ ކޮން ފިލާވަޅެއް ހެއްޔެވެ؟
އަންހެނުންނަށް އެކަނބަލުންގެ އަޑު އުފުލައި ފާޅުކުރުން އެދެވިގެންވޭ ހެއްޔެވެ؟ ލޫޅާފަތި، ރީތި އަޑުން ފިރިހެނުންނަށް އިވޭ ގޮތަށް ވާހަކަ ދެއްކުން ހުއްދާވާނެ ހެއްޔެވެ؟
ނުވަތަ، އަންހެނުންނަށް އޮތީ އެންމެހައި ދަނޑިވަޅެއްގައި ވެސް، އެންމެހައި ހާލަތްތަކެއްގައި ވެސް އެ އަންހެނެއްގެ އަޑު ވަންހަނާކޮށް، ފާޅުނުކޮށް، ފިރިހެނުންގެ މައްޗަށް ލަދުވެތި ކަމުގައިވުން ހެއްޔެވެ؟
ޖަވާބު ވަނީ އިސްވެދިޔަ ނުކުތާ ތަކުގައި ޛިކުރު ކުރެވިގެންނެވެ.
ވީމާ، މިއަދު މި ފިތުނައިގެ ތެރެއަށް ވެއްޓިފައިވާ، ފިތުނައިގެ ތެރޭގައި ޖެހިފައިވާ މި ބާވަތްތައް ދެނެގަނެ އެކަން ކަމުން ދުރުވުން ހުއްޓެވެ. ގިނަ ބަޔަކު އެކަން ކުރުމުން އެއީ އެކަން އޮންނަ ގޮތް ކަމުގައި ނުދެކޭށެވެ. ޝައްކެތްވެސް ނުވާކަމަކީ ގިނަފަހަރު ގިނަ ބައިގަނޑުގެ މީހުން ވާނީ ބާޠިލްގައިކަމެވެ.
ޝަރުޢީ ދަލީލުތަކާއި އަދި ހެޔޮ ރިވެތި އަދަބުތަކުގައި ދެމިހުރުން ކޮންފަދަ ހެޔޮކަން ބޮޑުވެ އަދި ރިވެތި ކަމުގެ ބޮޑު ކަމާއެވެ.
މި ނުކުތާތައް ބަޔާންވުމުން، ދަންނައެވެ! މިއަދު ފާޅުވާ މަންޒަރަކީ އެތައް ސަތޭކަ ފިރިހެނުންގެ ކުރިމަތީގައި އަންހެނުން ޕޯޑިއަމްތަކުގެ މަތީގައި އަޑުން އަޑުނަގައި ބަސްބުނާ އަޑެވެ. ފަހެ، މިއީ ކޮންފަދަ ފިތުނަވެރި ދޮރުތަކެއް ކަމުގައި އިސްވެދިޔަ އާޔަތަކުން އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާން ނުވޭ ހެއްޔެވެ؟
މިތަންތަނުގައި ޢިލްމަށް އަދި ދީނީ ބައެއްގެ ގޮތުގައި ސިފަވެގެންވާ ބަޔަކު ޙާޟިރުވެ އޭގެ އިތުރަށް ހިތްވަރުދީ ތިބޭނެ ހެއްޔެވެ؟ އަޅަމެން މި ފިތުނައިން ﷲ ރައްކާތެރި ކުރައްވާށިއެވެ.
ޤުރުއާން ކިޔެވުމުގެ ނަމުގައި، އެކަކު އަނެކަކު ކުރިއަރައި ދިއުމުގެ ނަމުގައި ކުރެވޭ ފިތުނަވެރި ޢަމަލުތަކެވެ. އަޑުން އަޑުނަގައި އެކިއެކި ރާގުތަކަށް އަންހެނުން ކިޔެވުން މިއަދު ނުފެނޭ ހެއްޔެވެ؟ އުއްމަތުގެ އެންމެ ބޮޑެތި އިމާމުންގެ ބަސްފުޅުތައް ނުހަނު ސާފު ފާޅުވެގެންވާހިނދު، މިއަދު ދީނަށް ނިސްބަތްވެގެންވާ އެތައްބައެއްގެ ޢަމަލު ހުރިގޮތް ބަލާލުން ހުއްޓެވެ. ފަހެ، މިއީ ކޮންފަދަ ފިތުނަވެރި ޢަމަލުތަކެއް ހެއްޔެވެ؟ لاحول ولا قوة إلا بالله!
