ސުވާލު: ޤިޔާމަތް ވާނެ ދުވަހެއް ގޮތުގައި އެގިފައިވަނީ ހުކުރުދުވަހުގެ އަސްރު ވަގުތު އެވެ. މިއީ ސައްޙަ މަޢްލޫމާތެއްތޯ އެވެ؟
ޖަވާބު: ހުކުރު ދުވަހުގައި ދުނިޔެ ޤިޔާމަތްވުމާމެދުގައި ބުނަމެވެ. މި މައުޟޫގައި ޙަދީޘް ވާރިދުވެގެންވެ އެވެ. އެފަދަ އެއް ޙަދީޘްއަކީ، ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
(إنَّ من أفضلِ أيامِكم يومُ الجمعةِ ، فيه خُلِقَ آدمُ، و فيه قُبِضَ، و فيه النفخةُ، و فيه الصعقةُ، فأكْثِرُوا عليَّ من الصلاةِ فيه ، فإنَّ صلاتَكم معروضةٌ عليَّ قالوا : و كيف تُعْرَضُ صلاتُنا عليك و قد أَرِمْتَ ؟ أي : بَلِيتَ . فقال : إنَّ اللهَ جلَّ و علا حرَّمَ على الأرضِ أن تأكلَ أجسامَنا)
”ހަމަކަށަވަރުން ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރޭގައިވާ އެންމެ މަތިވެރިވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. އާދަމު ހެއްދެވުނީ އެ ދުވަހުގަ އެވެ. ފުރާނަ ހިއްޕެވުނީ އެދުވަހުގަ އެވެ. ތާޅަފިލި ފުމެލެވޭނީ އެ ދުވަހުގަ އެވެ. ފަހެ، ތިޔަބައިމީހުން ތިމަން ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާ ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞަލަވާތުތައް ތިމަންނަބިއްޔާގެ އަރިއަހަށް (އެއްވެސް ވާޞިތާއެއްނެތި) ހުށަހެޅެ އެވެ.
ޞަޙާބީން ދެންނެވި އެވެ. ﷲ ގެ ރަސޫލާ އެވެ. ބިމުގެ ވެއްޔަށް ވެ ދިއުމަށްފަހުގައި އަހަރެމެންގެ ޞަލަވާޠުތައް އިބަ ނަބިއްޔާގެ އަރިހަށް ގެންދެވޭނީ ކިހިނަކުންތޯ އެވެ؟
ޙަދީޘް ކުރެއްވި އެވެ. ހަމަކަށަވަރުން އަހަރެމެން (ނަބިއްޔުންގެ) ހަށިތައް ކެއުމަށް، ﷲ ވަނީ ބިމަށް ޙަރާމް ކުރައްވާފަ އެވެ.“ މި ޙަދީޘްއިން އެތަކެއް ފައިދާތަކެއް ނެރެވެ އެވެ.
- ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް މަތިވެރި ދުވަހަކީ ހުކުރު ދުވަސް ކަމެވެ. މިފަދައިބް ވާރިދުވެގެންވާ ޙަދީޘްތަކުގެ ތެރޭގައި ހިމެނެ އެވެ. رسول الله ﷺ ޙަދީޘް ކުރެއްވި އެވެ. (أفضل الأيام عند الله يوم الجمعة) ”ﷲ ޙަޟުރަތުގައި އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރުދުވަހުގަ އެވެ.“
2 . ﷲ ތަޢާލާ އާދަމު ހެއްދެވި ދުވަހަކީ ހުކުރު ދުވަސްކަމެވެ.
- ފުރާނަ ހިއްޕެވުނީ އެ ދުވަހުގައި ކަމެވެ.
- ޤިޔާމަތުގެ ތާޅަ ފުމެލެވޭނީ އެދުވަހުގައި ކަމެވެ. (ޤިޔާމަތްވާނީ ހުކުރު ދުވަހެއްގައި ކަމެވެ.)
- ހުކުރު ދުވަހުގައި ނަބިއްޔާ ﷺ އަށް ޞަލަވާތް ކިޔުން ގިނަކުރުން ސުންނަތްވެގެންވާ ކަމެވެ. الحَافِظ ابن كَثِيررحمه الله ވިދާޅުވެފައިވެ އެވެ. ”ހުކުރުވިލޭރޭ އަދި ހުކުރު ދުވަހުގައި ނަބިއްޔާ ﷺ އަށް ޞަލަވާތްކިޔުން ގިނަކުރުން މުސްތަޙައްބުވެގެންވެ އެވެ.“
- އެއްވެސް ނަބިއްޔެއްގެ ހަށިގަނޑު ފަސްތާނުލެވުމަށްފަހުގައިވެސް އެ ހަށިގަނޑަށް އެއްވެސް ބަދަލެއް ނައިސް އޮތް ގޮތަށް އެހަށިތައް ދެމި އޮންނާނެކަމެވެ
. 7. އެއްވެސް ނަބިއްޔެއްގެ ހަށިގަނޑު ކެއުން ބިމަށް ޙަރާމް ކުރެވިގެންވާކަމެވެ.
