ދިމާވެފައިވާ އެކްސިޑެންޓަކާއި ގުޅިގެން ޚުއްފުގައި ފެންފޮހެ ގިނަ ފަހަރަށް ވުޟޫ ކުރަން ދަތި ވެފައިވާ މީހަކަށް ދެ ނަމާދު ޖަމްޢު ކުރެވިދާނެ ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ބަލި ޙާލަތު މެދުވެރިވެ އެގޮތުން އެކްސިޑެންޓްވެ ނުވަތަ އޮޕަރޭޝަން ކޮށްފައިވާ މީހާ ނަމާދު ޖަމްޢު ކުރުމާ މެދު ބުނަމެވެ.
ނަމާދު އިސްކޮށް ނުވަތަ ފަސްކޮށްވިޔަސް ޖަމްޢުކޮށް ކުރުން (އެގޮތުން މެންދުރު ނަމާދާއި ޢަޞްރު ނަމާދު ނުވަތަ މަޣްރިބް ނަމާދާއި ޢިޝާނަމާދު) އެއްކޮށް ޖަމްޢުކޮށް ކުރުން، މިއީ ބަލި މީހާއަށް ހުއްދަވެގެންވާ ކަމެކެވެ.
އަދި ހަމައެފަދައިން ތަކުރާރުވުމެއްނެތި، ދިމާވާ ކުއްލި ޙާލަތަކާއި ގުޅިގެން ވެސް ހުއްދަވެގެންވެއެވެ. މިސާލަކަށް، ކުއްލި ޙާލަތެއް ދިމާވެގެން އޮޕަރޭޝަނެއް ކުރަން ވަންނަ ޑަކްޓަރަކަށް، އެ އޮޕަރޭޝަނުގައި ވަގުތު ދިގުލައިގެން ދާނަމަ ނަމާދު ޖަމްޢު ކުރެވިދާނެއެވެ.
އެހެނީ ޞަޙާބީ ابن عبَّاس -رضي الله عنهما- ގެ ރިވާޔަތުގައިވެއެވެ. “އެއްވެސް ބިރުވެރި ޙާލަތެއް އަދި ވާރޭ ވެހުމެއްނެތި މަދީނާގައި ޤާއިމްވެ ތިއްބަވާ މެންދުރު ނަމާދާއި އަދި ޢަޞްރު ނަމާދު، އަދި މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ނަބިއްޔާ ﷺ ޖަމްޢު ކުރެއްވެވިއެވެ”.
ابن عبَّاس -رضي الله عنهما- ގެ އަރިހުގައި އެފަދައިން ރަސޫލާ ﷺ ޢަމަލުފުޅު ކުރެއްވީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ.
“އެއީ އެ ނަބިއްޔާގެ އުއްމަތަށް ބުރަ ނުޖެއްސުމަށްޓަކައެވެ”.
އެހެންވުމުން، މި ރިވާޔަތުގެ އަލީގައި ހުއްދަވެގެންވަނީ ޢުޛުރެއްގެ ސަބަބުން ބުރައަކާއި ވޭނެއް އުފުލަންޖެހޭ ދަނޑިވަޅުގައިކަން ހާމަވެގެންވެއެވެ.
ފަހެ، އިމާމް الطحاوِي – رحمه الله- ރިވާކުރައްވާފައިވާ جَابِر – رضي الله عنه- ގެ ޙަދީޘްގައި، ލުއިކަމެއްގެ ގޮތުގައި އެއްވެސް ބިރެއްނެތި އަދި ސަބަބެއްނެތި ޖަމްޢު ކުރެވިދާނެކަމަށް އައިސްފައިވާ ރިވާޔަތުގައި ބަލިކަށިކަމެއްވެއެވެ. އެއީ، ޞައްޙަކަމެއް ކަމުގައިވާނަމަވެސް، އިމާމް مسلم ރިވާކޮށްފައިވާ ابن عبَّاس -رضي الله عنهما- ގެ ޙަދީޘްގެ ލަފްޟު އިސްވެގެންވެއެވެ. އެހެންކަމުން، ރިވާޔަތުގައިވާ ބަސްފުޅުގެ މައްޗަށް ބުރަވެ، ބަޔާންވެގެންވަނީ ބަލިމީހާއަށް ބުރައަކަށްވާނަމަ ޖަމްޢު ކުރެވޭނެ ކަމެވެ.
އަދި އެކަމުގެ މައްޗަށްވާ މިޘާލެއްގެ ގޮތުން، އިސްތިޙާޟާގައިވާ އަންހެނާގެ ޙާދިޘާ ގެންނަވައި العلامة ابن العثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ. “ކޮންމެ ނަމާދައަކަށް އަންހެން މީހާއަށް ވުޟޫ ކުރަން ބުރަކަމަކަށްވާނަމަ، މެންދުރު ނަމާދާއި އަޞްރު ނަމާދު އަދި މަޣްރިބް ނަމާދާއި ޢިޝާނަމާދު ޖަމްޢު ކުރުން އޭނާއަށް ހުއްދަވެގެންވެއެވެ”.
އެހެންކަމުން، ސުވާލުގައި ބަޔާންކޮށްފައިވާ ބަލި މީހާއަށް ކޮންމެ ވަގުތެއްގައި ނަމާދު ކުރުމަށް ބުރަވާނަމަ، ދެ ނަމާދު؛ މެންދުރު ނަމާދާއި ޢަޞްރު އަދި މަޣްރިބް ނަމާދާއި އިޝާ، މި ނަމާދުތައް ޖަމްޢުކޮށް ކުރުން ހުއްދަވެގެންވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.