މެދު ފޮއިގެ ދުވަސްތަކުގައި ރޯދައަށް ހުރުމާއި، ކޮންމެ މައްސަރެއްގެ ތިން ދުވަހު ރޯދައަށް ހުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

medhu foige roadha

މެދު ފޮއިގެ ދުވަސްތަކުގައި ރޯދައަށް ހުރުމާއި، ކޮންމެ މައްސަރެއްގެ ތިން ދުވަހު ރޯދައަށް ހުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މެދު ފޮއިގެ ދުވަސްތަކުގައި ރޯދަ ހިފާނެ ގޮތާއި އަދި 3 ދުވަސް ރޯދަ ހިފާނެ ގޮތް އޮޅުން ފިލުވުމަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ : ހަނދުމަހުގެ 13، 14 އަދި 15 ގައި ރޯދައަށް ހުރުމެވެ. ގިނަ ޙަދީޘްތަކެއް މި މައުޟޫގައި ވެސް ވާރިދުވެފައިވެއެވެ. އެގޮތުން صحيح الترغبގައި ބަޔާންވެގެންވާ ރިވާޔަތެއްގައިވެއެވެ. “كان رسولُ اللهِ صلَّى اللهُ عليهِ وسلَّم يأمُرنا بصيامِ أيامِ البِيضِ ثلاثَ عشرَ وأربعَ عشرَ وخمسَ عشرَ قال وقال : هو كهيئةِ الدهرِ” މާނައަކީ، އައްޔާމުލް ބީޟް (ހަނދުމަހުގެ 13، 14، އަދި 15) މި ތިންދުވަހުގައި ރޯދައަށް ތިބުމަށް ނަބިއްޔާ ތިމަން ޞަޙާބީންނަށް އަމުރުފުޅު ކުރައްވައެވެ. (އެބަހީ، އިރުޝާދު ދެއްވައެވެ.) އަދި ޙަދީޘް ކުރެއްވިއެވެ. އެއީ، މުޅި އަހަރުގައި ރޯދަ ހިފުމާއި އެއްފަދައެވެ.

އެހެންކަމުން، ޙަދީޘްގެ މައްޗަށް ބިނާކޮށް ބުނެވޭނީ، މެދުފޮއިގެ ދުވަސްތަކުގައި ރޯދަ ހިފާ މީހާއަށް އެގޮތުގައި ސުންނަތް އަދާ ކުރެވޭނީ މި ތިން ދުވަހުގައި ރޯދައަށް ހުރެގެންނެވެ. މިއީ މާތް ނަބިއްޔާ صلَّى اللهُ عليهِ وسلَّم ގެ ސުންނަތް ތަކުގެ ތެރެއިން ސުންނަތެކެވެ.

ދެވަނައީ : ކޮންމެ މައްސަރެއްގައި 3 ދުވަހު ރޯދައަށް ހުރުމަށް ބަޔާންވެގެންވާ ސުންނަތެވެ.

ޞަޙާބީ أبو هريرة -رضي الله عنه- ވިދާޅުވެފައިވެއެވެ. “أوْصَانِي خَلِيلِي صَلَّى اللَّهُ عليه وسلَّمَ بثَلَاثٍ: بصِيَامِ ثَلَاثَةِ أَيَّامٍ مِن كُلِّ شَهْرٍ” އިމާމް مسلم ރިވާކޮށްފައި މި ޙަދީޘްގައި ޞަޙާބީ ވިދާޅުވެފައިވަނީ “ތިމަން ޞަޙާބީއަށް 3 ކަމަކަށް ނަބިއްޔާ ވަޞިއްޔަތްޕުޅު ކުރެއްވިއެވެ. (އޭގެ ތެރޭގައި) ކޮންމެ މަހެއްގައި 3 ދުވަހު ރޯދައަށް ހުންނެވުމެވެ”. ފަހެ، ހަނދުމަހުގެ ކޮންމެ މަހެއްގައި 3 ރޯދައަށް ހުރުން ސުންނަތުން ޘާބިތުވެގެންވެއެވެ.

އެހެންވުމުން، ހިޖުރީ މައްސަރެއްގައި 3 ދުވަހު ރޯދައަށް ހުރުމަށް ޤަޞްތު ކުރާ މީހާއަށް އެންމެ އެދެވިގެންވަނީ މެދު ފޮއިގެ ދުވަސްތަކުގައި ރޯދައަށް ހުރުމެވެ. ސަބަބަކީ އެހިނދު 13، 14 އަދި 15 ގައި ރޯދަ ހިފުމާއެކު މައްސަރެއްގައި 3 ދުވަހުގައި ވެސް ރޯދަ ހިފުން ޙާޞިލްވީއެވެ.

އެހެނަސް އެހެނިހެން ދުވަސްތަކުގައި (ވަކި ދުވަސްތަކެއް ކަނޑަ ނާޅައި) މަހުގެ ތިން ދުވަހު ރޯދަ ހިފުމުގެ ޤަޞްދުގައި ހިފާ މީހާއަށް އެފަދައިން ހިފުން ވެސް ހުއްދަވެގެންވެއެވެ. އެހެނަސް އެމީހަކަށް އައްޔާމުލް-ބީޟް (މެދު ފޮއެގެ ދުވަސްތައް) ފާއިތުވާނެ ކަމީ ޢިލްމުވެރިންގެ ބަސްފުޅުތަކުން ބުރަވެވޭ ގޮތެވެ.

ވީމާ، އެންމެ އަޥްލާ ގޮތް އަދި ހުއްދަ ގޮތް މިކަމުގައި ބަޔާންވެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.