އެއްޗެއް ހިތުދަސްކުރުމުގެ ކުރިން ކިޔުމަށް ޚާއްޞަ ދުޢާއެއް ވާރިދުވެގެންވޭތޯއެވެ؟ އަދި ޤުރުއާން ހިތުދަސްކުރަން ފެށުމުގެ ކުރިން ކިޔުމަށް ވާރިދުވެގެންވާ ދުޢާއެއްވޭތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އެއްޗެއް ހިތުދަސްކުރުމުގެ ކުރިން ކިޔުމަށް ޚާއްޞަ ދުޢާއެއް ވާރިދުވެގެންވޭތޯ، މި ސުވާލުގެ ޖަވާބުގައި ބުނަމެވެ.
އެއްޗެއް ހިތުދަސް ކުރުމުގެ ކުރިން ކިޔުމަށް ވާރިދުވެގެންވާ އެއްވެސް ޛިކުރެއް އަދި ދުޢާއެއް ނުދަންނަމެވެ.
އެއީ ޤުރުއާން ހިތުދަސްކުރުމަށް ނުވަތަ އެހެން އެއްޗެއް ހިތުދަސްކުރުމަށްޓަކައި ކިޔާހިނދު ކިޔުމަށް ކަމުގައިވީ ނަމަވެސް މެއެވެ. މިފަދަ އެއްވެސް ޚާއްޞަ ދުޢާއެއްނެތެވެ.
ވީމާ، މިކަމުގައި އެމީހަކު އަމިއްލައަށް ހެޔޮވެގެންވާ މާތްމަތިވެރި ވަޤުތުތަކާއި އަދި ދުޢާ އިޖާބަކުރެވޭ ވަގުތު ތަކުގައި ﷲ އަށް ދުޢާ ކުރުމުގައި ދެމިހުރުންހުއްޓެވެ. މިއީ ކޮންމެ މުސްލިމަކަށް ހުޅުވިފައިވާ ދޮރެއް ކަމުގައި މެނުވީ ނުވެއެވެ.
ހިތު ދަސްވުން ފަސޭހަވުމާއި އަދި ހިތުގައި ނޫރު ލެވިގެން ދިއުމަށް ވާ ސަބަބުތައްވެއެވެ. އޭގެ ތެރޭގައިވާ އެންމެ ބޮޑު ސަބަބެއް ކަމުގައިވާހުށީ ﷲ އަށް ކުއްތަންވެ ބޯލެނބުމުގައި ގަދައަޅާ މަސައްކަތް ކުރުމެވެ.
الإمَام الشَّافِعِي -رحمه الله- ވިދާޅުވެފައިވެއެވެ. “ފާފަތަކާއި ދުރުހެލިވުން އަދި ތިބާއާ ނުބެހޭ ކަންކަން ދޫކޮށްލުން، ފަހެ މިއީ ތިބާގެ ހިތަށް ނޫރު ލެވިގެންދާނެ ކަންތައްތަކެވެ” . السير (١٠/٩٨)
ފާފަތަކާއި އުރެދުންތަކަށް އަރައިގަތުމާއި އަދި އެކަމުގައި ދެމިހުރުން އެއީ ހިތަށް ކުރިމަތިވާނެ އެންމެ ބޮޑު ބަލިމަޑުކަމެވެ. ހިތުން ނޫރު އުފުލި ހިތް ގާވެދިއުމަށް އޮތް އެންމެ ބޮޑު އެއް ސަބަބެވެ.
الإِمَام العَلاَّمَة العُثَيْمِيْن -رحمه الله- ވިދާޅުވެފައިވެއެވެ. ”އަޅާއަށް އުރެދުމަކަށް އަރައިގަނެވިއްޖެހިނދު، ވާޖިބުވެގެންވަނީ އެ ފާފައިން ތަޥްބާވުން އަވަސްވެގަތުމެވެ. އެއީ ފާފައިގެ އަޘަރު އޭނާގެ ނަފްސުން އުފުލިގެން ދިއުމަށްޓަކައެވެ. (އެހެން ނޫނީ) އެފާފަ ތިބާ އެހެން ފާފައަކަށް ގެންގޮސްފާނެއެވެ. އެއަށްފަހު އެހެން ފާފައަކަށެވެ. އަދި އެއަށްފަހު އެހެން ފާފައަކަށެވެ. އެގޮތުގައިވެ އޭނާގެ ހިތުގައި ސިއްކަޖެހިގެންދެއެވެ“ (نور على الدرب 354).
ވުމާއެކު، އެމީހެއްގެ ހިތަށް ނޫރު ލެވިގެން ދިއުމަށްޓަކައި ކުށްފާފަތަކުން ރައްކާތެރިވެ ހުރުން ހުއްޓެވެ.
އަދިވެސް ހިތުގައި ނޫރު ލެވިގެން ދިއުމަށް ބަޔާންވެގެންވާ ދުޢާތައް ކުރުމެވެ. ނަބިއްޔާﷺ ކުރެއްވި މިފަދަ ދުޢާ ތަކުގެ ތެރޭގައި ހިމެނިގެންވެއެވެ. (اللَّهُمَّ اجْعَلْ لِي فِي قَلْبِي نُورًا، وَفِي لِسَانِي نُورًا، وَفِي سَمْعِي نُورًا، وَفِي بَصَرِي نُورًا، وَمِنْ فَوْقِي نُورًا، وَمِنْ تَحْتِي نُورًا، وَعَنْ يَمِينِي نُورًا، وَعَنْ شِمَالِي نُورًا، وَمِنْ بَيْنِ يَدَيَّ نُورًا، وَمِنْ خَلْفِي نُورًا، وَاجْعَلْ فِي نَفْسِي نُورًا، وَأَعْظِمْ لِي نُورًا) ”އަޅުގެ ވެރި އިލާހު! މި އަޅާގެ ހިތުގައި ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ ދުލުގައި ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ އިވުމުގައި ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ ފެނުމުގައި ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ މަތިން ނޫރެއް ލައްވާނދޭވެ. އަދި މި އަޅާގެ ތިރިން ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ ކަނާތްފަރާތުން ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ ވާތްފަރާތުން ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ ކުރިމަތިން ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ ފަހަތުން ނޫރެއް ލައްވާނދޭވެ. އަދި މިއަޅާގެ ނަފްސުގައި ނޫރެއް ލައްވާނދޭވެ. އަދި މިއަޅާއަށްޓަކައި ނޫރު އިތުރުކޮށްދެއްވާނދޭވެ“ (صحيح مسلم 763 ).
ވީމާ، ސުވާލުގެ ޚުލާޞާއަކީ، ހިތު ދަސްކުރުމަށްޓަކައި، ހިތުދަސް ކުރުމުގެ ކުރިން ކިޔަން ޚާއްޞަ ދުޢާއެއް ނެތްކަމެވެ. އެހެނަސް އެކަން ލުއިފަސޭހަ ވުމަށްޓަކައި ބަޔާންވެގެންވާ ސަބަބުތަކުގައި ހިފުން ހުއްޓެވެ.
ސުވާލަށް ޖަވާބު ލިބިއްޖެކަމަށް އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.