ޔަތީމުންގެ މުދަލާއި ބިމުން އެމީހުން ބޭރުކޮށް، އެ ބިމުގައި ކުރާ ވިޔަފާރިއަކުން ނެރޭ ޒަކާތް ޞައްޙަވާނެތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މީހަކު ކޮށްފައިވާ ފާފަވެރި ޢަމަލެއް ނުވަތަ އުރެދުމެއްގެ ސަބަބުން އޭނާ ﷲއަށް އަދާކުރަންޖެހޭ ޙައްޤުތަކުން އެއްފަރާތް ނުވެވޭނެއެވެ. އެހެނަސް ﷲއަށް އަދާ ކުރަންޖެހޭ ޙައްޤުތަކުގެ ޛިންމާ އޭނާގެ ބޮލުގައި އެޅޭނެއެވެ.
އެގޮތުން، އޭނާގެ ޢާއިލާގެ މެންބަރުންތަކަށް އަނިޔާ ދީ އެބައިމީހުން ބިކަކޮށް، އެކުދިންނަށް ޙައްޤުވެގެންވާ ބިމުން އެކުދިން ނެރުމަށްފަހު އެ ބިމުން ވިޔަފާރި ކުރުމަކީ އޭނާ އަދާކުރަންޖެހޭ ޒަކާތުން އޭނާ ބަރީއަވާނެ ކަމެއް ނޫނެވެ.
ސުވާލުން ބަޔާންވެގެންދަނީ، އެ ބިމުގައި އެމީހަކު ވިޔަފާރިކޮށް އެ ވިޔަފާރިން މާލީ ފައިދާތަކެއް ހޯދާ ކަމެވެ.
އޭނާގެ ވިޔަފާރިއަކީ އެއީ ޒަކާތް ޙައްޤުވެގެންވާ މުދަލެއް ކަމުގައިވުމުން އެ ވިޔަފާރީގެ މުދަލާއި ފައިސާއިން އޭނާ ޒަކާތް ދައްކަން ޖެހޭނެއެވެ.
ޅަ ޢުމުރުގައި ބައްޕަ މަރުވެފައިވާ ކުދިންނަކީ ޔަތީމް ކުދިންނެވެ. އެ ކުދިންނަށް ޝަރީޢަތުގައި އޯގާތެރިވުމާއި އެހީތެރިކަން ދިނުމާއި އަދި ޙައްޤުތަކެއް ކަށަވަރު ކޮށްދެއްވާފައިވެއެވެ. އަދި އެ ކުދިންގެ ޙައްޤުތަކަށް އަރައިގަތުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.
ﷲ ވަޙީ ކުރެއްވިއެވެ. (إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَى ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا وَسَيَصْلَوْنَ سَعِيرًا) މާނައަކީ، ހަމަކަށަވަރުން، އަނިޔާވެރިކަމުގެގޮތުން ޔަތީމުންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެބައިމީހުން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާ ހުންނަ ނަރަކަޔަކަށް އެބައިމީހުން ނިކަންހުރެ ވަންނާނެތެވެ.
އަދިވެސް ﷲ جل وعلا ވަޙީ ކުރެއްވިއެވެ. ( وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ) މާނައަކީ، ރަނގަޅުގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ ތަޞައްރަފު ފުދިއްޖައުމަށް ދާނދެނެވެ.
النَّبيِّ -صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. : اجْتَنِبُوا السَّبْعَ المُوبِقَاتِ، قَالُوا: يَا رَسُولَ اللَّه، ومَا هُنَّ؟ قَالَ: الشِّرْك بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتي حرَّمَ اللَّهُ إلَّا بِالحقِّ، وَأكْلُ الرِّبَا، وَأكْلُ مَالِ اليتِيمِ، والتَّولِّي يوْمَ الزَّحْفِ، وقذفُ المُحْصنَاتِ المُؤمِنَات الغافِلاتِ متفقٌ عَلَيْهِ “ހަލާކު ބޮޑުވެގެންވާ 7 ފާފައަކުން ތިޔަބައިމީހުން އެއްކިބާވުން ހުއްޓެވެ. (އެ ފާފަތަކުގެ ތެރޭގައި ޛިކުރު ކުރެއްވިއެވެ.) ޔަތީމް ކުއްޖާގެ މުދާ ނުޙައްޤުން ކެއުމެވެ”.
މި ދަލީލުތަކުން އެ ޔަތީމު ކުދިންގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުމުގެ މުހިންމުކަން ކަށަވަރު ވެގެންވެއެވެ. އަދި އެ ހައްޤުތަކަށް އިހުމާލުވުމާއި އަދި ފަރުވާކުޑަ ކުރުމުގެ ފާފައިގެ ނުބަކަން މިވަނީ ބަޔާންވެގެންނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.