މިސްކިތުގެ އިމާމް އިރު އޮއްސިއްޖެ ކަމަށް ހީކޮށް ބަންގިގޮވުމުން، ރޯދަ ވީއްލި ފަހުން އަދި އިރު ނުއޮއްސޭކަން އެނގިއްޖެނަމަ ބަންގިގޮވި އިމާމަށް ތަބާޢަވެ ރޯދަ ވީއްލި ރޯދަވެރިން ޢަމަލުކުރާނީ ކިހިނެތް ހެއްޔެވެ؟ އެ ވީއްލި ރޯދަ ޞައްޙަވާނެ ހެއްޔެވެ؟

hadhaan nethugen roadh dhookuri meehage hukum

މިސްކިތުގެ އިމާމް އިރު އޮއްސިއްޖެ ކަމަށް ހީކޮށް ބަންގިގޮވުމުން، ރޯދަ ވީއްލި ފަހުން އަދި އިރު ނުއޮއްސޭކަން އެނގިއްޖެނަމަ ބަންގިގޮވި އިމާމަށް ތަބާޢަވެ ރޯދަ ވީއްލި ރޯދަވެރިން ޢަމަލުކުރާނީ ކިހިނެތް ހެއްޔެވެ؟ އެ ވީއްލި ރޯދަ ޞައްޙަވާނެ ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين. أما بعد:

އޮޅިގެން ނުވަތަ ނޭގުމުގެ ތެރޭގައި އިރު އޮއްސުމުގެ ކުރިން ރޯދަ ވީއްލައިފި މީހާގެ ރޯދައިގެ ޙުކުމާއި މެދުގައި ބުނަމެވެ.

މި މައްސަލައިގައި ދެ ޤައުލެއްވެއެވެ.

ފުރަތަމައީ: ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. ގިނަ ޢިލްމުވެރިން މި މައްސަލައިގައި ވިދާޅުވެފައިވަނީ އެމީހަކު އެ ދުވަހެއްގެ ރޯދަ ޤަޟާކުރުންވެއެވެ. މިއީ (މި މައްސަލައިގައި) ގިނަ ޢިލްމުވރިންނާއި ފިޤުހުވެރިން ދެކެވަޑައިގަންނަވާ ގޮތެވެ.

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓިން ނެރެފައިވާ ފަތުވާއެއްގައިވެއެވެ. މީހަކު އޭނާގެ ދަރިން އެ ދުވަހެއްގައި އިރު އޮއްސިއްޖެ ކަމުގައި ބުނުމުން ރޯދަ ދޫކުރިއެވެ. އަދި ނަމާދަށް ދިއުމަށްޓަކައި ނިކުތްހިނދު ބަންގި ގޮވާއަޑު އިވުނެވެ. ފަހެ މި މީހާގެ ރޯދައިގެ ޙުކުމަކީ ކޮބާ ހެއްޔެއެވެ؟

ޖަވާބު: އެ ރޯދަ ދޫކޮށްފައިވަނީ އިރު އޮއްސުމަށްފަހުގައި ނަމަ އެމީހެއްގެ މައްޗަށް އެ ރޯދަ ޤަޟާ ކުރުމެއް ނުވެއެވެ. އެހެނަސް އެމީހަކަށް ބޮޑަށް ބުރަވެވެނީ ނުވަތަ ޝައްކުވަނީ ރޯދަ ދޫކުރެވުނީ އިރު އޮއްސުމުގެ ކުރިންނެވެ. ފަހެ، އެހިނދު ތިބާގެ މައްޗަށް އަދި އެކުގައި އެފަދައިން ރޯދަ ދޫކުރި އެންމެންގެ މައްޗަށް އޮތީ އެ ދުވަހުގެ ރޯދަ ޤަޟާ ކުރުމެވެ. ސަބަބަކީ، އަސްލަކީ ދުވާލު ދެމިއޮތުމެވެ. މި އަޞްލުން ބޭރުވާނީ ޝަރުޢީ ގޮތުން ބޭރުވާނެ ސަބަބެއްގެ މައްޗަށެވެ. އެއީ އިރު އޮއްސުމެވެ”.

