އެސްފީނާ، ޙަސަދަވެރިކަން އަދި މީހުންގެ ނުބައިކަމުން ރައްކާތެރިވުން ވާނީ ކިހިނެއްތޯއެވެ؟

esfeena in rahkaathei vun

އެސްފީނާ، ޙަސަދަވެރިކަން އަދި މީހުންގެ ނުބައިކަމުން ރައްކާތެރިވުން ވާނީ ކިހިނެއްތޯއެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އަޚާއެވެ! އެސްފީނާ، ޙަސަދަވެރިކަން އަދި މީހުންގެ ނުބައިކަމުން ސަލާމަތްވުމަށް އޮތް ބާބަކީ ނުހަނު ތަނަވަސްވެގެންވާ ފުޅާ ބާބެކެވެ. ފަހެ، މިކަންތަކުން ރައްކާތެރިވުމަށް ކުރުމަށް އޮތް ކަންތައްތަކާއި މީސްތަކުން ކުރާ ކުށްތައް ބަޔާން ކުރަމެވެ. ﷲ ތިޔަ އަޚާއަށް އެންމެހައި ހެޔޮ ޢަމަލުތަކަށް ތަޥްފީޤު ދެއްވާނދޭވެ.

ފުރަތަމައީ: ގިނަ ބަޔަކަށް ވިސްނިފައިވާ ގޮތުގައި އެސްފީނާ ދިމާވަނީ އިންސާނުންގެ ތެރެއިންވާ އެކިއެކި ފަރުދުންގެ ފަރާތުންނެވެ. އެހެނަސް ދަންނަންޖެހެނީ، ޖަނަވާރުންގެ ފަރާތުން ވެސް އެސްފީނާ ދީމާވާނެ ކަމެވެ. އަހަރެމެންގެ ތެރެއިން އެތައް އަޚުންނާއި އުޚްތުން ޅަ ދަރިނާއި ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެއުޅެއެވެ. ވީމާ، ޖަނަވާރުތަކުގެ ތެރޭގައިވާ އެކިއެކި ތަކެތިން އެސްފީނާ ދިމާވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ބުނަމެވެ. މިތަނުގައި ލިޔެފައިވާ ޖުމްލަތަކުގެ މައްޗަށް ވިސްނާލާށެވެ.

ابن عَبَّاس – رضي الله عنه – ގެ އަރިއަހުން ރިވާ ކުރެވިގެންވެއެވެ. “ހަމަކަށަވަރުން ކުއްތާ ވަނީ ޖިންނީންގެ ތެރެއިންނެވެ. ޖިންނީންތައް ފައިބާ ތަނެއްކަމުގައި އެ ކުއްތާ ވެއެވެ. ފަހެ، (ކާން އިންނަނިކޮށް) ކުއްތާތަކެއް އައިސް (ކާ އެތިކޮޅަކަށް ދަހިވެތިވެ) ތިޔަބައިމީހުން ކުރެ މީހަކު ވަށައިލައިފިނަމަ، އެތަކެއްޗާ ދިމާލަށް ކާއެތިކޮޅެއް އެއްލާލުން ހުއްޓެވެ. ސަބަބަކީ (ނުބައިވެގެންވާ) ނަފްސުތަކެއް ކަމުގައި އެތަކެތި ވާކަން ކަށަވަރެވެ. އެބަހީ، (އެތަކެތީގެ ސަބަބުން އެސްފީނާ ޖެހިގެންދެއެވެ.)”

