އުފަން ދުވަސް ފާހަގަ ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ލޯބިވާ އަޚާއެވެ! އުފަން ދުވަސް ފާހަގަ ނުކުރެވޭނެ ކަމާއި އަދި ކޮންމެފަދަ ނިޔަތެއް އޮތްކަމުގައިވީ ނަމަވެސް އެއީ އެކަން ހުއްދަވާނެ ޙުއްޖަތެއް ނޫންކަން ނުކުތާ ތަކަކުން ބަޔާން ކުރަމެވެ.
ފުރަތަމައީ : އަހަރެމެން މި ދިރިއުޅޭ ޙަޔާތަކީ ނިމުމަކާއި ބައްދަލުކޮށް، އެއަށްފަހު އާޚިރަތަށް ދިއުމަށް އޮތް ކުރު ދިރިއުޅުމެވެ. ފާއިތުވާ ކޮންމެ ދުވަހެއް ކޮންމެ ސިކުންތެއް އޭނާގެ މަރާއި ކައިރިކޮށް ގާތް ކުރެއެވެ. ލޮލަށް ފެންނަން ނެތް ކަމުގައިވީ ނަމަވެސް ޙަޤީޤަތަކީ މިއެވެ. އަޖަލު ކައިރި ކުރާނެކަމެވެ.
ﷲ ވަޙީ ކުރައްވާފައިވެއެވެ.) يَا قَوْمِ إِنَّمَا هَذِهِ الْحَيَاةُ الدُّنْيَا مَتَاعٌ وَإِنَّ الْآخِرَةَ هِيَ دَارُ الْقَرَارِ( “އޭ އަހަރެންގެ ޤައުމުގެ މީހުންނެވެ. މި ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ، ވަޤުތީ އަރާމެއް ކަމުގައެވެ. އަދި ހަމަކަށަވަރުން އާޚިރަތަކީ ޤަރާރުވެ ދެމިހުންނަ ގޮވައްޗެވެ”.
އަޚާއެވެ! އެމީހާގެ މަރު ގާތްވާތީވެ އުފާކުރާނެ މީހަކު ހުންނާނެ ހެއްޔެވެ؟ ވިސްނާލުން ހުއްޓެވެ! ތިމާގެ ދަރިންނާއި، އަނބިންނާއި، މުދަލާއި އެކުވެރިން ދޫކޮށްފަ ދާންޖެހޭ އަޖަލު ކައިރިވެ، ޢުމުން އެއް އަހަރު މަދުވެ ދިއުމުން އުފާ ކުރާނެ ހެއްޔެވެ؟ އާޚިރަތަށް އީމާންވެ، ސުވަރުގެ އާއި ނަރަކައަށް އީމާންވެ، ކުރިމަތީގައި އޮތް ބިރުވެރި ދުވަހަށް ދާން ގާތްވުމުން އުފާ ކުރާނެ މީހަކު ހުންނާނެ ހެއްޔެވެ؟ ތެދެކެވެ! މިފަދައިން އީމާން ނުވާ ބަޔަކު މިފަދަ ކަމެއް ކޮށްފާނެ އަދި ކުރާނެ ކަމުގެ ޝައްކެތްވެސް ނެތެވެ.
ދެވަނައީ : މާތް ނަބިއްޔާ – صلى الله عليه وسلم – އަހަރުމެންނަށް ނަޞޭހަތްތެރިވެ ވަޑައިގެންފައިވާ، އަދި ޢިބްރަތް ހޯދުމަށް އެންގެވި ގޮތާއި ޚިލާފަށް ކުރެވޭ ކަމެއް ކަމުގައި މެނުވީ މިކަން ނުވެއެވެ. ފަހެ، އެތައް ގިނަގުނަ ޙަދީޘެއް މިކަމުގައި ލިޔެވިދާނެއެވެ. އެފަދަ ޙަދީޘެކެވެ.