އަޚާއެވެ! އުޚްތާއެވެ! ދީނުގައި އެބޭކަލުންގެ ތަޤްވާވެރި ކަމާއި، ވަރަޢުވެރިކަމާއި، ޝަރީޢަތަށް ޢަމަލު ކުރުމުގައިވާ މުޚްލިޞުންގެ ކިބައިން ޢިލްމު ހޯދައި ދަރިވަރުވުން ހުއްޓެވެ! ﷲ އަށްޓަކައި މި ޢިލްމާއި މި ޝަރީޢަތުގެ މައްޗަށް ބިރުވެތިވުން ހުއްޓެވެ. ޞައްޙަ މަޤާއި ޞައްޙަ މަންހަޖުގައި، ސުންނަތުގެ އިމާމުންގެ ބަސްފުޅުތަކުގެ މަތީގައި ޤާއިމްވުމަށް ޢަޒުމް ކަނޑައަޅާށެވެ. އެ ބަސްފުޅުތަކުން އެއްކިބާވެ، ފިތުނައިގެ ދޮރުތަކުގެ އަހުލުވެރިންގެ ކިބައިން ރައްކާތެރިވެ ސަލާމަތްވުން ހުއްޓެވެ.
ނިންމާލުމުގެ ކުރިން ބުނަމެވެ. އަންހެނުންގެ ފިތުނައިގެ މައްޗަށް ބިރުވެތި ވުމަކީ ނަބީބޭކަލުން އަދި އޭގެ އިތުރަށް ހެޔޮ ޞާލިޙް ދީންވެރި އަހުލުވެރިންގެ ސިފައެއް ކަމުގައިވެއެވެ. ކުޑަވެސް ފިތުނައަކަށްވެދާނެ ދޮރެއް ކުޑަކޮށްވެސް އެބޭކަލުން ނުހުޅުވާނެއެވެ. އަދި ކިޔެއްތަ! އޭގެ އިތުރަށް އެބޭކަލުންނަށް ތަބަޢަވާ ބައެއް ކަމުގައިވާނަމަ، އެމީހަކަށް ކުޅަދާނަވީ މިންވަރުން އެ ދޮރުތައް ބަންދުކޮށް ދުރުވުން ނޫން މަގެއް އިޚްތިޔާރު ނުކުރާނެއެވެ.
އެފަދަ ބައެއް މުޞްލިޙުންގެ ބަސްފުޅާއި ޢަމަލުފުޅުތަކުގެ މިޘާލުތަކެވެ.
عَبد الله بن مَسعُود رضي الله عنه ވިދާޅުވެފައިވެއެވެ. ”އަންހެނުންނަކީ ޝައިޠާނާ (ފިރިހެނުން ޝިކާރަކުރުމަށް) ހޯދާފައިވާ ދަންތުރައެވެ”.
سعيد بن المسيب -رحمه الله- ވިދާޅުވެފައިވެއެވެ. (ތާބިޢީ ބޭކަލުންގެ ޒަމާނުގައި މަދީނާގައި އުޅުއްވި އެންމެ ޢިލްމުވެރި އެއް ބޭފުޅެވެ.)
”އަހަރެންގެ ޢުމުރުން 80 އަހަރުވެއްޖެއެވެ. އަހަރެން އެ އެއްޗެއްގެ މައްޗަށް އެންމެ ބިރުގަންނަނީ އަންހެނުންގެ މައްޗަށެވެ“.
الإمام سُفيَان الثَّوْرِي -رحمه الله- ވިދާޅުވެފައިވެއެވެ. ”އަންހެނުންގެ ފިތުނަވެރިކަމުގެ މައްޗަށް އަމިއްލަ ނަފްސުފުޅުގެ މައްޗަށް ބިރުވެތިވެ ވަޑައިގެންނެވި ފަރާތެއްގެ ގޮތުގައި މެނުވީ ﷲ عزوجل އެއްވެސް ނަބިއްޔަކު ނުފޮނުއްވައެވެ“.
ފަހެ، މި ބިރުވެތިވެ ވަޑައިގެންނެވުމަކީ އޭގެ އެންމެހައި މައިދާނެއް، ދޮރެއް އޭގެ އެންމެ ފުރިހަމަގޮތުގައި ބަންދުކޮށް ހުޅުވިޔަ ނުދިނުން ކަމުގައި މެނުވީ ނުވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.