އޮށޯވެގެން އޮވެ ފޯނުން ބަލައިގެން ޤުރްއާން ކިޔެވުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

oshoave ove quruan baligen kiyumuge hukum

އޮށޯވެގެން އޮވެ ފޯނުން ބަލައިގެން ޤުރްއާން ކިޔެވުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އޮށޯވެ އޮވެގެން ޤުރުއާން ކިޔެވުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

އޮށޯވެ އަދި އިށީނދެ ޤުރުއާން ކިޔެވުމުގައި އެއްވެސް މަނާ ކަމެއް ނުވެއެވެ. އެއީ ހިތުދަސްކޮށްފައިވާ ޤުރުއާން ކިޔެވި ކަމުގައިވީ ނަމަވެސް ނުވަތަ ޤުރުއާން (ހަތިމް) ނަގައިގެން ކިޔެވި ކަމުގައިވީ ނަމަވެސް ނުވަތަ ފޯނުން ބަލައިގެން ކިޔެވި ކަމުގައިވީ ނަމަވެސް މެއެވެ.

މިކަމަށް ދަލީލު ވާރިދުވެގެންވެއެވެ. صحيح البخاري 297 ގައި ވާ ރިވާޔަތުގައި ވެއެވެ. އުއްމުލް މުއުމިނީން عائشة رضي الله عنها ވިދާޅުވެފައިވެއެވެ. أنَّ النبيَّ صَلَّى اللهُ عليه وسلَّمَ: كانَ يَتَّكِئُ في حَجْرِي وأَنَا حَائِضٌ، ثُمَّ يَقْرَأُ القُرْآنَ “ހަމަކަށަވަރުން ތިމަން ކަމަނާ ޙައިޟުގައިވާ ހިނދުގައި، ތިމަން ކަމަނާގެ އުނގުގައި ނަބިއްޔާ ﷺ އިސްތަށިފުޅު އަޅުއްވައިގެން އޮންނަވާ ޤުރުއާން ވިދާޅުވެއެވެ.”

ވުމުން މިކަމުގެ ޙުކުމް ވަރަށް ޞަރީޙަކޮށް ބަޔާންވެގެންވެއެވެ.

الحافظ النووي رحمه الله ވިދާޅުވެފައިވެއެވެ. (ރަސޫލާ އެފަދައިން ޢަމަލު ފުޅުކުރެއްވި ރިވާޔަތަށްފަހުގައި) “ފަހެ، މި ރިވާޔަތުން އޮށޯވެގެން އޮވެ، (އުޑުތިލަމަތިން، އަރިމައްޗަށް، އޮށޯވެ އޮވެގެން) ޤުރުއާން ކިޔެވުން ހުއްދަވެގެންވާކަން ދަލީލު ކުރެވެއެވެ” (شرح صحيح مسلم).

ދަންނައެވެ! ގޮނޑީގައި ނުވަތަ އެނދުގައި އިށީނދެ ނުވަތަ އޮށޯވެ އޮންނާ މީހާ އަދި އެންމެހައި ޙާލަތެއްގައި ޤުރުއާން ކިޔެވުން ހުއްދައެވެ. އެއީ ވުޟޫގައި ނުވަތަ ވުޟޫ ނެތް ޙާލަތުގައި (ކުޑަ ޙަދަޘަ) ކަމުގައިވީ ނަމަވެސްއެވެ. ދެންފަހެ، ޙަދަޘަވެރިވެފައިވާ ޙާލުގައި މުޞްޙަފް ނަގައިގެން ނުވާނެއެވެ. އެހެން ވަޞީލަތެއް ބޭނުން ކުރުން އެއްވެސް މައްސަލައެއް ނެތެވެ. އަދި ޖުނުބުވެރިޔާ ހިނައިގަނެ ޙަދަޘަ އެރިގަތުމަށް ދާންދެން ޤުރުއާން ކިޔެވުން ހުއްދައެއް ނުވާނެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.