މަންމަ މަރުވިއިރު ޤަޟާކުރަންޖެހޭ ރޯދަތަކެއް ހުރެ އެހެނަސް އެ ރޯދަތައް ޤަޟާ ނުކުރެވި ދުނިޔެ ދޫކޮށްފިހިނދު ޢަމަލު ކުރާނީ ކިހިނެއް؟

gadha roadha huttai niyaavun

މަންމަ މަރުވިއިރު ޤަޟާކުރަންޖެހޭ ރޯދަތަކެއް ހުރެ އެހެނަސް އެ ރޯދަތައް ޤަޟާ ނުކުރެވި ދުނިޔެ ދޫކޮށްފިހިނދު ޢަމަލު ކުރާނީ ކިހިނެއް؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މަންމަ މަރުވިއިރު ޤަޟާކުރަންޖެހޭ ރޯދަތަކެއް ހުރެ އެހެނަސް އެ ރޯދަތައް ޤަޟާ ނުކުރެވި ދުނިޔެ ދޫކޮށްފިހިނދު ޢަމަލު ކުރާނެ ގޮތާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

އަޚާއެވެ! މަރުވި މަންމަގެ ޙާލަތަކީ ކޮބައިކަމެއް ސުވާލުގައި ބަޔާން ކޮށްފައި ނުވެއެވެ. ވުމުން މިތަނުގައި އެ އެންމެހައި ތަފްޞީލުގެ މައްޗަށް ބިނާކޮށް ޖަވާބުދެމެވެ.

މި މައުޟޫގައި، މިތަނުގައި މިއަދު މަދީނާގައި ތިއްބެވި ސުންނަތުގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންވާ العلامة الشّيخ عُبيد الجَابِري – حفظه الله- ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ.

“އޭ ދަރިޔާއެވެ. ބަޔާންކޮށްފައި ތިވަނީ ދުވަސްވުމުގެ ސަބަބުން މުސްކުޅިބަލީގައި ރޯދަ ނުހިފޭ މީހާގެ ވާހަކައެވެ. އަހަރެން ބުނަމެވެ. ދުވަސްވެ މުސްކުޅި ބަލީގައިވާމީހާ ވާނީ 2 ޙާލަތެއްގައެވެ.

ފުރަތަމައީ: ތިޔަ ބަޔާންކުރި ފަދައިން ތިޔަބައިމީހުންގެ ތެރޭގައިވާ މުސްކުޅިމީހާ ފަދައިން، އޭނާއަށް ރޯދަހިފުން ނުކުޅެދުންތެރިވެފައިވާ މީހާއެވެ. އޭނާގެ ބުއްދި އަދި ހެޔޮނުބައި ވަކިކުރުން ފިލައި ނުދެއެވެ. އޭނާއަށް ތިމަންނަ މިވަނީ ރަމަޟާންމަހުގައިކަން އެނގެއެވެ.

ފަހަރެއްގައި އޭނާއަށް ރޯދަ ހިފިދާނެއެވެ. އެހެނަސް އެއީ އޭނާއަށް ނުހަނު އުނދަގޫ ކަމަކަށްވެއެވެ. ފަހެ، މިއީ ތަކްލީފު ޖެހިގެންވާ މީހެކެވެ. މިފަދަ މީހާއަށް (އޮތް ޙުކުމަކީ، ރޯދަ ދޫކުރުމަށްފަހު) ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ.

އެއީ ތިޔަބައިމީހުން ބޭނުންވި ގޮތެއްގައެވެ. ދިހަ ދުވަހަށްފަހު، އެ ދިހަ ދުވަހުގެ ރޯދައަށް ކާންދިނުމެވެ. ނުވަތަ ވިހި ދުވަހުންނެވެ. ނުވަތަ އެންމެހައި މީސްތަކުން ރޯދަހިފައި ނިމުމުން، މީސްތަކުން ރޯދަހިފި ދުވަސްތަކުގެ ޢަދަދަށް ކާންދިނުމެވެ. ނުވަތަ ކޮންމެ ދުވަހަކު މިސްކީނަކަށް ކާންދިނުމެވެ.

ފަހެ، ކޮންމެ މުސްލިމަކު ދަންނަ ހުއްޓެވެ. ހަމަކަށަވަރުން މިސްކީނަކަށް ކާންދޭން ޖެހޭނީ އެތަނެއްގެ އަހުލުވެރިން ކާބޯތަކެތީގެ މެދުމިންގަޑުންނެވެ. ހެނދުނު ކެއުމެއް ނުވަތަ މެންދުރު ކެއުމެއް ނުވަތަ ރޭގަނޑު ކެއުމެއް ދިނުމެވެ. (މާނައަކީ :ކައްކާފައި ކާންދޭނަމަ ބަނޑު ފުރޭވަރަށް އެއިރެއްގެ ކޮއްތު ކައްކާފައި ކާން ދިނުމެވެ.)

(ނުކައްކައި ކާބޯތަކެތި ދޭ ކަމުގައިވާނަމަ އެތަނެއްގެ އަހުލުވެރިން ކެއުމުގެ ގޮތުން ބޭނުންކުރާ ތަކެއްޗެވެ.) އެއީ: ކާތަކެތީގެ ގޮތުގައި ހަނޑޫ ނުވަތަ އެފަދަ އެހެންތަކެއްޗެވެ. (އެ ގޮތުން ދޭނީ ކޮންމެ ރޯދައަކަށް) ޞާޢެއްގެ ދެބައިކުޅަ އެއްބައެވެ. އަދި އެއާއިއެކުގައި ކާން ރިހައެއްފަދަ އެއްޗެއް ދިނުން ހުއްޓެވެ.

