ނަމާދުގެ ޖަމާޢަތުގައި ދެ ތަނބު ދޭތެރޭގައި ހެދޭ ސަފު (ނުފުރެނީސް) ދޫކޮށްލުމަށްފަހު އެހެން އިތުރު ސަފެއް ހެދުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލުގެ މުރާދަކީ، ކުރިމަތީގައިވާ ސަފަކީ އެއީ ތަނބުތަކުގެ ސަބަބުން ސަފު ބުރިވެ ނުވަތަ ސަފުގެ ބަދަހިކަން ގެއްލޭތީވެ، އެ ސަފު ނުހަދައި ފަހަތުގައިވާ ފުރިހަމަކޮށް ހެދޭ ސަފު ހެދުމަށްޓަކައި ކުރިމަތީގައިވާ ސަފު ނުފުރުން ކަމުގައި އުއްމީދު ކުރަމެވެ. އެހިނދު، މި މައްސަލަ ސާފުވެ އޮޅުފިލުވުމަށްޓަކައި ތަނބުތަކުގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބަކަށްޓަކައި މެދުކެނޑޭ ސަފު ދޫކޮށްލުމުގެ ޙުކުމް ދެނެގަންނަން ޖެހެއެވެ. އަދި މި މައްސަލައިގައި ވާރިދުވެފައިވާ ދަލީލުތަކާއި ޢިލްމުވެރިންގެ ބަސްފުޅުތައް ވެސް ދެނެގަންނަން ޖެހެއެވެ.
ސުންނަތުގައި ނަމާދަށް ހެދޭ ސަފުތައް، އެކަކު އަނެކާއި ދެމެދު ހުސްޖާގަ ދޫނުކުރުމަށާއި އަދި ނުހަނު ބަދަހިކަމާއެކު ހެދޭ ސަފުތަކެއްގެ ގޮތުގައި ނަމާދުގެ ސަފުތައް ހެދުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. އެފަދަ ޙަދީޘްތަކުގެ ތެރޭގައި:
1. ابن عُمَر -رضي الله عنه- ގެ އަރިހުން ރިވާކުރެވިގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (مَنْ وَصَلَ صَفاً وَصَلَهُ اللهُ،وَمَنْ قَطَعَ صَفاً قَطَعَهُ الله) މާނައީ: “ސަފުގައިވާ ހުސްޖާގަ ފުރާލައި (ސަފު ގުޅުވައިފި) މީހާއަށް (ޖަޒާއެއްގެ ގޮތުން) ﷲ އެމީހަކާ ގުޅުން ޤާއިމްކުރައްވާނެތެވެ. އަދި ސަފެއް ބުރިކޮށްލައިފި މީހާއަށް (ޢުޤޫބާތެއްގެ ގޮތުގައި) ﷲ އެމީހަކާ މެދުގައި އޮންނަ ގުޅުން ކަނޑުއްވާލައްވައެވެ”.
رواه أبوداود ٦٦٦ وصححه الألباني
2. عائشة -رضي الله عنها- ވިދާޅުވެފައިވެއެވެ. رسول ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (مـن ســدَّ فُرجــةً، رفعــه اللهُ بها درجةً، و بنى له بيتًا في الجنَّــةِ) މާނައީ: “ސަފުގައިވާ ހުސް ޖާފަ ފުރައިލައިފި މީހާ، ﷲ އޭނާ ދަރަޖައަކަށް އުފުއްލަވާނެތެވެ. އަދި އޭނާއަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކޮށްދެއްވާނެއެވެ”. صحيح لغيره الألباني : صحيح الترغيب ٥٠٥
3. أنس رضي الله تعالى عنه ގެ އަރިހުން ރިވާކުރެވިގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “رصوا صفوفكم وقاربوا بينها”. “ސަފުތަކުގައި ހުސްޖާގަ ދޫނުކޮށް ނުހަނު ބަދަހިކަމާއެކު ގާތްގާތުގައިވެ ސަފުތައް ހެދުން ހުއްޓެވެ”.
އަދި މި ނޫނަސް މި މާނައިގައިވާ އެހެނިހެން ގިނަ ރިވާޔަތަކެއްވެއެވެ. އެގޮތުން ފައިތިލަ ފައިތިލައާއި ކޮނޑާއިކޮނޑު ޖައްސައި ނަމާދުގައި ޤާއިމްވެ ތިބުމާއި ދެ މީހުންގެ ދެމެދަށް ޝައިޠާނާ ވަނުމަށްޓަކައި ހުސްޖާހަ ދޫނުކުރުމަށް ނުހަނު ބޮޑަށް ބާރުއެޅިފައިވެއެވެ.
