މަސްތުވާ ތަކެތި ބޭނުންކޮށް، ނަމާދު ނުކުރާ މީހަކަށް ފައިސާ ދީ ޚަރަދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

masthuvathakethi beynunkura meeha ah haradhu kurun

މަސްތުވާ ތަކެތި ބޭނުންކޮށް، ނަމާދު ނުކުރާ މީހަކަށް ފައިސާ ދީ ޚަރަދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އެމީހަކީ ތި ސުވާލުގައި ޛިކުރުކުރެވިގެންވާ ފަދައިން އެފަދަ ފާފަތަކަށް އަރައިގަންނަ މީހަކު ކަމުގައިވާނަމަ އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ އެމީހެއްގެ އެ ނުބައި ޢަމަލުތަކަށް އިންކާރުކޮށް ނަސޭހަތްތެރިވުމެވެ. ވަކިން ޚާއްޞަކޮށް ނަމާދު އަޅާލުމުގެ ފާފައިގެ މައްޗަށެވެ. އެހެނީ އެއީ ބޮޑުވެގެންވާ މުންކަރާތެކެވެ. އަދި ކިޔެއްހެއްޔެވެ. އެފަދައިން ނަމާދު އަޅާލައި މީހާ މިއްލަތުން ބޭރުވާނެ ކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެފައިވާ ބަސްފުޅަކީ ވަރަށްވެސް ޙުއްޖަތް ވަރުގަދަ ބަސްފުޅެކެވެ.

ވުމާއެކު ނަމާދު އެޅުމަކީ އެއްވެސް ކަމަކަށް ނަހަދައި، ފަރުވާކުޑަކޮށްލާ މީހަކަށް މާލީ ގޮތުން އެހީތެރިނުވާށެވެ. ތިބާގެ މުދަލުން ބަޔަކަށް ހޭދަކުރުމަށްޓަކައި އިޚްތިޔާރު ކުރާނަމަ އިޚްތިޔާރު ކުރަންވާނީ ތަޤްވާވެރީންނެވެ. އެއީ ޙަދީޘްފުޅުގައި އައިސްފައިވާ ފަދައިންނެވެ. (ولا يأكل طعامك إلا تقي) ” ތަޤްވާވެރިއަކު މެނުވީ ތިމާގެ ކާތަކެތީން ނުކެއުން ހުއްޓެވެ”. އެބަހީ : ހެޔޮލަފާ މީހުންނަށް މެނުވީ ކެއުމަށް ދައުވަތު ނުދޭށެވެ. ދެންފަހެ މެހުމާންދާރީއަށް އެދިގެން އަތުވެއްޖެނަމަ އެ މީހެއްގެ ފިތުނަވެރިކަމުން އަމާންވެގެންވާ ހާލުގައި އެ މީހަކަށް ކާންދީ، މެހުމާންދާރީ އަދާކުރުމަކުން ކުށެއް ނެތެވެ. އަދި އެފަދައިން އިހުސާންތެރިވުމުގެ ސަބަބުން އެ މީހަކު އިޞްލާޙުވުމަށް ބާރުއެޅިގެންދާނަމަ އެ މީހަކަށް ނަސޭހަތްތެރިވުމާއެކު އެކަން ކުރާށެވެ.

ދެންފަހެ އެއްގޮތަކަށް ވެސް ނަގުދު ފައިސާ އަތަށް ދިނުމަށް ނަސޭހަތްތެރި ނުވަމެވެ. އެއީ ﷲ ޙަރާމް ކުރައްވާފައިވާ ކަމަކަށް އެފަދަ މީހާ އެ ފައިސާ ބެނުން ކޮށްފާނެކަން އެނގިހުރެ އެ ދިނުމުން ޙަރާމް ކަމަކަށް އެހީތެރިވުމުގެ ފާފަ ތިބާގެ ބޮލުގައި އެޅިގެން ދިޔަ ނުދިނުމަށްޓަކައެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.