ނަބިއްޔާ – صلى الله عليه وسلم – އެއްދުވަހަކު ޞަޙާބީންނަށް ވަޢުޟެއް ދެއްވެވިއެވެ. އެދުވަހު އިރުއޮއްސެން ގާތްވި ހިނދު، ޙަދީޘްފުޅު ކުރެއްވި އެވެ. (ألَا إنَّه لم يَبْقَ مِن الدُّنيا فيما مَضى منها إلَّا كما بقِيَ مِن يَومِكم هذا فيما مَضى منه) “ފަހެ، ދުނިޔެއިން ފާއިތުވެ ނިމިދިޔަ ދުވަސްތަކުގެ ނިޞްބަތުން ބާކީއޮތް ދުވަސްތަކުގެ މިންވަރަކީ ތިޔަބައިމީހުންގެ މިއަދުގެ މި ދުވަހުން ނިމިދިޔަ މިންވަރުގެ ނިޞްބަތުން ބާކީއޮތް މިންވަރު ކަމުގައި މެނުވީ ނުވެއެވެ”. رواه الترمذي 2191
الإمام ابن القيم -رحمه الله- ވިދާޅުވެފައިވެއެވެ. “އެމީހެއްގެ އަމިއްލަ ނަފްސަށް ނަޞޭޙަތްތެރިވުމަށް އެދޭ ބުއްދިވެރިޔާ މި ޙަދީޘްގެ މައްޗަށް ނަޟަރުހިންގައި ވިސްނުން ހުއްޓެވެ. އޭނާއަށް ބާކީ މިއޮތް ވަޤުތަށް ފާއިތުވި ދުވަސްތަކުން ޙާޞިލް ކުރެވުނީ ކޮން އެއްޗެއް ކަމާއިމެދު ވިސްނާލުން ހުއްޓެވެ. އަދި އޭނާ ދަންނަހުއްޓެވެ. ދިރިހުރި މި ދުނިޔެއަކީ ކެހިވެރި، ފޮނި ހުވަފެންތަކެއް ދެކޭ އަވާމެންދުރެއްފަދަ ތަނެކެވެ. ފަހެ، އޭނާވަނީ އެ ދުނިޔެ އެއްވެސް އަގެއް، ބުރަދަނެއްނުވާ އެއްޗަކަށް އަބަދުގެ ނިޢުމަތް އަދި މެދުކެނޑުމެއްނެތް ބާއްޖަވެރިކަން ވިއްކާލާފައެވެ”. الوابل الصيب 59
އަޚާއެވެ! އަހަރުމެންގެ ބާކީ އޮތް ޙަޔާތަކީ، އެ ދުވަހުގެ އިރު އޮއްސެން އޮތްފަދަ ކުޑަ ވަޤުތުކޮޅެވެ. ފަހެ، އެ ވަޤުތުގެ ތެރޭގައި މަޖަލާއި، އުފަލާއި، ޕާޓީ ބާއްވާނީ ކޮންފަދަ މީހެއް ހެއްޔެވެ؟
ތިންވަނައީ: މާތް ނަބިއްޔާ – صلى الله عليه وسلم – އިސްލާމް ދީނުގައި، މިސްތަކުންނަށް ޝަރީޢަތް ބަޔާން ކޮށްދެއްވުމުގައި 23 އަހަރު ދުނިޔެމަތީގައި ހޭދަ ކުރެއްވިއެވެ. ގިނަ ކައިވެނިތަކެއް ބެއްލެވިއެވެ. އަދި ދަރިކަލުންނާއި ދަރިކަނބަލުން ލިބިވަޑައިގެންނެވިއެވެ. ކާފަ ދަރިކަލުން ވެސް ލިބިވަޑައިގެންނެވިއެވެ. 23 އަހަރު ހޭދަ ކުރެއްވިހިނދު، އެންމެ ފަހަރަކު ވެސް އަމިއްލަފުޅު އުފަންދުވަސް، އަނބިކަބަލެއްގެ އުފަންދުވަސް، ދަރިކަލެއްގެ އުފަންދުވަސް ނުވަތަ ކާފަ ދަރިކަލެއްގެ އުފަންދުވަސް ފާހަގަ ނުކުރައްވައެވެ. ފަހެ، އަޚާގެ ހިތަށް އަރާފާނެއެވެ. އެ ޒަމާނުގައި ނެތް ކަމެއް ނުކުރާނެ ނޫން ހެއްޔެވެ. ޖަވާބަކީ، އެއީ ހެޔޮ، ޢާއިލާއަށް ރަނގަޅު، ދަރިންނަށް އަދި މުޖުތަމަޢުއަށް ހެޔޮ ރަނގަޅު ކަމެއް ކަމުގައިވާނަމަ އެކަން ދެނެވޮޑިގަންނަވާ ފަރާތުން އެކަން އަންގަވައި އުއްމަތަށް އެންމެ ފަހަރަކުވިޔަސް ކިޔައި ދެއްވާނެތެވެ.