ދެވަނައީ: ތިޔަބައިމީހުންގެ ތެރޭގައިވާ މުސްކުޅި ދުވަސްވީ މީހާއަކީ ބުއްދިފިލައިފައި، ހެޔޮނުބައި ވަކިނުކުރެވޭ ޙާލަތުގައިވާ މީހެއްނަމަ، އެމީހާވަނީ ތަކްލީފު ކެނޑިފައެވެ. އަހަރެމެންނަށާއި އޭނާއަށް ހެޔޮވެގެންވާ ނިމުމެއް ﷲ ދެއްވާނދޭވެ. އޭނާއަށް އެހިނދު ރޯދަ ހިފުމެއް އަދި ބަދަލުގައި ކާންބޯން ދިނުމެއްވެސް ނުވެއެވެ”.

(ޝެއިޚްގެ ފަތުވާ ނިމުނީއެވެ.)

ޝެއިޚްގެ ބަސްފުޅު ބަޔާންވުމުން އޮތީ މުސްކުޅި ބަލީގައިވާ މީހާގެ ޙާލަތު އެނގިގަތުމެވެ.

އެއަށްފަހު ކާބޯތަކެތި ނެރެންޖެހޭ ޙާލުގައިވާ ފަރާތެއްނަމަ، ކޮންމެ ރޯދައަކަށް 1.5 ކިލޯގެ މަގުން ހަނޑޫ ނެރުމުން ފުދޭނެއެވެ. އެތަނެއްގެ އަހުލުވެރިން ކެއުމަށް ބޭނުން ކުރާ އެއްޗެއްގެ ގޮތުގައިވެ އަދި އޭނާ ކާތަކެއްޗަށްވުރެ ދަށް އެއްޗެއްގެ ގޮތުގައި ވެގެން ނުވާނެއެވެ.

އެހެންވުމުން ބާސްމަތީ ހަނޑޫ ޢާންމުކޮށް ބޭނުން ކުރާ މީހާ ބާސްމަތީ ހަނޑުލުން ނެރޭނީއެވެ. ރަމަޟާން މަސް ނިމުމުން، ހުރިހައި ރޯދައިގެ ޢަދަދަށް އެއްފަހަރާ ނެރުން ވެސް ފުދޭނެއެވެ.

ވީމާ، މަންމަ މި 2 ބައިގެ ތެރެއިން ނިޞްބަތްވަނީ ކޮން ބަޔަކަށްކަން ދަރިންނަށް އެނގި ބަޔާންވުމުން އެގޮތުގައި ޢަމަލު ކުރުން ހުއްޓެވެ.

އަދިވެސް ބޮޑަށް އޮޅުން ފިލުވައި ދިނުމަށްޓަކައި ބަޔާން ކުރަމެވެ.

ރޯދަމަހުގެ ކުރިން ދިމާވި ބަލި ޙާލަތުގެ މަތީގައިވެ، ރޯދަ ހިފުމުގެ ކުޅަދާނަކަމެއް އެއްވެސް ދުވަހަކު ނުލިބެއެވެ. ސަބަބަކީ ރަމަޟާން މަހުގައި ވެސް ވަނީ ރޯދައެއް ނުހިފޭނެ ފަދަ ބަލި ޙާލަތުގައެވެ. އެގޮތުގައިވެ ދުނިޔެ ދޫކުރީއެވެ.

މި ސިފައަށް އޮތް ޖަވާބު ބަޔާން ކުރައްވާ މިއަދު މަދީނާގައި އުޅުއްވާ ޢިލްމީ އަހުލުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ ޑރ. عَرَفَات بن حسن المحمدي – حفظه الله- ވިދާޅުވެފައިވެއެވެ.

”އެމީހަކަށް ޤަޟާ ކުރުމުގެ ކުޅަދާނަކަމެއް ނުލިބިހުރެ، ދުނިޔެ ދޫކޮށްފިހިނދު އޭނާގެ މައްޗަށް އެއްވެސް ޙުކުމެއްނުވެއެވެ. އެހެނަސް ޤަޟާ ކުރުމުގެ ފުރުސަތުލިބިފައިވެ، އެކަމަށް ފަރުވާކުޑަކޮށްފައިވާ މީހާގެ ވަލީވެރިޔާއަށް އޮތީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ”.

އެއީ އެތަނެއްގެ އަހުލުވެރިންގެ ކާބޯތަކެތީން ދޮޅު ކިލޯ ކޮންމެ ރޯދައަކަށް މިސްކީނަކަށް ދިނުމެވެ.

ابن عباس -رضي الله عنهما- ވިދާޅުވެފައިވެއެވެ.

(إذا مرض الرجل في رمضان، ثم مات ولم يصم أطعم عنه، ولم يكن عليه قضاء) سنن أبي داود ٢٤٠١

“ރަމަޟާން މަހުގައި މީހަކު ބަލިވެ، އެބަލީގައި އެ ރޯދަތައް ނުހިފައި މަރުވެއްޖެނަމަ، އޭނާގެ މަތިން އެ ރޯދަތަކަށް (މިސްކީނުންނަށް ކާންދިނުން) ހުއްޓެވެ. އަދި އޭނާގެ މަތިން އެ ރޯދަތައް ޤަޟާ ކުރުމެއް ނުވެއެވެ”.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.