- ޙަދީޘްގެ އެހެން ލަފްޟުތަކުގައި ހުކުރު ދުވަކީ އެދުވަހެއްގައި އާދަމް ސުވަރުގެއިން ނެރެވުނު ދުވަސްކަން ކަމުގައިވެސް ބަޔާންވެގެންވެ އެވެ.
- މި ދުވަހުގައި ޞަލަވާތް ކިޔުން އެއީ އެހެން ދުވަސްތަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ސަބަބު ބަޔާންވުމެވެ. އެއީ އެހެން ދުވަސްތަކާއި ޚިލާފަށް މި ދުވަހުގައި ނަބިއްޔާ އަށް ޞަލަވާތް ކިޔުމުން އެ ޞަލަވާތްތައް ނަބިއްޔާ ގެ އަރިއަހަށް (އެއްވެސް ވާޞިތާއެއްނެތި) ހުށަހެޅިގެން ދިއުމެވެ.
ދަންނަ އެވެ. ޤިޔާމަތްވަނީ ހުކުރު ދުވަހެއްގައިކަން ބަޔާންވި ކަމުގައިވީނަމަވެސް އެއީ ކޮން އަހަރެއްގެ ހުކުރެއް ކަމެއް، އެއީ ކޮން މައްސަރެއްގެ ހުކުރެއް ކަމެއް އަދި ކޮން ހަފްތާއެއްގެ ހުކުރެއް ކަމެއް ނޭނގެ އެވެ. އޭގެ ޢިލްމު ﷲ ތަޢާލާވަނީ އެކަލާނގެ ޙަޟުރަތުގައި ރައްކާތެރި ކުރައްވާފަ އެވެ. ބަޔާންވެގެންވާ މިންވަރަށް އީމާންވެ، ބަޔާންވެގެން ނުވާތަކެތި ﷲ އަށް އެކަމުގެ ޢިލްމު މޮޅަށް ލިބިވޮޑިގަންނަވާކަމުގައި ބުނުމާއި އެފަދައިން އީމާންވުން ހުއްޓެވެ.
ދެވަނަ ނުކުތާ އަކީ : ހުކުރު ދުވަހުގައި ޤިޔާމަތްވުމުގެ ވަޤުތާއި މެދުގަ އެވެ. މި މައުޟޫގައި އެފަދައިން މާނަ ދޭހަވާ ޙަދީޘްއެއްވެއެވެ. ޙަދީޘްގައިވެ އެވެ. وما من دابَّةٍ إلَّا وهي مُصيخةٌ يومَ الجمُعةِ من حينِ تُصبِحُ حتى تَطلُعَ الشمسُ شَفقًا منَ الساعةِ إلَّا الجنَّ والإنسَ، ހުކުރު ދުވަހުގައި އިރު އިރުމަށް ދާންދެނެ، އެ އަޑު އިވިދާނެ ކަމުގެ ބިރަށްޓަކައި ކަނުލައި ތައްޔާރަށްވާ ޙާލަގައި މެނުވީ ބިންމަތީގައި އެއްވެސް ޖަނަވާރެއް ނުވާހުއްޓެވެ. އިންސީންނާއި ޖިންނީން ފިޔަވަ އެވެ. (އެބަހީ : ޤިޔާމަތް ވެދާނެ ކަމުގައި، އެ ބިރުވެރި ކަމުގައި މެނުވީ އެތަކެތި އެދުވަހުގައި އިރު އަރާހިނދު ނުވެ އެވެ.) ޖިންނީންނާއި އިންސީން ފިޔަވަ އެވެ. (މާނައީ : އެބައިމީހުން އެކަމަށް ބިރެއް، ބޮޑުވެގެންވާ މި ކަމަމަށް ސަމާލުކަމެއް ނުދެ އެވެ.) ވުމުން ޤިޔާމަތް ވުމުގެ ވަޤުތަކީ ހުރު ދުވަހުގެ އިރު އެރުމުގެ ކުރިންނެވެ.
އެ ނޫން ބުނުމަކުން ބުނެވިފައިވުމަކީ އެއީ ނެތް ގޮތެކެވެ. ދީނަށް އަލަށް ވައްދާފައިވާ އެތަކެއް ބަސްތަކާއި ޢަމަލުތަކެއްވެ އެވެ. އެހެނަސް މިފަދަ ޣައިބުގައި ލައްވާފައިވާ ޢިލްމެއް، އެ އިލާހު ބަޔާންކުރައްވާފައި ނުވާ ހިނދެއްގައި އެއަށް ބަސްބުނެ، އިސްވެގެން ނުވާނެ އެވެ. އިންތިހާއަށް ނުރައްކާތެރި ކަމުގައި މެނުވީ އެފަދަ މީހަކު ނުވާނެ އެވެ.
ޖަވާބު ދެއްވަވާފައިވަނީ އައްޝެއިޚް މުޙައްމަދު ހަސަން حفظه الله