ޝަރީޢަތުގައި ކައިވެނީގެ ވަލީމާ “ކައިވެނި ޕާޓީ” ބޭއްވުމަށް ނުހަނު ބާރު އަޅާފައިވެއެވެ. ނަބިއްޔާ – صلى الله عليه وسلم – އެފަދައިން އިރުޝާދު ދެއްވިއެވެ. އެހެނަސް ކައިވެންޏަށް އަހަރު ފުރުމުން އެކަން ނުކުރައްވައެވެ. ދަރިން އުފަންވުމުން ނުކުރައްވައެވެ. އެހިނދު އެސުވާލަށް ޖަވާބު ލިބިއްޖެއެވެ.
ހަތަރުވަނައީ : ދީނުގައި އަދި ޝަރީޢަތުގައި ވެސް މިކަން ކުރުމެއް ނުވެއެވެ. އަދި އޭގެ އިތުރަށް ބަޔާންވެގެންވަނީ މިއީ ހުއްދަވެގެން ނުވާ ކަމެއް ކަމުގައެވެ. ވީމާ، ސުވާލަކީ މުސްލިމުންގެ ތެރެއަށް މި ކަންތައް ވަނީ ކިހިނަކުން ހެއްޔެވެ؟
އޭގައި ދެބަސްވުމެއް ނުވާގޮތަށް އެނގި ބަޔާންވަނީ، ކާފަރުން ” ބާތްޑޭ ” ފާހަގަ ކުރުމުން މުސްލިމުން އެކަން ކުރަން ފެށުމެވެ. ކާފަރުން “އެނިވާސަރީ” ފާހަގަ ކުރާތަން ފެނުމުން އެކަން މުސްލިމުން ކުރުމެވެ. އިސްވެ ދިޔަ 3 ނުކުތާގައި މިއީ ކޮށްގެން ނުވާނެ ކަމެއް ކަމުގައި ބަޔާންވެއްޖެއެވެ. އޭގެ އިތުރަށް މިއީ ކާފަރުން ފާހަގަ ކުރާ މިފަދަ ދުވަސްތަކާއި އާދަ ތަކުގައި މުސްލިމުން ބައިވެރި ނުވުމަށް އަންގަވާފައިވާ އަމުރުފުޅާއި ޚިލާފަށް ކުރެވޭ ކަންކަމެވެ.