ދެ ތަނބު ދެމެދުގައި ނަމާދު ކުރުމަކީ މި ޢަމަލު ދޫކޮށްލެވޭ ކަމެކެވެ. މި ސުންނަތް ދޫވެގެންދާ ކަމެކެވެ. ވީމާ ދީނުގައި އަދި ޝަރީޢަތުގައި ސަފު ބުރިވެ އެއީ ތަނބުތަކުން ކަމުގައި ވީނަމަވެސް، އެފަދަ ސަފުތައް ނުހެދުމަށާއި އަދި އެ ސަފުތައް ދޫކޮށްލުމަށް ދަލީލުތައް ވާރިދުވެގެންވެއެވެ.
މި މައްސަލައިގައި ބަޔާންވެގެންވާ ބައެއް ރިވާޔަތްތައް ޛިކުރު ކުރަމެވެ.
1. ސަޙާބީ أنس بِن مَالِك -رضي الله عنه- ވިދާޅުވެފައިވެއެވެ. “ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި އަހަރެމެން (ދެތަނބު ދެމެދުގައި) ނަމާދު ކުރުމުން ދުރުހެލިވަމުއެވެ”.
2. عَبد الحَمِيد بن مَحمُود -رحمه الله- ވިދާޅުވެފައިވެއެވެ. “ތިމަން أنس بِن مَالِك އާއެކުގައި ހުކުރު ނަމާދު ކުރީމެވެ. ބައިބޯކަމާ އެކު ސަފުހެދުމުގެ ތެރޭގައި ތަނބުތަކާއި ދިމާލަށް އަހަރެމެން ޖައްސާލެވުނެވެ. ތަނބު ހުރި (ސަފާއި ދިމާވިހިނދު) އަހަރެމެންގެ ތެރެއިން އެއްބަޔަކު ކުރީ ސަފަށް އަދި އެއްބަޔަކު ފަހަތުގައިވާ ސަފަށް ޖެހިގަތީމެވެ”. أبوداود في السنن 673. السلسلة الصحيحة 335
3. ابن مَسعُود -رضي الله عنه- ވިދާޅުވެފައިވެއެވެ. “ތިޔަބައިމީހުން ތަނބުތަކުގެ ދެމެދުގައި ނަމާދު ނުކުރާށެވެ”. البَبهَقِي في سنن الكُبرى 3- 104
4. ޞަޙާބީ قُرَّة بن إِيَاس -رضي الله عنه- ވިދާޅުވެފައިވެއެވެ. “ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި ދެ ތަނބު ދޭތެރޭ ސަފު ހެދުން އަހަރުމެންގެ މައްޗަށް ނަހީ ކުރެވެއެވެ. އަދި ދެ ތަނބު ދޭތެރޭއިން ދުރުކުރުމަކުން އަހަރެމެން ދުރު ކުރުވެއެވެ”. ابن ماجه في سننه 1002 و الحاكم في المستدرك 1-218 و قال الحاكم صحيح الإسناد ووافقه الذهبي
5. މިފަދައިން ދެ ތަނބު ދެމެދުގައި ނަމާދުކުރުން ކަރާހާތްތެރި ވެގެންވާ ކަމެއްގެ ގޮތުގައި ވިދާޅުވެފައިވާ ޞަޙާބީންގެ ތެރޭގައި حُذَيفَة، ابن عَبَّاس – رضي الله عنهم – ހިމެނިވަޑައިގަންނަވައެވެ. المُغنِي 2-220
އަޚާއެވެ! ބައެއް ރިވާޔަތްތަކުގައި ބަޔާން ކުރެވިގެންވާ ފަދައިން އަޞްޙާބު ބޭކަލުން ވިދާޅުވެފައިވަނީ ތިމަން ބޭކަލުން ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައި މިފަދައިން ޢަމަލުފުޅު ކުރައްވާކަމެވެ. އެހެންކަމުން މި ޢަމަލަކީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެބޭކަލުން ހޯއްދަވާފައިވާ މަގެއްކަން ބަޔާންވެއެވެ.
މި ޙަދީޘްތަކާއި ރިވާޔަތްތަކުގެ މައްޗަށް ބުރަވެ ވަޑައިގެން ޢިލްމުވެރިން ވިދާޅުވެފައިވަނީ، އެފަދަ ސަފުތަކުގައި ނަމާދުކުރުން ކަރާހަތްތެރިވެގެންވާކަމަށެވެ. މާނައީ، ނަމާދު ކުރުމުން އެ ނަމާދު ޞައްޙަވާނެ ކަމެވެ. އެހެނަސް އަޥްލާވެގެންވަނީ މިސްކިތް ނުފުރޭ ކަމުގައިވާނަމަ، އެފަދަ ސަފުތަކުގައި ނަމާދު ނުކުރުމެވެ.
