ނަމާދުގެ ފަހުން އަދި ކުރިން ކުރެވޭ ސުންނަތްތައް

ރަވާތިބު ސުންނަތުގެ އިތުރުން މެންދުރު ނަމާދުގެ ފަހުން ކުރެވޭ 4 ރަކުއަތް އަދި އަޞްރު ނަމާދުގެ ކުރިން 4 ރަކުއަތް ކުރުމަށް ބަޔާންވެގެންވާ ދަލީލަކީކޮބާ؟

ރަވާތިބު ސުންނަތްތަކަކީ :

ފަތިސްނަމާދު ކުރިން ކުރެވޭ 2 ރަކުޢަތާއި، މެންދުރު ނަމާދު ކުރިން ކުރެވޭ 4 ރަކުޢަތާއި، މެދުރު ނަމާދު ފަހުން ކުރެވޭ 2 ރަކުޢަތާއި، މަޣްރިބް ނަމާދު ފަހުން ކުރެވޭ 2 ރަކުޢަތާއި އަދި ޢިޝާ ނަމާދު ފަހުން ކުރެވޭ 2 ރަކުޢަތެވެ. މިއީ ޖުމްލަ 12 ރަކުޢަތެވެ.

އެހެނަސް މީގެ އިތުރަށްވެސް ފަރުޟު ނަމާދުގެ ކުރިއަށް އަދި ފަހަށް ރަކުޢަތްތަކެއް ޘާބިތުވެގެންވެ އެވެ.

އޭގެ ތެރޭގައި :

  1. މެންދުރު ނަމާދާއި ގުޅިފައިވާ ރަކްޢަތްތައް : އުއްމުލް މުއުމިނީން أم حبيبة -رضي الله عنها- ގެ އަރިހުން ވާރިދުވެގެންވެ އެވެ. ނަބިއްޔާ  ﷺ  ހަދީޘްފުޅު ކުރެއްވި އެވެ. (من صلَّى قبلَ الظُّهرِ أربعًا ، و بعدها أربعًا ، حرَّمَه اللهُ على النَّارِ  ) “މެންދުރު ނަމާދުގެ ކުރިއަށް 4 ރަކުޢަތް އަދި މެންދުރު ނަމާދުގެ ފަހުން 4 ރަކުޢަތް ކޮށްފި މީހާގެ މައްޗަށް، ﷲ އޭނާގެ މައްޗަށް ނަރަކަ ޙަރާމް ކުރައްވަ އެވެ.”  صحيح الجامع 6364. ފަހެ، އެހެން ވުމުން މިއީ ރަވާތިބު ސުންނަތް ތަކާއެކު އަދި އިތުރަށް ކުރާ 2 ރަކުޢަތުގެ މައްޗަށް ޘާބިތުވެގެންވާ މަތިވެރި އަޖުރެކެވެ.
  2. ޢަޞްރު ނަމާދާއި ގުޅިފައިވާ ރަކްޢަތްތައް : عبدالله بن عمر -رضي الله عنهما- ގެ ޙަދީޘްގައިވެ އެވެ. ނަބިއްޔާގެ އަހިރުން ޙަދީޘް ގައިވެ އެވެ. (رحمَ اللهُ امرأً صلَّى قبلَ العصرِ أربعًا) “ޢަޞްރު ނަމާދުގެ ކުރިއަށް 4 ރަކުޢަތް ކޮށްފި މީހާއަށް ﷲ ރަޙްމަތް ލައްވާނެތެވެ.” صحيح أبي داود 1271.

ޖަވާބު ދެއްވަވާފައިވަނީ އައްޝެއިޚް މުޙައްމަދު ހަސަން حفظه الله