އަހަރެމެންގެ ތެރޭގައި ކަންތައް ހިނގާ ގޮތަށް ބަލާއިރު، ޚާއްޞަކޮށް ބުޅާ އޭގެ ލޮލުން ނަޟަރުހިންގައި ބައެއް މީސްތަކުންނަށް ބެލުމުން (އޭގެ ލޮލުގެ ނުބައި ނަޟަރުން ބެލުމުގެ ސަބަބުން) އެސްފީނާ ދިމާވެއެވެ. ގިނަފަހަރު މިފަދަ ކަންތައް ހިނގާފައިވަނީ ބުޅާ ބަނޑުހައިވެފައި އޮންނަ ހިނދު، މީހަކު ކާއެއްޗެހި އޭގެ އަތުން ނަގައި އަނގައަށް ލާ ކޮންމެ ފަހަރަކު އެ ކާއެތިކޮޅަށް ބުޅާ ނަޟަރު ހިންގުމުންނެވެ. ފަހެ، އެހިނދު ބައެއް މީހުންނަށް އެކިކަހަލަ އެސްފީނާ ދިމާވެފައިވެއެވެ. އޭގެ ބަދަލުގައި އޭނާ އަތުގައިވާ ކާތަކެތިން އެ ބުޅަލުގެ ބަނޑުހައިހޫނުކަން ފިލައިގެންދާ މިންވަރަށް ދިނުމުން ރަނގަޅުވާނެއެވެ. އަދި އެސްފީނާއިން ސަލާމަތްވާނެއެވެ.

ޖަނާވާރުންގެ ކިބައިން އެސްފީނާ ޖެހިދާނެކަމުގެ ބިރަށްޓަކައި ޖަނަވާރަށް ކާންދިނުމާއި މެދު المَرُّوذي – رحمه الله-ވިދާޅުވެފައިވެއެވެ. “ތިމަން أبُو عبد الله އާ އެކުގައި ހަނގުރާމަވެރި ލަޝްކަރުގެ ގާތަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައި މަންޒިލަކަށް ފޭބީމެވެ. އަދި (ކެއުމަށްޓަކައި) ރޮށިކޮޅެއް ނެގީމެވެ. އަދި ކައިރީގައި ފެންތައްޓެއް ބެހެއްޓީމެވެ. ފަހެ، އެހިނދު އެތަނަށް ކުއްތާއެއް އައިސް އެ ކާތަކެއްޗާ އެއްހަމަ ކުރިއެވެ. އަދި އޭގެ ނިގޫ ތަޅުވަން ފެއްޓިއެވެ. ފަހެ، ކާއެތިކޮޅެއް އެ ކުއްތާއާ ދިމާލަށް އެއްލާލީމެވެ. އަދި އެހިނދު އެ އެތިކޮޅު ކާންފެއްޓިއެވެ. އަދި އެ ކުއްތާގެ ސަބަބުން އެ ކާތަކެއްޗަށް އަޘަރު ކޮށްފާނެ ކަމަށް ބިރުވެތިވީމެވެ. އަދި އެތަނުން ކޮޅަށް ތެދުވެ އެ ކުއްތާ ކާތަކެތިން އެއްފަރާތް ކުރުމަށްޓަކައި އަޑުލައްވައި ހަޅޭއްލެވީމެވެ. ފަހެ، އެހިނދު أبُو عبد الله އަށް ބެލީމެވެ. ހަމަކަށަވަރުން أبُو عبد الله ގެ މޫނުފުޅުގެ ކުލަވަރު ލަދުވެތިކަމުގެ ސަބަބުން ރަތް ކުލައަށް ބަދަލުވެފައިވާ ޙާލު ތިމަންނައާ ދިމާލަށް ބެއްލެވުމަށްފަހު ވިދާޅުވިއެވެ. “އެ ކުއްތާ އެގޮތުގައި ދޫކޮށްލާށެވެ. (އެބަހީ، ހަޅޭއްލަވާ އޭތި ގަދަކަމުން ދުރުކުރަން ނަހަދާށެވެ.)”.

ފަހެ، ހަމަކަށަވަރުން ابن عبَّاس – رضي الله عنه – ވިދާޅުވެފައިވެއެވެ. “އޭގައި ނުބައިވެގެންވާ ނަފްސެއް ވެއެވެ. (އެތަކެތީގެ ސަބަބުން އެސްފީނާ ޖެހިގެންދެއެވެ.)”.

