ފަށް ކެނޑުމުގެ ނިޔަތުގައި މީހަކާއި ކައިވެނިކޮށް ޖިމާޢުނުވެ ވަރިވުމުން ފަށް ކެނޑޭނެތޯއެވެ؟ އަދި މިފަދަ ވަރިއެއްގައި އިއްދަ ހަމަކުރަން ޖެހޭނެތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލުގައި އެއް މައްސަލައަށް ވުރެ ގިނަ ކަންތައްތައް ބަޔާންކޮށްފައި ވުމުން އެކަމަށް އިޝާރާތް ކުރަމެވެ.
ފުރަތަމައީ : އަންހެނަކު ފަށްވުމަށް ފަހުގައި އެ ފަށްވި ފިރިހެން މީހާއަށް އެ ފަށްވި އަންހެން މީހާ ޙަރާމް ވެގެންވާކަމެވެ.
ހަމައެކަނި ޙަލާލުވަނީ އަންހެން މީހާ ދިރިއުޅުމަށް (ދިރިއުޅުމަށްޓަކައި، އެހެން މީހަކާ ކައިވެނިކުރުމަށްފަހު) އެ ކައިވެނި ރޫޅިގެން ދިއުމުން، 3 ފަށަށް ވަރިކުރި މީހާއާ އެހިނދު ކައިވެނި ކުރެވޭނެއެވެ.
ﷲ ވަޙީ ކުރެއްވިއެވެ. “فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ ” މާނައަކީ، ދެން (ތިންވަނަ ފަހަރަށް) އެކަނބުލޭގެ ވަރިކޮށްފިނަމަ، އެއަށްފަހު، އެކަނބުލޭގެ އެހެން ފިރިޔަކާ ކާވެނިކޮށްފުމަށް ދާނދެން އޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެކަނބުލޭގެ حلال އެއް ނުވާނެތެވެ.
ނޯޓް: އެހެން ފިރިޔަކާ ކައިވެނި ކުރުމުގެ މާނައަކީ، ދިރިއުޅުމެއް އުޅުމުގެ ޤަޞްދުގައި ކައިވެނި ކުރުމެވެ. އެއީ ފަށްކަނޑަން އެއްބަސްވެގެން ކުރާ ކައިވެނީގެ ވާހަކަ އެއް ނޫނެވެ.
ދެވަނައީ : ފަށްކެނޑުމަށްޓަކައި ކުރާ ކައިވެނީގެ މައްޗަށް ދީނުގައި ވަރަށް ސާފު ޞަރީޚަ ޙުކުމް ބަޔާންވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “لعنَ اللَّهُ المُحلِّلَ والمُحلَّلَ لَهُ” މާނައަކީ، ފަށްކަނޑައިދޭ މީހާ އާއި ފަށްކަނޑައިދިނުމަށް އެދޭމީހާއަށް ﷲ ލަޢުނަތްލެއްވި އެވެ. صحيح ابن ماجه 1585
ލަޢުނަތް ލެއްވިފައި ވުމުން މި ޢަމަލަކީ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވާ ފާފައެއްކަން ބަޔާން ވެގެންވެއެވެ. ފަށްކެނޑުމުގެ ނިޔަތުގައި ކުރާ އެއްވެސް ކައިވެންޏަކީ ފަށްކެނޑޭނެ ކަމެއް ނޫނެވެ. ދަންނައެވެ! މިއީ ޙަރާމްވެގެންވާ ކައިވެންޏެއް ކަމުގައި ވުމުން، ފުރަތަމަ ނުކުތާގައި އޮތް އާޔަތުގައިވާ “ކައިވެނި” ތެރެއަށް މިއީ ވަންނާނެ ކައިވެންޏެއް ނޫނެވެ. މިއީ ބޮޑުވެގެންވާ ޙަރާމް ޢަމަލެކެވެ. ކައިވެންޏެއް ކަމުގައިނުވެ އެއީ ބާޠިލް ޢަމަލެއްގެ ގޮތުގައިވެއެވެ.
ތިންވަނައީ : މިފަދައިން ފަށްކަނޑަން ކުރާ ކައިވެނީގެ މައްޗަށް ޢިލްމުވެރިން ބަޔާންކޮށްފައިވާ ބަސްފުޅުތަކެވެ. ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام العلامة ابن باز -رحمه الله- ވިދާޅުވެފައިވެއެވެ.
