ސިހުރު ހަދާ މީހާގެ މައްޗަށް ބަދު ދުޢާ ކުރެވޭނެ ހެއްޔެވެ؟ އަދި ޢާއިލާގެ މީހެއްނަމަ އެފަދަ މިހަކާއި ގުޅުން ކެނޑުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސިޙުރު ހެދުމާއި އަދި ސިޙުރު ހަދާ މީހާގެ މައްޗަށް ބަދު ދުޢާ ކުރުން ހުއްދަވެގެންވޭތޯ؟ މި ސުވާލުގެ ޖަވާބުގައި ބުނެމެވެ.
ފުރަތަމައީ: ސިޙުރު ހެދުމަކީ އެންމެ ބޮޑުވެގެންވާ މުންކަރާތްތެރި ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ސިޙުރުވެރިޔާ އަކީ އޭނާގެ ދީން ޝައިޠާނާއަށް ވިއްކާލައިފައިވާ މުޑުދާރު މީހެކެވެ. ﷲ އަށް ކުރުފުވެފައިވާ ފަރާތެކެވެ. މުޑުދާރު ތަކެއްޗާއި ނަޖިހުގައި އަބަދުގެ އަބަދަށް އުޅެމުންދާ މީހަކެވެ.
ސިޙުރުގެ ނުބައިކަން ބޮޑުވެގެންވާކަން ބަޔާންވެގެންދާ ދަލީލުތަކުގެ ތެރޭގައި ސިޙުރުވެރިޔާ އޭނާގެ ޢަމަލުގެ ސަބަބުން ކާފަރުވެ، މުރުތައްދުވެފައިވާ ފަރާތެއްކަން ބަޔާންވުން ހެއްކަކަށް ފުދެއެވެ. ﷲ ވަޙީ ކުރެއްވިއެވެ. ”وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ”“ މާނައީ، ”އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ“. (އެބަހީ: ސިޙުރުގެ ޢަމަލުގެ ސަބަބުން އޭނާ ކާފަރުވެ އެއްވެސް އެއްޗެއް އޭނާގެ ފަރާތުން ޤަބޫލުވެ ވޮޑިނުގަންނަވާނެއެވެ.)
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ. ”وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ“ މާނައީ: ”ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ“.
މާތް ނަބިއްޔާ ﷺ ހަދީޘް ކުރެއްވިއެވެ. ”اجْتَنِبُوا السَّبْعَ المُوبِقاتِ، قالوا: يا رَسولَ اللَّهِ وما هُنَّ؟ قالَ: الشِّرْكُ باللَّهِ، والسِّحْرُ، وقَتْلُ النَّفْسِ الَّتي حَرَّمَ اللَّهُ إلَّا بالحَقِّ، وأَكْلُ الرِّبا، وأَكْلُ مالِ اليَتِيمِ، والتَّوَلِّي يَومَ الزَّحْفِ، وقَذْفُ المُحْصَناتِ المُؤْمِناتِ الغافِلاتِ“ މާނައީ، ”ހަލާކު ކުރަނިވި ހަތް ފާފައިން ތިޔަބައިމީހުން އެއްކިބާވެ ދުރުވާށެވެ.“ އެހިނދު ޞަޙާބީން ދެންނެވިއެވެ. ”އެއީ ކޮން ފާފަތަކެއްތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ. ”… އަދި ސިޙުރު ހެދުމެވެ.“
އަޚާއެވެ! މިއީ ސިޙުރުވެރިޔާގެ އެ ޢަމަލުގެ ނުބައިކަމެވެ. އޭނާގެ މުޑުދާރު ކަމާއި ފާޙިޝް ކަމުގެ ބޮޑުކަމެވެ.
ދެވަނައީ: ހެއްކާއި، ބަޔާންވެގެންވާ ޤަރީނާތަކުން އާއިލާގެ މީހަކު ސިޙުރު ހަދާކަން ބަޔާންވީއެވެ.
1. الإمام شَيخُ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެއެވެ. ”ސިޙުރަކީ އާޚިރަތުގައި އެއްވެސް ފައިދާއެއް ހޯދައިނުދޭނެ އެއްޗެއްކަން އެމީހުންދަނެއެވެ. އަދި އެއީ ﷲ އާއި ކުއްތަންކޮށްދޭނެ އެއްޗެއް ނޫންކަމާއި، އެތަކެތި ގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއްނެތްކަން ދަނެއެވެ. ފަހެ، ހަމަކަށަވަރުން ސިޙުރު ބިނާވެގެންވަނީ ﷲއަށް ޝަރީކު ކުރުމާއި، ދޮގު ހެދުމާއި އަދި އަނިޔާވެރިވުމުގެ މައްޗަށެވެ. އަދި އޭގެ ޞާޙިބާގެ ޤަޞްދު ކަމުގައިވަނީ އަނިޔާވެރި ކަމާއި ފާޙިޝްކަމެވެ.“ النبوات١٩٢/١
މިއީ ސިޙުރުވެރިޔާގެ ޢަމަލާއި އޭނާގެ ޤަޞްދެވެ. ޝައްކެތްވެސް ނުވާ ގޮތުގައި އޭނާއަކީ އަނިޔާވެރިއެކެވެ. ފާޙިޝް މީހެކެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (واتَّقِ دَعْوَةَ المَظْلُومِ، فإنَّ دَعْوَةَ المَظْلُومِ مُسْتَجَابَةٌ،) “އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަށް ބިރުވެތިވާށެވެ. ފަހެ، ހަމަކަށަވަރުން އަނިޔާ ލިބިފައިވާ މީހާގެ ދުޢާ އިޖާބަވެގެންވެއެވެ”.
ވީމާ، ޝަރީޢަތުގައި އަނިޔާ ލިބިގެންވާ މީހާއަށް އެ އަނިޔާ ދިން މީހާގެ މައްޗަށް ބަދު ދުޢާ ކުރުމަށް އިޛުނަދެވިގެންވެއެވެ. އެމީހަކަށް ލިބިގެންވާ އަނިޔާވެރިކަމުގެ މިންވަރުން އަނިޔާ ދިން މީހާގެ މައްޗަށް ދުޢާ ކުރެވޭނެއެވެ. ޝައްކެތްވެސް ނެތެވެ. ސިޙުރަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.
2. ސިޙުރު ފަދަ ޙާލަތަކީ، އެކަން ކުރި މީހާ ޔަޤީން ކަށަވަރުކޮށް ނޭނގިދާނެ ޙާލަތެކެވެ. އެނގި ބަޔާން ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި ޔަޤީން ކަށަވަރު ކަމާއެކު ނޭނގުން ވެސް ވެއެވެ. ވުމުން، ޔަޤީން ކަށަވަރު ކަމާއެކު ސިޙުރު ހެދީ ކާކުކަން އެނގޭނަމަ އެމީހެއްގެ މައްޗަށް ދުޢާ ކުރެވޭނެއެވެ.
އެހެނަސް ޝައްކުވަނީއެވެ. ޔަޤީން ކަށަވަރުކޮށް ބުނާކަށް ނޭނގެއެވެ. ވުމުން މި ޙާލުގައި ވަކި މީހެއްގެ މައްޗަށް ބަދު ދުޢާ ކުރެވިގެން ނުވާނެއެވެ. އެހެނަސް އޭގެ ބަދަލުގައި އެ ސިފައަށް ނިޞްބަތްކޮށް “މި އަޅާގެ މައްޗަށް ސިޙުރު ހެދި ފަރާތަކަށް” ނުވަތަ ޝަރުޠުކޮށްފައި “މިވެނި މީހަކު މި އަޅާގެ މައްޗަށް ސިޙުރު ހަދާފައިވާނަމަ …” މިދަފައިން ދަންނަ ހުއްޓެވެ.
3. މި ހުރިހައި ޙާލަތެއްގައިވެސް އެމީހެއްގެ މައްޗަށް މެދުވެރިވި ދަތި އުނދަގޫ އަދި ބުރަ ޙާލަތުގެ މައްޗަށް ކެތްތެރިވެ ﷲ ގެ ޙަޟުރަތުން އެކަމުގައި ދަރުމަޢާއި ޘަވާބަށް އެދޭނަމަ، އެކަމުގައި މާ ހެޔޮކަން ބޮޑުވެގެންވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.