“ނިއު އިޔަރ”، “އެނިވަރސަރީ”، “އިންޑިޕެންޑެންސް ޑޭ” އަދި “ޗިލްޑްރަންސް ޑޭ” ފަދަ ކާފަރުން ފާހަގަކުރާ ދުވަސްތަކާއި ގުޅުވައިގެން ސޭލް އަޅުވާފައިވާ ފިހާރައަކުން ވިޔަފާރި ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފުރަތަމައީ: ކާފަރުންގެ ޢީދުތައް ނުވަތަ ކާފަރުން ފާހަގަ ކުރާ ޢީދުތައް ކަމުގައިވީ ނަމަވެސް، އެ ދުވަސްތަކުގައި ވެސް އެމީހަކު އެއަށް ބޭނުން ޖެހިގެން ގަންނަ އެއްޗެއް ކަމުގައިވާނަމަ އެފަދަ އެއްޗެއް ގަތުމުގައި އެއްވެސް މަނާ ކަމެއް ނެތެވެ. އެފަދަ ސޭލް އަޅުވާފައިވާ ފިހާރައަކުން އެ އެއްޗެއް ގަތުމުގައި މަނާކަމެއް ނުވެއެވެ.
ސަބަބަކީ، ވިޔަފާރި ކުރުމާއި، ގަނެވިއްކުމުގެ އަޞްލަކީ ހުއްދަ ނުވަތަ ޙަލާލު ކަމުގައިވުމެވެ.
ދެވަނައީ: އެ ދުވަސްތަކުގައި އެފަދަ ފިހާރައަކުން ވިޔަފާރި ކުރުމަކީ އެމީހުންގެ އެ ފާފަވެރި ޢަމަލުގައި ބައިވެރިވުން ކަމުގައިވާނެ ހެއްޔެވެ؟
ޖަވާބަކީ، އެމީހުންގެ އެ ޢަމަލުގައި ބައިވެރި ކަމުގައި ނުވާނެއެވެ. ބައިވެރިވި ކަމުގައިވާނީ، އެ ދުވަހަށް ޚާއްޞަ އެއްޗެއް ނުވަތަ އެމީހުންނާ ވައްތަރު ވުމަށްޓަކައި އެފަދަ އެއްޗެއް ގަނެފި ހިނދުގައެވެ.
ފަހެ، މި މަޢުޟޫގައި ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކުގައި ބަޔާންވަނީ މިފަދައިންނެވެ. އެގޮތުން ފާހަގަ ކުރުން ޙަރާމް ވެގެންވާ ބިދުޢަވެރި ޢީދުތަކުގެ ތެރޭގައި ނަބިއްޔާ – صلى الله عليه وسلم – ގެ ޢީދު މީލާދުގެ ނަމުގައި ރަބީޢުލްއައްވަލު މަހުގެ 12 ފާހަގަ ކުރެވެއެވެ. އެ ދުވަހުގައި ކަތިލާ ތަކެތި ކެއުމާއި، ވިޔަފާރި ކުރުމުގައި، ވިއްކާތަކެތި ގަތުމާއި މެދުގައި ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި އަދި ފަތުވާ ކޮމެޓީގެ މެންބަރު ޑރ. صالح الفَوزَان حفظه الله ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ.
ސުވާލު : ﷲ ތަޢާލާ ޝެއިޚްއަށް ބަރަކާތް ލައްވާށިއެވެ. ނަބިއްޔާ – صلى الله عليه وسلم – ގެ ޢީދު މީލާދު ފާހަގަ ކުރުމަށްޓަކައި ކަތިލާ ތަކެތީގެ މަސް ކެއުން ހުއްދަވާނެ ހެއްޔެވެ؟
ޖަވާބު: “ހުއްދައެއް ނުވާނެއެވެ. މިއީ ބިދުޢައެކެވެ. މިއީ ބިދުޢައެކެވެ. އަދި ދީނަށް އަލަށް ގެނެސްފައިވާ ބިދުޢަވެރި ޢީދެކެވެ. ފަހެ، ބިދުޢަވެރި ޢީދުތަކަށް ކަތިލެވޭ ތަކެތި ޙަރާމްވެގެންވެއެވެ. އަދި އެ ޢީދަށްޓަކައި ތައްޔާރު ކުރެވޭ ކާބޯތަކެތި ވެސް ޙަރާމްވެގެންވެއެވެ.