“މި ކައިވެންޏަކީ (ފަށްކަނޑަން އިނުން) ޙަރާމްވެގެންވާ އަދި ބާޠިލް ކައިވެންޏެކެވެ”.
މާނައަކީ : މިއީ ކައިވެންޏެއް ކަމުގައި ބޭރުފުށުން ފާޅުކުރިނަމަވެސް މިއީ ކައިވެންޏެއް ނޫނެވެ. ޙަރާމް ޢަމަލެކެވެ. އަދި އެ އަންހެން މީހާ މިފަދަ ކައިވެޏެއް ކޮށްގެން ފަށްވި ފިރިހެން މީހާއަށް ޙަލާލެއް ވެސް ނުވާނެއެވެ. ނަފްސަށް ބިރުގަތުން ހުއްޓެވެ! ﷲ ގެ ޢުޤޫބާތަށް ބިރުވެތިވާށެވެ. ތިމާ ﷲ ގެ ދަރުބާރަށް ގެނެވި، ޙިސާބުކުރެވޭނެ ދުވަހުގެ މަތިން ހަނދާންކުރުން ހުއްޓެވެ.
މަދީނާގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ الشَّيْخ د. عَرَفَات بن حسن المُحمَّدي حفظه الله ވިދާޅުވެފައިވެއެވެ.
ސުވާލު: އަހަރެމެންގެ ޝެއިޚްއެވެ. ޝެއިޚް ހެޔޮ ޙާލުކޮޅުގައިވާނެކަމަށް އުއްމީދު ކުރަމެވެ. ﷲ ޝެއިޚްއަށް ބަރަކާތް ލައްވާށިއެވެ. ﷲ ޝެއިޚްއަށް ދެއްވި ޢިލްމުން މީސްތަކުންނަށް ފައިދާ ޙާޞިލް ކޮށްދެއްވާށިއެވެ.
އަންހެނަކު ތިންފަހަރަށް ވަރި ކުރެވިއްޖެއެވެ. ތިންފަހަރަށް ވަރިކުރި (ފުރަތަމަ) ފިރިހެން މީހާއާ ކައިވެނި ކުރުމަށްޓަކައި އެހެން ފިރިހެނަކާ ކައިވެނި ކުރިއެވެ.
ޝެއިޚް ވިދާޅުވިއެވެ. “ފަށްކެނޑުމަށް އެއްބަސްވި ހެއްޔެވެ؟”
ސުވާލު ކުރާ މީހާ: އާނއެކެވެ. ޝެއިޚްއެވެ. ފަށްކަނޑައި ދިނުމަށް ކައިވެނި ކުރާތީވެ އޭގެ ބަދަލުގައި ފިރިހެން މީހާއަށް ބަދަލުގައި ފައިސާ ދީފައިވެއެވެ.
ޝެއިޚް ވިދާޅުވި އެވެ. “ހުއްދައެއް ނުވާނެއެވެ. އަދި ފަށް ނުކެނޑޭނެއެވެ”.
(ޝެއިޚްގެ ފަތުވާ ނިމުނީ އެވެ.)
ވުމާއެކު، އަންހެނާ އެފަދަ ކައިވެންޏެއް ކޮށްގެން ފަށް ނުކެނޑޭނެ ކަމުގައި ދަންނައެވެ. ތިން ފަށްވެ އެ ފިރިހެނަކާއި ކައިވެނި ކުރުން ޙަރާމްވި (ވަރިކުރި ފިރިހެންމީހާއާ) މި ޙާލަތުގައި އަންހެން މީހާއާ ކައިވެނި ކުރުން ޙަރާމް ވާނެއެވެ.
މިއަދު އިސްލާމީ މުޖުތަމަޢުތަކުގައި މިކަން ބަޔަކު ކުރުމަކީ މި ޢަމަލު ހުއްދަވާނެ ކަމެއް ނޫނެވެ. ޙަރާމްވެގެންވާ ބާޠިލް ޢަމަލެއް ބަޔަކު ކުރުމަކުން އެއީ އެކަން ހުއްދަވުމެއް ނޫނެވެ.
ﷲ އަށް ބިރުވެތިވުން ހުއްޓެވެ. އެ ދުވަހެއްގައި ތިމާ ﷲ ގެ ދަރުބާރަށް ހުށަހެޅޭނެ ދުވަހަކަށްޓަކައި ތިމާ ނަފްސު ބިރުވެތިވެ މިފަދަ ޢަމަލުތަކުގެ މައްޗަށް ސަމާލުވެ އިންޒާރު ހޯދުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.