ދެވަނައީ: އެންމެހައި ތަކެތީގެ އެސްފީނާ، ޙަސަދަ އަދި ނުބައިކަމުން ރައްކާތެރި ވުމަށް ދީނުގައި ވާރިދުވެފައިވާ ޛިކުރުތައް ކިޔުމާއި، ﷲ އަށް ވަކީލުކުރުމަކީ އެ ކަމަށް އޮތް އެންމެ ބޮޑު ކިއްލާއެވެ. އެފަދައިން ވާރިދުވެފައިވާ އެންމެ ވަރުގަދަ ވިރުދަކީ الفلق އަދި الناس ސޫރަތް ކިޔެވުމެވެ. عقبة بن عامر – رضي الله عنه – އަށް ރަސޫލު الله – صلّى الله عليه وسلّم – ޙަދީޘްކުރެއްވިއެވެ. [އޭ عقبة بن عامر އެވެ! މި ދެ ސޫރަތުން ރައްކާތެރިކަން ހޯދާށެވެ. ރައްކާތެރިކަން ހޯދާ މީހަކަށް ރައްކާތެރިކަން ހޯދުމަށް މިފަދަ އެހެން ސޫރަތްތަކެއް ނުވާނެއެވެ.] މި ޙަދީޘްގައި ބަޔާންކުރެވިފައިވާ ދެ ސޫރަތަކީ الفلق އަދި الناس މި ދެ ޞޫރަތެވެ.

މި މައުޟޫގައި العلاَّمة الشيخ محمد بن صالح العثيمين – رحمه الله – ވިދާޅުވެފައިވެއެވެ. “މީހަކު ބުނެއެވެ. މި ތިން ނުބައިކަމުން ސަލާމަތްވެ ރައްކާތެރިކަން ހޯދޭނެ ގޮތްތަކަކީ ކޮބައިހެއްޔެވެ؟ ފަހެ، އެހިނދު އަހަރެމެން ބުނަމެވެ. މި ތިން ނުބައިކަމުން ސަލާމަތްވެ ރައްކާތެރިވެވޭނެ ގޮތަކީ އިންސާނާ އޭނާގެ ހިތް ﷲ އަށް ބަރޯސާކުރުމެވެ. އަދި ﷲ އަށް އެކަންކަމުގައި ދެންނެވުމެވެ. އަދި ޙައްޤުވެގެންވާ ގޮތުގައި ﷲ އަށް ވަކީލު ކުރުމެވެ. އަދި މިކަންތައްތަކުން ނަފްސު ސަލާމަތްކޮށް ރައްކާތެރިވެ ކިއްލާވެގަތުމަށް ޝަރުޢީގޮތުން ވާރިދުވެގެންވާ ވިރުދުތައް ކިޔުމެވެ. މިފަހުގެ ދުވަސްތަކުގައި މީސްތަކުންގެމައްޗަށް ޙަސަދަވެރިންނާއި ސިޙުރުވެރިން އަރައިގެންފައިވަނީ މީސްތަކުން މި ޝަރުޢީ ވިރުދުތަކުގެ މައްޗަށް ޣާފިލުވުމުގައިވާ ބޮޑުކަމުންނެވެ. އަދި ﷲ އަށް ވަކީލު ކުރުމުގައި ބަލިކަށިވެފައިވުމެވެ. އަދި ޝަރުޢީގޮތުން ކިއްލާވެގަތުމަށް ވާރިދުވެގެންވާ ވިރުދުތައް ބޭނުންކުރުން މަދުވެފައިވުމެވެ. ފަހެ، އެހެންނޫނީ އަހަރެމެންނަށް އެނގިފައިވަނީ ޝަރުޢީ ވިރުދުތަކަކީ ނުހަނު ގަދަފަދަ، ވަރުގަދައަށް އެ ކަންތައްތަކުން މަނާކުރާނެ ވަރުގަދަ ކިއްލާއެއް ކަމުގައެވެ. އަދި އެއީ ޔައުޖޫޖް މައުޖޫޖްގެ ފާރަށްވުރެން ވެސް ގަދަފަދަ ކިއްލާއެކެވެ. އެހެނަސް ހިތާމައަކީ ވަރަށްވެސް ގިނަ މީސްތަކުންނަށް މި ޝަރުޢީ ވިރުދުތައް އޮޅުންފިލަފައި ނުވުމެވެ. އަދި އޮޅުންފިލައިފައިވާ މީހުން އިންތިހާއަށް އޭގެ މަތިން ޣާފިލުވެގެންވާކަމެކެވެ. އަދި ވިރުދު ކިޔާމީހުންގެ ހިތްތައް ވަނީ އެ ވިރުދުތަކުގެ މައްޗަށް ޙާޟިރުނުވެއެވެ. މިއެންމެހައި ކަންކަމަކީ އެއަށްއޮތް ބަލިމަޑުމަޑުކަމެކެވެ. (ފުރިހަމަކަން ގެއްލުވާ، ނައްތައިލާނެ ކަމެކެވެ.) އަދި މީސްތަކުން ޝަރީޢަތުގައި ވާރިދުވެގެންވާ ވިރުދުތައް އިސްތިޢުމާލުކޮށްފި ހިނދު، އެތައް އެތައް ނުބައި ކަންތައްތަކުން އެބައިމީހުން ސަލާމަތްވެއްޖައީހެވެ. نسأل الله العافية و السلامة”