ދެވަނައީ: އެ ދުވަހެއްގެ ރޯދަ ޞައްޙަވުމެވެ. އަދި އެ ރޯދަ ޤަޟާކުރަން ނުޖެހުމެވެ. މިފަދައިން އިމާމް أحمد އަދި ތާބިޢީ ބޭކަލުންގެ ތެރެއިން مجاهد އަދި الحسن ވިދާޅުވެފައިވެއެވެ.

އަދި މިފަދައިން ابن خزيمة ދެކެވަޑައިގަންނަވައެވެ. އަދި މި ޤައުލަކީ شيخ الإسلام ابن تيمية އިޚްތިޔާރު ކޮށްފައިވާ ޤައުލެވެ. އަދި ފަހުގެ ދުވަސްތަކުގައި ފާޅުވި ފިޤުހު ޢިލްމުވެރިންގެ ތެރެއިން الشيخ ابن عثيمين މިފަދައިން ދެކެވަޑައިގަންނަވައެވެ.

އެބޭކަލުން މިފަދައިން ވިދާޅުވުމުގައި ގެންނަވާފައިވާ ދަލީލުތަކުގެ ތެރޭގައި ހިމެނެއެވެ. އިމާމް البخاري ޞަޙީހުގައި ރިވާކޮށްފައިވެއެވެ.

ޞަޙާބީ أَسْمَاءَ بِنْتِ أَبِي بَكْرٍ الصِّدِّيقِ رَضِيَ اللَّهُ عَنْهُمَا ވިދާޅުވެފައިވެއެވެ. “ތިމަންމެން ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައި ނުހަނު ވިލާބޯވެ އެ ދުވަހުގައި އިރު އޮއްސިއްޖެ ކަމުގައި ދެކި ތިމަންމެން ރޯދަ ދޫކުރީމެވެ. އަދި އެއަށްފަހުގައި އިރު ފާޅުވިއެވެ”.

މި ޙަދީޘްގައި އެ ދުވަހުގެ ރޯދަ ޤަޟާކުރަން ނަބިއްޔާ صلى الله عليه وسلم އަމުރުފުޅު ކުރެއްވިކަން ވިދާޅުވެފައެއް ނުވެއެވެ.

މި ރިވާޔަތަށް އިޝާރާތް ކުރައްވާ އިމާމް شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެއެވެ. “މި ރިވާޔަތުން ދަލީލު ކުރެވެނީ (އެފަދަ ރޯދައެއް) ޤަޟާކުރުން ވާޖިބުވެގެން ނުވާކަމެވެ. ފަހެ، ހަމަކަށަވަރުން އެބޭކަލުންނަށް ނަބިއްޔާ صلى الله عليه وسلم އެ ރޯދަ ޤަޟާ ކުރުމަށް އަމުރުފުޅު ކުރެއްވިނަމަ، އެ ދުވަހުގައި ރޯދަ ދޫކޮށްލިކަމުގެ ޚަބަރު ފެތުރި ރިވާކޮށްފައިވާ ފަދައިން، އެ ޚަބަރު ފެތުރިފައިވާނެއެވެ. ފަހެ، އެފަދައިން (ރޯދަ ޤަޟާކުރެއްވިކަން) ބަޔާންވެގެން ނުވުމުން ނަބިއްޔާ صلى الله عليه وسلم އަމުރުފުޅު ނުކުރައްވާކަން އެނގެއެވެ”.

ވީމާ، و الله أعلم މިއީ މި ޢަމަލުގައި ޞައްޙަ ވެގެންވާ ރައުޔެވެ.

ނިންމާލުމުގެ ކުރިން ބުނަމެވެ. ރޯދަ ވީއްލުމަށްފަހުގައި، އަދި އިރު ނުއޮއްސޭކަން އެނގި ބަޔާންވުމާއެކު، އެ ދުވަހުގައި ބާކީއޮތް ވަޤުތުގައި އެއްވެސް އެއްޗެއް ކައިބޮއި ހަދައިގެން ނުވާނެއެވެ. އެހެނީ އެހިނދު އެމީހަކަށް އެއީ ދުވާލު ވަޤުތުކަން އެނގިފައި ވުމެވެ. އަދި ރޯދަ ވިއްލާ ވަޤުތު ނުވަންނަކަން ބަޔާންވެގެން ވުމެވެ. އެއަށްފަހު ވަޤުތު ވަނުމުން ރޯދަ ވީއްލާނީއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.