އިސްވެ ބަޔާން ކުރެވުނު ابن مَسعُود -رضي الله عنه- ގެ މި ބަސްފުޅު (ތިޔަބައިމީހުން ތަނބުތަކުގެ މެދުގައި ނަމާދު ނުކުރާށެވެ.) ޛިކުރު ކުރުމަށްފަހު الإمَام البَبهَقِي ވިދާޅުވެފައިވެއެވެ. “މިކަމުގެ ސަބަބަކީ، والله أعلم. ތަނބަކީ ނަމާދަށް ހެދޭ ސަފު ބަދަހި ކަމާއެކު ހެދިގެން ދިއުމަށްވާ ހުރަހެއް ކަމުގައިވާތީއެވެ” سنن الكُبرى 3-104
އިމާމް الترمذِي -رحمه الله- ވިދާޅުވެފައިވެއެވެ. ” ބައެއް އަހުލުލްޢިލްމް (ޢިލްމުގެ އަހުލުވެރިން)، ދެ ތަނބު ދެމެދުގައި ނަމާދުކުރުން ކަރާހާތް (ހުއްދަނޫން) ކަމެއްކަމުގައި ދެކެވަޑައިގަންނަވައެވެ. އެފަދައިން الإمام أحمد އަދި إسحاق ވިދާޅުވެފައިވެއެވެ”.
މިކަމުގެ ސަބަބެއްކަމުގައި ބުނެވެނީ ސަފުބުރިވުމެވެ. އެހެނަސް ސަފުކުޑަކަމުން ދެ ތަނބު ދެމެދުގައި ހެދޭނަމަ ކަރާހާތްތެރިކަމެއްނުވެއެވެ.
އިމާމް ابن العَرَبِي- رحمه الله- މިތަނުގައި ނަހީކުރެވިފައިވާ ސަބަބު ބަޔާންކޮށްދެމުން ބުނެފައިވެއެވެ. ” އެއީ ސަފުބުރިވެދިއުމެވެ. މިބާބުގެ މުރާދަކީއެއީއެވެ”.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެއެވެ. “ސަފު ބުރިވެ މެދުކެނޑިގެންދާނަމަ އެ ތަނުގައި ސަފުހެދުން މަކްރޫކަވެގެންވެއެވެ. އެހެނަސް ނަމާދު ކުރާ މީހުން ގިނަވެ މިސްކިތުގައި ޖާގަ ނެތް ޙާލަތުގައި ފިޔަވައެވެ”. (މާނައީ: އެ ޖަމާޢަތެއްގައި މީހުން ގިނަވެ މިސްކިތް ފުރޭނަމަ، އެ ޙާލުގައި ތަނބުތަކުގެ މެދުގައިވެސް ސަފުތައް ހެދުން ހުއްޓެވެ. މަކްރޫހަކަމެއް ނޯންނާނެއެވެ”. فتاوى اللجنة الدائمة (5/295)
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަލް-އިމާމް عَبد العَزِيز بن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. “(ނަމާދުގައި ސަފުހެދުމުގައި) ސުންނަތްވެގެންވަނީ އެބައިމީހުންގެ ފަހަތަށްވާ ގޮތަށް ތަނބުތައް (ހެދޭ ސަފު ދޫކޮށް) ސީދަލަށް ފުރިހަމައަށް އެކަކުއަނެކަކާއި ގުޅިގެންދާ ގޮތަށް ބަދަހި ކަމާއެކު ހެދޭ ސަފުތައް ހެދުމެވެ. އަދި ތަނބުތައް އެބައިމީހުންގެ ފަހަތަށްވާގޮތަށް ދޫކޮށް އެ ތަނބުތަކުގެ ކުރިމަތީންވާގޮތަށް ފުރިހަމައަށް ހެދޭ ސަފު ހެދުމެވެ. ޒަރޫރީ ޙާލަތެއް ދިމާވެގެން މެނުވީ ކެނޑިގެންދާ ސަފެއް ހެދުމެއް ނުވެއެވެ. މިސްކިތުގައި ޖާގަނެތި މިސްކިތް ފުރޭ ޙާލުގައި ފިޔަވައެވެ. އެހިނދު އެ ޙާޖަތް ދިމާވެ މީސްތަކުން ދެ ތަނބު ދެމެދުގައި ނަމާދު ކުރުމުގައި މައްސަލައެއް ނެތެވެ. ފަހެ، އެގޮތުން (ޞަޙާބީ) أنس بِن مَالِك -رضي الله عنه- ވިދާޅުވެފައިވެއެވެ. “އަހަރެމެން (ދެތަނބު ދެމެދުގައި) ނަމާދު ކުރުމުން ދުރުހެލިވަމުއެވެ”. ތަނބުތަކުގެ ދެމެދުގައި ނަމާދުކުރުމުން ދުރުހެލިވުމެވެ. ޔަޢުނީ: އެ ދެމެދުގައި ސަފުހެދުމުގެ ޙާޖަތް ނެތް ހިނދުގައެވެ. ފަހެ، މައުމޫމުންނަށް ސުންނަތް ވެގެންވަނީ، ތަނބުތައް ހުންނަ ސަފު ދޫކޮށް ކުރިއަށް ޖެހިލައި ތަނބުތައް އެބައިމީހުންގެ ފަހަތަށް ދޫކޮށްލުމެވެ. …”.