ނަބިއްޔާ – صلى الله عليه وسلم – ޙަދީޘް ކުރައްވާފައިވެ އެވެ. (لتتبعُنَّ سَنَنَ من كان قبلَكم، شبرًا بشبرٍ وذراعًا بذراعٍ، حتى لو دخلوا جُحْرَ ضبٍّ تبعتُمُوهم) قلنا :يا رسولَ اللهِ، اليهودُ والنصارى؟ قال: فمَنْ) البُخَاري 7320
”ހަމަކަށަވަރުން ތިޔަބައިމީހުންނަށް ވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. (އެއީ) ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވަމުން ގޮސް، އެބައިމީހުން ޟޮއްބެއް އޮންނަ ހޮރަކަށް ވަންކަމުގައި ވީނަމަވެސް، ތިޔަބައިމީހުން (އެ މީހުންނަށް ތަބަޢަވުމަށް) އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ. (ތިޔަ ވިދާޅުވަނީ، މުސްލިމުން) ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ (ވާހަކަތޯއެވެ؟) ޙަދީޘް ކުރެއްވިއެވެ. ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟“
އަޚާއެވެ! މިއީ މިފަދައިން ތަބަޢަވުން ނޫން ހެއްޔެވެ؟ އަންގަވާފައިވަނީ ތަބަޢަ ނުވުމަށެވެ! ޢަމަލުތައް މިހުރީ ތަބަޢަވުމަށެވެ. ހިތާމައިގެ ބޮޑު ކަމާއެވެ.
ފަސްވަނައީ : “އުފަންދުވަސް ފާހަގަކުރުން” ފަދަ ކަންތައްތައް މި ޒަމާނުގައި ފާޅުވުމުން މިއަދު ދުނިޔެ މަތީގައި ތިއްބެވި އެންމެ ބޮޑެތި އިމާމުން އަދި ޢިލްމުވެރިން އެކަމުގެ ޙަޤީޤަތް އަދި ޙުކުމްތައް ބަޔާންކޮށްދެއްވާފައިވެއެވެ. އޭގެ ތެރޭގައި ފަހުގެ ޒަމާނުގައި ފާޅުވި އެންމެ ބޮޑު އިމާމް، ސުންނަތުގެ ފަރުބަދައެއް ފަދަ ޢިލްމުވެރިޔާ، ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަދި އެ ޒަމާނުގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ރައީސް عَبد العَزِيز بن عَبد الله بن بَاز -رحمه الله- ވިދާޅުވެފައިވެއެވެ.
ސުވާލު: ބައެއް ފަރުދުން އެބައިމީހުންގެ އުފަންދުވަސް ފާހަގަކުރެއެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު : “ތިޔަ ކަންތައްތަކަކީ މުންކަރާތެވެ. އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އޭނާގެ މަންމަ ނުވަތަ އޭނާގެ އަންހެން ދަރިއަށް ނުވަތަ ފިރިހެން ދަރިއަށް (އުފަންދުވަސް) ފާހަގަ ކުރުމަކީ، ޔަހޫދީންނާއި ނަޞާރާއިންނާ އެއްވަތްތަރުވުމުގެ ގޮތުން ކުރެވޭ ކަންތައްތަކެވެ. އެއްވެސް އަޞްލެއްއޮތް ކަމެއް ނޫނެވެ. އެކަންތަކަށް އެއްވެސް އަސާސެއް ނުވެއެވެ. ބައްޕަގެ އުފަންދުވަސް ނުވަތަ މަންމަގެ އުފަންދުވަސް ނުވަތަ ބޮޑު ބޭބެގެ އުފަންދުވަސް ނުވަތަ އިންސާނާ އޭނާގެ އަމިއްލަ އުފަންދުވަސް ނުވަތަ އޭނާގެ އަންހެން ދަރި ނުވަތަ ފިރިހެން ދަރިފުޅުގެ އުފަންދުވަސް ފާހަގަ ކުރުމަކީ، ފަހެ މިއީ ހައްތަހާ ވެސް މުންކަރާތްތަކެވެ. މި އެންމެހައި ކަންކަމަކީ ﷲ ގެ ޢަދުއްވުންނާއި އެއްވަތްތަރުވެވޭ ކަންކަމެވެ. އެއްވެސް ޙާލެއްގައި މިއިން އެއްވެސް ދުވަހެއް ފާހަގަ ކުރުން ހުއްދައެއް ނުވާނެއެވެ. ފަހެ، އެމީހެއްގެ މައްޗަށް ބަޔާންވެގެންވަނީ މި ދޮރު ބަންދުކުރުމާއި އަލަށް ގެނެސްފައިވާ މިކަމުގެ މައްޗަށް ސަމާލުވެ އިންޒާރު ލިބިގަތުމެވެ. އެހެނަސް ބައެއް މީހުންނަށް ނިޢުމަތްތައް ގިނަވެ، އޭނާގެ އަތްމަތީގައި މުދާވެރިކަން ގިނަވުމުން އެތަކެތި ހޭދަކުރަންވީ ގޮތެއް ނޭނގެއެވެ. ﷲ އަށް ކުއްތަންވެވޭ ގޮތުގައި އެތަކެތި ހޭދަކުރުމުގެ ތަޥްފީޤެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިސްކިތް ބިނާކޮށް ބެލެހެއްޓުމާއި، ފަޤީރުންނަށް އެހީތެރިވުން ފަދަ ކަންކަމުގައި ހޭދަކުރުމެއް ނޯވެއެވެ. އަދި އޭނާ މިފަދަ ޢީދުތަކާއި އެފަދަ އެހެނިހެން ކަންކަމުގައި އެ މުދާހޭދަކޮށް ކުޅެހަދައެވެ”. ފަތުވާ ނަގާފައިވަނީ : https://goo.gl/7hMD2A
އަދިވެސް ވިދާޅުވެފައިވެއެވެ. “އުފަންދުވަސް ފާހަގަ ކުރުމަކީ ޠާހިރުވެގެންވާ އިސްލާމީ ޝަރީޢަތުގައި އެއަށް އެއްވެސް އަޞްލެއްއޮތް ކަމެއް ނޫނެވެ. އަދި ކިޔެއްތަ! އެއީ ބިދުޢައެކެވެ. ނަބިއްޔާ – صلى الله عليه وسلم – ޙަދީޘްފުޅުކުރައްވާފައިވާ ފަދައިންނެވެ. (مَنْ أَحدَثَ فِي أَمرِنَا هَذَا مَا ليْس مِنْه فَهُو رَد) “އަހަރެމެންގެ ދީނުގައި ނުވާކަމެއް، ދީނަށް އަލަށް ގެނެސްފި މީހާގެ ކިބައިން އެކަމެއް ރައްދުކުރެވިގެންވެއެވެ”.
އަދިވެސް ވިދާޅުވެފައިވެއެވެ. “ޤުރުއާން އަދި ސުންނަތުގެ ޝަރުޢީ ދަލީލުތަކުން ދަލީލުކުރެވިގެންވަނީ އުފަންދުވަސް ފާހަގަ ކުރުމަކީ ދީނަށް އަލަށް ގެނެސްފައިވާ ބިދުޢައެއް ކަމެކެވެ. ޠާހިރުވެގެންވާ އިސްލާމީ ޝަރީޢަތުގައި މިކަމަށް އެއްވެސް އަޞްލެއްނުވެއެވެ. އަދި މިފަދަ ޙަފްލާއަށް ދެވޭ ދަޢުވަތަށް އިޖާބަދިނުން ހުއްދައެއް ނުވާނެއެވެ. އެއީ ބިދުޢަތަކަށް ހިތްވަރު ދިނުމާއި އެއަށް ބާރު އެޅުން އެކަމުގައި ހިމެނިގެންވުމެވެ. އަދި ހަމަކަށަވަރުން މި ޙަފްލާތަކަކީ ދީނުގައި އެއަށް އެއްވެސް އަޞްލެއްނުވާ ބިދުޢަވެރި މުންކަރާތެއްގެ ގޮތުގައި ވުމުގެ އިތުރަށް މިކަމުގައި ޔަހޫދީންނާއި ނަޞާރާއިންނަށް އެބައިމީހުން ފާހަގަކުރާ އުފަން ދުވަސްތަކާއި އެއްވައްތަރުވުން ހިމެނިފައިވެއެވެ”.
ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް، އެންމެ ބޮޑު ފިޤުހު ޢިލްމުވެރިޔާ الإمام محمد بن صَالح العثَيمِين – رحمه الله- ވިދާޅުވެފައިވެއެވެ. “ކޮންމެ ހަފްތާއެއްގައި ތަކުރާރުވެވޭ ގޮތުގައި އަންނަ އެއްޗެއް ނުވަތަ ކޮންމެ އަހަރެއްގައި ތަކުރާރުކޮށް (ފާހަގަކުރެވޭ) އެއްޗެއް ކަމުގައިވެއްޖެ ހިނދު އެއީ ޝަރީޢަތުގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. ފަހެ، އެއީ ބިދުޢައެކެވެ. މިކަމުގެ މައްޗަށް އޮތް ދަލީލަކީ، އަލަށް އުފަންވާ ކުޑަކުއްޖާގެ މައްޗަށް ޝަރީޢަތުގައި ޢަޤީޤާ ކަތިލުން ލައްވާފައިވެއެވެ. އޭގެ ފަހުގައި އެހެން އެއްވެސް އެއްޗެއް ކުޑަކުއްޖާގެ މައްޗަށް ލައްވާފައިނުވެއެވެ. މިފަދައިން އެބައިމީހުން ކޮންމެ ހަފްތާއެއްގައި ނުވަތަ ކޮންމެ އަހަރެއްގައި އެ ދުވަހެއް ފާހަގަ ކުރުމުން، އޭގެ މާނައަކީ އެބައިމީހުންވަނީ އެހިނދުގައި އިސްލާމީ ޢީދު ތަކާއި އެދުވަސްތައް އެއްފަދަކޮށްފައެވެ. މިއީ ޙަރާމްވެގެންވާ، ހުއްދަވެގެން ނުވާނެ ކަމެކެވެ. ޝަރުޢީ 3 ޢީދު ފިޔަވައި އިސްލާމްދީނުގައި އެހެން އެއްވެސް ޢީދެއް ނުވެއެވެ. (އެ 3 ޢީދަކީ) ޢީދުލް-ފިޠްރި، ޢީދުލް-އަޟްޙާ އަދި ހަފްތާގެ ޢީދެވެ. އެއީ ހުކުރު ދުވަހެވެ”.
ފަތުވާ ނަގާފައިވަނީ : القول المفيد (1/ 382)
އަދިވެސް ވިދާޅުވެފައިވެއެވެ. “މީހަކު ބުނެއެވެ. “އަހަރެން ކާފަރުންނާ އެއްވައްތަރު ވުމަށް ޤަޞްދެއް ނުކުރަމެވެ”.
ފަހެ އަހަރެމެން ބުނަމެވެ. ހަމަކަށަވަރުން ތަޝައްބުހުވުމަކަށް ނިޔަތް ބޭނުން ނުވެއެވެ. ސަބަބަކީ ތަޝައްބުހު (އެއްގޮތް، އެއްވައްތަރު) ވުމަކީ އެ ޞޫރައިގައި އަދި ކުރެވޭ ކަންތަކުގައި އެއްވަތްތަރުވުމެވެ. ފަހެ، މިކަން ޙާސިލްވެއްޖެ ނަމަ ނިޔަތް ނުގަތަސް އަދި ނިޔަތްގަތް ކަމުގައިވިޔަސް އެއްވަތްތަރުވީއެވެ. އެހެނަސް އެކަމަށް ނިޔަތް ގަނެފި ހިނދުގައި އޭގެ ނުބައިކަން އަދި ނުރައްކާތެރިކަން އިތުރުވެ ބޮޑުވެގެންވެއެވެ. ސަބަބަކީ ތިބާ އެކަމަށް ނިޔަތް ގަނެފި ހިނދުގައި، ތިބާ އެކަންތައް ކޮށްފައިވަނީ އެބަޔަކު އެތިބި ގޮތުގެ މައްޗަށް ލޯބިވެ، އެކަން މަތިވެރިކުރުމުގެ ގޮތުންނެވެ. ފަހެ، އެއްވެސް އިންސާނަކު އޭނާގެ ބޭރުފުށުން އެބައިމީހުންނާ އެއްވައްތަރު ވެގެންވާތަން ފެނުމުން އަހަރެމެން އެމީހާގެ މައްޗަށް އެބައިމީހުންނާ އެއްވައްތަރު ވުމުގެ މައްޗަށް ނަހީ ކުރަމެވެ. އެއީ އެމީހަކު އެކަމަށް ޤަޞްދުކުޅަ ކަމުގައިވީ ނަމަވެސް ނުވަތަ ޤަޞްދެއް ނުކުރި ކަމުގައިވިޔަސްއެވެ. އަދި އެކަމުގެ ސަބަބަކީ، ނިޔަތަކީ ބޭރުފުށަށް ނުފެންނަ ވަންހަނާވެފައިވާ ކަމެއްކަމުގައިވުމެވެ. އަދި އެއްވައްތަރު ވުމަކީ ބޭރުފުށަށް ފެންނަންއޮތް ކަމެކެވެ. ފަހެ އެހިނދު ބޭރުފުށުން ފެންނަ ޞޫރައިން އެއްވައްތަރު ވެގެންވާތަން ފެނުމުން ނަހީކުރެވެއެވެ.” ފަތުވާ ނަގާފައިވަނީ : الشرح الممتع 195-196
އަޚާއެވެ! ދަރިން ހެޔޮ ގޮތުގައި ގޮތުގައި ތަރުބިއްޔަތު ކުރަން އެދޭ މީހާ ތިޔަ ޢަމަލުތައް ދޫކޮށްލާށެވެ. މާތްވެގެންވާ މަތިވެރި ދީނުގައިވާ ގޮތަށް ޢަމަލުކޮށް ދަރިންގެ ނަފްސުގައި މި އަދަބުތައް އަށަގަނުވާށެވެ. މިއީ އަދާކުރަން ޖެހޭ މަސްޢޫލިއްޔަތެކެވެ. މިއީ ދަރިންނަށް އަޅާލުމާއި އޯގާތެރިކަން ދިނުމެވެ.
މިފަދަ ދުވަސްތައް ފާހަގަ ކުރުމަށްޓަކައި އާޢިލާގެ ތެރޭގައިވާ މަޙްރަމުންނާއި މަޙްރަމުން ނޫން އެންމެން އެއްވެއްޖެ ހިނދުގައި އެއީ ބޮޑުވެގެންވާ ޙަރާމް ޢަމަލަކަށް އަރައިގަނެވުމެވެ. ދީނުގައި ހުއްދަވެގެންނުވާ ކަމެއް ކަމުގައިވާ ދެޖިންސު (މަޙްރަމުން ނޫން) މީހުން މައްސުނި ވުމާއި ގައިގޯޅިވުން އުފެދުނީއެވެ. މިފާފަތައް އެކަން އިންތިޒާމް ކުރި މީހުން އުފުލާނެއެވެ. އޭގެ އިތުރަށް، “ހަނދާނަށް ފޮޓޯ ނެގުމާއި” މި ހުއްދަ ނޫން ޢަމަލަށް ފައިސާ ހޭދަކޮށް، ކޭކު އަޅައި ހެދުމަކީ ﷲ ދެއްވި މުދާ ހުއްދަ ނޫން ގޮތުގައި ނަގައިލުން ނޫން ހެއްޔެވެ؟
މިކަމުގައި އެތައް ފާފަތަކާއި މުންކަރާތް ބޮޑު އެތައް ޢަމަލެއް ހިމެނެއެވެ. މިއެންމެހައި ކަންތަކުގެ ނަތީއްޖާ ދަރިންގެ ކިބައިން ފެންނަން އެދެނީ ކޮން ބަފައެއް އަދި މައެއް ހެއްޔެވެ؟ އަޚާއެވެ! ވިސްނުން ހިންގައި ހިތުން ޙައްޤު ކޮބައިކަން ދެނެގަނެ ފިކުރު ކޮށްލުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.