ވުމާއެކު، އެސްފީނާފަދަ ނުބައި ކަންތަކާއި ނުރައްކަލުން ސަލާމަތްވުމަށް ވިރުދުތައް ކިޔުމަށް ބާރުއެޅުމަށް ނަޞޭޙަތްތެރިވަމެވެ. އަދި ހެނދުނާއި ހަވީރުގެ ޛިކުރުތައް، ނަމާދަށްފަހު ކިޔާ ޛިކުރުތައް، ނިދުމާއި ހޭލުމުގެ ޛިކުރުތައް ފަދަ އެންމެހައި ޛިކުރުތަކަށް ފަރުވާތެރިވާށެވެ.

ތިންވަނައީ: ޚާއްޞަވެގެންވާ ޢަމަލުތަކުގައި ޚާއްޞަ ޛިކުރުތައް ކިޔުމަށް ފަރުވާތެރި ވުމެވެ. މިޘާލަކަށް ގެއިން ނުކުތުމާއި ވަނުން ފަދަ ޢަމަލުތަކުގައެވެ. މި މައުޟޫގައި ابن بَاز – رحمه الله – ވިދާޅުވެފައިވެއެވެ. “ޝައިޠާނުންގެ ކިބައިން ރައްކާތެރިވެވޭނެ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައިވަނީ ޤުރުއާން ގިނައިން ކިޔެވުމެވެ. އަދި އެމީހަކު އޭނާގެ ގެއަށް ވަންނަ ހިނދުގައި، ﷲ ގެ ފުރިހަމަ ވެގެންވާ ކަލިމަތަކުން (ޖިންނި ޝައިޠާނުންގެ ކިބައިން) ރައްކާތެރިކަމަށް އެދުމެވެ. އަދި ހެނދުނާއި ހަވީރުގައި މި ޛިކުރު ކިޔުމެވެ. (بِـسْمِ اللهِ الذَّيْ لَا يَضُـرُّ مَعَ اسْـِمهِ شَيْءٌ فِيْ الأَرْضِ وَلاَ فِي السَّـمَاءِ وَهُوَ السَّـمِيْعُ العَـلِيْمُ.) މި ޛިކުރު ހެނދުނު އަދި ހަވީރު ތިން ފަހަރަށް ކިޔުން ވާރިދުވެގެންވެއެވެ. ފަހެ، ހަމަކަށަވަރުން އެމީހަކަށް އެއްވެސް އެއްޗެއްގެ ކިބައިން ގެއްލުމެއް ނުދެވޭނެއެވެ. އަދި ހަމައެފަދައިން ގެއަށް ވަންނަހިނދު (أَعُــْوذُ بِكَـلِمَاتِ اللهِ التَّـامَّاتِ مِنْ شَـرِّ مَا خَـلَقَ) މި ޛިކުރު ތިންފަހަރަށް ކިޔުން ހުއްޓެވެ. މި އެންމެހައި ކަންތައްތަކަކީ މި ނުބައިކަން ބޮޑުވެގެންވާ ޝައިޠާނުންގެ (އޭގެ ތެރޭގައި ޖިންނީންނާއި އިންސާނުން) ފަރާތުން ރައްކާތެރިކަމާއި ސަލާމަތްކަން ލިބުމަށް ކުރެވޭނެ ކަންތައްތަކެވެ.”

