ދިރޭ ތަކެތީގެ ޞޫރަ ކުރަހާފައިވާ ހެދުން ލައިގެން ކުރާ ނަމާދު ސައްޙަވާނެ ހެއްޔެވެ؟ އަދި ފާހާނައިގެ ދޮރާއި ދިމާލަށްވާ ގޮތަށް ނަމާދު ކުރުން ހުއްދަވާނެ ހެއްޔެއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޞޫރަ ކުރަހާފައިވާ ހެދުން ލައިގެން ނަމާދު ކުރުމާ މެދު ކޮށްފައިވާ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބުނަމެވެ.
ދިރޭ ތަކެތި ކަމުގައިވާ އިންސާނުންނާއި، ޖަނަވާރުންނާއި، ދޫނިސޫފާސޫފި ފަދަ ތަކެތީގެ ޞޫރަ ކުރަހާފައިވާ ފޭރާން ނަމާދު ކުރުމަށް އަދި ނަމާދުން ބޭރުގައި ލުމަކީ ވެސް އެމީހަކު ފާފަވެރި ވާނެ ޢަމަލެކެވެ. މިފަދަ ޞޫރަ ކުރަހާފައިވާ އެއްވެސް ފޭރާމެއް ލައިގެން ނުވާނެއެވެ. އެހެނަސް އެފަދަ ފޭރާމެއް ލައިގެން ނަމާދު ކުރުމުން ނަމާދު ޞައްޙަވާނެއެވެ. އެފަދަ ފޭރާމެއް ލުމުގެ ސަބަބުން އެމީހަކު ފާފަވެރިވުމާ އެކުގައެވެ.
މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ބަޔާންކޮށްފައިވާ ޖަވާބު މިތަނުގައި ބަޔާން ކުރަމެވެ.
ސުވާލު : އިންސާނެއްގެ ޞޫރަ ހުރި ފޭރާމެއް ނުވަތަ ޖަނަވާރެއްގެ ޞޫރަހުރި ފޭރާމެއް ލައިގެން ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ އަދި ﷲ عزَّ وجلَّ ގެ ނަންފުޅު ލިޔެފައިވާ ފޭރާމެއްގައި ފަހާނާ ކުރާ ތަންތަނަށް ވަނުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު : “ދިރޭ ތަކެތީގެ ސޫރަ ހުރި ފޭރާމެއް ލައިގެން ނަމާދު ކުރުން ހުއްދައެއް ނުވާނެއެވެ. އެއީ އިންސާނެއްގެ ޞޫރަ ނުވަތަ ދޫންޏެއްގެ ޞޫރަ ނުވަތަ ނަޢަމްސޫފީގެ ޞޫރަ ނުވަތަ އެނޫން އެއްޗެއްގެ ޞޫރަ ހުރި ކަމުގައި ވީނަމަވެސްއެވެ. އަދި ނަމާދުން ބޭރުގައި ވެސް އެފަދަ ޞޫރަ ކުރަހާފައިހުންނަ ފޭރާންލުން ހުއްދައެއް ނުވާނެއެވެ. މިކަމުގެ ޝަރުޢީ ޙުކުމް އެނގިފައިވާ މީހަކު ޞޫރަ ކުރަހަފާއިވާ ފޭރާމެއް ލައިގެން ނަމާދު ކުރުމުން އޭނާ ފާފަވެރިވާނެއެވެ. އަދި ނަމާދު ޞައްޙަވާނެއެވެ”.
އެހެންކަމުން، ދަންނަހުއްޓެވެ. މިފަދަ ފޭރާންތައް ބޭނުން ކުރުމުން ދުރުވުން ހުއްޓެވެ.
ދެވަނައަށް ކޮށްފައިވާ ސުވާލު: “ފާހާނައިގެ ދޮރާއި ދިމާލުގައި ނަމާދު ކުރުން” މި ސުވާލުގެ ޖަވާބުގައި ބުނަމެވެ. ދީނުގައި އެތަންތަނުގައި ނަމާދު ޤާއިމް ކުރުން މަނާވެ ނަހީ ކުރައްވާފައިވާ ތަންތަނުގެ ތެރޭގައި ޤަޟާހާޖަތް ކުރެވޭ ތަންތަން ހިމެނިގެންވެއެވެ. އެފަދައިން ބާންވެގެންވާ ހަދީޘްތަކުގެ ތެރޭގައި أَبُو سَعِيد الخُدرِي ގެ އަރިހުން ރިވާކުރެވިގެންވެ އެވެ.
قَال رَسُول الله صلى الله عليه وسلم : (الأَرضُ كُلَّهَا مَسجِد إلا المَقبَرة و الحمَّام)
رَسُول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ޤަބުރުސްތާނުތަކާއި ޤަޟާޙާޖަތް ކުރާ ތަންތަން ފިޔަވައި މުޅި ބިމަކީ ނަމާދު ކުރެވޭ ތަނެކެވެ”.
ވީމާ، މި ޙުކުމް ކަނޑައެޅިގެންވަނީ ޤަޟާ ޙާޖަތް ކުރެވޭ (ފާހާނަ ކުރެވޭ) ތަންތަނަށެވެ. ޔަޢުނީ އެތަނެއްގެ ތެރެއަށެވެ. އެހެނަސް އެތަނުގެ ބޭރަށް މަނާވެގެންވާ ޙުކުމް ނުނެގޭނެއެވެ. އެގޮތުން ކޮޓަރި ތެރޭގައި ފާހާނާގެ ދޮރާއި ދިމާލަށް ހުރި ކަމުގައި ވީނަމަވެސް އެކަމުގައި މަނާކަމެއް ނުވެއެވެ. އޭނާގެ ނަމާދަށް އަޘަރެއް ނުކުރާނެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.