އަހަރެމެންގެ ޝެއިޚް ޑރ. الشَّيْخ د. عَرَفَات بن حَسَن المحمدي حفظه الله ވިދާޅުވެފައިވެއެވެ. “ދެ ތަނބު ދެމެދުގައި ސަފުހެދުން ނަބިއްޔާ صلى الله عليه وسلم ވަނީ ނަހީކުރައްވާފައެވެ. މިފަދައިން أَنَس ޙަދީޘް ރިވާކޮށްފައިވެއެވެ. އަދި قُرَّة بن مُعَاوِية އެބޭފުޅާގެ ބައްޕާފުޅު އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. “ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި ދެ ތަނބު ދޭތެރޭ ސަފު ހެދުން އަހަރުމެންގެ މައްޗަށް ނަހީ ކުރެވެއެވެ. އަދި ދެ ތަނބު ދޭތެރޭއިން ދުރުކުރުމަކުން އަހަރެމެން ދުރުކުރުވެއެވެ”. ސަބަބަކީ، ދެ ތަނބު ދެމެދުގައި ސަފުހެދުމަކީ ސަފު ބުރިވެދާ ކަމެކެވެ. ޙަދީޘްގައިވެއެވެ. “ސަފެއް ބުރިކޮށްލައިފި މީހާއަށް (ޢުޤޫބާތެއްގެ ގޮތުގައި) ﷲ އެމީހަކާ މެދުގައި އޮންނަ ގުޅުން ކަނޑުއްވާލައްވައެވެ”. ނަމާދުގައި، ފުރިހަމަ ސަފުތައް ހެދުމަށް ޖާގަ އޮވެއްޖެހިނދު ތަނބުތައް ހުންނަ ސަފުތައް ދޫކޮށް ފުރިހަމައަށް ހެދޭ ސަފުތަކުގައި ނަމާދުކުރުން ހުއްޓެވެ. އެފަދަ ސަފުތަކުގައި ނަމާދުކުރުންއޮތީ މިސްކިތްފުރޭ ނަމާދުތަކުގައިއެވެ. މިޘާލަކަށް ހުކުރުނަމާދުގައެވެ. އެހިނދު އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ”.
އަޚާއެވެ! ބަޔަކު މީހުން މިސްކިތް ނުފުރޭ ޖަމާޢަތެއްގައި އެތަނުގައި ސަފު ހެދުމަކީ އެކަމުގެ ކަރާހާތްތެރިކަން ފިލައިގެން ދާނެ ޢަމަލެއް ނޫނެވެ. އަދި ކިޔެއްތަ! އެ ކަރާހާތްތެރިކަން އެ ގޮތުގައި ދެމި އޮންނާނެއެވެ.
ވީމާ މައްސަލައިގެ ޚުލާޞާއަކީ، މިސްކިތް ނުފުރޭ ނަމާދުތަކުގައި، ސަފުތައް ބުރިވެ މެނދުކެނޑޭ ތަންތަނުގައި ސަފުތައް ނަމާދުގައި ނުހެދުމެވެ. އޭގެ ބަދަލުގައި ބަދަހިކަމާއި ފުރިހަމަކަން ގެނުވާ އަދި މެދުކެނޑިގެންނުދާނެ ގޮތުގައިވާ ތަނުގައި ސަފުހެދުމެވެ. އެހެނަސް މިސްކިތް ފުރޭ ޖަމާޢަތްތަކުގައި އެފަދަ ސަފުތައް ހެދުމުގައި އެއްވެސް މަނާކަމެއް ނެތެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.