އަދި الإِمَام العَلاَّمَة العُثَيْمِيْن – رحمه الله – ވިދާޅުވެފައިވެއެވެ. ”މީސްތަކުންގެ ފަރާތުން ތިބާގެ މައްޗަށް ޢުދުވާން (ޢަދާވާތްތެރިކަމާއި، އަނިޔާވެރިކަން) ފެންނަހިނދު، ފަހެ ތިބާ (حَسْبِيَ اللهُ وَنِعْمَ الوَكِيْل) މިފަދައިން ކިޔާށެވެ. އެއިރުން އެމީހުންގެ ނުބައިކަމުން އަދި ބޭނުންވާ ކަންތައްތަކުން ﷲ ތިބާ ރައްކާތެރިކުރައްވާ ސަލާމަތް ކުރައްވާނެއެވެ“.

ހަތަރުވަނައީ: މިކަންކަމުން ދުރުވުމުގެ ނަމުގައި މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ ބައެއް ޢަމަލުތަކެވެ. މި ޢަމަލުތަކަކީ ހެޔޮ ޢަމަލުތަކެއް ކަމުގައި ބައެއް މީހުންނަށް ވިސްނިފައިވީ ކަމުގައިވީ ނަމަވެސް ދީނުގައި މަނާކޮށްފައިވާ ކަންތަކެވެ. الشيخ سُلَيْمَان الرُّحيلي – حفظه الله – ވިދާޅުވެފައިވެއެވެ. ”އެސްފީނާއިން (އެއްޗެއްގެ ސުންޕާ ކަމުން) ރައްކައުތެރި ވުމަށް އާޔަތްތަކާއި ޛިކުރުތައް ގޭގައި ނުވަތަ ކާރުތަކުގައި ބެހެއްޓުމަކީ ޙަރާމްވެގެންވާ ކަމެކެވެ. މިޘާލަކަށް (صَلِّ عَلى النبِيِّ ) ނުވަތަ (مَاشَاء الله تَبَارَك الله ) ލިޔެފައި ބެއްހެއްޓުން ފަދަ ކަންތައްތަކެވެ.“ ފަހެ، އެއްވެސް ޛިކުރެއް އަދި އާޔަތެއް ނުވަތަ ދުޢާއެއް މިފަދަ ޤަޞްދެއްކޮށް ހަރުކޮށް، ތަތްކޮށްގެން ނުވާނެއެވެ.

ފަސްވަނައީ : މީހަކު ޙައިރާން ކުރުވާ ނުވަތަ ޢަޖައިބުކުރުވާ ނުވަތަ އުފާވާނެ ކަމެއް ފެނުމުން مَاشَاء الله تبَارك الله ކިޔުމުގެ ސިއްރަކީ ކޮބައިތޯއެވެ؟

މި ސުވާލު العلامة الشيخ ابن العُثَيمِين – رحمه الله – އަރިއަހުގައި ކުރެވުނުހިނދު ވިދާޅުވިއެވެ. “އެކަމުގެ ސިއްރަކީ އޭނާއަށް އެ ފެނުނު އެއްޗަށް އެސްފީނާއެއް ދިމާވެ ނުދިޔުމަށްޓަކައެވެ. ސަބަބަކީ ނަފްސަކީ އެއަށް އަރައިގަތުމަށް ހުއްދަވެގެން ނުވާ ކަންތައްތަކަށް އަރައިގަނެވޭ އެއްޗެއް ކަމުގައިވެއެވެ. ފަހެ، އެ އިންސާނަކަށް އޭނާ އުފާވާ ނުވަތަ ހައިރާންވާ ފަދަ ކަމެއް ފެނި އެއަށް އެސްފީނާ ޖެހިދާނެކަމުގެ ބިރުހީވާހިނދު، އޭނާ (مَاشَاء الله تبَارك الله) ކިޔުން ހުއްޓެވެ. އެއީ އޭގެ ސަބަބުން އޭނާއަށް އެ ފެނުނު އެއްޗަށް އެސްފީނާ ކުރިމަތިވެ ނުދިޔުމަށްޓަކައެވެ.”

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.