![Vela mas keumaky huhdha kameh heyyeve.](https://albayaanmv.com/wp-content/uploads/2021/02/word-image-3-678x509.png)
ވެލާ މަސް ކެއުމަކީ ހުއްދަ ކަމެއް ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ވެލާ މަސް ކެއުމާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ކެއުމާއި ބުއިމުގެ މައްޗަށް ދީނުގައި ކަނޑައެޅިފައިވާ ޤަވާޢިދެއް އެނގިގަތުން މުހިއްމުވެގެންވެއެވެ. އެއީ އަޞްލަކީ ކާބޯތަކެތި ޙަލާލު ތަކެއްޗެއްގެ ގޮތުގައި ވުމެވެ. ޝަރީޢަތުގައި ދަލީލެއް ވާރިދުވެ އެ އެއްޗެއް ޙަރާމްވެގެންވާކަމަށް ބަޔާން ވެއްޖައުމަށް ދާންދެނެވެ.
މި ޤަވާޢިދު ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި، ﷲ ވަޙީ ކުރައްވާފައިވެއެވެ.
“هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا “ މާނައީ، “އެ ކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި އިލާހެވެ”.
އަދިވެސް ވަޙީ ކުރެއްވިއެވެ. “وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِّنْهُ ۚ ” މާނައީ، “އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތް ތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ ޙަޟުރަތުންނެވެ”.
މި އާޔަތްތަކުން އަދި މިފަދަ އެހެނިހެން އާޔަތްތަކުން ބަޔާންވެގެންވަނީ ދަލީލެއް ވާރިދުވެގެން ބަޔާންވެ ދިއުމަށް ދާންދެން ތަކެތި ޙަލާލުވެގެންވާކަމެވެ.
އެއަށްފަހު ޚާއްޞަކޮށް ވެލާ މަހާއި މެދުގައި ބުނަމެވެ.
ވެލައަކީ، ކަނޑުގައި އަދި އެއްގަމުގައި އުޅޭ ޖަނަވާރެއްގެ ގޮތުގައިވާ އެއްޗެއް ކަމުން، ފިޤުހުވެރިން އެފަދަ ޖަވަނާރުތައް ކަނޑައަޅާފައިވަނީ “ޙައިވާނުލް ބަރްމާވީ” އެބަހީ، ކަނޑުގައި އަދި އެއްގަމުގައި ދިރިއުޅޭ އެއްޗެއްގެ ގޮތުގައެވެ. ހަމައެކަނި ކަނޑުގައި އުޅޭ މަސްފަދައިން ނުވާނެ ކަމެވެ. އަދި ހަމައެކަނި އެއްގަމުގައި ދިރިއުޅޭ ޖަނަވާރު ފަދައިން ވެސް ނުވާނެ ކަމެވެ.
މިފަދަ ޖަނަވާރުތަކުގެ މައްޗަށް އެ ސަބަބާ ހުރެ ފިޤުހުވެރިން ޚިލާފްވަޑައިގެންފައިވެއެވެ.
ފުރަތަމަ ޤައުލަކީ: ފިޤުހު އަހުލުވެރިންގެ ބަސްފުޅުތަކަށް ބަލާހިނދު، الحنفية ދެކެވަޑައިގަންނަވާ ގޮތަކީ، ކަނޑުގައި ނުވަތަ ފެނުގައި ދިރިއުޅޭ ހައިވާނުންގެ ތެރެއިން ކެއުން ހަލާލުވެގެންވަނީ މަސް އެކަންޏެވެ.
ކަނޑުގައި އުޅޭ މަސް ނޫން އެހެން ބާވަތްތަކުގެ އެއްޗެއް الحنفية ދެކެވަޑައިގަންވަނާ ގޮތުގައި ހުއްދައެއް ނުވާނެއެވެ.
ދެވަނަ ޤައުލަކީ: الشافعية އިން ދެކެވަޑައިގަންނަވާ ގޮތުގައި އެ އެއްޗަކީ ކަނޑުގައި ނުވަތަ ފެނުގައި ދިރިއުޅޭ އެއްޗެއް ގޮތުގައިވެއްޖެހިނދު އެ އެއްޗެއް ޙަލާލުވެގެންވެއެވެ.
ތިންވަނަ ޤައުލަކީ: އަދި الحنَابِلة ދެކެވަޑައިގަންނަވަނީ، އެތަކެތި ކަތިލުމުން މެނުވީ ޙަލާލާލެއް ނުވާނެއެވެ.
ފިޤުހީ މަޛްހަބުތަކުގެ މި ބަސްފުޅުތަކަށްބަލާހިނދު ދަލީލުތަކުން ފާޅުވާ ގޮތުގެ މައްޗަށް ބުނެވިފައިވަނީ الشافعية ދެކެވަޑައިގަންނަވާ ގޮތެވެ.
އެހެނަސް ޚިލާފުން ނުކުތުމަށްޓަކައި ކަތިލުން އަޥްލާވެގެން ބުނުމަކީ އޭގައި ރައްކާތެރި ގޮތެއް ކަމުގައި ދެމެކެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.