ސަބަބަކީ، ބިދުޢަ ދިރުވައި އިޙްޔާ ކުރުމަށްޓަކައި މެނުވީ އެކަންތައްތަކެއް ނުކުރެއެވެ. ބިދުޢަ އިޙްޔާކޮށް ދިރުވުމާއި އަދި ބިދުޢަ މަތިވެރި ކުރުމަށް މެނުވީ އެކަން ނުކުރެއެވެ. ވުމުން، އެއްވެސް ގޮތަކަށް އެބައިމީހުންނާއި ބައިވެރިވުމާއި އެމީހުން އެދުވަހަށް ތައްޔާރުކުރި ކާބޯތަކެއްޗެއް އަދި ކަތިލި އެއްވެސް އެއްޗެއް ޙުއްދައެއް ނުވާނެއެވެ. ސަބަބަކީ، (އެކަންކޮށްފިނަމަ) އެއީ، އެބައިމީހުންނަށް ހިތްވަރު ދިނުމާއި އެމީހުންނަށް ވާގިވެރިވުމާއި އަދި އެމީހުންގެ އެ ބިދުޢަވެރި ޢަމަލަށް އެކަމުގައި އިޤްރާރުވުމެވެ”. (ޝެއިޚްގެ ފަތުވާ ނިމުނީއެވެ.)
ވީމާ، އާއަހަރަށް ނުވަތަ އެ ނޫންވެސް ކާފަރުންގެ ޢީދުތަކުގެ ތެރެއިން ޢީދެއްގައި އެ ޢީދަށް ތައްޔާރު ކުރެވޭ ނުވަތަ ޚާއްޞަ ކުރެވިގެން ނެރޭ ތަކެތިން ދުރުވާން ޖެހޭނެއެވެ.
މި ސުވާލު މިއަދު މަދީނާގައި އުޅުއްވާ ސުންނަތުގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. الشيخ عَرَفاَت بن المحمدي حفظه الله އާއި ސުވާލު ކުރީމެވެ.
ސުވާލު: އަހަރެމެންގެ ޝެއިޚްއެވެ. ކާފަރުންގެ ޢީދު ތަކުގައި ފިހާރަ ތަކުގައި އަޅުވާފައިހުންނަ ސޭލްތަކުން (ތަކެތި އަގުހެޔޮކޮށްފައި ހުރުމުން) އަގުހެޔޮވުމުގެ ފައިދާ ލިބިގަތުމުގެ ނިޔަތުގައި ވިޔަފާރި ކުރުން ހުއްދަވާނެ ހެއްޔެވެ؟
ޖަވާބު: އެފަދަ ޢީދުތަކާއި އެގަންނަ ތަކެތި ގަންނަ ފަރާތާއި އެއްވެސް ގުޅުމެއް ނެތެވެ. މާނައަކީ، އެހެން އެއްޗެއް އެހެން ދުވަހެއްގައި ގަންނަ ފަދައިން އެތަނުން އެއެއްޗެއް ގަންނަނީއެވެ. އެމީހުންގެ އެ ޢީދުގެ އެއްވެސް ޢަމަލެއްގައި އަދި އެ އެއްޗަކީ އެ ޢީދާއި ގުޅުމެއް އޮތް އެއްޗެއް ކަމުގައިވެސް ނުވެއެވެ. އެހިނދު މި ކަމުގައި މައްސަލައެއް ނެތެވެ”.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.